''ނޫރާ މަނާކުރީ........ ނޫރާ ބޭނުމެއް ނުވި ހަމްޒާއަށް އެކަން އަންގާކަށް....... ހަމްޒާގެ މަންމަގެ ފުރާނައިގެ ހައްޤުގަ......... ހަމްޒާ ދެކެވާ ލޯބީގެ ހައްޤުގަ......... ނޫރާވީ ޤުރުބާނީއެއް ......... ރޮމުން ގިސްލަމުން.............. އެފަކީރު ހާދަ ހިތާމެއް ކުރިއޭ.......ހަމްޒާގެ މަންމަގެ ފުރާނައަށް ނޫރާގެ ސަބަބުން ގެއްލުމެއް ލިބެން ނޫރާ ބޭނުން ނުވީ........ ހަމަ ހަމްޒާއަށް ޓަކައި......ހަމްޒާ ދެކެވާ ލޯބީގެ ހައްޤުގަ......'' އަސަރާއެކުގައި ލަޔާލް ޖުމުލަ ނިންމާލިއެވެ. ލަޔާލަށް މިއަދުވެސް އެ މަންޒަރުތަށް ފެންނަކަހަލައެވެ.
''ފުރާނައަކީ އަހަރެމެންގެ ބާރުގެ ދަށުގައިވާ ކަމެއްނޫންކަން އަހަރެންގެ ބައްޕައަށް މިހާރު އެނގޭނެ............'' ހަމްޒާ އެހެން ބުނުމަށްފަހު ގޮނޑިން ތެދުވިއެވެ. އަދި އެތަނުން ނުކުމެގެން އޭނާގޮސް ހުއްޓުނީ ކައުންޓަރު ކައިރީގައެވެ.
ހަމްޒާ ނުކުތުމުން ލަޔާލް ލޯމަރާލިއެވެ. ހަމްޒާއަށް ނާންގާނެކަމަށް، ނޫރާކައިރީ ލަޔާލް ވަޢުދުވެފައިވާ ހުރިހާ ވާހަކައެއްވެސް ހަމްޒާ އަށް ކިޔާދެވިއްޖެއެވެ. އެކަމާ އޭނާ ދެރަވެއްޖެއެވެ. ލޯ މަރާލައިގެން އޮތްއިރު އެސްފިޔަތަށްތެރެއިން ފުރޭނިގެން ފޭބި ކަރުނަތިކި ލަޔާލް ބޯއަޅައިގެން އޮތް ބާލީސް ތެރެއަށް ވަދެ ހިނދުނެވެ. އެގޮތަށް އެތައް ކަރުނަތިއްކެއް އެބާލީސްތެރެއަށް މިރޭ ހިނދިއްޖެއެވެ. އެއީ ހިތެއްގައި ރިހޭ ރިހުމެއްގެ ސަބަބުން އޮހޮރޭ ވޭނީ ކަރުނައެވެ.
ނޫރާއަށް އެކަން އެނގިއްޖެނަމަ ލަޔާލްއަށް އޮތް އިތުބާރު ގެއްލޭނެތީވެސް އޭނާ ކަންބޮޑުވިއެވެ. އެވާހަކަތަށް ހަމްޒާއަށް ކިޔައި ނުދެވުނުނަމައޭ ލަޔާލްގެ ހިތަށްއެރިއެވެ. އެހެން ހިތަށް އެރުމާއެކު ،އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.
އެފަދަ އެތައް ޚިޔާލު ތަކެއްގެ ސަބަބުން ލަޔާލްގެ ސިކުނޑި ވަނީ ހަލަބޮލި ވެފައެވެ. އެތައްބައިވަރު ވަހުމު ތަކެއް އެ ސިކުނޑީގައިވަނީ އުފެދިފައެވެ. ލަޔާލް ދެއްކި ވާހަކަތަށް ހަމްޒާ ޤަބޫލު ކުރާނެ ބާވައެވެ. އޭނާ އަދިވެސް ހުންނާނީ ލަޔާލްދެކެ ހިތްހަމަ ނުޖެހިފައިބާވައެވެ. ލަޔާލްއަކީ އެހާ ގޯސްމީހެއްކަމަށް ހަމްޒާ ޤަބޫލު ކުރި ކުރުން ބަދަލުވެދާނެ ބާވައެވެ. ނޫނީ އަދިވެސް އޭނާ ހީކުރާނީ އެހެންބާވައެވެ.
ނޫރާއާ ލަޔާލްގެ ޙަޔާތުގެ ކުރު ޚުލާސާ އަޑުއެހުމަށް ފަހު ހަމްޒާ ކަންތައްކުރާނީ ކިހިނެއްބާވައެވެ. ނޫރާއާ ބައްދަލުކުރަން ހަމްޒާ އުޅެފާނެބާއެވެ. އެހެންވެއްޖެނަމަ ދެންވާނީ ކިހިނެއްކަމާމެދު ވިސްނާލެވޭ ކޮންމެ ފަހަރަކު ލަޔާލްގެ ގައިން ހީބިހި ނަގައެވެ. ހިތަށް ބަޔާންކުރަން ނޭނގޭ އަސަރުތަކެއް ކުރުވައެވެ. އެދެމީހުން ބައްދަލު ވެއްޖެއްޔާ ދެން ވެދާނެ ގޮތަކާމެދު އޭނާ ކަންބޮޑުވަނީއެވެ. ނޭނގޭ ބިރަކުން އޭނާގެ ހިތް ތެޅެނީއެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށްވުރެ ގަދަ ވޭނެއް ހިތުގައި އުފެދިއްޖެއެވެ. ނޫރާއަށް ހަމްޒާ ފެންނާކަށް ލަޔާލްގެ ހިތެއް ނޭދެއެވެ. އެގޮތް އޭނާ ބޭނުމެއް ނޫނެވެ. މިއަދު އޭނާގެ ހިތް އެގޮތަކާ އެއްބަހެއް ނުވިއެވެ. ފާޅުކުރަން ބޭނުން ނޫނަސް ، ހަޤީގަތަކީ އެއީއެވެ.
ވިއްސަކަށް މިނެޓް ފަހުން ހަމްޒާ އެނބުރިއައެވެ. ލަޔާލްގެ ގާތުގައި ކުރިންވެސް އިން ގޮނޑީގައި އޭނާ އިށީނެވެ. ހަމްޒާ އިނީ އޭނާގެ ފޯނުން ކޮންމެވެސް އެއްޗެއް ބަލާށެވެ. ހީވާގޮތުން މެސެޖްކޮށް، ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީއެވެ.
ދެލޯ ފޮހެލުމަށްފަހު ހަމްޒާގެ މޫނަށް ފަރުވާތެރިކަމާއެކު ލަޔާލް ބަލާލިއެވެ. އެ މޫނުން އެއްވެސް ތަފާތުކަމެއް ލަޔާލަކަށް ނުފެނުނެވެ. ނޫނީ ފާހަގަ ނުކުރެވުނީއެވެ. ދެން ހޭދަވެގެން ދިޔަވަގުތުތަކުގައި ދެމީހުން އެކަކުއަނެކަކާ ވާހަކައެއް ނުދައްކައެވެ.
ލަޔާލްގެ ހަށިގަނޑަށް ޖަހާފައިވާ އިންޖެކްޝަންތަކުގެ ސަބަބުން ގިނަވަގުތު ހޭލާ އޮތުމަކީ އުނދަގޫކަމެކެވެ. ލަޔާލް ނިދި އަންނަ ގޮތްވެ ދެލޯ މެރެމުން ދިޔަ އިރުވެސް ސިނކުނޑިތެރޭގައި އެނބުރެމުންދިޔަ ވިސްނުންތައް އޭނާއާ ވަކިވާގޮތެއް ނުވިއެވެ. އެހެނަސް އެންމެފަހުން ނިދި އޭނާގެ ލޮލަށް ސަވާރުވެއްޖެއެވެ.
*******
ނޫރާ ހުއްޓިގެން ހުރީ އޮޕަރޭޝަން ތިއޭޓަރުގެ ކުރިމަތީގައެވެ. އެތަނުގައި ހުރީ ނޫރާ އެކަންޏެވެ. އެހެން އެއްވެސްމީހަކު ފެންނާކަށް ނެތެވެ. އެތާނގެ ބޭރުގައި ބަހައްޓާފައިހުރި ގޮނޑިތައްވެސް ހުރީ ހުސްކޮށެވެ. ހިނގާބިނގާވާ މީހަކުވެސް ނުފެނެއެވެ. މުޅިތަނަށް ވެރިވެފައިވަނީ ފަޅުކަމާ ހަމަހިމޭންކަމެވެ. އެއީ ފުން ހަމަހިމޭންކަމެކެވެ. އެ ހަމަހިމޭންކަމުން ހިތަށް ވެރިކުރުވަނީ ބިރުވެރިކަމެވެ. ނުތަނަސްކަމެވެ.
ލަޔާލް އޮޕަރޭޝަން ކުރަން ވެއްދީއްސުރެ ކުޑަކުޑަ ހުމައިރާ އުރާލައިގެން އޭނާ އެހުރީ އެތަނުގައެވެ. ތެޅިތެޅި އޮތް ހިތަކާއެކު ނޫރާ ވަގުތު ގުނަމުން ދިޔައީ ކެތްތެރިކަމެއް ނެތިއެވެ. އެތައް ގަޑިއިރެއް ފާއިތުވެ ދިޔަފަހުން އެތަނުގެ ދޮރު ހުޅުވުނެވެ. ބަލިމީހާ އޮތް އެނދު ބޭރަށް ނެރުމާއެކު ނޫރާ އެދިމާއަށް ހިނގައިގަތެވެ. ނޫނެކެވެ. ހިނގައިގަތީއެއް އެއް ނޫނެވެ. ފާޑަކަށް ދުއްވައިގަތީއެވެ. އެވަގުތު ނަރުހުން އައިސް ނޫރާ ހުއްޓުވިއެވެ. ސުވާލު ތަކުން ފުރިފައިވާ ލޮލަކުން، ލަޔާލް އޮތް އެދާ ދިމާއަށް ނޫރާ ބަލާލިއެވެ. ހުދުފޮތިގަނޑަކުން މުޅި މީހާ ވަނީ ނިވާކޮއްލާފައެވެ. މޫނާއެއްކޮށް އަޅާފައިވާ ފޮތިގަނޑު ފެނުމުން ނޫރާ ދެލޯބޮޑުވިއެވެ. ހިތަށް ވެރިވި ބިރުވެރިކަމެއްގެ ސަބަބުން އޭނާ ގަނޑުވިކަހަލައެވެ. އަތްފައި ފިނިވެއްޖެއެވެ. ނަރުހުން އެ އެނދު ދުއްވާފައި އަންނަތަން ބަލަން ހިލައިގެ ބުދެއްފަދައިން ނޫރާހުރީ ހުއްޓުންއަރާފައެވެ. އެ އެނދު، ނޫރާޔާ އަރާ ހަމަވިވަގުތު ލަޔާލް ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ވަޔާ ހިއްލިއްޖެއެވެ. އެވަގުތު ލަޔާލްގެ މޫނު ސާފުކޮށް ނޫރާއަށް ފެނުނެވެ. އެ މޫނު ވަނީ ހުދުވެފައެވެ. އެމޫނުގައި އެއްވެސް ދިރުމެއް ނެތެވެ. ލަޔާލްގެ ދެލޯވަނީ މަރާލާފައެވެ. ލޮލުގެ އެސްފިޔަތަކުގައި އޭރުވެސް ތެތްކަން ހުއްޓެވެ. ދެތުންފަތް ވަނީ ހިކި ކުރަކިވެފައެވެ. އެ ތުންފަތް ވަނީ ހަމަހިމޭންވެފައެވެ.
''ލަޔާލް........'' ކުރިމަތީގައި ތިބި ނަރުހުން ދުރަށް ޖައްސާލުމަށްފަހު ނޫރާ ކުރިއަށް ޖެހިލިއެވެ.
''ސޮރީ.......ހީ އިޒް ނޯ މޯ.........'' ނަރުސްކުއްޖާ އިސްޖަހާލަމުން ބުނެލިއެވެ. އަދި ފޮތިގަނޑުން ހިއްލުނުތަން އަލުން ރަނގަޅުކޮށް ލަޔާލްގެ މޫނު ފޮތިގަނޑު އަޅާ ނިވާކޮއްލިއެވެ.
ނޫރާގެ ކަންފަތަށް އިވުނު އިބާރާތުގެ ސަބަބުން އޭނާގެ ހިތާ ސިނކުނޑި ގަނޑުވެއްޖެއެވެ. ނޫރާއަށް ވެފައިހުރި ގޮތެއް ނަރުހުން ބަލަން ބޭނުން ނުވާކަހަލައެވެ. އެއްވެސް މީހަކު ނޫރާއާމެދު ހަމްދަރުދީއެއް ނުވިއެވެ. އެ ދެލޮލުން ފައިބަމުންދާ ކަރުނަ އެމީހުނަށް ނުފެންނަކަހަލައެވެ. ނަރުހުން އެ އެނދު ދަމަމުން ގޮސް ނޫރާގެ ލޯމަތިން ގެއްލިއްޖެއެވެ.
ނޫރާ އެދިމާއަށް ދުއްވައިގަންނަން ބޭނުމެވެ. އެކަމަކު އޭނާގެ ފައި ހަރަކާތެއް ނުކުރެވުނެވެ. އޭނާ ހަޅޭއްލަވައިގެނަންނަން ބޭނުމެވެ. ނަމަވެސް އޭނާގެއަޑުވަނީ ކަރުތެރޭގައި ތާށިވެފައެވެ. އެތަށް މަސައްކަތަކަށްފަހު ނޫރާގެ އަޑު ނުކުތެވެ.
''ލަޔާލް ........ލަޔާލް.....ނޫން ...... ނޫން........'' ނޫރާއަށް ބުނެވުނީ ނިކަން އުނދަގުލުންނެވެ. ގިސްލަމުންނެވެ. އޭނާގެ އަމިއްލަ އަޑުއޭނާއަށް އިވުމާއެކު ލޯ ހުޅުވާލެވުނެވެ. ފުންމައިގެން ތެދުވެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. ނޫރާއަށް އޮއެވުނު ތަނަކާ ދޭތެރޭ ވިސްނާލަން ހިނދުކޮޅެއް ހޭދަވިއެވެ. ކަރުހިކިފައި ވުމުން ހިންދިރުވާލެވުނީވެސް ނިކަން އުނދަގުލުންނެވެ. ދެން މޭގައި އަތް ޖައްސާލަމުން ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނެވެ.
ފެނުނީ ހުވަފެނެއްކަން އެނގުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ހުވަފެނަކަސް އެއީ ބިރުވެރި ހުވަފެނެކެވެ. އޭނާ އަވަސްއަވަހަށް ފޯނު ނަގާ ގަޑިބަލާލިއެވެ. ދަންވަރު ދެގަޑި ބައިވެ ބޮޑުވެއްޖެއެވެ.
ކުއްލިޔަކަށް ނޫރާގެ ހިތަށް ބިރުވެރިކަން ވެރިވެއްޖެއެވެ. ހިތް ވަސްވާސްތަކުން ފުރިއްޖެއެވެ. ލަޔާލަށް ކޮންމެވެސް ކަމެއްވީބައޭ ހިތަށް އެރުމާއެކު ފުންމައިގެން ތެދުވެވުނެވެ. ލަޔާލް އެހާލުގައި އޮއްވާ ހޮސްޕިޓަލުގައި މަޑުނުކޮށް އާދެވުނީތީ އޭނާ ދެރަވިއެވެ. އެއީ އޭނާ ކޮށްގެންވާނެ ކަމެއް ނޫނެވެ. އޭނާ ބޭނުމީ ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ދާށެވެ. އެހެންކަމުން އަވަސް އަވަހަށް ފާހާނާއަށް ވަދެ މޫނުދޮވެލުމަށްފަހު ތައްޔާރުވެލިއެވެ. ވެގުތު އޭނާގެ ލޯ އަމާޒުވީ އެނދުގައި ނުހަނު ލޯބިކޮށް ނިދާލާފައި އޮތް އޭނާގެ ދަރިފުޅާ ދިމާއަށެވެ.
އަލުން އެނދުގައި އިށީނދެ ވިސްނާލިއެވެ. އެ ފެނުނީ ހުވަފެނެކެވެ. ހުވަފެނަކީ ބިލާހެކެވެ. ބައެއް ހުވަފެން ފެންނަނީ ހިތުގައިވާ ވަހުމުތަކުގެ ސަބަބުންނެވެ. ލަޔާލަށް ކަމެއްވީނަމަ ހޮސްޕިޓަލުން އޭނާއަށް ގުޅާނެއެވެ. އެހެންނޫނަސް ހުމޭގެ ކޮއްކޮއަކު އެތަނުގައި ހުންނާނެ ވާހަކަ ހުމޭ އޮތީ ބުނެފައެވެ. ހުމައިރާ ނިދާފައި އޮއްވާ މިހާ ދަންގަޑިއެއްގައި ނަގައިފި ނަމަ ނިދި ހަލާކުވާނެއެވެ. މުޅިދުވަހު އެކަމުގެ އުނދަގޫވާނެއެވެ. ބޮޑާހާކާ ރޯނެއެވެ. އެއީވެސް އޭނާ ވިސްނަން ޖެހޭނެ ކަމެކެވެ. ނޫރާ އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
އަރުތެރެ ހިކިފައި ހުރުމުން ނޫރާ ބޭނުންވީ ފެންފޮދެއް ބޯލާށެވެ. ކޮޓަރިތެރެއަށް ފެންފުޅި ނުގެނެވޭކަން ހަނދާންވީ އެވަގުތުއެވެ. ފެންބޮންޏާ ދެން ޖެހޭނީ ކޮޓަރިން ބޭރަށް ނުކުންނާށެވެ. ނޫރާ ކޮޓަރި ދޮރު ހުޅުވާލާފައި ބޭރަށް ބޯދިއްކޮއްލިއެވެ. ގޭތެރޭގައިވަނީ ފަޅުކަމާ ހަމަހިމޭންކަމެވެ. ބޭރުން ގޮވާލާ ކުއްތާއެއްގެ އަޑު އެވަގުތު އިވުނެވެ. އެއަޑަށްވެސް ނޫރާ ސިހޭގޮތްވިއެވެ.
ބޭރުން ފުރޭނިގެން ވަދެފައިވާ ފަނޑުއަލިކަމެއް ފިޔަވާ އެހެން އަލިކަމެއް ސިޓިންރޫމަކު ނުވެއެވެ. މަޑުޑުން ކޮޓަރިން ނުކުމެގެން އޭނާ ކުރިއަށް ހިނގައިގަތެވެ.
ބަދިގެ ތެރެއަށް ވަނުމަށްފަހު އައިސްއަލަމާރި ހުޅުވާލިއެވެ. ފެންފުޅިއެއް ނެގުމަށްފަހު އޭނާ އެނބުރިލިއެވެ. އެވަގުތު ސިޓިންރޫމު ތެރެއިން ކޮންމެވެސް މީހަކު ހިނގާލި އަޑު އިވުނުހެން އޭނާއަށް ހީވިއެވެ. އޭނާ އެދިމާއަށް ބަލާލިއެވެ. ކޮންމެވެސް މީހަކު ހިނގާލިތަން ފެނުނުހެން ހީވިއެވެ. ފޮގް ބިއްލޫރިން ޖަހާފައިވާ ޕާޓިޝަންގެ ސަބަބުން ބަދިގެތެރޭގައި ހުންނައިރު އެހާ ސާފުކޮށް ސިޓިން ރޫމެއް ނުފެނެއެވެ.
ތެޅިތެޅި އޮތް ހިތަކާއެކު ފެންފުޅި ހިފައިގެން އޭނާ ބަދިގޭން ނުކުތެވެ. އަދި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު އޭނާގެ ނޭފަތުގައި ޖެހުނު ސެންޓްވަހުގެ ސަބަބުން ދެފައި ބިންމަތީގައި ހަރުލައިފިއެވެ. އެތެރެއަށް ނޭވާ ދަމާލެވުނީ އެވަސް އިތުރަށް ޔަގީންކޮއްލުމުގެ ގޮތުންނެވެ. ނޫރާ ވަށައިގެން ހޯދާލިއެވެ. އެވެސްމީހަކު ފެންނާކަށް ނެތެވެ. އޭނާ އިތުރަށް ބިރުގަންނަގޮތް ވިއެވެ. އަވަސްއަވަހަށް ސުވިޗް ކައިރިއަށް ޖެހިލުމަށްފަހު ބޮކި ދިއްލާލިއެވެ. އެވަގުތު ކުއްލިއަކަށް ދޮރެއް ލެއްޕުނު އަޑު އިވުނެވެ. ނޫރާއަށް ހަޅޭއްލަވައިގެނަނެވުނެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމެއްގެ ސަބަބުންނެވެ. ނޫރާ ވަށައިގެން ބަލާލިއެވެ.
''ނޫރާ............ ކިހިނެތްވީ........... ހާދަ ހާސްވެފަ............'' ހުމޭޒާ ކޮޓަރިން ބޭރަށް ބޯދިއްކޮއްލަމުން ނޫރާގެ މޫނަށް ނަޒަރު ހިންގާލިއެވެ.
''ނޭނގެ......... ހީވީ ދޮރެއް ....... ލެއްޕުނުއަޑުހެން.......... އެކަމަކު އެއްވެސް މީހަކު ނުފެނޭ.......... އަހަރެން ބަދިގެ ތެރޭގައި ހުއްޓާ މިތަނުން ........ މީހަކު ހިނގާލިހެންވެސް ހީވި.........މިތަނުން ކޮންމެވެސް ވަހެއްވެސް ދުވިހެން ހީވި........މީހަކު ވަނީކަން ނޭނގެދޯ........ މިތަންތާ ވަރަށް ފޭރޭމީހުން އުޅެއެއްނު....... '' ދެލޯ ބޮޑުކޮއްލަމުން ނޫރާ ހުމޭޒާގެ މޫނަށް ބަލާލިއެވެ. އެ ދެލޮލުން ފެންނަމުން ދިޔަ ބިރުވެރިކަމާ މޫނުމައްޗަށް ވެރިވެފައިވާ ނުތަނަވަސްކަން ފެނުމުން ނޫރާގެ ގާތަށް ހުމޭޒާ ޖެހިލިއެވެ.
''މިތަން ދިއްލާފަތަ އޮތީ........'' ހުމޭޒާ އަހާލިއެވެ. ހުމޭޒާ ބޭނުންވީ ހަމްޒާ ނޫރާއަށް ނުފެންނަކަން ޔަގީން ކުރާށެވެ.
''ނޫން......... ދެންމެ މި ދިއްލީ........ މީހަކު އުޅޭހެން ހީވެގެން ދިއްލާލީ........ ބޮކި ދިއްލުނުވަގުތު އެ އަޑުއިވުނީ......... ކިރިޔާ ބިރުންގޮސް މަރުނުވީ.......ހުމޭ ނުކުތްކަން ހަމަ ނަސީބު........ '' ތެޅެމުންދިޔަ ހިތާދިމާއިން މޭގައި އަތް ޖައްސާލަމުން ނޫރާ ވީގޮތް ކިޔައިދިނެވެ.
ނޫރާގެ މައުސޫމުކަމުން ހުމޭޒާއަށް ހެވުނެވެ. އެވީގޮތް ކިތަންމެ ރަނގަޅަކަށްވެސް ހުމޭޒާއަށް އެނގެއެވެ. ގެއަށްވަނީ ހަމްޒާއެވެ. އޭނާ ވަންނަމުން ހުމޭޒާއަށް ގުޅިއެވެ. އޭނާއައީ ފޯނުގެ ޗާޖަރުބަލައެވެ. އެކަމަކު އިއްތިފާގުން އެވަގުތު ނޫރާ ކޮޓަރިން ނުކުމެ ބަދިގޭގައި ހުރެވުނީއެވެ.
''ދެން ވަދޭ އެތެރެއަށް ........ އަދި ފަތިސްވުމާ ދޭތެރޭ ވަރަށް ގިނަ ވަގުތު އެބައޮތް.......'' ހުމޭޒާ ބޭނުންވީ ނޫރާ އަވަހަށް އެތެރެއަށް ވައްދާށެވެ.
ނޫރާވެސް ބަސްއަހާ ކުޑަކުއްޖެއްފަދައިން ކޮޓަރިތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.
ސިޓިންރޫމުގައި ދިއްލާފައިހުރި ބޮކިތަށް ނިވާލުމަށްފަހު ހުމޭޒާ ހިނގައިގަތީ ހަމްޒާގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ތަޅުގައި ހިފާ އަނބުރާލުމުން ހަމްޒާ ދޮރުހުޅުވިއެވެ.
''ދާންތަ ތިއުޅެނީ.........'' ކޮޓަރި ބޭރުގައި ހުރެގެން ހުމޭޒާ އަހާލި ނިކަން މަޑުމަޑުންނެވެ.
''އާނ....... މިރޭ ދެން އެތަނުގަ މަޑުކުރަން މިވިސްނަނީ......... ތުއްތަ ގާތު އަހަރެން ދެއްކި އެއްވެސް ވާހަކައެއް ނޫރާއަށް އެނގިގެންނުވާނެ އިނގޭ........ އަދި އަހަރެން އުޅޭކަންވެސް ނޫރާއަށް އެނގިގެންނުވާނެ....... ތުއްތަ ހޮސްޕިޓަލަށް ދާން ނުކުންނަމުން ގުޅާތި....... އޭރުން އަހަންނަށް އެތަނުން ނުކުމެވޭނީ......... އަހަރެން ބޭނުމެއް ނޫން ނޫރާ އަށް އަހަރެން ފެންނާކަށް........އަދި އަހަރެންވެސް...........'' ހަމްޒާ ޖުމުލަ ފުރިހަމަނުކޮށް ދޫކޮއްލިއެވެ.
ނޫރާގެ ނަން ކިޔާލާ ކޮންމެ ފަހަރަކު އެ މޫނަށް އަރާ ކުލަވަރު، އަނދިރީގައި ނުފެނުނަސް، އެ އަޑަށް އަންނަ ބަދަލު ހުމޭޒާއަށް ފާހަގަ ކުރެވުނެވެ.
''ދެން ދަނީ...... ގޮސް މެސެޖް ކޮއްލާނަން..........'' ހަމްޒާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ސިޓިންރޫމު ތެރެއިން ބޭރަށް ނުކުމެއްޖެއެވެ.
ހަމްޒާ ދިއުމުން ހުމޭޒާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ހަމްޒާގާތުގައި ލަޔާލް ދެއްކި ވާހަކަތަކުގެ ޚުލާސާއެއް މީގެ އިރުކޮޅެއް ކުރިން ހަމްޒާ ވަނީ ހުމޭޒާއަށް ކިޔައިދީފައެވެ. އެހެންކަމުން ނޫރާއާ ލަޔާލްގެ ކައިވެނީގެ ހަޤީގަތްވެސް ހުމޭޒާއަށް މިހާރު އެނގެއެވެ. އެ ވާހަކަތައް އަޑު އިވުނުފަހުން ނޫރާގެ ނަސީބާމެދު ހުމޭޒާ ވިސްނިއެވެ. ނޫރާގެ ރަނގަޅުކަމާ، މާތް އަޚްލާޤް ހުމޭޒާގެ ހިތް އަތުލައިފިއެވެ. ނޫރާގެ މައުސޫމުކަމާ މަޑުމައިތިރިކަމަށް ހުމޭޒާއަށް ހިތާހިތުން ތަޢުރީފް ކުރެވުނެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 12 ޖޫން، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް