މިއަދު ހިފާ އަނގޮޓީ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ: ރައީސް މައުމޫން
މިއަދު ހަވީރު ހިފާ އަނގޮޓީ އިރުކޭތަ ދިވެހިރާއްޖެއަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ހަވީރު ހިފާ އަނގޮޓީ އިރުކޭތަ ރާއްޖެއަކަށް ނުފެންނާނެ ކަމަށާއި، އެ ކޭތަ ފެންނާނީ ހަމައެކަނި ދުނިޔޭގެ އެންމެ ދެކުނުގައިވާ ޤައުމުތަކަށް ކަމަށެވެ.
މިއަދުގެ އިރުކޭތައަކީ 2026 ވަނަ އަހަރުގެ ފުރަތަމަ އިރުކޭތައެވެ. މިއީ އެނިއުލާ ނުވަތަ "ރިންގް އޮފް ފަޔާ" އިރުކޭތައެކެވެ. މި ވައްތަރުގެ ކޭތައިގައި ހަނދު، އިރުގެ ކުރިމައްޗަށް އެރި ނަމަވެސް އިރު އެއްކޮށް ނުފޮރުވި، ވަށައިގެން އަލިކަމުގެ އަނގޮޓިއެއް ފެނެއެވެ. އެހެންކަމުން މި ކޭތައަށް ދިވެހިން "އަނގޮޓީ އިރުކޭތަ" ނުވަތަ "ރިންގް އޮފް ފަޔާ" ކޭތައޭ ކިޔައެވެ.
މި ކޭތައިގެ ފުރިހަމަ އަނގޮޓީ ސިފަ ފެންނާނީ ހަމައެކަނި އެންޓާކްޓިކާގެ ހުޅަނގު ސަރަހައްދަށެވެ. އެންމެ ގިނައިރު ކޭތަ ހިފާފައި ހުންނާނީ ގާތްގަނޑަކަށް ދެ މިނެޓާއި 20 ސިކުންތެވެ. ޕާޝަލް ނުވަތަ ބައެއް ފެންނަ ކޭތަ، ދެކުނު އެމެރިކާގެ ދެކުނު ކޮޅާއި ދެކުނު އެފްރިކާގެ ބައެއް ސަރަހައްދުތަކަށް ފެންނާނެއެވެ.
ރައީސް މައުމޫނަކީ ފަލަކީ ޢިލްމަށް ޒަމާނުއްސުރެ ޝައުގުވެރިކަން ބެހެއްޓެވި ބޭފުޅެކެވެ. މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން އިސްލާމީ ޢިލްމު ޙާޞިލްކުރެއްވި ރައީސް މައުމޫން ގެންދަވަނީ ފަލަކީ ހާދިސާތަކާ ބެހޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރައްވަމުންނެވެ. ދިވެހީންގެ ޒަމާންވީ ނަކަތުގެ ނިޒާމާ ގުޅިފައިވާ ފަލަކީ ޢިލްމަކީ ދިވެހި ސަގާފަތުގެ މުހިންމު ބައެކެވެ.