ރޯދަ ހަދިޔާ ބެހުމަށް 75 އިންސައްތަ މަސްދަޅުކޭސް ތައްޔާރުކޮށް ނިމިއްޖެ: ވަޒީރު
ކުރިއަށް އޮތް ރޯދަމަހަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުމަށް 75 އިންސައްތަ މަސްދަޅު ކޭސް ތައްޔާރުކޮށް ނިމިފައިވާކަމަށް އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ ޕީއެސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަޢުޟޫޢުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ ޒިންމާ މިދިޔަ އަހަރުގެ ރޯދަ މަހު އެ ވުޒާރާއާއި ހަވާލު ކުރެވިގެންދިޔައީ ރޯދަ ހަދިޔާ ބެހުމުގެ ތެރޭގައި އެންމެ އެކަށީގެންވާގޮތަށް އެކަން ތަރުތީބު ނުކުރެވި އޮތް ހާލަތެއް މެދުވެރިވި ވަގުތެއްގައި ކަމަށާއި ދަޢުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އެހީގައި އޭރުގަ ދިމާވި ގޮންޖެހުންތަކުން އަރައިގަނެވުނު ކަމަށެވެ.
ވަޒީރު ވިދާޅުވީ ކުރީ އަހަރު ރޯދަ މަހު ދިމާވި ދެވަނަ ގޮންޖެހުމަކީ ދުރާލާ ތައްޔާރުވެވިފައި ނެތުން ކަމަށާއި އެންމެ އެކަށީގެންވާވަރަށް މަސްދަޅު ކޭސް އޭރު ތައްޔާރު ކުރެވިފައި ނެތް ކަމަށެވެ.
"އެކަމުގެ ތަޖުރިބާގެ އަލީގަ މިހާރު އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭގޮތުން ޚާއްޞަކޮށް މިފްކޯއިން އެކަމަށް ބޭނުންވާ ގާތްގަނޑަކަށް 75 ޕަސެންޓްވަރަށް މިހާރު އެހުރީ ތައްޔާރު ކުރެވިފަ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިކަމުގެ އެންމެ ފަހުގެ މަޢުލޫމާތު މި ހިނގާ ޖަނަވަރީ މަހުގެ 15 ހާ ތާނގައި ރައްޔިތުންނަށް ހިއްސާކުރައްވާނެ ކަމަށެވެ.
ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.