ފިޓުޖެހިގެން މޫދައްށްވެޓި އެމްޕީއެލްގެ މުވައްޒަފަކު ނިޔާވެއްޖެ
ޑިއުޓީގައި މަސައްކަތްކުރަމުން ދަނިކޮށް ފިޓުޖެހިގެން މޫދަށްވެއްޓި އެމްޕީއެލްގެ މުވައްޒަފަކު ނިޔާވެއްޖެއެވެ.
މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދަށް ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗއަށް ގެންދިޔަ ފަހުން ނިޔާވެފައި ވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށެވެ. އަދި މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމެރަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ އެމްބިއުލަންސްގައި އަމީން އައިޖީއެމްއެޗް އަށް ގެންގޮސްފައި ވާކަމަށް ވަނީ ބުނެފައެވެ.
އަމީން ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އުމުރުން 30 އަހަރުގެ އަމީން އެމްޕީއެލްއާއި ގުޅުނީ 2020 ވަނަ އަހަރުގައެވެ. އޭނާ މަސައްކަތްކުރަމުންދިޔައީ އެމްޕީއެލްގެ ފްލީޓް ސަަރިވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަޤާމުގައެވެ.
އަމީން ނިޔާވުމާއި ގުޅިގެން އެމްޕީއެލްއިން ވަނީ އަމީންގެ ޢާއިލާއަށް ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ފޮނުވާފައެވެ.