ކޯރުތައް ފުރި ބަންޑުން ވާތީ ޕާކިސްތާނު ޕަންޖާބުން ދެ މިލިޔަނެއްހާ މީހުން އެހެން ސަރަހައްދުތަކަށް !
އޯގަސްޓް މަހުން ފެށިގެން ބޯކޮށް ވާރޭވެހި ޕާކިސްތާނުގެ ކޯރުތައް ފުރި ބަންޑުންވެ ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނައިރު އެ ނުރައްކާ އިންތިހާއަށް ބޮޑުވާތީ ޕާކިސްތާނުގެ ޕަންޖާބުން ދެ މިލިޔަނެއްހާ ރައްޔިތުން އެހެން ސަރަހައްދުތަކަށް ދަތުރުކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕާކިސްތާނުގެ ޕަންޖާބުގެ އިރުމަތީ ސަރަހައްދު، ޚާއްޞަކޮށް މުޒައްފަރުގަޅާއި މުލްތާން ސަރަހައްދުގެ ބައެއް ކޯރުތައް ފުރި ބަންޑުންވަމުން އަންނައިރު އިތުރު ގިނަ ކޯރުތަކެއް ފުރި ބަންޑުންވެދާނެކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ. އެ ސަރަހައްދުތަކުން މީހުން ސަލާމަތީ އައްސޭރިތަކަށް ގެންދިއުމަށް ޕާކިސްތާނުން ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ބައި މިލިޔަނެއްހާ ރައްޔިތުން އެހެން ހިސާބުތަކަށް ދަތުރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ މަހުން ފެށިގެން ޢަދަދު ބަލާނަމަ 1.8 މިލިޔަން ރައްޔިތުން ސަލާމަތް ހޯދުމަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
މި ފެށުނު ސެޕްޓެމްބަރު މަހު އެކަނިވެސް ފެންބޮޑުވުމުގެ ހާދިސާތަކުގައި ޕަންޖާބުން އެކަނި 46 މީހަކު މަރުވެފައިވެއެވެ. މުޅި ޕާކިސްތާނަށް ބަލާއިރު މި އަހަރުގެ ޖޫން މަހުން ފެށިގެން ފެންބޮޑުވުމުގެ ހާދިސާތަކުގައި 849 މީހަކު މަރުވެ 1،130 މީހަކު ޒަޚަމްވެފައިވެއެވެ.