Advertisement

ރާއްޖޭގެ %17މީހުން މަރުވަނީ ކެންސަރު ބަލީގައި: ސިއްހަތު ޖަމިއްޔާ

04 Feb 2026 | 14:11
.

ރާއްޖޭގެ %17މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

މިކަންހާމަކޮށްފައި ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ ކެންސަރު ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައެވެ.

Advertisement

އެޗްޕީއޭ އިން މިއަދު ބުނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކެންސަރުބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމަށާއި ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާ ކަމަށެވެ.

އެގޮތުން ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކަށް ބަލާއިރު އަހަރަކު އަލަށް 1.1 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލިޖެހި ހަތް ލައްކައަށް ވުރެ ގިނަ މީހުން މަރުވާކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2020 ވަނަ އަހަރު ނެރެފައިވާ ރިޕޯރޓެއްގައި ރާއްޖޭގެ މީހުން މަރުވާ ނިސްބަތުގެ 17% މީހުން މަރުވަނީ ކެންސަރު ބަލީގައިކަމަށް ވަނީ ބަޔާންކޮށްފައެވެ." އެޗްޕީއޭ އިން ބުނެފައި ވެއެވެ.

ރާއްޖޭގައި އެކުލަވާލެވިފައިވާ ޤައުމީ ކެންސަރު ބަލީގެ ދަފްތަރުގައި 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް 1900 އަށްވުރެ ގިނަ ކޭސް ވަނީ ރަޖިސްޓްރީ ކުރެވިފައި ކަމަށް އެޗްޕީއޭ އިން ބުނެފައި ވެެއެވެ.

"މިގޮތުން ރަޖިސްޓްރީ ކުރެވިފައިވާ ނިސްބަތަށް ބަލާއިރު %57 އަކީ އަންހެނުން އަދި 43% އަކީ ފިރހެނުންނެވެ. މި ދަފްތަރަށް ބަލާއިރު، ފިރިހެނުންގެ ތެރޭގައި އެންމެ ގިނައީ ފުއްޕާމޭ، ޕްރޮސްޓޭޓް، ބޮޑު ގޮހޮރު، ބަނޑާއި ފުރަމޭގެ ކެންސަރެއެވެ. އަދި އަންހެނުންގެ ތެރޭގައި އެންމެ ގިނައިން ފެންނަނީ އުރަމަތި، ބޮޑު ގޮހޮރު، ފުއްޕާމޭ، ރަހިމުގެ ދޮރަށްޖެހޭ އަދި ތައިރޮއިޑް ކެންސަރުއެވެ." އެޗްޕީއޭ އިން ބުނެފައި ވެއެވެ.

އެޗްޕީއޭ އިން ބުނީ ކެންސަރު ބަލިން ރައްކާތެރިވުމަށާއި ބަލި އަވަހަށް ދެނެގަތުމާ އަދި ފަރުވާގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އުރަމަތީގެ ކެންސަރު ދެނެގަތުމަށް މެމޯގްރަފީގެ ހިދުމަތާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގަތުމަށް ސްކްރީން ކުރުމުގެ ހިދުމަތް ހުރިހާ ޓަރޝަރީ އަދި ރީޖަނަލް ހޮސްޕިޓަލްތަކުން ދަނީ ދެމުން ކަމަށެވެ.

އަދި މީގެ އިތުރުން ކީމޯތެރަޕީގެ ހިދުމަތްތައް ރީޖަނަލް ހޮސްޕިޓަލްތަކުން ދިނުން ހިމެނޭއިރު ފުއްޕާމޭ، އުރަމަތި، ޕްރޮސްޓޭޓް އަދި އޮވަރިއަން ކެންސަރަށް ފަރުވާދިނުމާއި ސްކްރީންކުރުމުގެ ގައިޑްލައިންތައް ހެދި ވަނީ އާއްމުކުރެވިފައި ކަމަށް އެޗްޕީއޭ އިން ބުނެފައި ވެެއެވެ.

ކެންސަރު ޖެހުމަށް ގިނައިން މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ހިރާސްތަކުގެ ސަބަބުން ކަމަށްވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، ސިއްހަތަށް ފައިދާނެތް ކާނާ ބޭނުންކުރުމާއި، ހަރަކާތްތެރިވެ އުޅުން މަދުވުން ނުވަތަ ކަސްރަތު ނުކުރުން ހިމެނެއެވެ. އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވުމާއި ކެންސަރު ބަލި ދުރާލާ ދެނެގަތުމަށް ސްކްރީން ކުރުމަކީ ބަލި ޖެހުމުގެ ފުރުސަތު ހަނިކޮށް އަދި ބަލި ޖެހިފައިވާނަމަ ބައްޔަށް އަވަހަށް ފަރުވާ ހޯދާ ބަލި ރަގަޅުވުމުގެ ފުރުސަތު އިތުރުވެގެންދާނޭ ކަމެކެވެ.

ކެންސަރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

ހެޕަޓައިޓިސް ބީއާއި ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ޖެހުން

ދުންފަތުގެ އިސްތިޢުމާލު ނުކުރުމާއި ދުންފަތުގެ ދުމުން ރައްކާތެރިވުން

ދުފުމާއި ދުރުހެލިވުން

އަލްޓްރާވައިލެޓް ރޭޑިއޭޝަން ރައްކާތެރިވުން

ދަރިފުޅަށް ގާތުން ކިރުދިނުން

ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން

ކެއުމުގައި މޭވާއާއި ތަރުކާރީ ވީހާވެސް ގިނައިން ބޭނުން ކުރުން

ކެއިންބުއިމުގައި އަލްޓްރާ ޕްރޮސެސްޑް ކާނާގެ ބާވާތްތައް ވިހާވެސް މަދުކުރުން

ޤަވާއިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން

ޤަވާއިދުން ކެންސަރު ބައްޔަށް ސްކްރީން ކުރުން

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ބައިނަލްއަގުވާމީ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކި ހަރަކާތްތަކެއް ހެލްތު ޕްރޮޓެޝަން އޭޖެންސީއާއި، ޖަމިއްޔާ ޖަމާއަތްތަކާއި އަދި ޞިއްޙީ ޙިދުމަތްދޭ ތަންތަން ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ ބައިނަލްއަގުވާމީ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މައިގަނޑު ހަރަކާތްތަކަކީ:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ގުޅިގެން ކެންސަރު ދުވަހާ ގުޅޭ ސިމްޕޯޒިއަމް ބޭއްވުން

ސޯޝަލް މީޑިއާ އަދި މާސް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ކެންސަރު ބައްޔާ ގުޅޭ މައުލޫމާތު ފެތުރުން

އަތޮޅުތެރޭގެ ޞިއްޙީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަން ބޭއްވުން

އަތޮޅު އަދި ރަށު ފެންވަރުގައި ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން

ދިރާގާ ގުޅިގެން ޓިކްޓޮކް ޗެލެންޖެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.

2025-2027 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ” ނުވަތަ "United by Unique”އެފަދަ ދެވަނައެއްނެތް އެއްބައިވަންތަކަން” އެވެ.

ދުނިޔޭގެ ފެންވަރުގައި މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މި ބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މަޢުލޫމާތު ފޯރުކޮށް ދިނުމަށެވެ.

ކެންސަރަކީ އިންސާނާގެ ހަށިގަނޑުގެ ސެލްތައް އޭގެ ގުދުރަތީ ނިޒާމުން ބޭރުވެ، އާދަޔާ ހިލާފަށް އަދި ކޮންޓްރޯލެއް ނެތި އިތުރުވާން ފެށުމުން ޖެހޭ ބައްޔެކެވެ. މިގޮތަށް އިތުރުވާ ސެލްތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކާއި ގުނަވަންތަކަށް ގެއްލުންވެއެވެ.

މިއީ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. މިބަލި ދުރާލާ ދެނެގަނެ ފަރުވާ ނުލިބިއްޖެނަމަ ނުވަތަ ފަރުވާއިން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ހަށިގަނޑުގެ އެހެން ބައިތަކަށް ނުވަތަ ގުނަވަންތަކަށް ބަލި ފެތުރިގެންދެއެވެ.

Advertisement

ކޮމެންޓް