ރާއްޖޭގެ ފުޓްސެލް ޓީމާމެދު ފަޚުރުވެރިވޭ: ނައިބު ރައީސް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޤައުމީ ފިރިހެން ޓީމު މާދަމާ ކުޅޭމެޗަށް, ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ޓީމަށް ހިތްވަރުދެއްވައިފިއެވެ.
އެމަނިކުފާނު ޤައުމީ ޓީމަށް ހިތްވަރުދެއްވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޤައުމީ ޓީމުގައި ތިބީ ހުނަރުވެރި ކުޅުންތެރިންކަމަށާއި، މިހާރުވެސް ޓީމުން ހޯދަމުންދާ ނަތީޖާތަކަކީ އުއްމީދުކުރެއްވި ނަތީޖާތަކެއްކަން ފާހަގަކުރައްވައި ޓީމާއި މެދު އެމަނިކުފާނު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
މި މުބާރާތަށް ކުޅުންތެރިން ތަމްރީނުކޮށްދެއްވުމަށް ޓީމުގެ ކޯޗު ކޮށްދެއްވި މަސައްކަތްވެސް ނައިބު ރފައީސް ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިންނަކީ ކުޅިވަރުގައި އަބަދުވެސް އެއްބައިވަންތަކަން ދައްކަމުންދާ ބައެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މާދަމާ ރާއްޖޭގެ ޓީމް ކުޅޭ މެޗްގައި ޓީމާއި އެކު ރައްޔިތުން ތިބިކަމުގެ ޝުޢޫރާއި ފޯރި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދައްކަމުންދާކަމަށާއި މެޗުގެ ކާމިޔާބީއަށް ދިވެހިން ކެތްމަދުވެފައިވާ ކަމަށެވެ.
މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ސާބަސްދެއްވަމުން އެމަނިކުފާނު ވަނީ ކުރިއަށް އޮތްތަނުގައި ޓީމަށް އިތުރު ފުރުޞަތުތަކެއް ލިބި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ތައިލޭންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ. މާދަމާ ބޫޓާނާ ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.