Advertisement

ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު

22 Jan 2026 | 10:24
ގިނަ އަދަދެއްގެ މަސްތުވާތަކެއޗާއެކު މާލެއިން ހައްޔަރުކުރި ދެ ޒުވާނުން/ ފޮޓޯ: ފުލުހުން

ޖުމްލަ 266.29 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެ ޒުވާނަކު މާލޭއިން ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓާއި ކައުންޓާ ނާކޮޓިކްސް އިންޓަލިޖެންސް ގުޅިގެން މާޅޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގިނަ އަދަދަކަށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

Advertisement

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އަމްޖަދު ރިޤާބާއި ށ. ނޫމަރާ، މޯނިންސްޓާ، އުމުރުން 28 އަހަރުގެ މުޙައްމަދު ނާއިފް ކަމަށޤ ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. 

މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭ، ގަލޮޅުގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދަކަށް މަސްތުވާތަކެއްޗާއި ދިވެހި ފައިސާ ފެނުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 266.29 ގުރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަމްޖަދުގެ ބަންދަށް 5 ދުވަސް އަދި ނާއިފް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. 

ޑްރަގްގެ މިފަދަ މައްސަލަތަކަކީ މިހާރު ރާއްޖޭގައި އާންމުވެފައިވާ މައްސަލައެކެވެ. ދާދި ފަހުންވެސް ވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލޭން ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ. 

Advertisement

ކޮމެންޓް