ފްލެޓާއި ގޯއްޗަށް ހުޅުވާލުމުން 24 ގަޑިއިރުތެރޭ 500 އަށްވުރެ ގިނަ އެޕްލިކޭޝަން
"ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައި ވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންްފްރަސްޓްރަކްޗާ މިނިސްޓްރީއިން ބުނެފިއެވެ.
ހައުސިން މިނިސްޓްރީއިނ މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބިމާއި ފްލެޓަށްއެދި 518 އެޕްލިކޭޝަނެއް ހުށަހަޅާފައި ވާކަމަށެވެ. އޭގެތެރޭގައި ފްލެޓަށްއެދި ޖުމްލަ 399 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ބިމަށްއެދި 119 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައި ވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން ޑްރާފްޓް ސްޓޭޖުގައި 3836 އެޕްލިކޭޝަން އުޅޭކަމަށް އެމިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީއިން ހުޅުވާލީ އިއްޔެއެވެ.
މިފަހަރުގެ ސްކީމުގައި ވަނީ މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ކެޓަގަރީތަކެއް ހިމަނާފައެވެ. ހައުސިން މިނިސްޓްރީއިން ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ހާލަތާ އެންމެ އެކަށީގެންވާ އެއް ކެޓަގަރީއަކުން ފޯމު ހުށައެޅުމަށް އިލްތިމާްކޮށްފައެވެ. އަދި ފޯމު ހުށައެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.