ގްރެފިކް ޑިޒައިނަރު އަތުނުވުމުން ލިލީ ފިލްމުން ޕަވަރޕޮއިންޓްގައި ހެދި ޕޯސްޓަރަށް ބޮޑު ސަމާލުކަމެއް
ނޮވެންބަރު 20ގައި އަޅުވާ ލިލީ ފިލްމުގެ ޕްރޮމޯޝަން ޕޯސްޓަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ލިލީ ފިލްމުގެ އެޑްވާންސް ބުކިންއަށް ހުޅުވާލިކަން އިއުލާނުކޮށް ހަރުކޮށްފައިވާ ޕޯސްޓަރުގައި ވަނީ ޕަވާ ޕޮއިންޓްގެ ސްކްރީން ޝޮޓެކެވެ. ޕޯސްޓަރުގައި ލިޔެފައިވަނީ "ޕޯސްޓަރު ހަދާ ސޮރު ބަލިވެ އުޅޭ" ކަމަށެވެ.
އެހެންވެ މި ޕޯސްޓަރު ހަދާފައިވަނީ ފިލްމުގެ ޕްރަޑަކްޝަންގައި އުޅޭ އެހެން ފަރާތަކުން ކަމުގައި ބެލެވެއެވެ. އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ދައްކަން ފަށާ ދިވެހި ފިލްމު "ލިލީ" ގެ ފުރަތަމަ ޓީޒާ ވެސް އިއްޔެ ވަނީ އާއްމުކޮށްފައެވެ.
އައިޝާ އަލީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޓީޒާ އިންސްޓަގްރާމުގައި އާންމު ކުރިތާ 24 ގަޑިއިރު ނުވަނީސް ބައި މިލިއަން ވިއުޒް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ ޖޫން މަހުން ފެށިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ފިލްމެކެވެ.
އާންމު ކުރި ޓީޒާއިން ފެންނަނީ ވާނުވާ ނޭނގޭ މަންޒަރުތަކެކެވެ. އެގޮތުން އައިޝާގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި، މޭކަޕުން މުޅި މީހާއަށް ގެނަސްފައިވާ ބަދަލުތަކުން އޭނާ ކުޅޭ ކެރެކްޓާގެ ވަރުގަދަކަން ފެނިގެން ދެއެވެ. މުހައްމަދު އިޝްފާންވެސް މި ފިލްމުގައި ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ހުދު ތާކިހަލާއިއެކު ޖުއްބާ ލައިގެން އިޝްފާން ފެނިގެން ދާއިރު އޭނާގެ ރޯލާއިމެދު ގިނަ ސުވާލުތަކެއް އުފެދެއެވެ. މީގެ އިތުރުން ރާއްޖޭގެ ތަޖުރިބާކާރު އެކްޓަރުންގެ ތެރޭގައި ހިމެނޭ މަރިޔަމް ހަލީމް، އަހުމަދު ނިމާލް އަދީ އަލީ ފާރޫގު ފަދަ ތަރިންވެސް ފިލްމުގެ ޓީޒާއިން ފެނެ އެވެ. ހަމަ އެއާއެކު މުހިންމު ރޯލުތަކުން އަހުމަދު ޝާރިފްއާއި މަރިޔަމް ޝިމާވެސް ފެނެ އެވެ.
މިއީ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. މިއީ އޭނާގެ ދެވަނަ ފީޗާ ފިލްމެވެ. މީގެ ކުރިން އަޒްހާން ވަނީ ދަރަކަ އަދި މިރާއީ ފަދަ ކްރައިމް ތްރިލާ ޖޯންރާގެ ވެބް ސީރީޒްވެސް ލިޔެ ޑައިރެކްޓު ކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި ލިލީ އަކީ އޭނާގެ ކުރީގެ މަސައްކަތްތަކަށްވުރެއް ހުރިހާ ގޮތަކުންވެސް މޮޅު މަސައްކަތަމަށް ވާނެ އެވެ. އަދި މިއީ ހަގީގީ ހާދިސާތަކެއްގެ ތެރެއަށް ހިޔާލީ ކަންތައްތަކެއް އިތުރުކޮށްގެން އުފައްދާފައިވާ މަސައްކަތެއް ކަމުން ގިނަ ބަޔަކާއި ގުޅޭނެ ފިލްމަކަށް މި ފިލްމު ވާނެ ކަމަށްވެސް އަޒްހާން ބުންޏެވެ.
ލިލީގެ ފުރަތަމަ ތިން ޝޯގެ އެޑްވާންސް ބުކިންއަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެމީހުންގެ ހޮޓްލައިން 7505079 އަށް ވައިބާ ކޮށްގެން ނުވަތަ book.lilythemovie.com އިންވެސް ޓިކެޓު ބުކް ކުރެވޭނެ އެވެ. ޓިކެޓު ވިއްކަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައިކަމަށް އެފިލްމުން މައުލޫމާތު ދެއެވެ.
މިއީ ކްރިއޭޓިވް ނެޓުވޯކުގެ ބެނާގެ ދަށުން އުފައްދާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަރީހު އެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ސަމާހު އިބްރާހީމް އެވެ.