ދެ އިންތިހާބު އެއްކޮށްލަން ޚިޔާލު ހޯދާ ވޯޓަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭ: އީސީ
ދެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށް އިލެކްޝަން ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ހަސަން ޒަކަރިއްޔާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ޒަކަރިއްޔާ ވިދާޅުވީ ފެންނަ ނުފެން ވޯޓުގައި ރައްޔިތުންނަށް ދޭ ކަރުދާހުގައި ލިޔެފައިވާ ސުވާލަކީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"މިހެން ކަމަށެވެ.
އެގޮތުން އެ ވޯޓަށްދާއިރު ރައްޔިތުން އެ ސުވާލާއި އެއާއި ގުޅޭ އެންމެހައި މައުލޫމާތަށް ފަރިތަވާން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، މިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބޮޑު ދައުރެއް އެބައޮތް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާޢަތްތަކުންވެސް އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ޖެހޭ އެއްކަމަކީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފޮނުވާފައި އޮތް ސުވާލާއި ގުޅުން ހުރި މައުލޫމާތުތައް ރައްޔިތުންނަށް ޚިއްސާކުރުން ކަމަށެވެ.
މިގޮތުން އެކަމާއި ގުޅޭ މައުލޫމާތު ވީހާވެސް ފުޅާ ދައިރާއެއްގައި ރައްޔިތުންނަށް ލިބޭ ގޮތް ހެދުން ހިމެނޭ ކަމަށާއި އީސީންވެސް އެ މަސައްކަތް ކުރާނެ ކަމަށް ހަސަން ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކާއި ޖަމީއްޔާޖަމާޢަތްތަކުންވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އީސީން ވަނީ ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެ އިންތިޚާބާއެކު އާންމު ވޯޓެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ނެގުމަށް ނިންމާފައެވެ.