''އަހަރެން ...... ނެތްދުވަހެއްގައި..... ނޫރާ ބަލާދޭތި......... އަދި ......... އަހަރެންގެ......... ދަރިފުޅުވެސް.........'' ލަޔާލް ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ތެރެއިން ހަމްޒާގެ މޫނަށް ލަޔާލް ބަލާލިއެވެ. އެއީ އާދޭހާއި ވޭން އެކުލެވިގެންވާ ބެލުމެކެވެ. ހިތަށް އަސަރުކުރުވާފަދަ ހިތްދަތި ބެލުމެކެވެ.
''ލަޔާލް ........'' ހަމްޒާއަށް ބުނެވުނީ އެވަރަށެވެ. އޭނާ ބުނަން ބޭނުންވާ ވަރަށް ބުނާނީ ކޮން ދުލަކުންހެއްޔެވެ.
ކުއްލިއަކަށް ލަޔާލް ނޭވާލާން އުނދަގޫވެގެން ތެޅިފޮޅެން ފެށިއެވެ. ޑޮކްޓަރުންނާ ނަރުހުން އެތަނަށް އަތުވެއްޖެއެވެ. މެޝިންގެ އަޑުތައް ގަދަވެއްޖެއެވެ. ޑޮކްޓަރުން މަސައްކަތް ކުރިއެވެ. އެހެނަސް ފުރާނައަކީ ވަކި ފަރާތެއްގެ މިލްކެކެވެ. ފަރުވާދެމުން ދަނިކޮށް ލަޔާލް އަބަދުގެ އަބަދަށް ލޯމަރާލިއެވެ.
''އިންނާ ލިއްލާލި '' ހުމޭޒާގެ އަނގައިން މި ލަފުޒު ބޭރުވުމާއެކު ނޫރާ އަރިއަޅާލައިފިއެވެ. ނޫރާގެ އަތުގައި ހިފަން އެއްލިއަތުން ނުހިފެނީސް ނޫރާ ވެއްޓިއްޖެއެވެ. އޭނާ އަނބުރައިގަތީއެވެ.
''ނޫރާ..........'' ހަމްޒާއަށް ހަޅޭއްލަވައިގެނެވުނީ މާ ބާރަށެވެ. ހުމޭރާ ބިރުން ރޯންފަށައިފިއެވެ. މުޅި އެތަނުގެ އެތެރެ ހަލަބޮލި ވެއްޖެއެވެ. ހިތާމައާ ހާސްކަމުގެ ސަބަބުން ކުރަންވީ ކަމެއް ހުމޭޒާއަކަށް ނޭނގުނެވެ. ހުމައިރާ ގޮވައިގެން އޭނާ އެތަނުން ބޭރަށް ނުކުތީ ހުމައިރާ ރުއިން ހުއްޓާލާތޯއެވެ.
ހަމްޒާ އޭނާގެ ސިކުޑި ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ވެއްޓިފައިއޮތް ނޫރާ ގާތަށް ޖެހިލިއެވެ. ކޮންމެވެސް ސަބަބަކާހުރެ ހަމްޒާގެ ދެއަތް ތުރުތުރު އަޅަމުން ދިޔައެވެ. ދެއަތް އެކަންޏެއް ނޫނެވެ. މުޅި މީހާވެސް ހީވަނީ ތުރުތުރު އަޅާހެނެވެ.
''އަވަސްކުރޭ.......'' ގާތުގައި ހުރި ނަރުސްކުއްޖާ ނޫރާ އޮތްތަނަށް ތިރިވެލަމުން ދެން ހުރި ކުއްޖާއަށް އިޝާރާތްކުރިއެވެ. އަވަސްފަރުވާދޭން ފެށުމާއެކު ދާދި އަވަހަށް ނޫރާއަށް ހޭއަރައިފިއެވެ. ލޯ ހުޅުވާލުމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ.
''ލަޔާލް........'' ނޫރާ ދުއްވައިގަތެވެ. ލަޔާލް އޮތް އެނދުކައިރިއަށް ހުއްޓެމުން ނޫރާ ރޯންފެށިއެވެ. ގިސްލަމުންގޮސް ލަޔާލްގެ މޫނާއެކު ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު އޭނާ ދަމައިގަތެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން ލަޔާލްގެ މޫނުގައި ނޫރާ އަތް ޖައްސާލިއެވެ. އެހިނދު އޭނާގެ ރުއިން އޭނާއަކަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ލަޔާލްގެ މޭމައްޗަށް ތިރިވެވުނީ ބޭއިޚްތިޔާރުގައެވެ. ލަޔާލްގެ މޭމަތީގައި މޫނުޖައްސައިގެން އޮވެ ނޫރާ ބާރަށް ރޯންފެށިއެވެ. ވޭނާއި ކެކުޅުމާ އިންތިހާ ހިތްދަތިކަން އެ ރުއިމުގައި އެކުލެވިފައިވެއެވެ. އެއީ ހިތްފަޅައިގެންދާފަދަ މަންޒަރެކެވެ.
އެ މަންޒަރު ބަލާކަށް ހަމްޒާގެ ހިތަކަށް ކެތެއް ނުވިއެވެ. އެވަރަށް ނޫރާ ރޯއިރު ބަލަން ހުރުމަކީ އޭނާގެ ހިތަށް ކުޅަދާނަކަމެއް ނޫނެވެ. ހަމްޒާ މަޑުމަޑުންގޮސް ހުއްޓުނީ ނޫރާ ކައިރީގައެވެ. ރޮމުން ގިސްލަމުންދިޔަ ނޫރާގެ ގައިގައި އަތްޖައްސާލަން ދިއްކޮއްލި އަތް ދަމައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ނޫރާގެ ހަށިގަނޑުގައި އަތްލުމަކީ ހަމްޒާއަށް ކުރަން އުނދަގޫކަމެކެވެ.
ނޫރާ ގާތުގައި ނުރޯށޭ ބުނަން ހަމްޒާ ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު އޭނާގެ ދޫ ވަނީ ތަޅުލެވިފައެވެ. އެސްފިޔަވެސް ޖަހާނުލާ ބަލަހައްޓައިގެން ހުރިއިރު އެ ހިތަށް ކުރަމުންދިޔަ އަސަރު އެދެލޮލުން ފެންނަމުންދިޔައީ ކަރުނައިގެ ސިފައިގައެވެ.
********
ލަޔާލްގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމަކަށް ދައްކަންޖެހޭ ފައިސާ ހަމްޒާ ދެއްކިއެވެ. ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމެއްގައި ސޮއިކުރީވެސް ހަމްޒާއެވެ. ހީކުރިވަރަށްވުރެ އަވަހަށް ހުރިހާ ކަމެއްވެސް ހަމަޖެހުނެވެ.
ހުމޭޒާގެ ގާތުގައި ނޫރާ އިށީދެލައިގެން އިނެވެ. އެމީހުން އިންތިޒާރު ކުރަމުން ދިޔައީ ލަޔާލް ހިނެވުމުގެ ކަންތައް ނިމޭނެ އިރަކަށެވެ. އެންމެ ފަހުފަހަރަށް ލަޔާލްގެ މޫނު ދެކިލުމަށެވެ.
އެތަނުގައި އިންއިރުވެސް ނޫރާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ދެލޮލުން އޭރުވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދެއެވެ. ހުމައިރާ އޮތީ ހުމޭޒާގެ އުނގުމަތީގައި ނިދާފައެވެ. އެ ތުއްތު ފުރާނައަށް އެތަނުގައި ހިނގި އެއްވެސް ކަމެއް އެނގޭހެނެއް ހިޔެއް ނުވެއެވެ. މައުސޫމު ކަމާއެކު ނިދާލާފައި އޮތް އިރު، ޔަތީމުވީކަމުގެ އެއްވެސް އިހްސާސެއް އެމޫނުމައްޗަކުން ނުފެނެނެއެވެ. ނުހަނު ލޯބިކޮށް ނިދާލާފައި އޮތެވެ. ދެން ދުވަހަކުވެސް ބައްޕަ ނުފެންނާނެކަން އެ ކުޑަކުޑަ ހިތަށް ވިސްނޭވަރަށްވުރެ އަދި މާ ޅައެވެ. ކޮންފަދަ އިމްތިހާނެއްތޯއެވެ. ބައްޕަގެ ޙިމާޔަތުގައި ބޮޑުވާނެކަމަށް އުންމީދު ކުރިޔަސް އެ ފުރުސަތު ހުމައިރާއަށް ގެއްލިއްޖެއެވެ. ތަޤްދީރުގައި ވާންހުރި ގޮތްވެ ނިމިއްޖެއެވެ.
''މޫނު ދައްކާ ވަގުތު ޖެހިއްޖެ.......ހިނގާ ދަމާ.........'' ހަމްޒާގެ އަޑު އިވުނީ ނުހަނު ގާތުންނެވެ. އެހެނަސް އެއަޑު އިވުނީ ހަމައެކަނި ހުމޭޒާއަށެވެ. ނޫރާއަށް އެއްވެސް އަޑެއް ނީވޭ ކަހަލައެވެ. ނޫނީ ހަމްޒާ މާ މަޑުން ބުނީތީ ހަމަ ހަޤީގަތުގައިވެސް ނޫރާއަށް އެ އަޑު ނީވުނީ ކަމުގައިވެސް ވެދާނެއެވެ.
''ނޫރާ ހިނގާ..........'' ހުމައިރާ ނަގާ ކޮނޑުމަތީގައި ބާއްވާލަމުން ހުމޭޒާ ނޫރާގެ އަތުގައި ހިފާލިއެވެ.
ނޫރާއެކޭ ޗާބީދީފައިހުރި ބުދެކޭ އެއްގޮތެވެ. ހުމޭޒާ ދެތުވާށޭ ބުނުމުން އޭނާ ތެދުވިއެވެ. އަތުގައި ހިފައިގެން ހިގައިގަތުމުން ހުމޭޒާއާ އެއްވަރަށް ހިނގައި ގެންފިއެވެ. އެހެނަސް އޭނާ އެއްވެސް މީހަކާ ދިމާއަކަށް ނުބަލައެވެ. އިސްޖަހާލައިގެން އެ ހުރިގޮތަށްހުރެ ކުރިއަށް ހިނގައިގަތީއެވެ.
ކަފުނުގައި އޮތް ލަޔާލްގެ ގާތަށް ހުއްޓުމަށްފަހު ނޫރާ އިސްއުފުލާ ބަލާލިއެވެ. ކަރުނައިން ފުރިފައިވާ ލޮލަކުން އޭނާގެ ފިރިމީހާގެ މޫނަށް ނޫރާ ނަޒަރު ހުއްޓާލިއެވެ. ޙަޔާތުގައި ދެން އެ މޫނު ފެނުމެއް ނެތޭ ހިތަށް އެރުމާއެކު އޭނާގެ ހިތް ހީވީ ހުއްޓުނުހެންނެވެ. ހިތަށް ކުރިއަސަރުން ބާރަށް ރޮއިގަނެވުނެވެ.
ހަމަ ހަޤީގަތުގައިވެސް ލަޔާލް މަރުވީ ހެއްޔެވެ؟....... ނޫރާ ދޫކޮށް އަބަދުގެ އަބަދަށް ވަކިވީހެއްޔެވެ....... ނޫރާއަށް ޤަބޫލުކުރަން އުނދަގޫވަނީއެވެ.......'' އެތަށް އިރަކު ރުއިމަށްފަހު ނޫރާ ދެލޯ ފޮހެލިއެވެ.
''އެއީ ކިހާ މާތް އިންސާނެއްހެއްޔެވެ؟....... ދުވަހަކުވެސް ނޫރާ ދެރަވާފަދަ ބަހެއް ލަޔާލް ނުބުނެއެވެ...... ނޫރާއަށް އޯގާތެރިވިއެވެ....... ލޯބި ދިނެވެ....... ޤަދަރުކުރިއެވެ........ އަޅާލުމާ ކުލުނާއެކުގައި މެނުވީ އެންމެ ބަހެއްވެސް ނުބުނެއެވެ....... ކެތްތެރިކަމުގެ ނަމޫނާއެކެވެ....... ޝަކުވާއެއް ނުކުރެއެވެ........ ރުޅިއައުމަކީ ނުވެސް ދަންނަކަމެކެވެ......... މަޑުމައިތިރިކަމާ ހިތްތިރިކަމެވެ.......ދަރިފުޅުދެކެ ހިތާ ފުރާނައިން ލޯބިވީ ހެޔޮލަފާ ބައްޕައެކެވެ...... '' ނޫރާގެ ސިކުނޑިއަށް ސިފަވަމުން ދިޔައީ ލަޔާލްއާ އެކު ހޭދަކުރެވުނު ވަގުތުތަކެވެ. ލޯބިން ނޫނަސް އެކުގައި ހޭދަކުރެވުނު ވަގުތުތަކަކީ ލަޔާލްގެ ފަރާތުން ލޯތްބާ އުފާލިބުނު ވަގުތު ތަކެކެވެ. ގިނަފަހަރަށް އެއްޗެއްގެ ނުވަތަ މީހެއްގެ އަގު ވަޒަން ކުރެވޭނީ ބީވެ ދިއުމުންނެވެ.
*********
''ހިނގާ ދެން ގެއަށް ދަމާ..........'' ހުމޭޒާ އެދުނީ ނުހަނު އޯގާތެރިކަމާއެކުގައެވެ. ލަޔާލްގެ ހަށިގަނޑު ވަޅުލަން ހަމަޖެހިފައިވާ ސަހަރާއަށް ގެންދިޔަތާވެސް މިހާރު ކިތަންމެ އިރެކެވެ. އަދިވެސް ނޫރާ އެއިންނަނީ ހޮސްޕިޓަލުގައެވެ. ލަޔާލް އެންމެ ފަހުން އޮތް ރޫމުކައިރީގައި ހުރި ގޮނޑިއެއްގައެވެ.
''މިހާރު މެންދަމުން އަލިވަނީ..... ހުމައިރާއަށް ވެސް ރީތިކޮށް ނިދާލެވޭނީ ދެން ގެއަށްދިޔައިމަ.......'' ނޫރާގެ ގާތުގައި އިނދެގެން ހުމޭޒާ ވިސްނައިދޭތާ ކިތަންމެ އިރެކެވެ. ހުމޭޒާ އާދޭސް ކުރާވަރުން، ނޫރާ ތެދުވިއެވެ. ހޮސްޕިޓަލުގައި ގެންގުޅުނު އެމީހުންގެ ފޮށި ހިފައިގެން މަޑުމަޑުން ހުމޭޒާގެ ފަހަތުން ހިނގައިގަތެވެ. ހިނގާނެހާ ހިތްވަރު ނޫރާގެ ގައިގައި ނެތަސްމެއެވެ.
***********
އާ ދުވަހަކަށް އިރުއަރައިފިއެވެ. ފަތިހުގެ ފިނިކަން ކަނޑުވަމުން އުދަރެހުން ފާޅުވި އިރުގެ އަވިން ދުނިޔެ ހޫނުކުރުވަމުން ދިޔަވަގުތެވެ. ހިތާމައާ މޮޅިވެރިކަމުގައި ދެއަތަށް ފުރޮޅި ފުރޮޅި އޮތް ނޫރާއަށް ނިދުނު އިރެއް ނޭނގެއެވެ. އޭނާއަށް ހޭލެވުނީ ގާތުގައި ނިދާފައި އޮތް އޭނާގެ ދަރިފުޅު ރޯން ފެށުމުންނެވެ.
''އަސްތާ.......'' ހުމައިރާގެ ގައިގައި އަތް ޖައްސާލުމާއެކު ނޫރާއަށް އަތްދަމައިގަނެވުނެވެ. ހުން ގަދަކަމުން ހުމައިރާ ހީވަނީ ފިހިދާނެހެނެވެ. މީގެ ކުރިން ދުވަހަކުވެސް މިހާގަދަ ހުމެއް ނާދެއެވެ.
ނޫރާ އިންތިހާއަށް ކަންބޮޑުވިއެވެ. ހަދާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ނޫރާ އަވަސްއަވަހަށް ބުރުގާއެއް ބޮލަށް ވައްޓާލުމަށްފަހު ދަރިފުޅު އުރާލިއެވެ. އެތައް މަސައްކަތެއް ކުރުމުންވެސް ހުމައިރާ ރުއިން ހުއްޓާލާ ގޮތެއް ނުވިއެވެ. ހިނދެއް ހިނދަކަށް ރުއިން ދިޔައީ ގަދަވަމުންނެވެ.
އެންމެފަހުން ނޫރާ ނިންމީ ހުމޭޒާއަށް ގޮވާށެވެ. އެހީތެރިކަމަށް އެދެން ހުރީ ހަމައެކަނި ހުމޭޒާއެވެ. ދަރިފުޅު ގޮވައިގެން ނޫރާ ކޮޓަރިން ބޭރަށް ނުކުތެވެ. ފުރަތަމަވެސް ނޫރާގެ ލޮލުގައި އަޅައިގަތީ ސިޓިން ރޫމު ސޯފާގައި އިން ހަމްޒާއެވެ. އޭނާ އިނީ ކޮފީތައްޓެއް ހިފައިގެންނެވެ. ކުރިމަތީގައި ހުރި ކުޑަމޭޒު މަތީގައި ލެޕްޓޮޕް ހުޅުވާފައި ހުއްޓެވެ. އޭނާ އިނީ ލެޕްޓޮޕުން ކޮންމެވެސް ކަމެއް ކުރާށެވެ.
ހަމްޒާ ފެނުމާއެކު ނޫރާ އަވަސްއަވަހަށް ކޮޓަރިތެރެއަށް ދެމިގަތެވެ. އެވީގޮތް ހަމްޒާއަށް ވިސްނުނެވެ. ހަމްޒާ އިންނަ ތާކަށް ނޫރާ އަންނަން ބޭނުން ނުވާނެކަމާ މިވަގުތު ނޫރާގެ އިހްސާސްތަކާ އޭނާ ކުރަމުންދާ ހިތާމަ ހަމްޒާއަށް ރަނގަޅަށް އެނގެއެވެ. ކެނޑިނޭޅި ނޫރާގެ ދަރިފުޅު ރޯއަޑު އިވޭތީ ހަމްޒާ ކަންބޮޑުވިއެވެ.
''ތުއްތާ......... '' ހުމޭޒާގެ ކޮޓަރި ދޮރުގައި އަތުން ޖަހާލަމުން ހަމްޒާ ގޮވާލިއެވެ. މިވަގުތު ނޫރާއަށް އެހީތެރިވެވޭނެ މީހަކީ ހަމައެކަނި ހުމޭޒާ ކަން ހަމްޒާއަށް ވިސްނެއެވެ.
ގަދަ ނިދީގައި އޮތް ހުމޭޒާއަށް ހަމްޒާ ގޮވާއަޑު އިވުނީ އެތައް އިރަކު ގޮވިފަހުންނެވެ. ވާނީވެސް އެހެންނެވެ. ރޭގައި ނިދުނުލަތް ލަސްވެފައި ވެފައި ހުރި ވަރުބަލީގެ ސަބަބުން އޭނާއަށް މާދަގައަށް ނިދުނީއެވެ.
*******
ހޮސްޕިޓަލަށް ދިއުމަށްޓަކައި ހުމޭޒާއާ އެކު ނޫރާ ކާރަށް އަރައިފިއެވެ. ދުއްވަން އިނީ ހަމްޒާއެވެ. ދަތުރުމަތީގައި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ކާރު ދުއްވާލިތާ ކުޑަ އިރުކޮޅޭއްގެ ތެރޭގައި ހުމައިރާވެސް ނިދައިފިއެވެ. ހީވާގޮތުން ހުން ގަދަކަމުން ނިދުނީއެވެ.
ޓެސްޓް ތައް ހަދަން ޖެހޭތީ ހޮސްޕިޓަލުގައި ހުމައިރާ އެޑްމިޓަކުރިއެވެ. އައިވީއެއް ގުޅިއެވެ. ރޮއިރޮއި އޮއްވާ ގަދަކަމުން އިންޖެކްޝަނެއްވެސް ޖަހައިފިއެވެ. ނޫރާގެ ލޮލުން ކަރުނަހިކޭ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ.
''ދެން ތިހެން އަބަދު ރޯކަށް ނުވާނެ......... ހިތްވަރު ކުރަންވާނެ....... ކެތްތެރިވާންވާނެ......... ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއް............'' ހުމައިރާ ބާއްވާފައި އޮތް އެނދުގައި އިށީދެގެން އިން ނޫރާގެ ބޮލުގައި ފިރުމާލަމުން ހުމޭޒާ ވާހަކަދެއްކިއެވެ.
''އާނއެކެވެ. މީ ކިހާބޮޑު އިމްތިހާނެއް ހެއްޔެވެ. ހިތް ނޭނދޭ އެތައް ކަމަކާ މިއަދު ނޫރާ ކުރިމަތިލާން ޖެހިއްޖެއެވެ........ އެކަމަކު އިންސާނުންނަށް ކެތް ކުރެވޭނީވެސް ވަކިވަރަކަށެވެ. .....'' ނޫރާ ހިތާހިތާ ކިޔާލިއެވެ.
''ހުމޭ ކީއްވެ ކުރިން ނުބުނީ ...........'' އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނޫރާ ގިސްލުމުގެ ތެރެއިން ވާހަކަދެއްކިއެވެ.
''ކީކޭ........ ކޮންވާހަކައެއް ނުބުނީތަ........'' ހުމޭޒާއަކަށް ނޫރާ އެބުނި އެއްޗެއް ނޭނގުނެވެ.
''ހުމޭގެ ކޮއްކޮއަކީ..........'' ނޫރާ ބުނީ އެވަރަށެވެ. ހަމްޒާގެ ނަން ކިޔަން އޭނާއަށް އުނދަގޫވީ ކަމެއް ނޫނީ ގަސްދުގައި އެނަން އޭނާ ކިޔަން ބޭނުން ނުވީކަމެއް ނޭނގެއެވެ.
''އާނ....... އެއީ ........ '' ހުމޭޒާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ބުނާނީވެސް ކީކޭހެއްޔެވެ. މިގޮތަށް ކަންތައްތައް ބަދަލުވެދާނެކަމަކަށް އޭރު ހީކުރެވިފައެއް ނެތެވެ.
''އޭރު ހުމޭ ބުނިނަމަ ...........'' ނޫރާ ވާހަކަ ދެއްކީ އިސްޖަހާލައިގެން އިނދެއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ސިއްރުކުރަން މަސައްކަތް ކުރަމުން އޭނާ ދެލޯ ފޮހެލިއެވެ.
''ސޮރީ ނޫރާ......... އޭރު އަހަންނަށް ބުނަން ނުކެރުނީ....... ނޫރާ އަހަރެމެންގެ އެހީތެރިކަން ބޭނުން ނުކޮށްފާނެތީ........ ނޫރާއަށް އެހީތެރިވާން އަހަރެމެން ބޭނުންވާތީ ހަމްޒާގެ ވާހަކަ ނުބުނީ.........'' ހުމޭޒާ ކިޔައިދިނީ ތެދަށެވެ.
''އަހަރެން އެންމެ ސުވާލެއް ކޮއްލަންތަ...........'' ހުމޭޒާ ވިސްނާލަން އިރުކޮޅަކު އިނދެފައި އަހާލިއެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 26 ޖޫން، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް