ހަނދު ބެލުން: އެއް ބަޔަކު މިރޭ، އަނެއް ބަޔަކު މާދަމާ ރޭ، އަނެއް ބަޔަކު 19 ކަމަށް ނިންމައިފި
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާއިރު، ބައެއް ޤައުމުތަކުން މިހާރު ވެސް ރޯދައިގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 19 ކަމަށް ރަސްމީކޮށް ނިންމައިފިއެވެ.
ރާއްޖެ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ޤަޠަރު، ކުވައިތު، ބަޙްރައިން، ޖޯޑަން، މިޞްރު، ޔަމަން، ލުބުނާން، ފަލަސްޠީނު އަދި މޮރޮކޯ ފަދަ ޤައުމުތަކުން މިރޭ ހަނދު ބެލުން ކުރިއަށް ގެންދެއެވެ. ސަޢޫދީ ސުޕްރީމް ކޯޓުން ވަނީ ހުސް ލޮލުން ނުވަތަ ދުރުމި ބޭނުންކޮށްގެން ނަމަވެސް ހަނދު ފެނިއްޖެ މީހެއް ނަމަ، އެ މީހެއްގެ ހެކިބަސް އެންމެ ކައިރީގައި ހުރި ކޯޓެއްގައި ރެޖިސްޓްރީ ކުރުމަށް އެދިފައެވެ. ޔޫއޭއީގެ ރަސްމީ ހަނދު ބެލުމުގެ ކޮމިޓީ މިރޭ އަބޫ ދާބީގެ ޤަޞްރު އަލް ޙުޞްނުގައި ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނާއި އިންޑިއާ އަދި ބަންގްލަދޭޝްގެ ހިޖުރީ ކަލަންޑަރުގައި މިއަދަކީ ޝަޢުބާން 28 ވަނަ ދުވަސް ކަމުން، އެ ޤައުމުތަކުން ހަނދު ބަލާނީ މާދަމާ ރޭ (ފެބްރުއަރީ 18) ގައެވެ. ޕާކިސްތާނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކޮށްފައި ވަނީ ރޯދަ ފެށޭނީ ފެބްރުއަރީ 19 ގައި ކަމަށެވެ.
ފަލަކީ ހިސާބުތަކަށް ބިނާކޮށް ފެބްރުއަރީ 19 ކަމަށް ރަސްމީކޮށް ނިންމާފައިވާ ޤައުމުތަކާއި ޖަމާޢަތްތަކުގެ ތެރޭގައި ތުރުކީ، ސިންގަޕޫރު، އޮސްޓްރޭލިޔާ، ޢޫމާން، ފްރާންސް، އަދި ޔޫރަޕިއަން ކައުންސިލް ފޯ ފަތުވާ އެންޑް ރިސާޗް (އީސީއެފްއާރު) ހިމެނެއެވެ. މި ހުރިހާ ފަރާތަކުން ވެސް ބުނީ ފެބްރުއަރީ 17 ވަނަ ދުވަހުގެ ރޭ ދުނިޔޭގެ އެއްވެސް ހިސާބަކުން ހަނދު ފެނުމަކީ ނުވާނެ ކަމެއް ކަމަށެވެ. ނަމަވެސް ފިޤުހު ކައުންސިލް އޮފް ނޯތު އެމެރިކާ (އެފްސީއެންއޭ) އާއި އިސްލާމިކް ސޮސައިޓީ އޮފް ނޯތު އެމެރިކާ (އައިއެސްއެންއޭ) އިން ވަނީ ތަފާތު ފަލަކީ ހިސާބެއް ބޭނުންކޮށް، ރޯދައިގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 18 ކަމަށް ނިންމާފައެވެ.
ފަލަކީ ޢިލްމުވެރީން ބުނާ ގޮތުގައި މިއަދު ހިނގާ އެނިއުލާ ސޯލާ އެކްލިޕްސް (އިރުކޭތަ) އާ ގުޅިގެން ހަނދު ހުރީ އިރާ ދާދި ގާތުގައެވެ. އެހެންކަމުން މިރޭ ހުސް ލޮލުން ނުވަތަ ޓެލެސްކޯޕުން ވެސް ހަނދު ފެނުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. ސަޢޫދީ ޢަރަބިއްޔާ އަދި ރާއްޖެ ފަދަ ޤައުމުތަކުން ރަސްމީ ނިންމުން އިޢުލާނު ކުރާނީ މިރޭ މަޣުރިބު ނަމާދަށް ފަހު ހަނދު ބެލުމުގެ ނަތީޖާ ލިބުމުންނެވެ.