ވާހަކަ: ލޯބިވޭ އިންތިހާ – ތިރީސް އަށްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ކޮރިޑޯއިން ދެކޮޅަށް ހިނގަމުން ދިޔަ މީހުންތަކުގެ ތެރެއިން ހަމްޒާ ކުރިއަށް ހިނގައިގަތެވެ. އާ ހިތްވަރަކާއެކުގައެވެ. ނުހަނު ގާތްވެފައި ވަނިކޮށް އަންހެންކުއްޖާ ތުއްތު ކުއްޖާ ގޮވައިގ...

20 May 2025 | 06:16

ކުރީގެ އަދަދާއި ގުޅޭ...

ކޮރިޑޯއިން ދެކޮޅަށް ހިނގަމުން ދިޔަ މީހުންތަކުގެ ތެރެއިން ހަމްޒާ ކުރިއަށް ހިނގައިގަތެވެ. އާ ހިތްވަރަކާއެކުގައެވެ. ނުހަނު ގާތްވެފައި ވަނިކޮށް އަންހެންކުއްޖާ ތުއްތު ކުއްޖާ ގޮވައިގެން އެނބުރިލިއެވެ. މޫނުގައި މާސްކެއް އަޅާފައިވުމާ، ސާފުކޮށް ފެންނަވަރަށް ވުރެ ދުރުކަމުން ހަމްޒާއަށް އޭނާގެ މޫނު ފެންނަވަރެއް ނުވިއެވެ. އެހެންނަމަވެސް އެ އޭނާ ވަނީ ކޮން ވޯޑަކަށް ކަން ހަމްޒާއަށް ޔަޤީންވިއެވެ.

ދެފަޔަށް ލެވުނުހާ ބާރެއްލާފައި ހަމްޒާ އަނެއްކާވެސް ކުރިޔަށް ހިނގައިގަތެވެ. އެ އަންހެންކުއްޖާ ވަން ދޮރާ ހަމައަށް ގޮސްފައި ހުއްޓުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ވޯޑުތެރެއަށް ބޯދިއްކޮއްލަމުން ހަމްޒާ ވަށައިގެން ހޯދާލިއެވެ.

އެތަން ހީވަނީ ކުޑަވަރެއްގެ ހޯލެއް ހެންނެވެ. އެ ވޯޑުގައި ވިއްސަކަށް އެނދު ހުންނާނެކަމަށް ލަފާކުރެވެއެވެ. ކޮންމެ އެނދެއްގެ ވަށައިގެން  މީހުންގެ އާއްމު އިސްކޮޅަށްވުރެ އުސްކޮށް ޕާޓިޝަން ޖަހާ ނިވާކޮށްފައިވެއެވެ. ހަދާފައިވާގޮތުން ހީވަނީ ވަކިވަކި ރޫމުތަކެއް ހެންނެވެ. ކޮންމެ ރޫމަކަށް ނަންބަރެއް ދީފައިވެއެވެ. އެ ނަންބަރު އެ ރޫމަކަށް ވަންނަ ދޮރާދިމާގައި ލިޔެފައި އޮތެވެ. އަދި އިތުރު ލިޔުންތަކެއްވެސް ކޮންމެ ދޮރަކާދިމާލު ތަތްކޮށްފައި ހުރިމެއެވެ. އެހެނަސް ހަމްޒާ ހުރި ހިސާބުން ލިޔެފައިވާ ލިޔުން ކިޔަން އެނގޭވަރެއް ނޫނެވެ.  އެނދުތައް ކައިރިން މަދުމަދުން މީހުން ހިނގާތަން ފެނެއެވެ. އެންމެންވެސް ފެންނަނީ މާސްކު އަޅައިގެން ތިބިތަނެވެ.

ވޯޑަށް ވަދެވޭ ހިސާބުގެ އެއްފަރާތެއްގައި ކައުންޓަރެއް ހުއްޓެވެ. ކައުންޓަރު ކައިރީގައި ހައެއްކަ ނަރުހުންގެ އިތުރުން ހޮސްޕިޓަލުގެ ސްޓާފު ޔުނިފޯމުގައި ތިބި ދެތިން މީހުން ތިއްބެވެ. ތަނުގެ އެތެރެއިން ފެންނަނީ ތަރުތީބު ކަމާ ސާފުތާހިރުކަމެވެ. އެތަނުގެ މައިގަނޑު އަޑަކަށް ހުރީ އެކި ޒާތުގެ މެޝިންތަކުން އިވޭ ބީޕް ތަކުގެ އަޑެވެ. މަދުމަތުން މީހުން ވާހަކަދައްކާލާއަޑު އިވެއެވެ. ބަލި މީހުންގެ ވޭނީ ކުކުރުމުގެ އަޑުވެސް ދޭތެރެ ދޭތެރެއިން އިވެއެވެ.

ހޮސްޕިޓަލުގެ ކޮންމެ ކަމަކުންވެސް އެ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ހާމަވެއެވެ. ޚިދުމަތުގެ އަގުބޮޑުވިޔަސް، އެހާ ގިނަ މީހުން މި ހޮސްޕިޓަލަށް އަންނަ މައިގަނޑު ސަބަބަކީ ވެސް އެއީއެވެ.

ދޮރުން ބޯދިއްކޮށްގެން ހަމްޒާ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. އޭނާއަކަށް ހަދަންވީގޮތެއް ނޭނގުނެވެ. ވަންނަންވީ އެއްކަމެއް ނުކުމެގެންދާންވީއެއްކަމެއް ނޭގުނެވެ.

އެގޮތަށް ހަމްޒާ އެތަނުގައި ހުންނަތާ ދެތިންމިނެޓް ވެއްޖެއެވެ. ކައުންޓަރުގައި ތިބި އެންމެންގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން ނޭނގޭހާލު،  އޭނާގެ ލޯ ވޯޑުގެ އެކި ދިމަދިމާއަށް ހަރަކާތް ކުރަމުން ދިޔައެވެ. ދެން ފެނުނީ ކައުންޓަރުގައި އިން އަންހެން ސްޓާފަކު ހަމްޒާއާ ދިމާއަށް އަންނަތަނެވެ.

''އެކްސްކިއުޒްމީ.........''  ހަމްޒާގެ ނުހަނު ގާތުގައި ހުއްޓެމުން އެ އަންހެންކުއްޖާ ބުނެލިއެވެ. ހަމްޒާއަށް ލިބުނު ސިހުމުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެ އަންހެން ކުއްޖާ ވާހަކަދެއްކީ އިނގިރޭސިބަހުންނެވެ. ހަމްޒާ ބޭނުންވަނީ ކޮންކަމެއްތޯ އޭނާއެހިއެވެ. ޖަވާބުގައި ބުނާނެ އެއްޗެއް ހަމްޒާއަކަށް ނުވިސްނުނެވެ. އެންމެފަހުން އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އެ ވޯޑުގައި އޮތް ބަލި މީހަކާ ބައްދަލުކޮއްލަން އެދޭވާހަކަ ބުނެފިއެވެ.

އެވޯޑަކީ ޚާއްސަ ވޯޑަކަށް ވުމުން އެތަނަށް ވަދެވޭނީ ބަލިމީހާގެ އެހީތެރިންގެ ގޮތުގައި ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަނި ކަމުގައި އަންހެންކުއްޖާ ބުނެލިއެވެ. އިތުރު މީހުން ވަންނަން ބޭނުންވާނަމަ ބަލި މީހާގެ ގާތް ކަންހުރި މިންވަރު އެނގެން ބޭނުންވާކަން އަންހެންކުއްޖާ އޮޅުން ފިލުވައިދިނެވެ. އަދި ބަލިމީހާގެ އެހީތެރިންގެ ގޮތުގައި ރަޖިސްޓަރީކޮށް ވަނުމުގެ ހުއްދަދިންކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތައް ފިޔަވައި އެހެންމީހުނަށް އެ ވޯޑަށް ނުވަދެވޭނެ ކަން ނުހަނު އިޙްތިރާމާއެކު އެ އަންހެން ކުއްޖާ ބުނެދިނެވެ.

ދެން އޭނާ ހަމްޒާއަށް ދައްކާލީ ދޮރުފަތުގައި ހަރުކޮށްފައިވާ ނޯޓިސްއެވެ. އޭގައި ލިޔެފައިވަނީ އެތަނުގައި ތިބީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންކަމަށްވާތީ، އެތަނަށް ވަދެވޭނީ މާސްކު އަޅައިގެންކަމާ، ކޮންމެ ފަހަރަކުވެސް ވޯޑަށް ވަނުމުގެ ކުރިން އެތަނުންދީފައިވާ ކާޑު ކައުންޓަރަށް ދައްކަން ޖެހޭނެކަމެވެ.

''އޯކޭ........ ސޮރީ ........'' އެގޮތަށް ވަންނަން އާދެވުނީތީ ހަމްޒާ ވަގުތުން މާފަށް އެދުނެވެ. އަދި ބޭރަށް ނުކުތުމަށްފަހު މާޔޫސްކަމާއެކު ދޮރު ލައްޕާލިއެވެ. އެއަންހެން ކުއްޖާ ފެނިދާނެކަމަށް ކުރެވުނު ކުޑަކުޑަ އުންމީދުވެސް ނެތިގެން ދިޔައީއެވެ.

ހަމްޒާ ވިސްނާލިއެވެ. ކޮންމެގޮތެއް ވިޔަސް އަދިވެސް އެތަނަށް ވަންނަން ހަމްޒާ ބޭނުމެވެ. އެކަމަކު ވަންނާނީވެސް ކީކޭ ކިޔާފައިހެއްޔެވެ. އޭނާއާ ގުޅުންހުރި އެއްވެސް މީހަކު އެތާއެތެރެއަކު ނުވެއެވެ. އޭނާ މާޔޫސްވާގޮތް ވިއެވެ. ކުރިއަށް ހިނގައިގަތީ އަދި އެނބުރި އައުމުގެ ބޭނުމުގައެވެ.

ކޮރިޑޯއިން ނުކުމެވެން ހުރި ބެލްކަންޏާ ދިމާއަށް އޭނާ ހިގައިގަތެވެ. އެއީ މީގެ ކުރިން އެ އަންހެންކުއްޖާ ހުއްޓިގެން ހުރިތަނެވެ. ބެލްކަނީގައި ހުރި  ތަނބެއްގައި ބުރަކަށި ޖައްސާލާ އޭނާ ލެނގިލިއެވެ. އޭނާ ބޭނުމީ އެދުވަހުގެ ބާކީއޮތް ހުރިހާ ވަގުތެއް އެތަނުގައި ހޭދަކުރާށެވެ.  ހަމައެކަނި އެ ބީރައްޓެހި، ގޮތްނޭނގޭ، އަންހެންކުއްޖާ ދެކިލުމުގެ ބޭނުމުގައެވެ. ކޮންމެވެސް ވަގުތަކުން އެ އަންހެންކުއްޖާ އެތަނަށް އަދިވެސް ނުކުމެދާނެޔޭ ހީވާތީއެވެ.

އެއީ ކޮންމެ މީހަކަށް ވިޔަސް އެމީހަކު ފެނުމުން ހަމްޒާގެ ހިތުގައި ޖަހަމުން ދިޔަ ވިންދު އަވަސްވިއެވެ. އެ އަތްތިލައާ އެ އަތުގެ އިނގިލީގައި އޮތް އަނގޮޓި މަތިން އޭނާއަކަށް ހަނދާން ނައްތައެއް ނުލެވުނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އާއެކެވެ. އެއީ ހަމަ ނޫރާ ކަމަށް އޭނާގެ ހިތް ބުނަމުންދަނީއެވެ. އެހިތަށް ވިސްނައިދޭން ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވެއްޖެއެވެ. އޭނާއަށް ކުރެވެމުންދާ އިހްސާސްތަކުގެ ސިއްރެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ގޮތް ނޭނގޭ އިޙްސާސަކުން އޭނާގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ.

ހިތަށް އަރާފައިބަމުންދިޔަ ކޮންމެ އެއްޗަކުން މާޒީގެ ސަފުޙާތައް ނިއުޅެމުން ދަނީއެވެ. ނޫރާ އާ އެކު ހޭދަކުރެވުނު ވަގުތުތަށް ހަނދާން އާވަމުން ދަނީއެވެ. އެ ހަނދާންތައް އާވަމުން ދިޔަވަރަކަށް އޭނާގެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ. މޮޅިވެރިކަމާއެކު އިސްޖަހާލެވުނީ ތަޤްދީރު އޭނާއާމެދު ކަންތައްތައް ވަމުންދާގޮތުން ހިތަށް ލިބުނު ދަތިކަމުގެ ސަބަބުންނެވެ.

މާޒީގެ ފުންކަނޑުގެ ގަދަ އޮއިވަރުގައި ބެހެމުން ދަނިކޮށް އޭނާއަށް ސިހުން ލިބުނީ ޖީބުގައި އޮތް ފޯނު ރިންގު ވާން ފެށުމުންނެވެ. ގުޅަނީ އޭނާގެ ތުއްތައެވެ. އެތަނުން ދާންޖެހިދާނެހެން ހީވާތީ  އޭނާ ބޭނުންވީ ކޯލް ބިޒީކޮއްލާށެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ޚިޔާލު ބަދަލުވިއެވެ. ހަމްޒާއަށް އެތަނަށް ވަނުމުގައި އަދި އެ އަންހެން ކުއްޖާ ހޯދުމުގައި އޭނާގެ ތުއްތަގެ އެހީތެރިކަން ހޯދުމަކީ ދެން އޮތް އެންމެ ރަނގަޅު ގޮތްކަމުގައި އޭނާގެ ސިކުނޑި އޭނާއަށް ބުނެދިނެވެ.

''ހަލޯ........'' ހަމްޒާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

''ހާދަ ލަސްވެއްޖެއޭ......... ކޮންތާކު.......'' ހުމޭޒާ ވާހަކަދެއްކީ އާދައިގެ ރާގެއްގައެވެ.

''ހޮސްޕިޓަލުގަ......... ބުނީމެއްނު ރައްޓެއްސަކާ ބައްދަލު ކޮއްލާފަ ދާނަމޭ....... ދިމާނުވީމަ........ ދެން މިއުޅެނީ ގެއަށް ދާން.........ތިޔެއް ނޫނޭ......... ހިނގާ ބާގަރ ކާން ދަމާ.......... .'' ހަމްޒާ ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ. އެންމެ އަވަހަށް އޭނާގެ ތުއްތަ ލައްވާ ކަމެއް ކުރުވޭނީ ކާއެއްޗެއްދީގެންކަން ހަމްޒާއަށް އެނގެއެވެ.

''އާނ....... މި ރެޑީވަނީ......... ދޮންތަ ކައިރީގަވެސް އެބަ ބުނެލަން.........'' ހުމޭޒާ ހުރީ ނިކަން ގަޔާވެފައެވެ.

''ނޫނޭ.........އެންމެން ދާންވެއްޖެއްޔާ މާ ލަސްވާނެ....... ތުއްތަ ރެޑީވޭ........ ދޮންތަމެނަށް ޕެކްކޮށްގެން ގެންދާނީ....... ޔައިކް ވެސް ކުޑަކޮށްބަލިވެ އުޅޭތީ ދޮންތަމެންނަށް އެހާ ފަސޭހައެއް ނުވާނެ މިގަޑީގަ ދާކަށް......'' ހަމްޒާ ބޭނުންވީ އޭނާގެ މަޤްސަދު ހާސިލްވާގޮތަށް ވާހަކަ ދައްކާށެވެ.

******

ރެސްޓޯރަންޓަށް ވަދެ އިށީނުމާއެކު ހަމްޒާ ވާހަކަ ފެށިއެވެ. އޭނާގެ މާޒީގެ ސަފުހާތަށް އޭނާގެ އެންމެ ގާތް އެކުވެރިޔެއްގެ ގޮތުގައި ދެކޭ އޭނާގެ ތުއްތައަށް ކިޔައިދީފިއެވެ. އޭނާއާ ނޫރާ ދިމާވިގޮތެވެ. ނޫރާގެ އާއިލާއާ ނޫރާގެ ސިފަތަކެވެ. ނޫރާ ދެކެ ލޯބިވާ މިންވަރާ ނޫރާގެ ރަނގަޅު ކަމުގެ ވާހަކަތަކެވެ. އެކަކު އަނެކަކަށް އެދެމުން ދިޔަވަރާ، ހޭދަކުރެވުނު އުފާވެރި ވަގުތުތަކުގެ ވާހަކައެވެ. ހަމްޒާގެ މައިންބަފައިން ނޫރާއާ މެދު ދެނުކުގޮތުގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. އަދި އެންމެ ފަހު ދަތުރު ހަމްޒާ ނޫރާއާ ބައްދަލު ކުރަން ދިޔަގޮތާ އެ ދަތުރުގައި ނޫރާއަށް ޕްރޮޕޯސް ކުރިކަންވެސް ކިޔައިދިނެވެ. އެދަތުރަށްފަހު މާލެ އައިފަހުން ނޫރާއާ ގުޅުން ކެނޑުނުކަމާ ނޫރާއާ ގުޅަން ކުރި މަސައްކަތް ބޭކާރުވީ ވާހަކަ ކިޔައިދެމުން ދިޔައިރު ހަމްޒާއަށް ވާހަކަ ދައްކަން އުނދަގޫވަމުން ދިޔައެވެ. ކުރެވުނު ހިތްދަތި އިހްސާސްތަކެއްގެ ސަބަބުން ދެލޯ ކަރުނައިން ތެމުނެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ހުމޭޒާ އިނީ ބަސްހުއްޓިފައެވެ. އޭނާގެ ލޯބިވާ ކޮއްކޮގެ ކެތްތެރިކަމާ ނޫރާ ދެކެވާ ތެދުވެރި ލޯބި ހިތާހިތުން ވަޒަން ކުރަމުން ދިޔައެވެ.

އެދުވަސްވަރަކީ ހުމޭޒާ ރާއްޖޭން ބޭރުގައި އުޅުނު ދުވަސްވަރު ކަމަށްވެފައި ކިޔެވުމުގެ ފަހު ދުވަސްތަށް ކަމަށްވުމުން މާ ގިނައިން ހަމްޒާއަށް އޭރު ގުޅާ ހަދާނެ ވަގުތެއް ލިބިފައެއް ނުވެއެވެ. އެހެންވެ ނޫރާއާ ހަމްޒާގެ ގުޅުމުގެ އެއވެސް ޙަބަރެއް ހުމޭޒާއަށް އޮތީ ނުލިބިއެވެ.

''ދެން ކިހިނެތް ހަދާނީ......... ހޮސްޕިޓަލުން ހަމްޒާއަށް ތި ފެނުނީ ނޫރާކަން ޔަޤީންތަ.........'' އިރުކޮޅަކު ހަމަހިމޭނުން އިނުމަށްފަހު ހުމޭޒާ ސުވާލުކޮށްލިއެވެ.

''ޔަޤީނެއް ނޫން...... އެކަމަކު އަހަރެންގެ ހިތްބުނަނީ އެމީހަކީ ނޫރާކަމަށްވެސް ވެދާނެޔޭ........ އަނެއްކާ އިނގިލީގަ އޮތް އަނގޮޓި......... އަހަންނަސް ހަމަ ޔަޤީން އެއީ ހަމަ އޭގެ އަނގޮޓިއެއްކަން........ އަހަރެން އަމިއްލަ ޑިޒައިނެއް ދީގެން ހެއްދި އަނގޮޓިއަކަށްވާއިރު...... ހަމަ އެކަހަލަ އެހެން އަނގޮޓިއެއް މީހެއްގެ އަތުގައި އޮވެދާނެތަ؟............'' ހަމްޒާ އޭނާގެ އަމިއްލަ ނަފުސު ހަމަޔަކަށް އަޅުވާލަން މަސައްކަތް ކުރަމުން ބުނެލިއެވެ.

''ނޫރާ އެ އަނގޮޓި އެހެން މީހަކަށް ދިނީ ކަމަށްވެސް ވެދާނެއެއްނު........'' ހުމޭޒާ އެބުނި އެއްޗަކާ ދޭތެރޭ ވިސްނާލަން ހަމްޒާއަށް މަޖުބޫރުވިއެވެ.

އެހާ ލޯބިން ހަމްޒާ ނޫރާގެ އިނގިލީގައި އަޅުވައިދިން އެ އަނގޮޓި ނޫރާ އެހެން މީހަކަށް ދީފާނެބާއެވެ. އެ އަނގޮޓި އެޅުވިރޭ، ދުވަހަކުވެސް އެ އަނގޮޓި ނޫރާގެ އިނގިލިން ވަކި ނުކުރާނެ ކަމަށް ނޫރާ ވަނީ ވަޢުދުވެފައެވެ. އެވަގުތު ނޫރާ އުފާވެފައި އިންވަރު ފެނުނު މީހަކީ ހަމައެކަނި ހަމްޒާއެވެ. ނޫރާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އެރޭ ހަމްޒާއަށް ފެނުނެވެ. ހަމައެޔާއެކު ނޫރާގެ ރީތި ދެލޮލުން ހަމްޒާއަށް ފެނުނު އިންތިހާ ލޯތްބާ ކުލުނަކީ ހަމަ އެއްވެސް އަގެއް ނެތް އެއްޗެއްކަމުގައި ނޫރާ ހަދާފާނެ ހެއްޔެވެ. ނޫނެކެވެ. ނޫރާއަކީ އެޔަށްވުރެ މާ ތެދުވެރި ކުއްޖެކެވެ. ނޫރާވެސް ހަމްޒާދެކެވީ ތެދުވެރި ހަޤީޤީ ލޯތްބެވެ. އެއީ އަދިވެސް ހަމްޒާ ޤަބޫލު ކުރާގޮތެވެ. އަދި ޤަބޫލު ކުރަން ބޭނުންވާވެސް ގޮތެވެ.

''ހަމްޒާ........ ދެން ބުނެބަލަ...... ތުއްތަ ކީއްކޮއްދޭންވީ.......'' ކުރިމަތީގައި އިން ހަމްޒާގެ މޫނުން ފެންނަ އުދާސްކަމާ ނުތަނަވަސްކަން ދެކޭކަށް ހުމޭޒާއަކަށް ކެތެއް ނުވިއެވެ. އޭނާ ބޭނުންވީ ވެވުނު ކޮންމެ ގޮތަކުން ހަމްޒާއަށް އެހީވާށެވެ.

''ތުއްތަ އެ ވޯޑަށް ވަދެ އެމީހުނާ ވާހަކަ ދައްކައިގެން ބަލައިދޭންވީ އެތަނުގައި ތިބި ދިވެހިންގެ ނަންތައް....... ފައިސާ ދޭން ޖެހިއްޖެއްޔާ ފައިސާ ދީގެންވިޔަސް މިކަން ކުރެވޭނެ ގޮތެއް ތުއްތަ ބަލައިދީ......... މިކަހަލަ ކަންކަމަށް އަހަންނަށްވުރެ ތުއްތަ މާ ފަރިތަވާނެ........ އެކަމަކު މިކަން ދޮންތަ މެނަށް ނާންގާތި.........'' ހަމްޒާ ބުނީ އޭނާ ބޭނުންވާ ކަންތަކުގެ ވާހަކައެވެ.

*******

ޖެހިގެން އައި ދުވަހެވެ. ހުމޭޒާ ގޮވައިގެން ހަމްޒާ ހޮސްޕިޓަލަށް ދިޔައެވެ. ހުމޭޒާ ހުރީ ނޫރާ ވަންކަމަށް ހަމްޒާދެއްކި ވޯޑުގެ ސީދާ ދޮރާދިމާ ކުރިމަތީގައެވެ. ހަމްޒާ މަޑުކޮށްލީ ވޯޑާ ތަންކޮޅެއް ދުރުގައެވެ.

ހުމޭޒާ ހުރީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެންހެން ހީވެއެވެ. އޭނާ އަކީ ތަންދޮރު ދަންނަ، ކިޔަވައިގެން ހުރި ހުނަރުވެރި ކުއްޖެކެވެ. އޮސްޓްރޭލިޔާގައި އެތައްދުވަހެއް އޭނާ ކިޔެވުމުގައި ހޭދަކުރިއެވެ. ދުނިޔެއަށް ލޯހުޅުވިފައިވާ ޒަމާނީ ކުއްޖެކެވެ.

ލަސްކުރާކަށް ހުމޭޒާ ބޭނުމެއް ނޫނެވެ. އޭނާ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ބޯދިއްކޮށްލިއެވެ. ކައުންޓަރުގައި އިން ކުއްޖަކަށް އިޝާރާތް ކޮށްލިއެވެ. ހުމޭޒާ ހުރީ މާސްކު އަޅައިގެން ކަމުން ކައުންޓަރާ ހަމައަށް ވަނުމުގެ ހުއްދަ ލިބުނެވެ. އެތަށް ގޮތަކަށް ވާހަކަ ދެއްކުމުންވެސް އެތަނުގައި ތިބި ބަލިމީހުންގެ މަޢުލޫމާތު ދޭކަށް އެމީހުން އެއްބަހެއް ނުވިއެވެ. އެއީ ހޮސްޕިޓަލުގެ އުސޫލުތަކާ ޚިލާފު ކަމެއްކަމަކަށް ވާތީއެވެ.

އެންމެފަހުން ހުމޭޒާ އޭނާގެ އެންމެ ފަހުގެ އުކުޅު ބޭނުން ކުރަން ނިންމިއެވެ. އޭނާ ކައުންޓަރަށް އޭނާގެ އައިޑީ ކާޑާއި ޕާސްޕޯޓް ދައްކައިފިއެވެ. އަދި އޭނާއަކީ ނޫރާގެ ދައްތައެއް ކަމަށް ބުނެ ނޫރާއާ ބައްދަލު ކޮއްލަން އެދޭވާހަކަ ބުނެފިއެވެ. ދެން ފަހުން ވާނެ ގޮތެއް އެވަގުތު އޭނާ ވިސްނާކަށް ބޭނުމެއް ނުވިއެވެ.

ނޫރާގެ ސިފަޔާ އިސްކޮޅާ ނަމާ އެޑްރެހަށް ދަންދެން ހުމޭޒާ ކިޔައިދިނުމުން އެންމެފަހުން އެމީހުންނަށް ހުމޭޒާގެ ވާހަކަތައް ޤަބޫލު ކުރެވުނެވެ. ހުމޭޒާ ގޮވައިގެން ކުރިއަށް ހިނގައިގަތެވެ. ފަނަރަވަނަ އެނދާ ހަމަޔަށް ގޮސްފައި އަތުން އިޝާރާތް ކޮށްލަމުން ނޫރާ އިނީ މިތާކަމުގައި ބުންޏެވެ. އަދި މާ ގިނައިރު ވާހަކަދައްކަން ނުތިބެވޭނެ ކަމަށާ ބަލި މީހާއަށް އުނދަގޫވާނެ އެއްވެސް ކަމެއް ނުކުރުމަށް އިރުޝާދު ދިނުމަށް ފަހު އޭނާ އެބުރި ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ. ހުމޭޒާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 22 މެއި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް