Advertisement

ކުރީ ސަރުކާރުން ދޫކުރި ގޯތިތައް ހިއްކައި ހަވާލު ކުރަން މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދިން: މިނިސްޓަރު

11 Feb 2026 | 11:12
ޑރ. އަބްދުﷲ މުއްޠަލިބު

ކުރީ ސަރުކާރުން ދޫކުރި ގޯތިތައް ހިއްކައި ހަވާލު ކުރަން މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދިން ކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. މުއްޠަލިބު ވިދާޅުވީ މި ސަރުކާރު އައި އިރު ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގޯތި ދޫކޮށްފައި ހުރީ ހުޅުމާލެ ފޭސް 2 އިންނާއި ގުޅީފަޅުން ކޮންމެވެސް ވަރެއްގެ ގޯތި ތަކެއް ދޫކޮށްފައި ހުރި ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރު އައިސް ގުޅީފަޅުގެވެސް ބާކީ ބައި ހިއްކާ އަދި ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިންމުމަށްފަހު ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް މިދިނީ އެ ފަރާތްތަކަށް ދީފަ ހުރި ތަންތަން ވުމުން އެއީ އަދި ވުޖޫދުގައި ނެތްތަންތަންކަމުގައި ވިޔަސް." މިނިސްޓަރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އެ ހުރިހާތަނަކުންވެސް ގޯތި ދޫކުރުމަށް ގުރުއަތުލުމުގެ މަސައްކަތް ނިންމާ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި ލިބިގެން މިދިޔައީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ފްލެޓް މަޝްރޫޢު އިން ނިމިފައި ވަނީ ގާތްގަނޑަަކަށް 30 ވަރަކަށް އިންސައްތަ މަސައްކަތް ކަމަށެވެ.

"އެ މަޝްރޫއު އެއްކޮށް ނިންމައި މިހާރު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. ފްލެޓް ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުންފަދަ ކަންތައްތަކެއް ހިމެނިފައެއްނުވޭ. އެހެން ނަމަވެސް އެ މަސައްކަތްތަކާއިއެއްކޮށް ނިންމާފައި ހަވާލުކުރަމުން މި ގެންދަނީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. މުއްޠަލިބު ވިދާޅުވީ އެ މަޝްރޫޢުގެދަށުން މިހާތަނަށް 3800 އަށްވުރެ ގިނަ ފަރާތްތަކަށް އެގްރީމެންޓް ކުރެވި 3700 އަށްވުރެ ގިނަ ފަރާތްތަކަށް މިހާރު ތަޅުގަނޑި ހަވާލުކޮށްފައިވާނެ ކަމަށެވެ.

Advertisement

ކޮމެންޓް