ރަމަޟާން މަހު މަގުތައް ބަލަހައްޓަން ފުލުހުންގެ ޚާއްޞަ ޓީމެއް އެކުލަވާލައިފި
ކުރިއަށް އޮތް ރަމަޟާން މަހަކީ މާލޭގެ މަގުތަކަށް ބާރުބޮޑުވާ މަހަކަށްވާތީ، މަގުމަތީގެ ތޮއްޖެހުން ކުޑަކޮށް ޓްރެފިކް މެނޭޖުކުރުމަށްޓަކައި ފުލުހުން ޚާއްސަ ޓީމެއް އެކުލަވާލައި މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތްތައް ރަސްމީކޮށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ހެޑް އޮފް ޓްރެފިކް ޕޮލިސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވެފައިވަނީ މާލޭގެ ތިން ސަރަހައްދަކަށް ޚާއްސަ ސަމާލުކަމެއް ދީގެން މިހާރުވެސް ބަލަހައްޓަމުންދާ ކަމަށެވެ. އެއީ ޓީޖެޓީ ސަރަހައްދު، އެމްއެމްއޭ ކައިރި އަދި ބާޒާރުމަތީ ސަރަހައްދެވެ. މީގެ އިތުރުން ބަނދަރުމައްޗާއި ބަނދަރާ ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯ ތަރުތީބުކުރުމަށްޓަކައި، ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ޕްލެޓްތަކާއި މުދާ ނެގުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ރަމަޟާން މަސް އަންނަވާއިރަށް ބަނދަރު މައްޗާއި ބާޒާރުމަތީގެ ސަރަޙައްދުތައް ތަރުތީބުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދަނީ، ހަމައެއާއެކު ރަމަޟާން މަހަކީ މިސްކިތްތައް ކައިރީގައި ވަރަށް ބާރުބޮޑުވާ މަހަކަށްވާތީ، އަޅުގަނޑުމެން މިދަނީ ދުރާލާ ތައްޔާރުވަމުން" ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވިއެވެ.
ރޯދަމަހުގެ ތެރޭގައި ބޯޓުފަހަރަށް މުދާ އަރުވާ ބޭލުމުގައި ވަކި އުސޫލުތަކަކަށް އަމަލުކުރުމަށް ފުލުހުން ވަނީ އަންގަވާފައެވެ. އޭގެ ތެރޭގައި ބޯޓުތަކުން މުދާ ބާލާފައި ޖެޓީ މަތީގައި ނުވިއްކުމާއި، މުދާ ގިނަ ދުވަސް ވަންދެން ޖެޓީ މަތީގައި ނުބެހެއްޓުން ހިމެނެއެވެ. އަދި ބާޒާރުމަތީގައި ގަވާއިދާ ޚިލާފަށް ޕާކު ނުކުރުމަށާއި، ފިހާރަ ބޭރުގައި މުދާ ބަހައްޓައިގެން ވިޔަފާރި ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. ފިހާރަތަކުން ކުނި ނެރެފައި ބަހައްޓާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތައް ކައިރީގައި ހުންނަ ޕާކިންގ ޒޯނުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ނެގުމާއި، ޓްރެފިކް ލައިނުތައް އައު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިމްރާން ވިދާޅުވި ގޮތުގައި، ރަމަޟާން މަހު ނަމާދު ވަގުތުގެ 15 މިނެޓު ކުރިން އަދި 15 މިނެޓު ފަހުން، މިސްކިތްތައް ކައިރި ސަރަހައްދުތައް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރެވޭނެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ރަމަޟާން މަހު ކުރިއަށްދާނެ ކަމަށް ބެލެވޭތީ، މަގުމަތީގައި އެފަދަ ހަރަކާތެއް ހިންގާނަމަ ދުރާލާ ފުލުހުންނަށް މަޢުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.