ވާހަކަ: ލޯބިވޭ އިންތިހާ – ސާޅީސް އެއްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ''ހިނގާ މިތަނުން ދަމާ..........'' ހިތްހަމަ ނުޖެހުމާއެކު ހަމްޒާ ބުނެލިއެވެ. ބިލަށްވާ ފައިސާ މޭޒުމަތީގައި ބަހައްޓަމުން ހަމްޒާ އެނބުރިލިއެވެ. ''މަޑުކޮއްބަލަ ...........'' ހަމްޒާގެ...

29 May 2025 | 04:21

ކުރީގެ އަދަދާއި ގުޅޭ...

''ހިނގާ މިތަނުން ދަމާ..........'' ހިތްހަމަ ނުޖެހުމާއެކު ހަމްޒާ ބުނެލިއެވެ. ބިލަށްވާ ފައިސާ މޭޒުމަތީގައި ބަހައްޓަމުން ހަމްޒާ އެނބުރިލިއެވެ.

''މަޑުކޮއްބަލަ ...........'' ހަމްޒާގެ ފަހަތުން ހުމޭޒާވެސް ހިނގައިގަތެވެ. ހަމްޒާ ހަލުވި އަދި ދިގު ފިޔަވަޅުތަކެއް އަޅަމުން ބޭރަށް ނުކުމެއްޖެއެވެ. ހުމޭޒާއަށް ޖެހުނީ ހަމްޒާ ފަހަތުން ދުވާށެވެ. ހަމްޒާ ހިނގާފައި ދިޔައީ އެހާވެސް ހަލުވިކޮށެވެ. ހުމޭޒާ ހަމްޒާގެ ފަހަތުން ދުވަމުން، ހަމްޒާއަށް ގޮވަމުން ދިޔައިރުވެސް އެނބުރި ބަލާވެސް ނުލާ އޭނާ އެދިޔަގޮތަށް ގޮސް ކާރަށް އަރައިފިއެވެ.

''ހަމްޒާ........ ތިކަހަލަ މޫޑެއްގަ އިނދެގެން ދުއްވާކަށް ނުވާނެ.......ހަމަޖެހިބަލަ........ ކަންކަމާ ތިވަރަށް ހާސްވާކަށް ނުވާނެ...... އެއީ ގޯހެކޭ..........'' ހުމޭޒާ ކާރަށް އަރާ އިށީންނަމުން ދޮރު ލައްޕާލިއެވެ. ހަމްޒާގެ ނުތަނަވަސްކަން ފެނި މިހާރު އޭނާ އެއިނީ ބިރުންނެވެ.

''ހަމައެއް ނުޖެހެވޭނެ....... މީ ތުއްތައަށް ދިމާވި ގޮތެއް ނަމަ........ ތުއްތަޔަށް އެނގޭނީ....... ވާނެވަރު........'' ހަމްޒާ ކާރުގެ ހުންގާނުގައި ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. އަދި ދެލޯމަރާލަމުން ޝީޓުގައި ލެނގިލިއެވެ.

''ހަމްޒާއަށް ތި ދިމާވިގޮތް، އަހަންނަށް ދިމާ ނުވިޔަސް، އަހަންނަށް އެނގޭ ހަމްޒާ ދެރަވާނެވަރު....... ހަމްޒާ މާޔޫސްވާނެ ވަރުވެސް އިހްސާސް ކުރެވޭ......... ހަމްޒާއަށް އަސަރުކުރާނެކަންވެސް ޤަބޫލުކުރަން.........'' ހުމޭޒާ ބަލަން އިނީ ހަމްޒާގެ މޫނަށެވެ. ދެލޯމަރާލައިގެން އިންއިރު، ދެލޮލުގެ ހިމަކޮޅުން ނީރާލަން ތައްޔާރުވެފައިވާ ކަރުނަތިކި އެސްފިޔަތަށް ފޫއަޅުވާލަން މަސައްކަތް ކުރަމުން ދަނީއެވެ.  ދެތުންފަތް މަޑުމަޑުން ތުރުތުރު އަޅަމުން ދިޔައީ އޭނާއަށް ކުރަމުންދާ ހިތްދަތި އަސަރުންކަން ޔަޤީނެވެ. ހިތަށް ލިބެމުންދާ ކެކުޅުން މޫނުމަތިން ފާޅުވާންހުއްޓެވެ.

''އަހަރެން ބޭނުން އެތަނަށް ވަންނަން..........'' ހަމަހިމޭނުން އިރުކޮޅަކު އިނުމަށްފަހު ހަމްޒާ ލޯހުޅުވާލިއެވެ. އެސްފިޔަތައް ތެރޭގައި ހައްޔަރުވެފައިވާ ކަރުނަތިކި މިނިވަންވެ، އޭގެ ޖާގަ ދޫކޮށް ލޮލުގެ ހިމަކޮޅުން ތިރިޔަށް ދެމިގެންފިއެވެ.

''ކޮންތާކަށް ވަންނަން......... އެ ވޯޑަށްތަ؟..........'' ހުމޭޒާ އަވަސްއަވަހަށް އަހާލިއެވެ. އެއީ ހުމޭޒާ އެންމެ ކަންބޮޑުވާ ކަންތެކެވެ.

''މިވަގުތު ހަމްޒާ ނޫރާއާ ބައްދަލު ކުރުން އެހާ ރަނގަޅެއް ނުވާނެ....... '' ނޫރާ ފެންނަ ހިސާބަށް ހަމްޒާ ދާން ވެއްޖެނަމަ ދެން ވެދާނެ ގޮތަކާ ދޭތެރޭ ހުމޭޒާ ކަންބޮޑުވިއެވެ. އޭރުން މިހާރަށް ވުރެވެސް ބޮޑަށް ހަމްޒާ ދެރަވާނެކަން އޭނާއަށް އެނގެއެވެ. އެހެން ކަމުން ހަމްޒާ އަތަނަށް ދިއުން ހުއްޓުވޭނެ ގޮތެއް ވިސްނުން އެއީ ހުމޭޒާ ކޮންމެހެންވެސް ކުރަން ޖެހޭކަމެކެވެ.

''އަހަރެން ދެން ނޫރާއާ ބައްދަލު ކުރާކަށް ބޭނުމެއް ނޫން..........'' ހަމްޒާ ދުރުބަލަން އިނދެ ބުނެލިއެވެ. ކޮށްފައިވާ އަސަރެއްގެ ބޮޑުމަކުން އޭނާގެ އަޑު ތުރުތުރު އަޅައެވެ. އެ ބުނި އެއްޗެއް އޭނާ އެބުނީ ގަދަކަމުން ހިތާދެކޮޅަށްހެން ހީވެއެވެ.

''ދެން އެހެންވިއްޔާ އިތުރު ކޮން ބޭނުމެއް އޮތީ ހަމްޒާ އެތަނަށް ވަންނަން؟.......'' ހޫމޭޒާ ވާހަކަދެއްކީ ވަރަށް ވިސްނައިގެން މަޑުމަޑުންނެވެ.

'' އެއީ ކޮންނަމެއް ކިޔާ މީހެއްތަ؟.........އަހަރެން ބޭނުން އެމީހަކު ދެކިލަން........ '' ހަމްޒާ ހިންދިރުވާލަމުން ބުނެލިއެވެ. ކިތަންމެ ހިތަށް ތަދުވިޔަސް، ނޫރާގެ ފިރިމީހާ އަކީ ކާކުތޯބެލަން އޭނާގެ ހިތް އެދެމުންދަނީއެވެ.

''ނޭނގެ ނަމެއް.......... އަހާކަށް ނުކެރުނު......އެހެންނޫނަސް އެމީހެއްގެ ނަންބެލުން އެހާ މުހިއްމެއް ނޫނެއްނު........'' ހުމޭޒާ އިސްޖަހާލިއެވެ. ވަގުތުގެ ނާޒުކުކަމާ، ނޫރާގެ ޙާލު ހުރިގޮތް ފެނުމުން އިތުރު ސުވާލެއް ކުރާކަށް އޭނާއަކަށް ނުކެރުވެ. ފަހުން ނަން އަހާލަން ހުމޭޒާ ހަނދާނެއްވެސް ނެތެވެ.

''ނޫރާގެ ލޯބި ޙާސިލް ކުރި ނަސީބުވެރިޔާއާ އެންމެފަހަރަކު ނަމަވެސް ބައްދަލު ކޮއްލަން ބޭނުން........އަހަރެންގެ ލޯބީގަ ކޮޅުފައިން ޖަހާފަ ނޫރާ ކައިވެނި ކުރި މީހަކީ ކާކުކަން އެނގެން އަހަރެން ބޭނުން......... އަހަރެންގެ ނަސީބު ކިތަންމެ ދެރަޔަސް، އެމީހަކީ ހާދަބޮޑު ނަސީބުވެރިއެކޭ........'' ހަމްޒާގެ އަޑުގައިވަނީ އިންތިހާ މާޔޫސްކަމެވެ.

''އެއީ ނަސީބުވެރިއެއް ކަމައްތަ ހަމްޒާ ތިދެކެނީ........'' ހަމްޒާގެ ޖުމުލަތަށް އަޑުއަހަމުން ދިޔަ ހުމޭޒާއަށް އޭނާގެ ލޯ ކުރިމަތިން ބަލި އެނދުގައި އޮތް ނޫރާގެ ފިރިމީހާ ފެންނަ ކަހަލައެވެ. އެ ޒުވާނާގެ މޫނުގައި އެއްވެސް ތާޒާކަމެއް ނެތެވެ. ދެތުންފަތް ހިކިފައިވާއިރު މޫނުމަތިން އިންތިހާ ވޭނާ ރިހުން ފެންނަން ހުއްޓެވެ.

''އާނ.......... ނޫރާގެ ލޯބި ލިބޭނީ ނަސީބު ވެރިއަކަށް......... އަހަރެންވެސް އެ ނަސީބަށް އިންތިޒާރު ކުރިން.......... އެ ލޯބި ޢުމުރަށް ލިބޭނެ ކަމަށް ފޮނި އުއްމީދުތަކެއް ކުރިން..... އެ ލޯބީގެ ހިޔަލުގައި އުފާވެރި ޙަޔާތެއް ވޭތި ކުރެވޭނެ ކަމުގެ ފޮނި ހުވަފެންތަށްވެސް ދުށިން.......... އެކަމަކު މިއަދު........ ތަޤްދީރު އަހަންނަށް ކުރަހައިދިނީ އެހެން މަންޒަރެއް....... އަހަރެން ތަދުބީރު ކުރި މަންޒަރު ކުލަ ނުވަނީސް ގެއްލިއްޖެ......'' ހަމްޒާ އަނެއްކާވެސް ލޯމަރާލިއެވެ. ވޭނީ އާހެއް އޭނާގެ އަނގައިން ނިކުތެވެ.

''ނޫރާގެ ފިރިމީހާ ތަހައްމަލު ކުރަމުން ދަނީ ކެންސަރުބަލި.......... އޭނާގެ ގޮހޮރުގެ ބޮޑުބަޔަކަށް ވަނީ ކެންސަރު ޖެހިފަ........އަހަންނަށް އެވާކަހަ ކިޔައިދެމުން ދިޔައިރު........ ނޫރާ ވަރަށް ރުއި......... ގިސްލަގިސްލާފައި އެތައްއިރަކު ރުއި..........'' ހަމްޒާ ކުއްލިއަކަށް ލޯ ހުޅުވާލައިފިއެވެ. ދެލޯބޮޑުކޮށްލަމުން ހުމޭޒާގެ މޫނަށް ހަމްޒާ ބަލާލިއެވެ. ހުމޭޒާ ދައްކަމުންދާ ވާހަކަތައް އޭނާއަށް ޤަބޫލު ކުރަން ދަތިވެފައި އިންހެން ހީވެއެވެ.

''އާނ...... މީހަމަ ތެދެއް........އެމީހުން އަތަކު ފައިސާއެއްވެސް ނެތް.........ގެނައި ފައިސާކޮޅު ހުސްވީޔޯ....... އޮޕަރޭޝަން ނުކުރެވިފައި ތިބީ ފައިސާ ނެތިގެންނޯ....... ރަށުގައި އޮތް ނޫރާގެ ގޯތި ވިއްކާލުމުގެ މަސައްކަތް ކުރިއަށްދާ ވާހަކަބުނީ........ ތުއްތު ކުއްޖަކު ގޮވައިގެން ނޫރާ ވަރަށް ހާލުގަ އެތަނުގަ އެއުޅެނީ.......އަހަރެންވެސް ދެރަވި ނޫރާ ރުއިވަރުން.........'' ހުމޭޒާ އިސްޖަހާލިއެވެ.

ހަމްޒާ އިރުކޮޅަކު ހިމޭނުން އިނެވެ. ދެން ހަމަ ކުއްލިއަކަށް ކާރު ސްޓާޓްކޮށް ދުއްވާލިއެވެ. އިތުރު އެއްވެސް ވާހަކައެއް އޭނާ ނުދައްކައެވެ. ހޫމޭޒާވެސް އިތުރުއެއްޗެކޭ ނުބުނެ މަޑުމަޑުން އިނީއެވެ. ހަމްޒާ ކާރު ދުއްވާލެއް ބާރުކަމުން އޭނާ އެއިނީ އިންތިހާއަށް ބިރުގަނެފައެވެ. އެކަމަކުވެސް އިތުރަށް އޭނާ ހަމަ އެއްވެސް އެއްޗެކޭ ނުބުނެއެވެ.

*********

ކޮޓަރިތެރެއަށް ވަދެވުމާއެކު ހަމްޒާގެ އޭނާގެ އެނދުގައި އޭނާ އޮށޯވެލިއެވެ. ހަށިގަނޑުން ވަރު ދޫވާހެން އޭނާއަށް ހީވަނީއެވެ. ސިކުނޑީގައި އުފެދިފައިވާ ހަލަބޮލިކަން ބޮޑުކަމު ލޯމަރާލެވުނެވެ. އޭނާގެ ތުއްތަ ދެއްކި ވާހަކަތައް އޭނާއަށް އަދިވެސް އިވޭހެން ހީވެއެވެ. އެ ވާހަކަތައް އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި އެބަހުއްޓެވެ. ނޫރާއަކީ މީހެއްގެ ޙައްޤަކަށް ވިޔަސް، ނޫރާގެ ނަން އޭނާއަށް އިރުއިރުކޮޅުން ކިޔާލެވެނީއެވެ.

ކުއްލިއަކަށް އޭނާ ފުންމައިގެން ތެދުވިއެވެ.  ފޯނު ނަގާ ނަމްބަރުތަކަކަށް ގުޅާލިއެވެ. ފަހަރަކު މީހަކަށެވެ. އެގޮތަށް ހައެއްކަ މީހުނަށް އޭނާ ގުޅިއެވެ. އެތައް އިރަކު ވާހަކަ ދެއްކުމަށްފަހު އޭނާ ފޯނު ބާއްވައިފިއެވެ. ދެން އޭނާ އިށީނީ މޭޒު ކައިރީގައެވެ. ލެޕްޓޮޕް ހުޅުވާލިއެވެ. އޭގެ ސްކްރީނުގައި އިން ނޫރާގެ ފޮޓޯ ފެނުމާއެކު އޭނާގެ ހަރަކާތް ހުއްޓުނެވެ. އެހެނަސް އިރުކޮޅެއް ފަހުން އޭނާ ދެއަތަށް ބޯހޫރާލިއެވެ. އަދި މަސައްކަތް ފެށިއެވެ. ވިޔަފާރިއާ ގުޅޭ އެތައް ފައިލެއް ހުޅުވަފިއެވެ. އީމޭލު ހުޅުވާ ދެތިން މީހަކަށް މެއިލްވެސް ކޮށްފިއެވެ. އޭނާގެ ހަރަކާތްތައް ނިކަން އަވަހެވެ.

*********

ކުރީދުވަހުގެ ކަންތަކަށްފަހު ހަމްޒާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މާގިނައިން މީހުނާ ވާހަކަދައްކައެއް ނުހަދައެވެ. ގޭތެރެއަށް ނުކުމެ އުޅުން މުޅިންހެން ހުއްޓުނެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ފިޔަވާ އެހެން ވާހަކައެއް އޭނާ ނުދައްކައެވެ. ކައިބޮއި ހަދަނީވެސް ވަރަށް މަދުންނެވެ. މުޅިންހެން އޮންނަނީ ކޮޓަރީގައެވެ. ދޮންތަމެން އެކަމާ ސުވާލު ކުރުމުން ބުނީ ވިޔަފާރީގެ ކަންތައްތަކާ މާބޮޑަށް ވިސްނެނީ ކަމަށެވެ. ހަމްޒާގެ މިޒާޖަށް އައި ބަދަލު އެނގޭ ހަމައެކަނި މީހަކީ ހުމޭޒާއެވެ. އޭނާ އެކަން އެނގުނަސް އެއްވެސް މީހަކާ އެވާހަކަ ހިއްސާއެއް ނުކުރެއެވެ.

ހަފުތާއެއް ފަހެވެ. ހަމްޒާގެ ދޮންތަގެ ދެމަފިރިންނާ އެމީހުންގެ ދަރިފުޅު، ފުރުވާލަން އެއަރޕޯޓަށް ގޮސްފައި ގެއަށް އާދެވުނީ ހަވީރުވީފަހުންނެވެ. ދޮންތަމެން މާލެ ދިޔައިރު ހަމްޒާއާ އޭނާގެ ތުއްތަ ނުގޮސް މަޑުކުރީއެވެ. ފިހާރަޔަށް ގަންނަންޖެހޭ މުދާކޮޅެއްގެ ކަންތައްވެސް ހަމަޖައްސަން ޖެހިފައި އޮތުމުންނެވެ.

''ތުއްތާ.........'' ކާރު ޕާކްކޮއްލަމުން ހަމްޒާ ގޮވާލިއެވެ. ހަމްޒާ ގޮވާލިގޮތުން ހުމޭޒާއަށް ހައިރާން ކަމެއް ލިބުނެވެ.

''އާނ....... ކިޔާބަލަ......... ހީވޭ ކޮންމެވެސް ކަމަކު ގޮވާލިހެން..........'' ހުމޭޒާ ނޫން ކަމަށް ހަދާފައި އަހާލިއެވެ.

''އާނ....... ވަރަށްބޮޑު ކަމަކު........'' ހަމްޒާގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.

''އަނެއްކާވެސް....... މިފަހަރުވެސް..... ތުއްތަ އަހަންނަށް އެހީވެދީބަލަ.........'' ހަމްޒާއަށް ބުނެވުނީ އޭނާ ބުނަން ބޭނުންވި އެއްޗެއްގެ އެއްބައެވެ.

''ކޮންކަމަކަށް.........'' ހަމްޒާގެ މޫނަށް ފުންކޮށް ބަލާލަމުން ހުމޭޒާ އަހާލިއެވެ.

''އަހަރެން ވަރަށް ވިސްނާފަ ނިންމި ނިންމުމެއް މީ........... ތުއްތަވެސް ވާނެ މި ނިންމުމަށް އިހްތިރާމު ކުރަން.........'' ހަމްޒާގެ ހިތުގައި އޮތް ވާހަކަ ބުނަން އޭނާއަށް އުނދަގޫވަނީއެވެ.

''ކޮން ނިންމުމެއް.......'' ހުމޭޒާ ޝައުޤުވެރިކަމާއެކު އަހާލިއެވެ.

''އަހަރެން ބޭނުން ނޫރާގެ ފިރިމީހާއާ ބައްދަލުކޮއްލަން......... ތުއްތަ މިކަމުގައި އަހަންނަށް އެހީވެދީ.........'' އެވާހަކަ ބުނަން ހަމްޒާ ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު އެކަމާ ވިސްނާވިސްނާވެސް އެކަން ކުރެވޭނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.

''ދާންވީނު......... އަހަރެން ކައުންޓަރުގަ ވާހަކަ ދައްކާލާނަން ހަމްޒާ އަށް އެތެރެއަށް ވަދެވޭގޮތްވޭތޯ.......'' ހުމޭޒާ ހުރީ ހަމްޒާ ބުނި ކޮންމެކަމެއްގައި އެހީތެރިވާން ތައްޔާރަށެވެ.

''ނޫނޭ......... މިހާރަކު ނޫން...... މިރޭ ރަނގަޅުވާނެ.........'' ހަމްޒާ ފުންނޭވައެއް ބޭރުކޮއްލިއެވެ.

''އަހަރެން ބޭނުމެއް ނޫން ދެން ނޫރާ ފެންނަހިސާބަށް ދާކަށް......އަހަރެންގެ އެހާ ހިތްވަރެއް ނެތް.........އަހަރެންނަށް ބަލިމީހާގެ ގާތުގައި މަޑުކޮއްލެވޭގޮތަށް ކައުންޓަރުގައި ތުއްތަ  ވާހަކަދައްކާލަދީ....... އަދި  ތުއްތަ ނޫރާ ގޮވައިގެން ބޭރަށް ނިކުމެލާ........ އޭރުން އަހަރެން އެމީހާ ކައިރިއަށް ވަދެލާނަން......... ކޮންމެ ގޮތެއްވިޔަސް........ މިތަނުން އަހަރެން ފުރައިގެން މާލެ ދިއުމުގެ ކުރިން އެމީހަކު ދެކިލަން ބޭނުން.........'' ހަމްޒާ ބުނީ އޭނާ އެކަން ކުރަން ބޭނުންވާގޮތެވެ.

******

ރޭނގަޑުގެ ވަގުތެވެ. ހުމައިރާ ގޮވައިގެން ނޫރާ ލަޔާލް ގާތުގައި އިށީދެލައިގެން އިނެވެ. އޭރުވެސް ހުމޭރާ ބޮޑާހާކަނީ ބޭރަށް ނުކުންނަން ވެގެންނެވެ. ބޭރަށް ނުކުންނަން ހުރި ދޮރާ ދިމާއަށް އިނގިލި ދިއްކޮށްފައި ކުސްތަޅަމުން ދިޔައެވެ. ލަޔާލް ވަރުދެރަވެފައިވާ ލޮލަކުން ހިތްދަތިކަމާއެކު އެމަންޒަރު ބަލަން އޮތެވެ. އޭނާގެ ހިތަށް ކުރާ އަސަރުން ލޮލުން ކަރުނަ ހުސްވާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. ހަމަހޭވެރިކަން ހުންނަ ކޮންމެ ވަގުތަކު ނޫރާ އުޅޭ ޙާލާމެދު ހަމްދަރުދީވެ، އެވާހަކަދައްކާ ރޮއި ހަދައެވެ. ލަޔާލްގެ ޙާލު ދެރަކަމާ، ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ކެތް ނުކުރެވޭތީ، ގިނަ ވަގުތު އޭނާ އޮންނަނީ އިންޖެކްޝަންގެ ބާރުގައި ނިންދާފައެވެ.

''ނޫރާ........ އަހަންނާހެދި ނޫރާ ތިއުފުލާ ބުރަ.......... އަހަންނަކަށް ދެން ތިމަންޒަރު ބަލާކަށް ކެތެއް ނުވާނެ........'' ވަރުދެރަވެ، ތުރުތުރު އަޅަމުން ދިޔަ އަތުން ނޫރާގެ އަތްތިލައިގައި ހިފަހައްޓާލަމުން ލަޔާލް ރޯންފެށިއެވެ. އަޑު ނުނިކުތަސް، އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

''ލަޔާލް........ އެއްކަލަގޮތަށް ތިބުނީ...... އަހަރެން އަބަދުވެސް ބުނަމެއްނު ތިޔަހެން ވާހަކަދައްކާކަށް ނުވާނެޔޭ........ އިރާދަކުރެއްވިއްޔާ ލަޔާލް ވަރަށް އަވަހަށް ދެން ރަނގަޅުވެދާނެ....... މިހާރު ގޯތި ވިއްކާލާފަ ލާރިކޮޅުވެސް ޖަމާވެއްޖެ ........ އޮޕަރޭޝަނަށް ބޭނުންވާ ފައިސާވެސް ދައްކައިފިން....... މާދަމާ ހަވީރު އޮޕަރޭޝަން ކުރާނެ ވާހަކަ ބުނި........  އެހެންވީމަ ހިތްވަރު ކުރޭ.......އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ........'' ނޫރާ ލަޔާލްގެ އަތުގައި  ހިފަހައްޓައިގެން އިނދެ ވާހަކަދައްކަމުން ދިޔައެވެ. ލަޔާލް ކުރިމަތީގައި ހިތްވަރު އެލުވާލާކަށް ނޫރާ ބޭނުމެއް ނޫނެވެ. ދެރަވެ، ވަރުބަލިވެ، މާޔޫސްވިޔަސް، އެކަން ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. މިއަދު ލަޔާލް ބެލުމަކީ އޭނާގެ ޒިންމާއެކެވެ. އޭނާގެ ވާޖިބެކެވެ. އެ ވާޖިބަށް ފުރަގަސްދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

******

''ނޫރާ...........'' ހުމައިރާ ކޮނޑުމަތީގައި ބާއްވައިގެން ދެކޮޅަށް ހިނގަހިނގާހުރި ނޫރާއަށް ހުއްޓެވުނީ އެތާ އެތެރެއަށް ވަދެގެން އައި ހުމޭޒާ ފެނުމުންނެވެ.

''ދަރިފުޅު ނިންދަވަނީދޯ....... އޯކޭ އަހަރެން ބޭރުގަ މަޑުކޮއްލަންތަ  ........'' ހުމޭޒާ މަޑުމަޑުން އަހާލިއެވެ. އޭރު ނޫރާ ހުރީ، ދަރިފުޅު ގޮވައިގެން ދެކޮޅަށް ހިނގާ ހިނގާ ވަރުބަލިވެ މާނޭވާ ލެވިފައެވެ.  އެހެން އަވަދިނެތި، އެއްވެސް އަރާމެއް ނެތި އުޅެއުޅެ ކުރިއަށްވުރެވެސް ނޫރާ ހިކިއްޖެއެވެ.

''ނޫނޭ...... ރަނގަޅުވާނެ މިތާ މަޑުކޮއްލިޔަސް........ މިހާރު ނިދާނެހެން ހީވަނީ އެނދުގަ ބާއްވާލީމަ.......'' ދަރިފުޅުގެ ބުރަކަށީގައި ފިރުމާލަމުން ނޫރާ ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްކަތް ކުރިއެވެ. އަދި ކައިރީގައި ހުރި ގޮނޑި ފައިން ޖައްސާ މަޑުމަޑުން ހުމޭޒާގެ ގާތަށް ކޮއްޕާލިއެވެ.

''ހުމޭ ތިހެން އައިސްލާ އުޅޭތީވެސް ވަރަށް ހިތްހަމަޖެހޭ........ މިތަނުގައި އެއްވެސް ދިވެއްސަކާވެސް ދިމާނުވޭ......... ބޭރަށްވެސް ނުކުމެނުލެވޭތީ ދިވެހިން އުޅުނަސް ދިމައެއް ނުވާނެތާދޯ.......'' ދަރިފުޅު އެނދުގައި ބޭއްވުމަށްފަހު ނޫރާ ނިތްކުރިން ހިއްލާފައިވާ ދާތިކިތައް ފޮހެލަމުން އެނދުގެ މަގަތުން އިށީދެލިއެވެ.

ހަމްޒާ އަށް ސިއްރުން ހުމޭޒާ މީގެ ކުރިންވެސް ދެތިންފަހަރަކު ނޫރާއާ ބައްދަލުކުރަން އެވޯޑަށް އައެވެ. ނޫރާގެ ހާލު ފެނި ހިތުގައި އުފެދުނު އިންސާނީ ކުލުނުގެ ސަބަބުންނެވެ. ހުމައިރާ އުރާލާހިތް އޮންނަލެއް ބޮޑުކަމުންވެސް މެއެވެ. ފެނިދެނިވުމުގެ ސަބަބުން ނޫރާއަށް މިހާރު ހުމޭޒާ އާ ވާހަކަދެއްކުން އުނދަގުލެއް ނޫނެވެ.

''ހުމޭ ޑޮކްޓަރަށް ދައްކާ ނުނިމޭތަ އަދި........'' ނޫރާ މުޚާތަބު ކުރީ އޭނާއަށް ހުމޭޒާ ބުނެދިން ނަމުންނެވެ.

''އާނ........ އަދި ހައެއްކަ ދުވަސްވާނެ.........  ނޫރާ ނުވެސް ނިދަންދޯ މިހާރު......... ލޯކައިރިވެސް ކަޅުވެއްޖެ........'' ހުމޭޒާ ނޫރާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ބުންޏެވެ.

''އަހަރެންގެ ފިރިހެން ކޮއްކޮއަކު އެބައުޅޭ މިކޮޅުގަ .......... ކިޔަވަން ހުންނަ ކުއްޖެއް....... އަހަރެން ހަމަޖައްސަދީފާނަން މިރޭ އެކުއްޖާ މިތާ ބަހައްޓާގޮތަށް...........'' ހުމޭޒާ ތީރު ދޫކޮއްލިއެވެ. އަމާޒަށް ވާސިލްވާނެ ކަމުގެ އުންމީދުގައެވެ.

''ނޫނޭ......... މިހާރު އެކޮޅުން ނެގި ރޫމުވެސް ދޫކޮއްލައިފިން........... '' ނޫރާ އިސްޖަހާލިއެވެ. އަރާމުކޮއްލަން އޭނާވެސް ބޭނުމެވެ. ދެފައި އެލުވަގެން އުޅެއުޅެ ދެފައި އޮތީ ދުޅަވެފައެވެ. ހަމަ ނިދި ނުލިބޭތާ ގިނަދުވަސްވެގެން ބޮލުގައި ރިއްސާތާވެސް ކިތަންމެ ދުވަހެކެވެ.

''އަހަރެމެންގެ އެޕާޓްމަންޓް ވެސް މިތަނާ ދުރެއް ނުވާނެ...... ހުންނާނެ ހުސް ރޫމުވެސް ........ މިވަގުތު އަހަރެން އެކަނި މިއުޅެނީވެސް.......... ދޭތެރެއަކުން މިބުނާ ކޮއްކޮ ނިދާލަން އަޔަސް، ގިނަވަގުތު އެތަނުގައި އެއްވެސް މީހަކު ނޫޅޭނެ....... ދަރިފުޅު ގޮވައިގެން ހިނގާ އެތަނަށް ނިދާލަން ދަމާ........ އޭރުން އަހަރެންވެސް އެކަނިފިލާނެ.......'' ހުމޭޒާ އޭނާ އައި ބޭނުމާ ހަމަޔަށް ވާސިލް ވުމުގެ މަސައްކަތް ފެށިއެވެ.

ނޫރާ ވިސްނާލިއެވެ. ހުމޭޒާ އެބުނީވެސް ރަނގަޅު ވާހަކައެކެވެ. ލަޔާލް އަކީ އެނދުން ތެދުވަން ޖެހޭ މީހަކަށް ނުވާއިރު އެންމެ ރެޔަކު ނިދާލަން ހުމޭޒާގެ އެޕާޓްމަންޓަށް ދިއުމަކީ ހަމަ އެންމެ ރަނގަޅުކަމެކެވެ.

''ދާނަން ދޯ.........'' ނޫރާގެ ޖަވާބެއްގެ އިންތިޒާރުގައި އިން ހުމޭޒާއަކަށް ކެތެއް ނުކުރެވުނެވެ.

''އެންމެ ރަނގަޅު....... އެކަމަކު ފިރިމީހާ..........'' ނޫރާ އެބުނި އެއްޗެއް ހުމޭޒާއަށް އެނގުނެވެ. ވަގުތުން ފޯނު ނަގާ އޭނާ ކޮންމެވެސް މީހަކަށް ގުޅާފައި އެތަނުން ނުކުތެވެ. ނޫރާ ބޯދިއްކޮއްލި އިރު ކައުންޓަރު ކައިރީގައި ހުމޭޒާ ހުރެގެން ވާހަކަ ތަކެއް ދައްކަނީއެވެ. ޕާސްޕޯޓެއް ކައުންޓަރަށް ދައްކާތަންވެސް ފެނުނެވެ. ހީވާގޮތުން އެތަނަށް އަންނާނެ ކަމަށް ހުމޭޒާ އެބުނި މީހާގެ މަޢުލޫމާތު ކައުންޓަރަށް ދެނީއެވެ.

މިރޭ ހޮޓަލަށް ނިދާލަން ދާވާހަކަ ލަޔާލް ގާތުގައި ނޫރާ ބުނެފިއެވެ. ލަޔާލް އެކަމާ އުފާކުރިއެވެ. ހޮޓަލުން ނޫރާ ހިފި ރޫމް ދޫކޮއްލި ކަމެއް ލަޔާލަކަށް ނޭނގޭނެއެވެ. އެ ރޫމުވެސް ނޫރާ ދޫކޮއްލީ ޚަރަދު ބޮޑުވާތީއެވެ.

******

ވޯޑުން ނޫރާއާ ހުމޭޒާ ނުކުތްއިރު މާ ދުރު ނޫން ހިސާބެއްގައި ހަމްޒާ ހުއްޓެވެ. އޭނާ ހުރީ ކޮރިޑޯގެ މެދުގައި ހުރި ތަނބުތަކުގެ ތެރެއިން ތަނބަކާ ނިވާވެގެންވެ. މީހެއްގެ ޙައްޤެއްކަން އެނގުނަސް، ހިތަށް ކިތަންމެ އަސަރު ކުރިޔަސް، ސިއްރުން ނަމަވެސް ނޫރާދެކި ނުލާ އޭނާއަކަށް ނުހުރެވުނެވެ. ފެނުނީމަ ހަމަ ބެލެނީއެވެ. ނުބަލެއް އޭނާއަކަށް ނުހުރެވުނެވެ. ދަރިފުޅު ކޮނޑުމަތީގައި ބާއްވާލައިން ނޫރާ ނުކުމެގެން ގޮސް ލިފްޓަށް ވަންނަންދެން އޭނާ ބެލިއެވެ. ތެޅިތެޅި އޮތް ހިތުގައި އުފެދުނު ޒަޚަމްތަކުން ލޭ ހިލުނެވެ. ކިތަންމެ އެއްޗެއް އެ ހިނދުކޮޅުންވެސް އޭނާގެ ހިތަށް އަރާފައިބައިގެން ހިނގައްޖެއެވެ.

ހުމޭޒާ ނޫރާ ގޮވައިގެން ދިއުމުން، ހަމްޒާ ކުރިއަށް ހިނގައިގަތެވެ. ވޯޑަށް ވަނުމަށްފަހު ކައުންޓަރުކައިރީގައި އޭނާ ހުއްޓުނެވެ. އަދި ހުމޭޒާ މެސެޖް ކުރިފަދައިން ފޯނުގައިވާ ޕާސްޕޯޓްގެ ކޮޕީ އޭނާ ކައުންޓަރަށް ދެއްކިއެވެ. އައިޑީކާޑާއި އެމީހުން އެދުނުވަރަށް ފައިސާވެސް ދީފިއެވެ. އެމީހުން ދިއްކޮއްލި ކާޑުގައި ހަމްޒާ ހިފިއެވެ. އެ ކާޑަކީ ބަލިމީހާގެ އެހީތެރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމުން އެތަނުން ދޭކާޑެކެވެ. ކާޑުގެ އެއްފުށުގައި އޮތީ ހަމްޒާގެ ނަމާ ޕާސްޕޯޓް ނަމްބަރެވެ. ކާޑުގެ އަނެއްފުށުގައި ބަލިމީހާގެ ނަމެވެ.

ބަލިމީހާގެ ނަން އޮތް ފަރާތަށް، ކާޑު ފުށުންޖަހާލުމާއެކު ހަމްޒާގެ ފައި ބިންމަތީގައި ހަރުލައިފިއެވެ. ދެފައިގައި ކަސްތަޅުއަޅާ ހައްޔަރު ކޮއްލިހެން ހީވިއެވެ. ކުރިއަށް އަދި ފަހަތަކަށްވެސް ފިޔަވަޅެއް ނޭޅުނެވެ. ދެލޯބޮޑުކޮށްގެން އޭނާއަށް ފެންނަންއޮތް ނަމާ ދިމާއަށް ބަލަން ހުރެވުނީ އެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 03 ޖޫން، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް