އިންޑިއާއާ ރަޝިޔާއިން އަސްކަރީ ތަމްރީނުތައް ފަށައިފި
އިންޑިއާއާއި ރަޝިޔާ ގުޅިގެން އިންޑިއާގެ ރާޖަސްތާނުގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީއިން ބުނީ މިއީ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންތައް ހިންގުމަށް ދެގައުމުގެ އަސްކަރީ ފައުޖުތަކުން ތައްޔާރަށް ތިބުމަށް ބާއްވާ ތަމްރީނުތަކެއް ކަމަށެވެ. އިންދްރާ 2025 ގެ ނަމުގައި ބާއްވާ މި ތަމްރީނުތައް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ތަމްރީނުތައް ކުރިއަށްދާނީ ރާޖަސްތާނުގެ މަހާޖާން ޓެރެއިނިންގ ގްރައުންޑުގައެވެ.
މި ތަމްރީނުތަކުގައި ދެގައުމުގެ އަސްކަރިއްޔާއިން ތަރައްޤީކޮށްފައިވާ އެންމެ ފަހުގެ ހަތިޔާރާއި އުކުޅުތައް އެއް ބަޔަކު އަނެއް ބަޔަކަށް ދަސްކޮށްދޭނެއެވެ.
އިންދްރާގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަޝިޔާ އަދި ބެލަރޫސްގައި އޮތް އަސްކަރީ ތަމްރީނުތަކަކަށް އިންޑިއާގެ ސިފައިން ފޮނުވާފައިވެއެވެ. ޒަޕަދް-2025 ގެ ނަމުގައި އޮތް މި އަސްކަރީ ފަރިތަކުރުންތަކަށް އިންޑިއާއިން 65 ސިފައިން ފޮނުވިއެވެ.