Advertisement

ސަރުކާރުން ދެނީ ނޭޕާލުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން – ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައިވޭ

09 Sep 2025 | 20:13
ނޭޕާލްގެ ހާލަތު ވަރަށް ގޯސް -


ޖެން-ޒީ މުޒާހަރާއާއި ގުޅިގެން ނޭޕާލުގެ އާއްމު ހާލަތު ގޯސްވެފައިވާއިރު ނޭޕާލުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން އަރުވައިފިއެވެ.

މި ޔަޤީންކަން ސަރުކާރުން އަރުވާފައިވަނީ ޚާރިޖީ ވުޒާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

Advertisement

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާކަމަށާއި އަދި މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ހަނދުމަފުޅުކޮށް އަރުވާކަމަށެވެ.

ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކަރފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރުކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކުރަން 

ސަރުކާރުން ބުނެފައިވެއެވެ.

މީގެ އިތުރުން، ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި މި މިނިސްޓްރީން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވާކަމަށާއި އަދި ހަމައެއާއެކު، ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިއްބެވި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް ބުނެފައިވެއެވެ.

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގައި ތިބި ދިވެހިރައްޔިތުންގެ ކަންކަން ވަރަށް ގާތުން މި މިނިސްޓްރީން ބަލަމުން އަންނަކަން ހާމަކޮށް ދިވެހި ސަރުކާރުން ބުނެފައިވަނީ ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދޭ ކަމަށެވެ.

ގުޅޭނެ ނަންބަރު: 919910040786+

އަދި މީގެއިތުރުން، މިނިސްޓްރީގެ ހޮޓްލައިން ނަންބަރ ކަމުގައިވާ 7983400 އަށް ގުޅޭނެ ކަމުގައިވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް