މި އައްޑަނަ ދިވެހި ރައްޔިތުންނަށް: ރައީސް މައުމޫނު
ނަސްރުންގެ ދުވަހުގެ ޝަރަފުގައި ޙާއްސަ އައްޑަނައިގެ ޙައްގުވެރިންނަކީ ހަގީގަތުގައި ދިވެހި ރައްޔިތުން ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އަބްދުލްޤައްޔޫމަށް ޝަރަފުގެ ޙާއްސަ އައްޑަނަ ވަނީ އަރުވާފައެވެ. އެމަނިކުފާނަށް މި އައްޑަނަ އަރުވާފައިވަނީ ނަސްރުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވެވި ޙާއްސަ ރަސްމިއްޔާތުގައެވެ.
މިކަމާ ގުޅިގެން އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވި، ނޮވެމްބަރު ތިނެއްގެ ޝަރަފުވެރި ޙާއްސަ އައްޑަނަ އެމަނިކުފާނަށް ދެއްވެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ނުހަނު އިހުލާސްތެރިކަމާއި އެކު ޝުކުރު އަދާކުރައްވަވާ ކަމަށެވެ.
އަދި އެމަނިކުފާނުގެ ނަޒަރުގައި މި އައްޑަނައިގެ ހަގީގީ ހައްގުވެރި ފަރާތަކީ ދިވެހި ރައްޔިތުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ، ނޮވެމްބަރު 3 ގެ އެ އުދުވާނީ ހަމަލާއިގައި އޭރުގެ ރައީސް މައުމޫނު ކުރެއްވެވީ ތައުރީފު ޙައްގު މަސައްކަތްޕުޅުތަކެއް ކަމަށެވެ. އަދި އެ އައްޑަނަ އެމަނިކުފާނަށް އެރުވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވީ އެ ޚިދުމަތުގެ އަގު ޤައުމީފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގަތުން ކަމަށެވެ.