ވާހަކަ: ލޯބިވޭ އިންތިހާ – ސާޅީސް ތިންވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ''ޑޮކްޓަރ.......މިރޭ.....ވެސް މޭގައި...... ވަރަށް އެބަ ......ރިއްސާ........ބޯވެސް އަނބުރާ........'' ލަޔާލްގެ އަޑު ދެވަނަ ފަހަރަށްވެސް ހަމްޒާގެ ކަންފަތުގައި ޖެހުނެވެ. އޭނާ ވާހަކ...

05 Jun 2025 | 02:56

ކުރީގެ އަދަދާއި ގުޅޭ...

''ޑޮކްޓަރ.......މިރޭ.....ވެސް މޭގައި...... ވަރަށް އެބަ ......ރިއްސާ........ބޯވެސް އަނބުރާ........'' ލަޔާލްގެ އަޑު ދެވަނަ ފަހަރަށްވެސް ހަމްޒާގެ ކަންފަތުގައި ޖެހުނެވެ. އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އޭނާ އެބުނީ މޭގައި ރިއްސާ ވާހަކައެވެ. އޭނާއަށް އެހެން ބުނެވުނީ ނުހަނު އުނދަގުލުންވެ. ހަމްޒާއަކީ ޑޮކްޓަރެއް ކަމަށް ލަޔާލްއަށް ހީވީހެން ހީވެއެވެ. ހަމްޒާގެ މޭ ތެޅިގަތެވެ. އެއީ އެއްއިރެއްގައި އޭނާއަށް އެންމެ ހެޔޮ އެދުނު އޭނާގެ މިތުރެކެވެ. މިއަދު ވަރަށް ނިކަމެތި ޙާލުގައި އެއޮތީ އޭނާގެ އެއްވެސް އެހީތެރިއަކު އަޅާލާނެ އެއްވެސް މީހަކު ނެތިއެވެ. އެ އަޑުގައިވަނީ އިންތިހާ ހިތްދަތިކަމެވެ. ވޭނާ ކެކުޅުމެވެ.

''މިރޭ .....މާ.......ބޮޑަށް އެބަ...... އެބަ ރިއްސާ.......'' ލަޔާލް ކެއްސައިގަތެވެ. ކެއްސަމުން ކެއްސަމުންގޮސް ނޭވާ ހާސްވާގޮތްވިއެވެ. ކުޑައިރުކޮޅަކުން ކެހިވަރު މަޑުވެއްޖެއެވެ. ދެން އިވެންފެށީ މަޑުމަޑު ކުކުރުމެއްގެ އަޑެވެ. ހީވާގޮތުން ކެއްސުމުގެ ސަބަބުން ވަރުދެރަވެފައިވާ ހަށިގަނޑު އިތުރަށް ވަރުބަލިވެ ހަކަތަ ހުސްވާގޮތްވީއެވެ.

ހަމްޒާ ފިޔަވައި އެތަނުގައި ލަޔާލްއަށް އެހީވާނެ އެއްވެސް މީހަކު ނެތެވެ. އިންސާނިއްޔަތަށް ޓަކައިވެސް މިވަގުތު ލަޔާލްއަށް އެހީވުމަކީ ހަމްޒާ ކުރަން ޖެހޭނެ ކަމެއްކަން އޭނާއަށް ޤަބޫލުކުރެވުނެވެ. ހަމްޒާ އެނބުރި ބަލާލިއެވެ. އޭރު ލަޔާލް އޮތީ ލޯމަރާލައިގެންނެވެ. މޭގައި އެއް އަތުން ފިރުމަމުންދިޔައެވެ. ހަށިގަނޑުގައި އަޅަމުންދާ ގަދަ ވޭނުގެ ސަބަބުން ނޫންކަމެއްވެސް ނޭނގެއެވެ. އެ ހަށިގަނޑު މަޑުމަޑުން ތުރުތުރު އަޅަމުން ދިޔަތަން ހަމްޒާއަށް ފެނުނެވެ.

އެ މަންޒަރު ފެނުމާއެކު ހަމްޒާގެ ހިތުގައި ރަޙުމު އުފެދުނެވެ. އެއީ ލަޔާލް ނޫން އެހެން މީހަކުނަމަވެސް ވާނީއެހެންނެވެ.

ލަޔާލްއޮތް އެނދުކައިރިއަށް ހަމްޒާ ޖެހިލިއެވެ. އެ މޫނަށް ނުހަނު ކައިރިން ބަލާލިއެވެ. ކެއްސަމުން ދިޔަވަގުތު އަނގައިންނާ ނޭފަތުން ކޮންމެވެސް ވަރަކަށް ލޭ އައިސްފައި ހުރިތަން ހަމްޒާއަށް ފެނުނެވެ. ލޯމަރާލައިގެން އޮތްއިރު އެ ދެލޮލުގެ އެސްފިޔަތަށް ވަނީ ތެމިފައެވެ. އެޙާލުގައި ލަޔާލް އޮއްވާ ފެނުމުން ހަމަ ހަޤީގަތުގައިވެސް ހަމްޒާގެ ހިތަށް އަސަރު ކޮށްފިއެވެ.

''ލަޔާލް..........'' ހަމްޒާ ކުޑަކޮށް ގުދުވެލަމުން މަޑުމަޑުން ގޮވާލިއެވެ. ލަޔާލް ކުކުރާލަމުން ލޯ ހުޅުވާލިއެވެ. ހަމްޒާގެ މޫނަށް ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހީވާގޮތުން އޭނާއަށް ފެންނަ ފެނުން އޭނާއަށް ޤަބޫލު ނުކުރެވެނީއެވެ. ވާނީވެސް އެހެންތާއެވެ. އެތަނުގައި އެގޮތަށް ހަމްޒާ ހުރެދާނެ ކަމަކަށް ލަޔާލްއަށް ޤަބޫލު ކުރެވޭނީވެސް ކިހިނެތް ހެއްޔެވެ.

''ހަމްޒާ..........'' އެގޮތަށް އެތަށް އިރަކު ބަލަން އޮތުމަށްފަހު ލަޔާލްގެ ތުންފަތް ހަރަކާތްކުރިއެވެ. އެވަގުތު ލަޔާލްގެ ލޮލުގެ ހިމަކޮޅުން ފޭދިގެން ދިޔަ ކަރުނަ ތިކި ހަމްޒާއަށް ހަމަ ރަނގަޅަށް ފެނުނެވެ.

''ލަޔާލް........ '' ހަމްޒާ ލަޔާލްގެ އެނދުކައިރީ ހުރި ގޮނޑީގައި އިށީނެވެ. އަދި ދެވަނަ ފަހަރަށް ލަޔާލްއަށް ގޮވާލިއެވެ.

ހަމްޒާ ފެނުމުން ލަޔާލްއަށް ބުނަން ނޭނގޭ އިހްސާސްތަކެއް ކުރެވުނެވެ. އަދި އެއީ ހަމްޒާ ކަމާމެދުގައިވެސް އޭނާއަށް ޝައްކުވިއެވެ. ނޫނީ އޭނާއަށް ފެންނަ ހުވަފެނެއް ނޫންބާވައޭވެސް ހީވިއެވެ. ބައެއްފަހަރު ފެންނަ ހުވަފެނަކީވެސް ހަޤީޤަތެއް ކަމަށް ހީކުރެވެއެވެ. ހޭލެވެންދެނެވެ. ހޭލެވުމަށް ފަހުވެސް، އެ ފެނުނީ ހުވަފެނެއް ނޫން ކަމަށް ޤަބޫލުކުރަން ދަތިވާފަހަރުވެސް އާދެއެއެވެ. ލަޔާލް ކަޅި ޖަހާނުލާ ހަމްޒާގެ މޫނަށް ބަލާތީ ހަމްޒާއަށް އުނދަގޫވާން ފެށިއެވެ. އެހެންކަމުން ހަމްޒާ އިސްޖަހާލިއެވެ.

ލަޔާލްއަށް ދެފަހަރަށް ގޮވާލެވުނަސް، ލަޔާލް ގާތުގައި އިށީދެވުނަސް، ލަޔާލް ކައިރީގައި ދައްކާނެ އެއްވެސް ވާހަކައެއް ހަމްޒާއަކަށް ނުވިސްނުނެވެ. ނޫނީ ދައްކަން ހުރި ވާހަކަ ގިނަކަމުން ފަށާނެ ހިސާބެއް ނޭނގިފައި އިނީކަމަށްވެސް ވެދާނެއެވެ.

''ހަމްޒާ....... ހަމްޒާ.....ތަ.......... އަހަންނަށް މިފެންނަނީ ހަޤީޤަތެއްތަ؟.........'' ލަޔާލް ބުނެލިއެވެ. ނިކަން މަޑުމަޑުންނެވެ. އެ އަޑުގައި ވަނީ އިންތިހާ ވޭނެވެ.

''އާނ........ މީ ހަމްޒާ........'' ހަމްޒާ ފަރުވާކުޑަގޮތަކަށް ބުނެލިއެވެ. ލަޔާލްގެ މޫނަށް އެވަގުތު އެރި ކުލަތަށް ހަމްޒާއަށް ނުފެނުނީ އޭނާ އިސްޖަހައިގެން އިނީމައެވެ. ލަޔާލްއާ ހަތަރުކަޅި ހަމަކޮށްގެން އިނދެ ވާހަކަ ދެއްކުން އޭނާއަކަށް މިހާރު ފަސޭހައެއް ނޫނެވެ.

"އިއްތިފާގުން އަހަންނާ ލަޔާލް އަނެއްކާވެސް ބައްދަލުވެއްޖެ........ ލަޔާލް އަހަންނަށް ފިލައިގެން އުޅުނަސް...... ތަޤުދީރުގައި އޮތީ އަދިވެސް އަހަރެމެން ދެމީހުން ބައްދަލުވުން ކަމަށްވާތީ މިއޮތީ ބައްދަލުވެފަ....... އެކަމަކު މިއަދު މިވަނީ ކުރީގެ ހާލަތު މުޅިން ބަދަލުވެފައި........ ދުނިޔެއަކީ ހާދަހާވާ ކެހިވެރި ތަނެކޭ............ '' ހަމްޒާ އޭނާގެ ހިތުގައިވާ އުދާސްތަށް ފިލުވާލަން ބޭނުމެވެ. ކުދިކުދިވެ، ޒަހަމްވެފައިވާ އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭތޯއެވެ. އެހިތުގައިވާ ޒަޚަމުތަކުގައި މަލަން އަޅާލައިގެން އަބަދަކު ނުހުރެވޭނެއެވެ. އެހިތަށް ފަރުވާއެއް ފަރުވާ ބޭނުމެވެ. އެހެންކަމުން ހިތްވަރުކޮށްފައި އޭނާ ވާހަކަދައްކަން ފެށިއެވެ.

ލަޔާލް އޮތް ޙާލާ އެ ހަށިގަނޑުގައި އަޅަމުންދާ ވޭން ހަމްޒާއަށް އިހްސާސް ކުރެވޭ ހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ ޖަޒުބާތުގައި ޖެހިފައެވެ. އެ ޖަޒުބާތުތަށްވަނީ އޭނާގެ ނަފުސުގެ މައްޗަށް ގަދަވެގެންފައެވެ.

ހަމްޒާ ބުނީ ކިތަންމެ ކުޑައެއްޗެއްނަމަވެސް، ދޫކޮށްލި ތީރުތަކެއް ފަދައިން އެ ލަފުޒުތަށް، ލަޔާލްގެ ހިތަށް ހެރިއްޖެއެވެ. އެ ބަސްތަކުން އެހިތަށް  އަނިޔާދީފިއެވެ. އޭނާއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ވަރުގަދަ އެތިފަހަރެއް ޖެހިހެންނެވެ. ހިތަށް ވަރަށް އަސަރުކޮށްފިއެވެ. ލޮލުން ކަރުނަ ހިލިއްޖެއެވެ. އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް ލަޔާލް ބިރުން އުޅުނު ކަންތަކާ ކުރިމަތިލާން މިއޮތީ ޖެހިފައެވެ. އެވެސް އޭނާގެ ބަލިޙާލުބޮޑުވެ، އެތަށް ވޭނެއް ތަހައްމަލު ކުރަމުން ދަނިކޮށެވެ. އަމިއްލަ ހަށިގަނޑު ހިފަހައްޓާލާނެ ބާރެއް ނެތިފައި ވަނިކޮށެވެ. މިހާރު އެ ހަށިގަނޑުގައި އަޅަމުންދާ ވޭނަށްވުރެ ގަދަ ވޭނަކާ ކުރިމަތިލާން ޖެހުނީއެވެ.

ކުރިމަތީގައި އެއިނީ އޭނާގެ ދެލޯފަދަ ގާތް ރަޙްމަތްތެރިޔާ އެވެ. އެހެނަސް މިހާރު ހަމްޒާގެ ދެލޮލުން ކުރިން ފެނުނު އެކުވެރިކަމާ ކުލުނާ ލޯތްބެއް ލަޔާލަކަށް ނުފެނެއެވެ. ހަމްޒާގެ އަޑުގައި ކުރިންހުރި ހިތްހެޔޮކަމެއް މިހާރަކު ނެތެވެ. އެ ހުރިހާކަމެއް މިހާރު ވަނީ ބަދަލުވެފައެވެ.

''ލަޔާލް އަހަންނަން ފިލައިގެން، އަހަންނަށް ސިއްރުން ނޫރާއާ ކައިވެނިކޮށްފާނެކަމަކަށް އަހަރެން ދުވަހަކުވެސް ހީއެއް ނުކުރަން........ އަދި ނޫރާވެސް އަހަންނަށް ބޭވަފާތެރި ވާނެއެކޭ އެންމެ ފަހަރަކުވެސް ހީކުރެވިފައެއް ނެތް..........'' ހަމްޒާ މިފަހަރު ފޮނުވާލި އެތިފަހަރު ހަމަރަނގަޅަށްވެސް ލަޔާލުގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. އެ ހިތުން ލޭ އޮހޮރުވާލައިފިއެވެ. ދެލޯމަރާލެވުނީ ހަމްޒާ ބޭރުކޮއްލި ޖުމުލަ ތަކުން ހިތަށްލިބުނު ވޭނަށް ކެތްނުވެގެންނެވެ.

''ލަޔާލް ......... ނޫރާދެކެ ލޯބިވާކަމާ ނޫރާ ލަޔާލްދެކެ ލޯބިވާކަން  އެނގުނު ނަމަ އަހަރެން ............ '' ހަމްޒާއަށް ބުނެވުނީ އެހިސާބަށެވެ. ލަޔާލް ލޯ ހުޅުވާލަމުން ހަމްޒާގެ އަތުގައި ހިފަހައްޓައިފިއެވެ. އޭނާއަށް އެހާ އަވަސް ހަރަކާތެއް ގެނެވުނު ގޮތް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

''ހަމްޒާ ......... ހުއްޓާލާ........ ހަމްޒާއަކަށް އެކައްޗެއްވެސް ނޭނގޭ........'' ލަޔާލްގެ އަޑުގައި ހުރީ އިންތިހާ ވޭނާއި ރިހުމެވެ. އެ ވޭނާއި ރިހުން ހަމްޒާއަށް އިހްސާސް ކުރެވޭ ކަމެއް ނޭނގެއެވެ.

''ނޫނޭ ........ ކުރިން ނޭނގުނަސް.........މިހާރު އަހަންނަސް ހުރިހާއެއްޗެއްވެސް އެނގިއްޖެ.........'' ހަމްޒާ ހަމަ އެއިންގޮތަށް އިނދެ ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ ޔަޤީންކަމެވެ.

''ނޫރާވެސް އަހަންނަށް އޮޅުވާލީ........ އަހަރެންގެ ލޯބީގައި ކޮޅުފައިންޖެހީ......... އަހަރެންނަށް ބޭވަފާތެރިވީ..........އަހަރެންގެ އެންމެ ގާތް މީހާކަމުގައި ވެ ހުރެ ލަޔާލް ވެސް........'' ހަމްޒާ އިނީ ހަމަހޭގައި ހެނެއް ހިޔެއް ނުވެއެވެ. އޭނާގެ އަޑުގައިވަނީ ޖޯޝާ ފޯރިއެވެ.

''ހަމްޒާ....... ނޫރާއަކީ ބޭވަފާތެރިއެއް ނޫން......... '' ލަޔާލްވެސް ހިތްހަމަ ނުޖެހޭގޮތްވިއެވެ. ނޫރާއާ ދިމާއަށް ބޭވަފާތެރިއެކޭ ބުނާއަޑު އަހާކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ.

''ނޫރާ އަހަންނާ ކައިވެނި ކުރީ ލޯތްބަކުން ނޫން......... އަހަރެންދެކެ ލޯބި ވާތީއެއް އެއް ނޫން....... އަދި އަހަރެން ނޫރާއާ ކައިވެނި ކުރަން ޖެހުނީވެސް އެގޮތް ބޭނުން ވެގެނެއް ނޫން....... އެއީ އޭރު ހާލަތު އަހަރެމެންނަސް މަޖުބޫރު ކުރުވިގޮތް........އަހަރެމެން ކައިވެނިކޮށްގެން މިވީ ކުރު މުއްދަތުގައި ނޫރާ އަހަރެން ދެކެ ލޯބިވާ ވާހަކައެއް ދުވަހަކުވެސް ނުބުނޭ.........އެންމެ ފަހަރަކުވެސް ނުބުނޭ........ ނޫރާއަކީ އަހަރެންގެ އަނބިމީހާ ކަމަށް ވިޔަސް، އަދިވެސް އެހިތުގައި ލޯބީގެ ވިންދެއް ޖަހަނީ ހަމައެކަނި ހަމްޒާއަށް ޓަކައި......... މީ އަހަންނަން އެނގޭ އެއްޗެއް........ އެކަމަކު ........ އެކަމުގެ އެއްވެސް ޝަކުވާއެއް އަހަރެން ދުވަހަކުވެސް ނުކުރަން........ނޫރާއަށް އަހަރެން ދިނީ އަނތްބެއްގެ މަޤާމު........ އަހަރެމެން ދެމީހުން އަދާކުރީ އަހަރެމެން އަދާ ކުރަންޖެހޭ ވާޖިބުތަށް........... '' ލަޔާލް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އިތުރަށް ވާހަކަ ދައްކަން ބޭނުން ވިޔަސް އޭނާއަކަށް އިތުރަކަށް ނުބުނެވުނެވެ. އޭނާއަށް ކެތް ނުކުރެވޭވަރަށް އަސަރުކޮށްފިއެވެ. ހިތުގައި ޖެހި ގިސްލެވިއްޖެއެވެ. ނޫރާ ދެކެ އޭނާވެސް މިހާރު ލޯބިވާ ވާހަކަ ބުނަން ލަޔާލް ބޭނުންވިއެވެ. ނަމަވެސް އެވާހަކަ އޭނާގެ ހިތުގެ އެންމެ ފުނުގައި ސިއްރުކުރީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ހިތުގައި ނޫރާއަށްޓަކައި އުފެދިފައިވާ ލޯބި އަބަދުގެ އަބަދަށް ހަމްޒާއަށް ސިއްރުކުރަން އޭނާ ބޭނުމެވެ.

ލަޔާލްއަކީ ނޫރާގެ ފިރިމީހާއަށް ވެފައި ލަޔާލް އެ ދައްކާ ވާހަކައިން ހަމްޒާއަށް ހުއްޓުން އަރާގޮތް ވެއްޖެއެވެ. އަރަތެއް ފަދަ އެ ވާހަކަތަކާ މެދު އޭނާއަށް ވިސްނާލަން މަޖުބޫރު ވިއެވެ. ނޫރާ ހަމްޒާ ދެކެ ލޯބި ވާއިރު ލަޔާލްއާ ކައިވެނި ކުރަންވީ ސަބަބެއް ހަމްޒާއަކަށް ނުވިސްނުނެވެ. އެބުނާ ފަދަ މަޖުބޫރެއް ނޫރާއަށް ވާންވީ ކާކުގެ ފަރާތުން ކިހިނެތްކަމެއް ހަމަ އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގުނެވެ. ލަޔާލް ނޫރާއާ ކައިވެނި ކުރިއިރު އެވާހަކަ ހަމްޒާ ކައިރީ ލަޔާލަށް ނުބުނެވެންވީ ސަބަބެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވުނެވެ.

''ލަޔާލް ތިދައްކާ ވާހަކަ ދެކޮޅެއް ނުޖެހެއެއްނު......... ނޫރާއަށް ލަޔާލްއާ ކައިވެނިކުރަން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ........... އަދި ލަޔާލްވެސް އަހަންނަށް ސިއްރުން އެހާބޮޑުކަމެއް ކުރަންޖެހުނު ގޮތެއް ވެސް އަހަންނަކަށް ނޭނގުނު......... '' ހަމްޒާ ހީވަނީ މައްސަލަ ތަހުޤީގު ކުރަން އައިސް އިން މީހެއް ހެނެވެ. ފަހަރަކު ކަމެއްގެ ވާހަކަ އެބަ ދައްކައެވެ.

''ހަމްޒާގެ ބައްޕަގެ ސަބަބުން........'' ލަޔާލް ދިނީ ކުރު ޖަވާބެކެވެ. އެކަމަކު އެއީ އެ ހުރިހާ ސުވާލެއްގެ ޖަވާބުމެއެވެ.

''ކީކޭ...........'' ހަމްޒާއަށް އަހާލެވުނެވެ. ލަޔާލް ބުނި އެއްޗެއް ހަމްޒާއަށް އަޑު އިވުނު ގޮތާމެދު އޭނާއަށް ޝައްކުވީއެވެ. ކަންފަތަށް އިވުނު އެއްޗެއް އިތުރަށް ޔަޤީންކޮށްލަން ބޭނުންވީއެވެ.

''އާނ.......... މިހުރިހާ ކަމެއް މިހެން ވާން ޖެހުނު ސަބަބަކީ ހަމްޒާގެ ބައްޕަ...........'' ލަޔާލް އޭނާގެ ޖަވާބު ތަކުރާރުކޮށްލީ އިތުރަށް އެ ޖަވާބު ފުރުހަމަކޮއްލަމުންނެވެ.

''އަހަރެންގެ ބައްޕައޭ......... ބައްޕަގެ ސަބަބުން ކިހިނެއް........އަހަންނަކަށް ނުވިސްނުނު...........'' ހަމްޒާ ދެބުމަ ގޮއްޖަހާލިއެވެ. ހަޤީގަތުގައިވެސް ލަޔާލް އެބުނި އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ.

ހަމްޒާއަށް ހަޤީޤަތް އެނގެންވީ ވަގުތު އައީ ކަމުގައި ލަޔާލްއަށް ޤަބޫލު ކުރެވުނެވެ. އެހެންކަމުން ހުރިހާ ވާހަކައެއް އޭނާ ހަމްޒާއަށް ކިޔައިދީފިއެވެ. ހަމްޒާގެ ބައްޕަގެ ފޯނުކޯލުތަކުގެ ވާހަކައެވެ. ދިން އިންޒާރުތަކުގެ ވާހަކައެވެ. ހަމްޒާގެ މަންމަގެ ބަލިޙާލުގެ ސަބަބަކީ ނޫރާކަމާ، ހަމްޒާގެ މަންމަގެ ފުރާނައަށް ނޫރާގެ ސަބަބުން ނުރައްކާ ވަމުންދާކަމަށް ހަމްޒާގެ ބައްޕަ ބުނި ވާހައެވެ. އަދި ހަމްޒާއަށް އެއިން އެއްވެސް ކަމެއް އަންގައިގެން ނުވާނެކަމަށްބުނެ ދެއްކި ބިރުތަކާ، ދިން އިންޒާރުތަކުގެ ވާހަކަވެސް ލަޔާލް ކިޔައިދީފިއެވެ.

ނޫރާ ރުއި ރުއިމާ ގިސްލި ގިސްލުން އެންމެ އަކުރެއް ވައްޓާނުލާ ލަޔާލް ހަމްޒާއަށް ކިޔައިދީފިއެވެ. ލަޔާލްއާ ކައިވެނި ކުރަން ދެކޮޅު ހެދި މިންވަރާ،  ނޫރާގެ ބައްޕަގެ މަރުގެ ހާދިސާއާ ލަޔާލް ނޫރާއާ ކައިވެނި ކުރަން ޖެހުނު ގޮތް ތަފްސީލްކޮށް ކިޔައިދީފިއެވެ.

''ހަމްޒާ އަހަންނަށް މާފުކުރޭ..........'' ގިސްލުމުގެ ތެރެއިން ލަޔާއަށް ބުނެވުނެވެ. ހަމްޒާ އަވަސް ހަރަކާތަކާއެކު ލަޔާލްގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ލަޔާލްގެ މޫނަށް ހަމްޒާ ބަލާލިއެވެ. އެ މޫނުން ހަމްޒާއަށް ފެންނުނީ ކުރިންވެސް ފެނުނު ތެދުވެރިކަމާ މައުސޫމުކަމެވެ. އެ ދެލޮލުން ފެނުނީ ކުރިންވެސް ފެނުނު އަމާނާތްތެރިކަމާ ކިޔަމަންތެރިކަމެވެ.

''ލަޔާލްއާ ދޭތެރޭ....... އަހަންނަށް ކުރެވުނީ ވަރަށް ބޮޑު ކުށް ހީއެއް.......... އެކަމަކު މިހާރު ދެން ވަގުތު ފާއިތު ވެއްޖެ......... އަހަރެންގެ ބައްޕަ ތިހެން ކަންތައް ކޮށްފާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަން....... ލަޔާލްވެސް އަހަރެން ކައިރީ އެންމެ ފަހަރަކުވެސް ނުބުނޭ...........'' ހަމްޒާ ލަޔާލް ގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. އޭނާގެ ހިތުގައި އޭނާގެ ބައްޕައާ މެދު އުފެދުނު ނަފުރަތާ ރުޅީގެ މައްޗަށް ބާރު ފޯރުވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

''ނޫރާ މަނާކުރީ........ ނޫރާ ބޭނުމެއް ނުވި ހަމްޒާއަށް އެކަން އަންގާކަށް....... ހަމްޒާގެ މަންމަގެ ފުރާނައިގެ ހައްޤުގަ......... ހަމްޒާ ދެކެވާ ލޯބީގެ ހައްޤުގަ.........  ނޫރާވީ ޤުރުބާނީއެއް ......... ރޮމުން ގިސްލަމުން.............. އެފަކީރު ހާދަ ހިތާމެއް ކުރިއޭ.......ހަމްޒާގެ މަންމަގެ ފުރާނައަށް ނޫރާގެ ސަބަބުން ގެއްލުމެއް ލިބެން ނޫރާ ބޭނުން ނުވީ........ ހަމަ ހަމްޒާއަށް ޓަކައި......ހަމްޒާ ދެކެވާ ލޯބީގެ ހައްޤުގަ......'' އަސަރާއެކުގައި ލަޔާލް ޖުމުލަ ނިންމާލިއެވެ. ލަޔާލަށް މިއަދުވެސް އެ މަންޒަރުތަށް ފެންނަކަހަލައެވެ.

''ފުރާނައަކީ އަހަރެމެންގެ ބާރުގެ ދަށުގައިވާ ކަމެއްނޫންކަން އަހަރެންގެ ބައްޕައަށް މިހާރު އެނގޭނެ............'' ހަމްޒާ އެހެން ބުނުމަށްފަހު ގޮނޑިން ތެދުވިއެވެ. އަދި އެތަނުން ނުކުމެގެން އޭނާގޮސް ހުއްޓުނީ ކައުންޓަރު ކައިރީގައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 10 ޖޫން، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް