Advertisement

ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނިކުތުމަށް ހިތްވަރުދިނުމަށް އެސްޑީއެފްސީން ފައިނޭންސިން ސްކީމެއް ތައާރަފްކުރަނީ

02 Oct 2025 | 20:18
ހިޔަލަ ވީކެންޑް މާކެޓުގައި ދިވެހި އަންހެން ވިޔަފާރިވެރިޔަކު - އާކައިވް ފޮޓޯ: ދުވަސް

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން މުޅިން އައު ފައިނޭންސިންގ ސްކީމެއް ނޮވެންބަރު މަހު ތަޢާރަފުކުރުމަށް ނިންމައިފި އެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިޤްތިޞާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުން ކަމުގައި އެސްޑީއެފްސީން ބުނެއެވެ.

Advertisement

"މި ސްކީމުގެ ދަށުން ތަފާތު އެކި ދާއިރާތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތަކުން އެސްޑީއެފްސީއިން ފައިނޭންސިންގ ދޭނެއެވެ. މި ސްކީމަށް ނޮވެމްބަރުމަހު އެޕްލިކޭޝަންއަށް ހުޅުވާލުމަށް އެސްޑީއެފްސީއިން އަންނަނީ ތައްޔާރު ވަމުން" އެސްޑީއެފްސީން ބުނެފައިވެއެވެ.

އެ ކޯޕަރޭޝަނުން ހާމަކޮށްފައިވާގޮތުގައި އަލަށް މި އިއުލާނު ކުރެވުނު ސްކީމްގެ އިތުރުން، އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ 2024 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިންގ ދޫކުރަމުންނެވެ. ޖުމްލަ 100 މިލިއަން ރުފިޔާގެ މި ސްކީމަކީ 5 ފިޔަވައްސަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ކަނޑައަޅައި، އަދި ކޮންމެ ފިޔަވައްސެއްގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްގެން ހިންގޭ ސްކީމެކެވެ. ފަށާމަދަދުގެ 2 ފިޔަވައްސެއްގެ އެޕްލިކޭޝަންތައް މިހާރުވަނީ ބަލައިގަނެފައެވެ.

ފުރަތަމަ ފިޔަވަހީގެ ކާމިޔާބީތައް 

ފަށާމަދަދު ސްކީމްގެ ފުރަތަމަ ފިޔަވައްސަށް 2024 ވަނަ އަހަރު ހުޅުވާލައި، މި ފިޔަވަހީގެ ދަށުން 63 ފަރާތަކަށް ލޯނު އެޕްރޫވްކޮށް، ލޯނުގެ ފައިސާ ވަނީ ދޫކޮށްފައިއެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތް ހިމެނެއެވެ. މި ފިޔަވަހީގެ ދަށުން މާލެ ސަރަހައްދު ހިމެނޭހެން 16 އަތޮޅަކަށް މިލޯނު ދޫކޮށްފައިވަނީ، ތަފާތު 13 ބާވަތުގެ ވިޔަފާރި ހަރަކާތްތަކަށެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް، ކާބޯތަކެތި ޓޭކްއަވޭ ޚިދުމަތް، ފުޑް ފެކްޓަރީ، ފެހުން، ސެލޫން، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، އަތްތެރި މަސައްކަތް، ޖިމް އަދި ފިޓްނަސް ސެންޓަރ، މަސް ޕްރޮސެސް ކުރުން، ތައުލީމް ދިނުން، ކްލިނިކް އަދި ހެލްތު ސާވިސަސް އާއި ބޭކަރީ ވިޔަފާރިތައް ހިމެނެއެވެ.

މި ފިޔަވަހީގައި ދޫކުރި ލޯނުތަކުގެ ތެރެއިން %45 ވިޔަފާރިތައް މިހާރު ހިންގަމުންދާއިރު، އެހެނިހެން މަޝްރޫޢުތައް ފެށުމަށް ކުރެވޭ މަސައްކަތްތައް މި ކުންފުނިންގާތުން ބަލައި ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

ދެވަނަ ފިޔަވަހީގެ ކުރިއެރުންތައް

މި އަހަރުގެ ޖޫން 15 އިން އޮގަސްޓް 31 އަށް ހުޅުވާލެވުނު ދެވަނަ ފިޔަވަހީގައި 205 ފަރާތަކުން ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން 47 އެޕްލިކޭޝަން މިހާރުވަނީ ޕްރޮސެސްކުރުމުގެ މަރުހަލާގައެވެ. މިހާތަނަށް 8 ފަރާތަކަށް ލޯނު އެޕްރޫވްކުރެވި، ފައިސާ ދޫކުރަން ފަށާފައިވެއެވެ.

މި ފިޔަވަހީގައި ކަނޑައެޅިފައިވާ 20 މިލިއަން ރުފިޔާގެ އަދަދު ހަމަވުމާއެކު، 110 އެޕްލިކޭޝަން ވަނީ ވެއިޓްލިސްޓްގައި ހިމަނާފައެވެ.

އައު ފައިނޭންސިންގ ސްކީމް

އެސްޑީއެފްސީން ބުނެފައިވަނީ އަންހެނުން ވިޔަފާރިވެރިންނަށް ހާއްސަ އައު ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެންބަރު ފުރަތަމަ ހަފްތާ ތެރޭގައި ކަމަށާއި އެޕްލިކޭޝަން ބަލައިގަންނާނީ މި ކުންފުނީގެ ވެބްސައިޓް www.sdfc.mv ގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށް ކަމަށެވެ. ސްކީމާ ގުޅޭ އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރެވޭނެ ކަމަށެވެ.

މި ސްކީމް ތަޢާރަފުކުރުމާ ގުޅޭގޮތުން އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވެފައިވަނީ މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއް ކަމަށާއި މި ސްކީމްގެ ދަށުން، ފަސޭހަ އަދި ލުއި ގޮތްތަކެއްގެ މަތިން ފައިސާ އަނބުރާ ދެއްކޭނެ ގޮތަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

"މީގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެ. އެފަރާތްތަކަށް މި ފުރުސަތު ލިބިގެންދިއުމާއިއެކު، ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ" އެމްޑީ ވިދާޅުވެފައިވެއެވެ.

މި ސްކީމަކީ އަންހެނުން ވިޔަފާރިއަށް ނުކުތުމަށް ހިތްވަރުދީ އެހީތެރިވުމަށް އެސްޑީއެފްސީން ތަޢާރަފުކޮށްފައިވާ މުހިންމު އިސްނެގުމެއްކަން ފާހަގަކޮށް އެސްޑީއެފްސީން ބުނެފައިވަނީ މީގެ ސަބަބުން އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ގައުމުގެ އިގްތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެކަމަށެވެ.

Advertisement

ކޮމެންޓް