ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ދަރިންތަކެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތަށް އަހަންމިއްޔަތުކަން ދީގެން: ރައީސް
އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ރަސްމީކޮށް ފަށާފައި ވާއިރު އެކަމާއި ގުޅުވާ އެމަނިކުފާނު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާއިރު، ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށްވެސް ކާމިޔާބީއަށް އެދިފައެވެ.
ތަޢުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ ޒިންމާއެއް ކަމަށާއި، ދިވެހީން އެދޭ ފާގަތި ކުރިމަގު މި ޤައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އެންމެން އެއްބާރުލައި އިޚްލާޞްތެރިވީ މިންވަރަކުން ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އަދި ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތަޢުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ.
މީގެ އިތުރުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ، ކޮންމެ ކިޔަވާ ކުއްޖަކަށްވެސް މި އަހަރަކީ ފާގަތި، ބާއްޖަވެރި އަހަރަކަށް ވުން އެދު ދުއާ ދަންނަވާފައެވެ. އަދި ދިރާސީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަރިވަރުންނާއި ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގެ އެދުރުންނާއި ހިންގުންތެރިންނާއި އެހީތެރިންނަށް އެ ކަމަނާ ވަނީ އަރިސްކޮށްފައެވެ.