ވާހަކަ: ލޯބިވޭ އިންތިހާ – ސާޅީސް ދެވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ބަލިމީހާގެ ނަން އޮތް ފަރާތަށް، ކާޑު ފުށުންޖަހާލުމާއެކު ހަމްޒާގެ ފައި ބިންމަތީގައި ހަރުލައިފިއެވެ. ދެފައިގައި ކަސްތަޅުއަޅާ ހައްޔަރު ކޮއްލިހެން ހީވިއެވެ. ކުރިއަށް އަދި ފަހަތަކަށް...

03 Jun 2025 | 04:38

ކުރީގެ އަދަދާއި ގުޅޭ...

ބަލިމީހާގެ ނަން އޮތް ފަރާތަށް، ކާޑު ފުށުންޖަހާލުމާއެކު ހަމްޒާގެ ފައި ބިންމަތީގައި ހަރުލައިފިއެވެ. ދެފައިގައި ކަސްތަޅުއަޅާ ހައްޔަރު ކޮއްލިހެން ހީވިއެވެ. ކުރިއަށް އަދި ފަހަތަކަށްވެސް ފިޔަވަޅެއް ނޭޅުނެވެ. ދެލޯބޮޑުކޮށްގެން ފެންނަންއޮތް ނަމާ ދިމާއަށް ބަލަން އޭނާއަށް ހުރެވުނީ އެވެ.

''ހަސަން ލަޔާލް.........'' ކާޑުގައި ލިޔެފައި އޮތް ނަން ހަމްޒާއަށް ކިޔާލެވުނެވެ. އޭނާގެ ލޮލަށް އެފެންނަނީ ރަނގަޅަށްބާއެވެ. ދެލޯބޮޑުކޮށްލަމުން އޭނާ އެނަމަށް އަދިވެސް އެއްފަހަރު ބަލާލިއެވެ. ފަރުވާތެރިކަމާއެކުގައެވެ. އާނއެކެވެ. އޭނާއަށް ފެންނަން އޮތީ ލަޔާލުގެ ނަމެވެ. އެ ނަން ފެނުމާއެކު ހަމްޒާގެ ހިތުގައި ޖަހަމުންދިޔަ ވިންދަށް ބަދަލު އައިކަން ކަށަވަރެވެ. ހަމްޒާގެ މޫނުގެ ކުލަވަރު ފަނޑުވެއްޖެއެވެ.

''އެހެންވީމާ..... ނޫރާގެ ފިރިމީހާ އަކީ ލަޔާލް ހެއްޔެވެ؟......... އެހެންވެދާނެ ހެއްޔެވެ؟...... ލަޔާލް ހަމަ ނޫރާޔާ ކައިވެނި ކުރީހެއްޔެވެ؟...... އެވެސް ހަމްޒާއަށް ސިއްރުންނެވެ........ އަންގާވެސް ނުލައެވެ........'' ހަމްޒާ ދެއަތަށް ބޯހޫރާލިއެވެ. އޭނާއަށް އެކަން ޤަބޫލެއް ނުކުރެވުނެވެ.

''ފަހަރެއްގައި އެއީ ހަމްޒާ ދަންނަ ލަޔާލް ނޫން ކަމަށްވެސް ވެދާނެއެވެ. ....... އެއްނަމެއް ކިޔާ އެތައް ބަޔަކު އުޅޭނެތާއެވެ.........'' ހަމްޒާގެ ހިތަށް ތަފާތުއެއްޗިހި އަރާ ފައިބަމުންދެއެވެ. ދެބުމަ ގޮއްޖަހާލައިގެންހުރެ އޭނާ ވިސްނަމުން ދިޔައެވެ.

''އެކްސްކިއުޒް މީ......؟ ނުހަނު ގާތުން މީހަކު ބުނެލި އަޑު އިވުމާއެކު ހަމްޒާ ސިހޭގޮތްވިއެވެ. އޭނާ އިސްއުފުލާ ބަލާލިއެވެ. އޭރު ބަލި މީހަކު ބާއްވައިގެން، އެނދެއް ދުއްވާފައި އަންނަ ދެ ސްޓާފުން އެތަނުން ޖާގަ ނުލިބިގެން އެނދު ނުގެންދެވިފައި ތިއްބެވެ.

''ސޮރީ..........'' ހަމްޒާ ފަހަތަށް ޖެހިލަމުން އެތަނުން ތަންދެއްކިއެވެ.

އެކާޑުގައި ބަލިމީހާގެ ނަމާ ޖެހިގެން ބަލިމީހާގެ އެނދު ނަންބަރުވެސް ލިޔެފައި އޮތެވެ. ހަމްޒާ ދެކޮޅު ހޯދާ ބަލާލިއެވެ. ކައުންޓަރުގައި ތިބި މީހުންފިޔަވައި އިތުރު މީހަކު އެތަނުން އެވަގުތު ފެންނާކަށް ނެތެވެ. ވިސްނާވިސްނާވެސް ހަދަންވީ ކިހިނެއްކަމެއް ހަމްޒާއަކަށް ނުވިސްނުނެވެ. ކުރިއަށް ދާންވީކަމެއް އެނބުރި ގެއަށް ދާންވީކަމެއް އޭނާއަކަށް ނޭނގުނެވެ.

ދިރިއުޅުމުގައި ދެވަނަ ފުރުސަތެއް ލިބޭނީ މަދުފަހަރަކުއެވެ. ލިބޭ ފުރުސަތުގެ ބޭނުން ނުކޮށްފިނަމަ ދެން ދުވަހަކުވެސް އެ ފުރުސަތު ނުލިބިދާނެކަން ހަމްޒާއަށް އެނގެއެވެ.  އެއީ އޭނާ ޤަބޫލުކުރާ ގޮތެވެ.

އޭނާ މިތަނަށް ވަނީ ނޫރާގެ ފިރިމީހާއާ ބައްދަލު ކުރާށެވެ. އެހެންވީމާ ދެން އޮތީ ކުރިއަށް ދިއުމެވެ. އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް، އެއީ ހަމްޒާ އެމީހަކު ދެކެ ހިތާ ފުރާނަޔަށްވުރެވެސް ލޯބިވާ ނޫރާގެ ފިރިމީހާއެވެ. ހަމްޒާ  ކުރިއަށް ހިނގައިގަތެވެ.

ފަނަރަވަނަ އެނދު ކައިރިއަށް ވަދެވެންހުރި ދޮރުމައްޗަށް އޭނާ ހުއްޓުނެވެ. ހުއްޓުނީކީ ނޫނެވެ. ހުއްޓެވުނީއެވެ. އޭނާ ފިނިވާންފެށީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. މުޅިމީހާ ދާ ހިއްލަންފަށައިފިއެވެ. ވާން މިއުޅެނީ ކީއްބާވައޭހީވެ، ޒާތެއްގެ ބިރުވެރިކަމެއް ހިތުގައި ހިނގައިގަތެވެ. އެކަމަކު އެހިސާބަށް އައުމަށްފަހު އެތެރެއަށް ނުވަދެ އެނބުރި ދިއުމަކީ ފިނޑިވުމެވެ. އެހާ ފިނޑިވާކަށް ހަމްޒާ ބޭނުމެއް ނޫނެވެ.

ހަމްޒާ މަޑުމަޑުން އެތެރެއަށް ދެތިން ފިޔަވަޅެއް އަޅާލިއެވެ. މުޅިތަނުގައި ގުގުމަމުންދިޔަ ބީޕްބީޕްގެ އަޑު ފިޔަވާ އެއްވެސް އަޑެއް އޭނާގެ ކަންފަތަކަށް ނީވެއެވެ.

ބަލިމީހާ އޮތް އެނދުކައިރިއަށް ހަމްޒާ ހުއްޓުނެވެ. އެ އެނދުގައި ދެލޯ މަރާލައިގެން އޮތް ލަޔާލްގެ މޫނަށް ނަޒަރު ހުއްޓުމާއެކު ހަމްޒާގެ ހިތް ހީވީ މޭފަޅާލާފައި ބޭރަށް ނުކުމެދާނެ ހެއްނެވެ. މޭގައި ތޫނު ތަދެއް އުފެދުނެވެ. ލޯމަރާލެވުނީ ހިތަށް ލިބުނު ވޭނުގެ ސަބަބުންނެވެ. އޭނާގެ ދެލޯ ކުރިމަތިން ފެންނަ މަންޒަރު އޭނާއަށް ޤަބޫލު ކުރަން އުނދަގޫވަނީއެވެ. އެއީ ހަޤީޤަތެއްކަން އެނގޭއިރުވެސް އެއީ ހުވަފެނެއް ކަމަށް ވުމަށް އެދެވުނެވެ.

ލަޔާލްގެ މޫނަށް ކަޅިޖަހާނުލާ ބަލަންހުރި، ހަމްޒާގެ ހިތުގައި ނަފުރަތުގެ ހުޅުކޮޅެއް އުފަންވެއްޖެއެވެ. ލަޔާލްގެ މޫނަށް އޭނާއަށް ބެލެނީވެސް ނަފުރަތާ ހިތްހަމަ ނުޖެހުމާ އެކުގައެވެ. އެގޮތަށް ލަޔާއާ ދިމާއަށް ބެލެނީ  އެގޮތް އޭނާ ބޭނުން ވެގެނެއްނޫނެވެ. އެހެނަސް އެއީ އިންސާނީ ޠަބީއަތް ކަމަށް ވާތީއެވެ. ތިމާ ޙާޞިލް ކުރަން އެދިއެދި ހުރިކަމެއް ތިމާއަށް ޙާޞިލްނުވެ، އެހެންމީހަކު އެކަން ޙާޞިލް ކުރާމަންޒަރު ފެންނަހިނދު ހިތުގައި ނަފުރަތު އުފެދުމަކީ ވެދާނެ ގޮތެކެވެ.

ލަޔާލްއަކީ ހަމްޒާގެ ލޯތްބަށް ހުރަސްއެޅި މީހާ ކަމުގައި އޭނާއަށް ޤަބޫލު ކުރެވެން، މާގިނަ ވަގުތެއް ނުނެގިއެވެ.  ލަޔާލްއާމެދު މީގެ ކުރީގައި ހަމްޒާ ދެކެމުން އައިގޮތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ހިނގައްޖެއެވެ.

ލަޔާލްގެ މޫނަށް ބަލަން ހުރިއިރު ހަމްޒާގެ ސިނކުޑީގައި ހުޅިލާ ނަގަމުންދިޔަ ބިޔަރާޅުތަކުގެ ސަބަބުން، އެ ސިކުނޑީގައި ވަނީ ތޫފާނެއް އުފައްދާފައެވެ. އޭނާގެ ހިތުގައިވަނީ އެތައް ސުވާލެއް އުފެދިފައެވެ. ކުރަންބޭނުން ކިތަންމެ ޝަކުވާއެއް އެބަހުއްޓެވެ. ހަމްޒާއާމެދު ލަޔާލް އެހާ ރަހުމުކުޑަކޮށް ކަންތައް ކުރީތީ އޭނާ ދެރަވިއެވެ. ހަމްޒާ ލަޔާލާ ދޭތެރޭގައި ކަންތައްކުރީ ކިހާ ހެޔޮކޮށް ހެއްޔެވެ. އެކަމަކު ހަމްޒާއާ ދޭތެރޭ ލަޔާލު ކަންތައްކުރިގޮތް ނިކަން ދެކެބަލާށެވެ. ހެޔޮކަމުގެ ބަދަލުގައި ހަމްޒާއަށް ލިބުނީ ތެޔޮހަމެކެވެ. އާނއެކެވެ. ހަމްޒާގެ އަތުން ނޫރާ ފޭރިގަތުމަކީ ހަމްޒާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އެ އަނިޔާ މިއަދު ހަމްޒާއަށް ލިބެމުން އެދަނީ ލަޔާލްގެ ސަބަބުންނެވެ.

އެތަކެއް ސުވާލު ތަކަކުން ހަމްޒާގެ ސިކުނޑި ފުރި ބާރުވެއްޖެއެވެ. އޭނާ އަދިވެސް ބޮޑަށް އެނދާ ކައިރިއަށް ޖެހިލިއެވެ. އެ މޫނަށް ފަރުވާތެރިކަމާއެކު ހަމްޒާ ބަލާލިއެވެ. ދެލޯ މަރާލައިގެން އޮތަސް އެ ހަށިގަނޑުގައި އަޅަމުންދާ ވޭން މޫނުމަތީން ސާފުކޮށް ފެންނަން ހުއްޓެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ތަފާތު މެޝިންތައް ގުޅާފައިވާއިރު، އެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ހަމްޒާއާ ދިމާވިއިރު ނުހަނު ތާޒާކޮށް ފެނުނު ޒުވާން މޫނުގެ ތާޒާކަން ވަނީ ކެނޑިފައެވެ. ދެތުންފަތް ހިކި ކުރަކިވެފައިވާއިރު، ދެލޯވެސް ވަނީ ވަޅުވަދެފައެވެ. ހަށިގަނޑުވަނީ ހިކި އަނަރޫފަވެފައިވެއެވެ. ކުރިން ލަޔާލް ފެނިފައިވާ މީހަކަށްވެސް އެއީ ލަޔާލްކަން ޤަބޫލު ކުރަންވެސް ދަތިވާނެކަން ޔަޤީނެވެ.

********

ހުމޭޒާމެން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓާ ހަމައަށް ދެވުމާއެކު ޓެކްސީ މަޑުކޮއްފިއެވެ. ނިދާފައި އޮތް ހުމައިރާ ގޮވައިގެން ކާރުން ފޭބުމަކީ ނޫރާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެކަމުގައިވެސް ނޫރާއަށް ހުމޭޒާ އެހީވެދިނެވެ. ނޫރާ ޓެކްސީއިން ފައިބަންދެން ހުމޭޒާ ހުރީ ޓެކްސީގެ ދޮރު ހުޅުވައިގެންނެވެ.

އެޕާޓްމަންޓްގެ ދޮރަށް ތަޅުދަނޑި ޖަހާލުމަށްފަހު ހުމޭޒާ ދޮރު ހުޅުވާލިއެވެ.

'' ވަދޭ.........'' އެތެރޭގެ ބޮކިތަށް ދިއްލާލަމުން ހޫމޭޒާ ބުނެލިއެވެ.

ތަނަވަސް ސިޓިން ރޫމު ތެރޭގައި ބޮޑު ސޯފާއަކާ ޒަމާނީ ޓީވީރެކެއް ހުއްޓެވެ. ސޯފާގެ އެއްފަރާތެއްގައި އެއްޗިހި ހިއްކަން އަޅާޒާތުގެ ހަރެއް ހުއްޓެވެ.

ސިޓިން ރޫމުގެ އެއްފަރާތެއްގައި ހުރީ ބަދިގެއާ ކާމޭޒެވެ. އެބައިވަނީ ބިއްލޫރިޖަހާ ވަކޮކިށްފައެވެ. ހީވާގޮތުން ގޭތެރޭގައި ކާއެއްޗިހީގެ ވަސް ހިފާނެތީ ހަދާފައިވާ ގޮތެކެވެ. ގޭތެރޭގެ ކޮންމެ އެއްޗަކުންވެސް ފެންނަނީ ސާފުތާހިރުކަމާ ތަރުތީބުކަމެވެ.

''އާދޭ ނޫރާ........ މީ ނޫރާގެ ކޮޓަރި........ '' ފެންނަންހުރި ތިން ދޮރުގެ ތެރެއިން ބަދިގެއާ އެންމެ ކައިރީގައި ހުރި ކޮޓަރީގެ ދޮރު ހުމޭޒާ ހުޅުވާލިއެވެ.

އެވަގުތު ހުމޭޒާގެ މޫނަށް ނޫރާ ބަލާލިއެވެ. ހުމޭޒާގެ ރަނގަޅުކަމުން އޭނާ ހައިރާންވިއެވެ. ހިތާ ހިތުން ޝުކުރުވެރި ވެވުނެވެ. ހުމޭޒާ ކަހަލަ މީހުންނަކީ މިޒަމާނުގައި މަދުބައެކެވެ. އޭނާއަށް އެހީތެރިކަން އިންތިހާއަށް ބޭނުންވި ވަގުތު ހުމޭޒާގެ އެހީތެރިކަން އެންމެ ފުރިހަމައަށް ލިބިއްޖެއެވެ.

ނޫރާ ކޮޓަރިތެރެއަށް ވަނެވެ. އެއީ ތަނަވަސް ކޮޓަރިއެކެވެ. ކޮޓަރީގެ މެދުގައި ޑަބަލް ބެޑެއް ހުއްޓެވެ. އެއްފަރާތުގައި ހުރީ އަލަމާރިއަކާ ޑްރެސިން ޓޭބަލެކެވެ. އަނެއްފަރާތުގައި އަންނައުނު އަޅުވާ ހަރެއް ހުއްޓެވެ.

ކޮނޑުމަތީގައި ބޯއަޅައިގެން ނިދާލާފައިއޮތް ހުމައިރާ ތިރިކޮށް، މަޑުމަޑުން އެނދުގައި ބާއްވާލިއެވެ. ހުމައިރާގެ މައުސޫމު މޫނަށް ބަލާލަމުން ފުން ނޭވާއެއް ބޭރުކޮށްލެވުނީ ހަށިގަނޑަށް ލިބުނު ލުއިކަމެއްގެ ސަބަބުންނެވެ.

''ވަރުބަލިވެއްޖެ ދޯ...... ދެން ފެންވަރާލައިގެން އާދޭ ކާން....... ނޫރާ ފެންވަރާލަންވާއިރަށް އަހަރެން ކާއެއްޗެއް އޯޑަރ ކޮއްލާނަން.......ނިދަންވާނީ ކައިގެން.......'' ހުމޭޒާ ދަބަހުން ފޯނު ނަގަމުން ބުނެލިއެވެ.

''ނޫނޭ........ ދެން ނުކެޔަސް ރަނގަޅުވާނެ....... ހުމޭ އަހަންނަންޓަކައި ތިކޮށްދޭ ކަންތައްތަކަށް ޝުކުރުވެރިވާނެ ގޮތެއްވެސް އަހަންނަކަށް ނޭނގޭ.........'' ނޫރާ އިސްޖަހާލިއެވެ. ހަޤީޤަތުގައިވެސް ހުމޭޒާގެ ފަރާތުން މިފަދަ ބޮޑު އެހީތައް ޤަބޫލުކުރަން ނޫރާ ލަދު ގަނެއެވެ. އެކަމަކުވެސް މިއަދު އޭނާއަށް ވަނީ މަޖުބޫރުވެފައެވެ.

''މީ އެވަރު ކަމެއް ނޫނެއްނު........ ދުނިޔޭގައި އެކި މީހުންނަށް މިންވަރު ކުރައްވާނީ އެކި ގޮތް......އެކި މީހުން އެދޭނީ އެކި އެކި ކަންކަން......... އެކި މީހުންގެ ނަސީބުވެސް ........'' ހުމޭޒާ ވާހަކަދެއްކުން މެދުކަނޑާލީ އޭނާ ބުނަން ބޭންނުންވި ޖުމުލަ ފުރިހަމަ ނުކޮށެވެ.

''މިކަހަލަ ލޯބިލޯބި ކުއްޖަކު ލިބުމަކީވެސް ކިހާ ބޮޑު ނަސީބެއް.......'' ހުމޭޒާ ނޫރާގެ ކޮނޑުގައި އަތް ޖައްސާލަމުން ކުރިއަށް ޖެހިލިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އެނދުގައި ނުހަނު ލޯބިކޮށް ނިދާލާފައި އޮތް ހުމައިރާގެ މޫނަށެވެ.

ހުމޭޒާ މަޑުމަޑުން އެނދުކައިރިއަށް ޖެހިލިއެވެ. އަދި ގުދުވެ ހުމައިރާގެ ކޯތާފަތްމަތީ އަތްތިލަ ޖައްސާލިއެވެ. އިނގިލިތަކުން މަޑުމަޑުން ފިރުމާލިއެވެ. ނިތްކުރި މައްޗަށް ފެތުރިފައިވާ ފަން އިސްތަށިކޮޅު ރީތިކޮއް އެއްފަރާތްކޮއްލިއެވެ.

އެވަގުތު ހުމައިރާ ނިދީގެ ތެރޭގައި ފުރޮޅިލިއެވެ. އެއްކޮލުން ކުޑަކޮށް ހީލިއެވެ. ކުދިކުދި ދަތްތައް ފެނިލާފައި ގެއްލުނެވެ. ހުމައިރާގެ އެ ހަރަކާތުގެ ސަބަބުން ހުމޭޒާގެ ހިތް ހުމައިރާއަށްޓަކައި ލޯބިން ފުރުނެވެ. އެދެމެދުގައި ލޭގެ ގުޅުމެއް ނެތަސްމެއެވެ.

*********

''އެކްސްކިއުޒް މީ.......'' ލަޔާލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ފުން ވިސްނުމެއްގެ ތެރެއަށް ގެނބެމުންދިޔަ، ހަމްޒާ ސިހުނީ އެތެރެއަށް ވަދެގެން އައި ނަރުސްކުއްޖާގެ އެއްޗެކޭ ބުނުމުންނެވެ.

އެކުއްޖާ އެއައީ މާދަމާ ކުރަން ހަމަޖެހިފައިވާ ލަޔާލްގެ އޮޕަރޭޝަނާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށެވެ. އޮޕަރޭޝަނަކީ އޭގެ ޒާތުގައި ނާޒުކު އޮޕަރޭޝަނެއްކަމަށާ، ގޮހޮރުގެ ބޮޑުބައެއް ނަގަން ޖެހޭތީ ގިނަ ވަގުތު ހޭދަވާނެ އޮޕަރޭޝަނެއް ކަމުގައި އެކުއްޖާ ބުންޏެވެ. އަދި މިރޭ ބާރައިން ފެށިގެން ބަލިމީހާއަށް ފެންފޮދެއްވެސް ނުދިނުމަށް އެންގިއެވެ. އޮޕަރޭޝަން ކުރަން ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު ކަމަށާ، އެކަމާ ގުޅޭގޮތުން ހަދަންޖެހޭ ޓެސްޓްތަށް ހަދަން މިވަގުތު ލޭނަގަން ޖެހޭ ކަމަށްވެސް ބުންޏެވެ.

ލޭ ނެގުމަށްޓަކައި ނަރުސް ކުއްޖާ ލަޔާލް ގާތަށް ޖެހިލިއެވެ. އޭނާ ހިފަހައްޓައިގެންހުރި ޓްރޭ ސައިޑް ޓޭބަލްމަތީ ބެހެއްޓިއެވެ. އެ ޓްރޭގައި ހުރީ ލޭ ނެގުމަށް ބޭނުންވާނެ އާލާތްތަކެވެ.

ނަރުސްކުއްޖާ ލަޔާލްއަށް ގޮވާލިއެވެ. އެވަގުތު ހަމްޒާ އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އޭނާ އެހުރީ ލަޔާލަށް ފުރަގަސްދީގެންނެވެ. ލަޔާލް ލޯ ހުޅުވާލާއިރު އޭނާއަށް ހަމްޒާ ފެންނަން ބޭނުން ނުވާތީއެވެ. ލަޔާލްއާ ހަތަރުކަޅި ހަމަކުރުން އެއީ ހަމްޒާއަށް ކުރަން ފަސޭހަ ކަމަކަށް ނުވާތީވެސް މެއެވެ.

ނަރުސްކުއްޖާ ލަޔާލްގެ އަތުގައި ދެތިން ފަހަރަކު މަޑުމަޑުން ޖަހާލުމުން ލަޔާލް ލޯ ހުޅުވާލިއެވެ. އެކުއްޖާ ނިކަން އޯގާތެރިކަމާއެކު އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެވަގުތު ލަޔާލް މަޑުމަޑުން ކުކުރާލި އަޑު ހަމްޒާގެ ކަންފަތުގައި ޖެހުނެވެ. އެތާއެތެރޭގައިވާ މެޝިންތަކުގެ އަޑާއެކުވެސް ލަޔާލްގެ އަޑުގައި ހުރި ވޭނީ ރިހުން ހަމްޒާއަށް ފާހަގަ ކުރެވުނެވެ. އެއަޑުގައި ހުރި ހިތްދަތިކަން ހަމްޒާއަށް އިހްސާސް ކުރެވުނެވެ. ނަރުސް ކުއްޖާ އޭނާގެ މަސައްކަތް ނިންމާލުމަށްފަހު އޭނާ ގެނައި ޓްރޭ ހިފައިގެން ބޭރަށް ނުކުތެވެ.

''ޑޮކްޓަރ.......މިރޭ.....ވެސް މޭގައި...... ވަރަށް އެބަ ......ރިއްސާ........ބޯވެސް އަނބުރާ........'' ލަޔާލްގެ އަޑު ދެވަނަ ފަހަރަށްވެސް ހަމްޒާގެ ކަންފަތުގައި ޖެހުނެވެ. އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އޭނާ އެބުނީ މޭގައި ރިއްސާ ވާހަކައެވެ. އޭނާއަށް އެހެން ބުނެވުނީ ނުހަނު އުނދަގުލުންވެ. ހަމްޒާއަކީ ޑޮކްޓަރެއް ކަމަށް ލަޔާލްއަށް  ހީވީހެން ހީވެއެވެ. ހަމްޒާގެ މޭ ތެޅިގަތެވެ. އެއީ އެއްއިރެއްގައި އޭނާއަށް އެންމެ ހެޔޮ އެދުނު އޭނާގެ މިތުރެކެވެ. މިއަދު ވަރަށް ނިކަމެތި ޙާލުގައި އެއޮތީ އޭނާގެ އެއްވެސް އެހީތެރިއަކު އަޅާލާނެ އެއްވެސް މީހަކު ނެތިއެވެ. އެ އަޑުގައިވަނީ އިންތިހާ ހިތްދަތިކަމެވެ. ވޭނާ ކެކުޅުމެވެ.

''މިރޭ .....މާ.......ބޮޑަށް އެބަ...... އެބަ ރިއްސާ.......'' ލަޔާލް ކެއްސައިގަތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 05 ޖޫން، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް