ވާހަކަ: ލޯބިވޭ އިންތިހާ – ސާޅީސް ނުވަވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ''އޭރު ހުމޭ ބުނިނަމަ ...........'' ނޫރާ ވާހަކަ ދެއްކީ އިސްޖަހާލައިގެން އިނދެއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ސިއްރުކުރަން މަސައްކަތް ކުރަމުން އޭނާ ދެލޯ ފޮހެލިއެވެ. ''ސޮރީ...

26 Jun 2025 | 06:18

ކުރީގެ އަދަދާއި ގުޅޭ...

''އޭރު ހުމޭ ބުނިނަމަ ...........'' ނޫރާ ވާހަކަ ދެއްކީ އިސްޖަހާލައިގެން އިނދެއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ސިއްރުކުރަން މަސައްކަތް ކުރަމުން އޭނާ ދެލޯ ފޮހެލިއެވެ.

''ސޮރީ ނޫރާ......... އޭރު އަހަންނަށް ބުނަން ނުކެރުނީ....... ނޫރާ އަހަރެމެންގެ އެހީތެރިކަން ބޭނުން ނުކޮށްފާނެތީ........ ނޫރާއަށް އެހީތެރިވާން އަހަރެމެން ބޭނުންވާތީ ހަމްޒާގެ ވާހަކަ ނުބުނީ.........'' ހުމޭޒާ ކިޔައިދިނީ ތެދަށެވެ.

''އަހަރެން އެންމެ ސުވާލެއް ކޮއްލަންތަ...........'' ހުމޭޒާ ވިސްނާލަން އިރުކޮޅަކު އިނދެފައި އަހާލިއެވެ. ނޫރާގެ ޖަވާބަކަށް އެތައް އިރަކު އިންތިޒާރު ކުރިއިރުވެސް ނޫރާ ޖަވާބެއް ނުދިނެވެ.

''އަހަރެން އޭރު ހަމްޒާގެ ވާހަކަ ބުނިނަމަ، ނޫރާއަށް އެހީވުމުގެ ފުރުސަތު އަހަރެމެންނަށް ނޫރާ ދޭނަންތަ؟ ...........'' ހުމޭޒާ ވިސްނުންތެރިކަމާއެކު ސުވާލުކޮއްލިއެވެ. ދެންވެސް ނޫރާގެ ޖަވާބެއް ނުލިބުނެވެ. ހަމަ އެއިންގޮތަށް އޭނާ އެބައިނެވެ.

''އަހަރެން ރަށަށްދާން ބޭނުން.........'' އެތައް އިރެއްގެ ހަމަހިމޭން ވަގުތުތަކަކަށްފަހު ނޫރާ ވާހަކަދެއްކިއެވެ. އޭނާ ދެއްކީ ހުމޭޒާ ކުރި ސުވާލާ އެއްވެސް ވަރަކަށް ގުޅުންހުރި ވާހަކަ އެއް ނޫނެވެ.

''ނޫރާ ތިދައްކަނީ ހަމަޖެހޭ ވާހަކައެއްތަ؟.......'' ހުމޭޒާ ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ.

''މިތަނުގައި ދެން އަހަރެން ހުރުމުގެ ބޭނުމެއް ނެތް.......... މިހާރު ބޭނުމީ މިތަނުންދާން.........'' އަސަރުން ފުރިފައިވާ ނޫރާގެ އަޑުގައި އެތައް ރިހުމެއް އެކުލެވިފައިވެއެވެ.

''ނޫރާ....... މީ ނޫރާ ވިސްނާލަންޖެހޭ ވަގުތެއް.......އަހަރެންވެސް ޤަބޫލުކުރަން މިހާލަތުގައި މިތަނުގައި ހުރުން ނޫރާއަށް އެހާ ފަސޭހަ ނުވާނެކަން......... އެކަމަކު ނޫރާވެސް ޤަބޫލު ކުރަންވާނެ.........ނޫރާގެ ދަރިފުޅު އެއޮތީ ހުމާ ފިހިފިހި....... މިހާލުގަ އޮއްވާ، މިފަދަ ރަނގަޅު ހޮސްޕިޓަލެއްގައި ތިބެފަ، ގޮވައިގެން ރަށަށް ދާންވެދާނެތަ........ ނޫރާއަށް ހަމަ ކެރިދާނެތަ އެގޮތަށް ކަންތައްކުރަން؟.........'' ހުމޭޒާ ބެލީ ނޫރާއަށް ވިސްނޭގޮތަށް ވާހަކަދެއްކޭތޯއެވެ. މިވަގުތު ނޫރާގެ ހާލަތު ހުންނާނެ ގޮތާ އޭނާ ދެވަރާނެވަރާ މާޔޫސްވާނެ ވަރު ހުމޭޒާއަށް އެނގެއެވެ.

''ދަރިފުޅު ރަނގަޅުވީމަ ދާވާހަކަ މިބުނީ......... އެކަމަކުވެސް އެހާ ގިނަދުވަހަކު އަހަންނަކަށް ދެން މަޑެއް ނުކުރެވޭނެ..........'' ނޫރާ ދެލޯ ފޮހެލިއެވެ. އޭނާގެ އަޑު ތުރުތުރު އަޅާވަރުން ވާހަކަ ދެއްކެނީވެސް ނިކަން އުނދަގުލުންނެވެ.

''އާނ........ ދަރިފުޅު ރަނގަޅުވީމަ ނޫރާ ހަމަ ދާންވީ........'' ހުމޭޒާގެ ޖަވާބު ކުރުވެފައި ސާދާއެވެ.

''ހުމޭ ......... އަހަންނަށް ހުމޭގެ ފަރާތުން ލިބުނު އެހީތެރިކަން...... ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން........ބަދަލުގައި ހުމޭއަށް އެއްވެސް ކަމެއް ކޮށްނުދެވޭނެތީ ދެރަވަނީ........'' ނޫރާ އިސްއުފުލާ ހުމޭޒާގެ މޫނަށް ބަލާލިއެވެ. އޭރުވެސް އެ ރީތި ދެލޯ ފުރިފައިވަނީ ކަރުނައިންނެވެ. ދެތުންފަތް މަޑުމަޑުން ތުރުތުރު އަޅަމުން ދިޔައީ ހިތަށް ލިބިފައިވާ ހިތާމައިގެ ސަބަބުންކަން ހުމޭޒާއަށް ވަރަށް ސާފުކޮށް އެނގެއެވެ.

އެވަގުތު ނޫރާގެ ފޯނު ރިންގުވާންފެށިއެވެ. ވައިބާ ކޯލެކެވެ. ގުޅަނީ ލަޔާލީއެވެ. ލަޔާލީ އެ ގުޅަނީ ނޫރާގެ މަންމަ ބުނެގެންކަން ނޫރާއަށް އެނގެއެވެ. އެހެނަސް ހުމައިރާ ބަލިކަން އެނގިއްޖެއްޔާ މިހާރަށްވުރެވެސް މަންމަ ދެރަވެ ވިސްނާނެކަން ނޫރާއަށް އެނގެއެވެ. އެހެންކަމުން އޭނާ ބޭނުންވީ މިވަގުތު ފޯނަށް ޖަވާބު ނުދޭށެވެ.

''ނޫރާ ފޯނު.........'' ފޯނު ނޫރާއާ ދިމާއަށް ދިއްކޮއްލަމުން ހުމޭޒާ ކޮޅަށް ތެދުވިއެވެ. ފަހަރެއްގައިވެސް އެތަނުގައި ހުމޭޒާ އިނުމުން ނޫރާ ދައްކަން ބޭނުންވާހަކައެއް ނުދެއްކި އުނދަގޫ ވެދާނެޔޭ ހީވެ އޭނާ ބޭނުންވީ ނޫރާއަތަށް ފޯނުދީފައި ކުޑައިރުކޮޅަކަށް އެތަނުން ބޭރަށް ނުކުމެލާށެވެ. ނޫރާ ފޯނުގައި ހިފުމުގެ ކުރިން އެ ކޯލު ކެނޑުނެވެ.

ފޯނުގެ ގެ އަޑަށް ނިދިފައިއޮތް ހުމައިރާ ދެލޯ ހުޅުވާލިއެވެ. އައިވީ ގުޅާފައިއޮތް އަތް ނޫރާއަށް ދައްކާލަމުން ބޮޑާހާކާ ރޯންފެށިއެވެ. އައިވީ ނައްޓާލަން ބޭނުންވެގެން އުޅޭފަދައަކުން ނޫރާއާދިމާއަށް އަތްދައްކަމުން އެއަތް ހޫރަންފެށިއެވެ. ގަދައަށް ހުން އައުމުގެ ސަބަބުން އެ ދޮން މޫނަށް ވަނީ މަޑުފިޔާތޮށިކުލަ އަރާފައެވެ. ދެ ތުންފަތްވެސް ހީވަނީ ރަތްކަމުން އެހެންކަމެއްހެންނެވެ. ދިގު އެސްފިޔަތައްވަނީ ކަރުނައިގެ ސަބަބުން ތަތްވެފައެވެ. މައުސޫމު މޫނެކެވެ. ރީތިރީތި ދެލޮލެވެ.

ހުމައިރާ ތެދުވާން މަސައްކަތް ކުރަންފެށުމުން ނޫރާ އަވަސްއަވަހަށް ހުމައިރާ ގާތުގައި އޮށޯވެލިއެވެ. ބޮލުގައި އަޅާފައިވާ ތެތް ތުވާލިކޮޅު ރަނގަޅުކޮއްލަމުން، ނޫރާއާ ގާތަށް ހުމައިރާ ޖައްސާލާ ގަޔާލާ ބޮނޑިކޮއްލިއެވެ. ހުންގަދަކަމާ މަންމަގެ ބައްދާލުމުން ލިބުނު އަރާމުގައި ހުމައިރާ ނޫރާގެ ކަނދުރާގައި ކުޑަކުޑަ އަތް އަޅުވާލަމުން ދެލޯމަރާލިއެވެ. އޭރުވެސް ހުމައިރާ ވަރަށް ހުންގަދައެވެ.

ނޫރާގެ ކަނދުރާ ވަށާލާފައިވާ ހުމައިރާގެ ކުޑަކުޑަ އަތްތިލައަށް ބަލަން ހުރި ހުމޭޒާގެ ހިތަށް ތޫނު ތަދެއްގެ އިހްސާސް ކުރެވުނެވެ. އަމިއްލަ ދަރިއެއްގެ ގައިގައި ލޯބިން ބައްދާލަން އޭނާވެސް ބޭނުމެވެ. އެފަދަ ތުއްތު އަތެއްގެ އިހްސާސް ކުރެވެން އޭނާގެ ހިތްވެސް އެދެއެވެ. އެއީ ކިހާ ފޮނި ތަސައްލީއެއް ހިތަށް ލިއްބައިދޭނެ ކަމެއްހެއްޔެވެ. އެހެނަސް ދުވަހަކުވެސް ހުމޭޒާއަށް ދަރިއެއްގެ އުފަލެއް ނުލިބޭނެޔޭ ހިތަށް އެރުމާއެކު ލޮލުން ކަރުނަ ހިލުނެވެ. ހިންދިރުވާލެވުނެވެ.

އެއީ ނުހަނު ހިތްދަތި އިހްސާސެކެވެ. އެ އިހްސާސްގެ ހުރި ހިތްދަތިކަން ތަސައްވަރު ކުރެވޭނީ އެފަދަ ހާލަތެއް މެދުވެރިވެފައިވާ މީހަކަށް އެކަންޏެވެ. ހުމޭޒާ ދުރަށް މޫނު އަނބުރާލިއެވެ. ލޮލަށް ޖަމާވި ކަރުނަ ފޮރުވަން އޭނާ ބޭނުމެވެ. ހިތްވަރު ގަދަ މީހަކަށްވާން އޭނާ ބޭނުމެވެ. މީހާ ފެންނަ ފެނުމަށް ކިތަންމެ ހިތްހަމަޖެހިގެން އުޅޭ މީހެކޭ ހީވިޔަސް ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އެހެން މީހުނަށް ވަންހަނާ ކުރެވިފައިވާ ހިތްދަތި ސަފުޙާތަކެއް ހުންނާނެއެވެ. މޫނުމަތިން ހިނިތުންވުން ދައްކައިގެން، ހިތުން ރޯލަރޯލާތިބެ ދުނިޔޭގެ ޙަޔާތް ވޭތިކުރަމުންދާމީހުންވެސް މަދެއް ނޫނެވެ.

*****

ދެދުވަސް ފަހުން ހުމައިރާގެ ޓެސްޓްތަކުގެ ނަތީޖާ ލިބުނެވެ. ނަތީޖާތައް ދައްކާގޮތުން ހުމައިރާ ވަނީ ޑެންގީއަށް ޕޮސިޓިވް ވެފައެވެ. އެހެންކަމުން ހޮސްޕިޓަލުގައި އިތުރަށް ހައެއްކަ ދުވަހު މަޑުކުރަން ޖެހުނެވެ. ހުމައިރާ ހޮސްޕިޓަލުގައި ބާއްވައިގެން ހޭދަވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމްޒާ އެތަނަށް ގޮހެއް ނަހަދައެވެ. އެހެންނަމަވެސް ފައިސާގެ ގޮތުން ކުރަންޖެހޭ ކޮންމެ ކަމެއް ހަމަޖައްސަނީ އޭނާއެވެ. އެއިން ކަމަކާ އިތުރު މީހަކު ވިސްނާކަށްވެސް ނުޖެއެވެ. ހުމޭޒާ ގެންގޮސްދިނުމާ ގެނައުން ފިޔަވާ ހަމްޒާ ގިނަވަގުތު ހަމްޒާ ހޭދަކުރީ ގޭގައެވެ. ވިޔަފާރީގެ ގިނަ ކަންތައްތަކެއް އަތުން ދޫވެގޮސްފައި ވުމުން އޭނާ ވަގުތުތައް ހޭދަކުރީ އެކަންކަން ހަމަޔަކަށް އެޅުވުމގައެވެ. އޭނާގެ މިޒާޖަށް އައިސްފައިވާ މަޑުމައިތިރިކަން ފާހަގަ ކުރެވޭ ހަމައެކަނި މީހަކީ ހުމޭޒާއެވެ. އަދި އެ މަޑުމައިރި ކަމުގެ ސިއްރު އެނގޭމީހަކީ ވެސް ހަމައެކަނި ހުމޭޒާއެވެ. އެއިންކަމަކާ މާގިނައިން ވާހަކައްކާ  ހަމްޒާއާ ސުވާލުކޮށް ނުހަދަނީ އެކަން ކަމުގެ ސަބަބުން ހަމްޒާއަށް އިތުރު އުދަގުލެއް ވާން ހުމޭޒާ ނޭދޭތީއެވެ.

******

ހުމައިރާ ހޮސްޕިޓަލުން ދޫކޮއްލީ ހަފުތާއެއް ފަހުންނެވެ. ނަމަވެސް އަދި ހަތް ދުވަސް ފަހުން ޓެސްޓްތައް ރިޕީޓް ކުރަންޖެހޭތީ ނޫރާ ޖެހުނީ އިންޑިޔާގައި މަޑުކުރާށެވެ. ރަށަށްގޮސް މަންމައާ ބައްދަލުކޮށްލާން ކިތަންމެ ހިތްއެދުނަސްމެއެވެ.

ދަންވަރުގެ ވަގުތެވެ. ނޫރާއަށް ހޭލެވުނީ ފޯނު އެލާމު ވާންފެށީމައެވެ. ހުމައިރާއަށް ބުއްފުޅި ދޭ ގަޑި ޖެހުނީއެވެ. ބޭސްދޭން ފެށިފަހުން ހުމައިރާއަށް ގަޑިން ގަޑިއަށް ކާންދިނުމާ ބުއްފުޅި ދިނުމަށް އިތުރަށް ސަމާލުވުމަށް ޑޮކްޓަރު އޮތީ ބުނެފައެވެ. އެހެންނޫނަސް ދަންވަރު ދޭންޖެހޭ ބޭހެއްވެސް އެބައޮތެވެ. ގަޑިން ގަޑިއަށް ދޭންޖެހޭ ބޭހެކެވެ.

ނޫރާ ބުރުގާ އަޅާލުމަށްފަހު ބޭރަށް ބޯދިއްކޮއް ވަށައިގެން ހޯދާލިއެވެ. އެއީ އޭނާ އަބަދުވެސް ކަންތައް ކުރާގޮތެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހަމްޒާ ހުއްޓާ އެތަނަށް ނުކުންނަން އޭނާ ބޭނުން ނުވާތީއެވެ. އޭނާ ކޮޓަރިން ނުކުންނަނީ ހަމްޒާ ސިޓިންރޫމުގައި ނޫޅޭ ގަޑިތައް ބަލައިގެންނެވެ.

އެހެން ރޭރެއާ ޚިލާފަށް މިރޭ ސިޓިންރޫމުތެރެ އޮތީ ދިއްލާފައެވެ. ނޫރާ ވަށައިގެން ލޯހިންގާލިއެވެ. މީހަކު ފެންނަންހުރިތޯ ޔަގީންކޮއްލިއެވެ. ކުޑަކޮށް ކޮރާލާފައި ސިޓިންރޫމުގެ ސޯފާއާ ދިމާއަށް ވެސް ބަލާލިއެވެ. ސޯފާހުރީ ހުހަށެވެ. އެހެނަސް އެތަނުގައި ހަމްޒާގެ ލެޕްޓޮޕް އެބަހުއްޓެވެ. ލެޕްޓޮޕް ކައިރީގައި ކަރުދާސްތަކެއްވެސް އެބަހުއްޓެވެ. މަޑުމަޑުން އެނބުރެމުންދިޔަ ފަންކާގެ ވައިން އެކަރުދާސްތަކުގެ އެއްކޮޅު އިރުއިރުކޮޅަކާ ހިއްލިލައެވެ.

މުޅި ގޭތެރެއަށްވެސް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ލެޕްޓޮޕާ ކަރުދާސްތައް ބަހައްޓާފައި ހަމްޒާ ވަދެ ނިދީބާއޭ ނޫރާގެ ހިތަށް އެރިއެވެ. ނޫނީ ކޮންމެވެސް ކަމަކު ކޮޓަރިއަށް ވަނީބާވައެވެ...... އެތަނުގައި ނޫރާ ހުއްޓާ ހަމްޒާ ނުކުމެދާނެޔޭ ހީވެ ހިތްތެޅިގަތެވެ.

ނޫރާ ބޭނުންވީ ހަމްޒާ ކޮޓަރީން ނުކުރުމުގެ ކުރިން އަވަހަށް ބުއްފުޅި ހަދައިގެން އެތެރެއަށް ވަންނާށެވެ. އެހެންކަމުން ބަދިގެއާ ދިމާއަށް އޭނާ ހިނގައިގަތެވެ. ދެތިން ފަހަރަކު ފަސްއެނބުރި ބަލައިވެސް ލެވުނެވެ. ބަދިގެއަށް ވަންނަންހުރި ބިއްލޫރި ދޮރުފަތާ ކައިރިއަށް ޖެހިލުމުން އެތެރޭގައި އިން މީހާ ރީތިކޮށް ނޫރާއަށް ފެނުނެވެ. ނޫރާގެ މެޔަށް ފާޑެއްހގެ ހޫނެއް އަރައިގެން ދިޔައެވެ. އެއީ ހަމްޒާއެވެ. އޭނާ އެ އިނީ ކޮންމެވެސް އެއްޗެއްކާށެވެ.

ނޫރާ ހުރިފިޔަވަޅު މަތީގައި ހުއްޓުނެވެ. އެތެރެއަށް ވަންނަން ދޮރު ހުޅުވާލަން ނެގި އަތް ތިރިކޮށްލުމަށްފަހު އެނބުރިލިއެވެ. އޭނާ ބޭނުންވީ، ވީ އެންމެ އަވަހަކަށް އެތަނުން ދުރަށްދާށެވެ. ކޮޓަރިއަށް ވަންނާށެވެ. ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު އަތުގައި އޮތް ހުސްފުޅިއަށް އޭނާ ބަލާލިއެވެ. ދެން ބަލާލެވުނީ ފާރުގައި ބަހައްޓާފައި ހުރި ގަޑިއަށެވެ. ބުއްފުޅި ދީފައި ނޫނީ ހުމައިރާއަށް ބޭހެއް ނުދެވޭނެއެވެ. މިހާރު ބޭސްދޭ ގަޑި ޖެހިއްޖެއެވެ.

''ނޫރާ.......... ކަމަކުތަ؟...........'' ހަމްޒާގެ އަޑު ނުހަނު ގާތުން އިވުމާއެކު ނޫރާގެ ހިތް ވިރުނު ކަހަލައެވެ. ފިނި ރާޅެއް އޭނާގެ ބޮލުން ފެށިގެން ފަޔާހަމައަށް ދުވެލިއެވެ. އޭނާއަށް ދެލޯމަރާލެވުނެވެ. އެއަޑު ތަކުރާރުކޮށް އޭނާގެ ކަންފަތުގައި ހަރުލައިފިއެވެ. ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ.

''ބުއްފުޅި ހަދަންދޯ........ އޯކޭ އަހަރެން މި ދަނީ........... ނޫރާ ވަދޭ ........'' ހަމްޒާ ހުރީ ނޫރާޔާ ނުހަނު ގާތުގައިހެން ހީވެއެވެ. ނޫރާއަށް އެކަން ޔަގީންވީ ނޭފަތުގައި ޖެހުނު ވަހުގެ ސަބަބުންނެވެ. އެވަސް އޭނާގެ ސިކުޑީގެ ހިމަނާރުތަކާ ހަމައަށް ފޯރައިފިއެވެ. އެއީ އެ ހިތްގައިމު ވަހެވެ. ނޫރާގެ ހިއްސުތަކާ ކުޅެލާ ސެންޓުގެ މީރުވަހެވެ. އެހެނަސް މިރޭ އެ ވަހުގެ ސަބަބުން ނޫރާ ކުއްލިޔަކަށް ހަނދާންވީ އޭނާގެ މަރުވެފައިވާ ފިރިމީހާގެ މަތިންނެވެ. އެއީ ލަޔާލުގެ ގަމީސްތަކުން ދުވާ މީރުވަހެވެ. ނޫރާޔާ ލަޔާލް ކައިރިވެލާ ކޮންމެ ފަހަރަކު އެވަސް ދުވައެވެ.

ދުނިޔެއަކީ ހާދަހާވާ ނާއިންސާފުތަނެކެވެ. ލަޔާލް ކައިރިވެލާހިނދު އެވަސް ދުވި ކޮންމެ ފަހަރަކު ހަމްޒާ މަތިން ނޫރާ ހަނދާންވިއެވެ. އެހެނަސް މިރޭ ތަފާތެވެ. ކަންތައްވީ މުޅިން އިދިކޮޅަށެވެ. ........

އެތައް އިރަކު ދެލޯ މަރާލައިގެން ނޫރާހުއްޓެވެ. ދެން މަޑުމަޑުން ލޯ ހުޅުވާލިއެވެ. ސިއްރުސިއްރުން ލޮލުގެ ހިމަކޮޅަށް ކަޅި ގެންގޮސް އޭނާ ބަލާލިއެވެ. އެތަނުގައި އަދިވެސް ހަމްޒާ ހުރެދާނެކަމަށެވެ. އެހެނަސް މިހާރު އެތަނުގައި ހުރީ ހަމައެކަނި ނޫރާއެވެ. ހަމްޒާއެއް ނެތެވެ. ނޫރާ އިސްއުފުލާ ވަށައިގެން ހޯދާލިއެވެ. އޭނާގެ ދެލޯ އެހޯދަނީ ހަމްޒާއެވެ. ވަކި ބޭނުމަކު ނޫނަސް އޭނާއަށް ބަލާލެވުނީ ހަމްޒާ ކޮބައިތޯއެވެ.

ހަމްޒާ ސޯފާގައި އިންތަން ފެނުމުން، މޭގައި އަތް ޖައްސާލަމުން ނޫރާއަށް ފިނި ނޭވާއެއް ބޭރުކޮއްލެވުނެވެ. އަދި ބަދިގެއަށް ވަންނަންހުރި ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ދެމިގަތެވެ. ބުއްފުޅި ތައްޔާރު ކުރުމުގައި ނޫރާ އަވަސްވެގަތަސް ސިކުނޑިވަނީ ހަލަބޮލިވެފައެވެ.  ނަތީޖާއެއްގެ ގޮތުން އޭރުވެސް އޭނާގެ ހިތް ނެގިނެގިފައި ޖެހެއެވެ. އަތް ތުރުތުރު އަޅާވަރުން އެއްޗެއްގައި ހިފޭވަރެއްވެސް ނޫނެވެ. އެހެންވާންވީވެސް ކީއްވެހެއްޔެވެ. ނޫރާ ދެއަތަށް ބޯ ހޫރާލަމުން ޚިޔާލުތައް އެއްފަރާތް ކޮއްލެވޭތޯ ބެލިއެވެ.

ފެންފޮދު ހޫނުކޮށްލުމަށްފަހު އޭނާ ޖެހިލީ ސިންކު ކައިރިއަށެވެ. އުނދުންކައިރީ ހުރި ތަންކޮޅު ކުޑަވެފައި، ބުއްފުޅިއަށް ފެންއަޅާއިރު އެތަނަށް ފެން އެޅިދާނެތީއެވެ. ސިންކުމަތީ ހުރި ހުސްތަނުގައި ފުޅި ބެހެއްޓުމަށްފަހު ނޫރާ ހޫނު ފެންފޮދު ފުޅިއަށް އަޅަންފެށިއެވެ. އެވަގުތު ބޭރުން ކޮންމެވެސް ޖަނަވާރެއް ނިކަން ބާރަށް ހޭރިގަތް އަޑުއިވުނެވެ. ނޫރާ ސިއްސައިގެންދިޔަވަގުތު އަތަށްއެރި ލޮޅުމުގައި، ހޫނުފެން އެޅުނީ ބުއްފުޅީގައި ހިފަހައްޓައިގެންހުރި އަތުގެ އިނގިލިތަކަށެވެ. ވީހޫނާ ނަގައިގަތް ދިލައިގެ ސަބަބުން ހިފަހައްޓައިގެންހުރި ތެލި އަތުން ދޫވެއްޖެއެވެ. ތަޅުންގަޑުމައްޗަށް ހޫނުފެނާއެކު ތެލި ވެއްޓިއްޖެއެވެ. މުޅި ތަނަށް ހޫނުފެން ބުރައިގެން ދިޔައެވެ.

''އާހް.........'' ދަންވަރުގެ ހަމަހިމޭންކަމުގެ ތެރެއިން، ނޫރާގެ އަނގައިން ބޭރުވީ އާހްގެ އަޑު ހަމްޒާގެ ކަންފަތާ ހަމައަށް ސާފުކޮށް ފޯރައިފިއެވެ. ހަމްޒާގެ ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ހިތަށް ލިބުނު ކުއްލި ސިހުމުގައި ހަމްޒާއަށް އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. ބަދިގެއާ ދިމާއަށް ހަމްޒާއަށް ދުއްވައިގަނެވުނެވެ. ބަދިގޭ ދޮރު ހުޅުވާލާފައި އޭނާ އެތެރެ ބަލާލިއެވެ. އޭރު ނޫރާ އެއްއަތުން އަނެއް އަތުގައި ހިފަހައްޓައިގެން ހުރެ އަތްތިލަ ތަޅުވަމުން ދިޔައެވެ. ދެލޯ މަރާލައިގެން ހުރި އިރު އެ މޫނުމަތިން ތަދާއި ވޭން ނިކަން ރަނގަޅަށް ފެންނަން ހުއްޓެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 01 ޖުލައި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް