ބައްސާމް ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
އެ ހުކުމް މިއަދު އޭނާގެ މައްޗަށް ކޮށްފައިވަނީ އެ އެސޯސިއޭޝަންގެ ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލައިގައެވެ.
އެ މައްސަލައިގެ ތަފުސީލަށް ބަލައިލާއިރު އެއީ ބައްސާމް ޢަދީލް ޖަލީލް، 2016 ވަނަ އަހަރުން ފެށިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.ޢޭ.އެމް) ގެ ރައީސްގެ މަޤާމުގައި ހުރެ، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށްޓަކައި 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައިގެން ބޭންކް ޗަރޖަސް އުނިކުރުމަށްފަހު 9،999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) މީނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން $1,910.00 (އެއްހާސް ނުވަސަތޭކަ ދިހަ އެމެރިކާ ޑޮލަރު) 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، މީނާގެ ޙިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައިވާތީއާއި، އެ ފައިސާގެ ތެރެއިން $2,000.00 (ދެހާސް އެމެރިކާ ޑޮލަރު) 5 ސެޕްޓެންބަރު 2018 ދުވަހު ބައްސާމް ޢަދީލް ޖަލީލް ކުއްޔަށް ނަގައިގެން އުޅުނު ކ. މާލެ، ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާތީއާއި، އެފް.އޭ.އެމް އިން މީނާ އެކައުންޓަށް ޖަމާކުރި ފައިސާ، އެކި ޢަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފް.އޭ.އެމް.އާ ގުޅުމެއް ނެތް ކަންކަމަށް އެފައިސާ ހަރަދުކޮށް، އެ ފައިސާ މީނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ، ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި، 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، 62 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑަރކުރުމުގެ ކުށުގެ ދަޢުވާއާއި، ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށް އެދި ޕީޖީ އޮފީހުން އުފުލި ދައުވާއެވެ.