Advertisement

ކޮންސްޓެބިއުލަރީ ފުލުހުން ހޯދަން އިޢުލާނުކޮށްފި

05 Feb 2026 | 13:13
ފޮޓޯ: ފުލުހުން

ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

Advertisement

އެ މަގާމަށް 34 ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފައެވެ. 

އެ މަގާމުގެ މުސާރައަކީ 17,175 ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

އެ ވަޒީފާއަށް އެދި ހުށަހަޅާ މީހަކީ ގްރޭޑް 10 ނިންމާފައިވާ މީހަކަށް ވާންޖެހެއެވެ. ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުމާއި ފިރިހެނެއް ނަމަ އިސްކޮޅު 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅު 5 ފޫޓަށްވުރެ ކުރުނުވުން ހިމެނެއެވެ.

ވަޒީފާއަށް ކުރިމަތިލާ މީހަކީ ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށް ސާބިތުވެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ ޙުކުމް ކަނޑައަޅާފައިވާ އަދަބު މާފުކުރިތާ ތިން އަހަރުދުވަސް ވެފައިވާ މީހަކު ކަމުގައި ވުން ހިމެނޭ ކަމަށް އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުޢީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީހަކު ކަމުގައި ނުވުމާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ، ސިއްޙަތާއި އަޚްލާާޤާއި ޤާބިލުކަން ހުރި މީހަކު ކަމުގައި ވުން ހިމެނޭކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.އަދި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، ޤާނޫނުއަސާސީއާއި ޤާނޫނެއްގައި ބަޔާންކޮށްފައިވާ އިންތިޚާބީ މަޤާމެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުމާއިމަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކު ކަމުގައި ނުވުމާއި ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައިވާ ފަރާތެއް ކަމުގައިވުން އެ ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެހެންކަމުން އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

އެ މަގާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ޙުސައިން އާދަމް ބިލްޑިންގ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓްގެ www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

Advertisement

ކޮމެންޓް