Advertisement

ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

12 Oct 2025 | 20:23
އެ ބިލު މަޖިލީހަށް ހުށަހަޅާފައިވާކަމަށް އޭޖީން ބުނޭ -

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިރޭ ބުނެފައިވަނީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީ އެންމެންނަށް ވާޞިލުވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތަކާއި، އެނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

Advertisement

ބިލުން ހުއްދަދެނީ ހަމައެކަނި ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓްކުރުން. ހަދިޔާކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް ބަޔާންކޮށްފައިވާނެ ކަމަށާއި ގުނަވަނަ ހަދިޔާކުރާ ފަރާތުގެ ޝަރުޠު: (ދިވެއްސަކަށްވުން، 18 އަހަރު ވެފައިވުން، އަމިއްލަ އިޚްތިޔާރުގައި އެކަމަށް ރުހިގެން ގުނަވަން ހަދިޔާކުރުން އަދި ބުއްދި ސަލާމަތުން ހުރުން) ހިމަނާފައިވާނެ ކަމަށާއި އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި، ޙުކުމެއްގައި ތިބޭ ފަރާތްތަކުގެ ގުނަވަން ހަދިޔާއެއް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާނެކަމަށް އޭޖީން ބުނެފައިވެއެވެ.

ބިލު ޤާނޫނަކަށް ވުމުން އެ ޤާނޫނު ތަންފީޛުކުރާ ފަރާތްތައް ވުޖޫދުކުރާނެކަން ހާމަކޮށް ބުނެފައިވަނީ އެގޮތުން ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލަކާއި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީއެއް ވުޖޫދުކުރާނެ ކަމަށެވެ.

ކައުންސިލުގެ މަސްއޫލިއްޔަތުތަކަކީ ގަވާއިދު ހެދުމަށް އިރުޝާދުދީ، ޚިދުމަތް ދިނުމަށް ހުއްދަ ދިނުމާއި ހުއްދަ ބާޠިލުކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، އޮތޮރައިޒޭޝަން ކޮމިޓީން މަސައްކަތް ކުރަމުންދޭތޯ ބެލުން ކަމަށް ބަޔާންކޮށްފައިވާނެ ކަމަށާއި

އެގޮތުން، ޚިދުމަތްދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވޭތޯ ބަލާނީ ކައުންސިލުން ކަމަށް ބަޔާންކޮށްފައިވާނެކަމަށް ބުނެފައިވެއެވެ.

ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުން ކަމަށާއި އޮތޮރައިޒޭޝަން ކޮމިޓީއަށް ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ޤާއިމުކޮށްފައިވާ "ކްލިނިކަލް ކޮމިޓީ" އާއި "އެތިކްސް ކޮމިޓީ" އިން ބަލަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ހިމަނާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން އޭޖީން ހާމަކޮށްފައިވާގޮތުގައި އަދި އެ ބިލުގައިވާގޮތުގައި ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދިނުމުގެ އިޖުރާއަތަކީ:

ބަލީގެ ޚާއްސަ ޑޮކްޓަރު ޓްރާންސްޕްލާންޓް ކުރަންޖެހޭކަމަށް ކަނޑައެޅުމުން ޓްރާންސްޕްލާންޓް ކުރުމަށް ޞިއްޙީގޮތުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުން.

ރުހުން ދީފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި ކަމާއި، ކަމާގުޅޭ އެންމެހައި ލިޔުންތައް ހޮސްޕިޓަލްގެ ކޮމިޓީން ބެލުން.

ހަދިޔާކުރާ ފަރާތާއި ލިބިގަންނަ ފަރާތުގެ ލިޔެކިޔުންތަކާއި، ޞިއްޙީ ގޮތުން ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަވުމުން ހުއްދައަށްއެދި އޮތޮރައިޒޭޝަން ކޮމިޓީއަށް ހުށަހެޅުން.

ހުއްދަ ދިނުމުގެ ކުރިން ލިޔުންތައް ބަލާ އަދި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށްގެން އޮތޮރައިޒޭޝަން ކޮމިޓީން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކޮށް ހުއްދަ ދިނުމަށް ނުވަތަ ނުދިނުމަށް ނިންމާނެ

އެ ނިންމުން ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސަސް އަށް އެޕީލް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް