ވާހަކަ: ލޯބިވޭ އިންތިހާ – ތިރީސް ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ދެހަފުތާ ފަހެވެ. ހޮސްޕިޓަލުގެ މައި ގޭޓް ކައިރީގައި ފުނިޖެހިފައިވާ މީހުންތަކުގެ ތެރޭގައި ހަމްޒާހުއްޓެވެ. ރައްޓެއްސަކާ ވާހަކަ ދައްކާށެވެ. ކުއްލިއަކަށް، ހަމްޒާ ލައިގެންހުރި ޓީޝާޓު...

15 May 2025 | 04:01

ކުރީގެ އަދަދާއި ގުޅޭ...

ދެހަފުތާ ފަހެވެ. ހޮސްޕިޓަލުގެ މައި ގޭޓް ކައިރީގައި ފުނިޖެހިފައިވާ މީހުންތަކުގެ ތެރޭގައި ހަމްޒާހުއްޓެވެ. ރައްޓެއްސަކާ ވާހަކަ ދައްކާށެވެ. ކުއްލިއަކަށް، ހަމްޒާ ލައިގެންހުރި ޓީޝާޓުގެ އަތުގައި ހިފާ މީހަކު ދަމާލިއެވެ. އޭނާ ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު ތުއްތު ކުއްޖަކު އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅާލައިގެން ހަމްޒާއާ ދިމާއަށް ބަލަން އޮތެވެ. އެއްއަތުގައި ކުޅޭ އެއްޗެއް އޮތެވެ.  އަނެއް އަތުން ހަމްޒާއާ ދިމާއަށް ތުއްތު ކުއްޖާ ހަނާއަޅަމުން ދިޔަހެން ކުޑަކުޑަ އަތް ހޫރަމުން ދިޔައެވެ. ހީވާގޮތުން އެކުއްޖާ އަތް އެއްލި ވަގުތު ހަމްޒާގެ ޓީޝާޓުގައި ހިފުނީއެވެ. އެކުއްޖާ މަންމަ ދިޔައީ ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުންނެވެ. ކުއްލިއަކަށް އެ ކުއްޖާ އަތުގައި އޮތް ކުޅޭ އެތި ބިންމައްޗަށް ވެއްޓުނެވެ. ހަމްޒާއަށް އެމަންޒަރު ފެނުނެވެ.

އަތުގައި އޮތް ކުޅޭއެތި ވެއްޓުމާއެކު ތުއްތު ކުއްޖާ އެ ކުޅޭއެއްޗާ ދިމާއަށް އަތް ދިއްކުރަން ފެށިއެވެ. އެކި ފަރާތް ފަރާތަށް އެނބުރި އެބުރިފައި އެ ކުޅޭއެތި އޮތް ދިމާއަށް ބަލަން ފެށިއެވެ. އޭރުވެސް އެ ކުއްޖާ ގޮވައިގެން ހުރި އަންހެންމީހާ ހުރީ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކާށެވެ. ހީވާގޮތުގައި އޭނާ އެހުރީ ވަރަށް މުހިއްމު ކޯލެއްގައެވެ. އަންހެންމީހާ ކުރިއަށް ހިގަމުން ދިޔަ ވަރަކަށް އެ ކުޅޭ އެއްޗާ ދުރުވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާ ގަދަ ދައްކާ ބިންމައްޗަށް ފައިބާން މަސައްކަތް ކުރަމުން ދިޔައެވެ.

އެ މަންޒަރު ބަލަންހުރި ހަމްޒާ ކުރިއަށް ހިގައިގަތެވެ. ކުޅޭ އެތި ބިންމަތިން ނެގިއެވެ. އޭނާ ބޭނުންވީ އެކުއްޖާގެ ކުޅޭއެތި އެކުއްޖާއަށް ގެންގޮސްދޭށެވެ.  އެއީ ރަބަރު ތަޅުދަނޑި ތަކެކެވެ. ތުއްތުކުއްޖަކަށް ފަސޭހައިން ހިފާ ގެންގުޅެވޭގޮތަށް ހަދާފައިވާ ތަޅުދަނޑިތައް ވަނީ ފައްޗަކަށް އަމުނާފައެވެ. ހަމްޒާ އެ ކުޅޭއެތި ހިފައިގެން އެ ތުއްތު ކުއްޖާއާ ދިމާއަށް ހިނގައިގަތެވެ.

ނުހަނު ގާތަށް ދެވިފައިވަނިކޮށް އެ އަންހެންމީހާ ތުއްތު ކުއްޖާ ބިންމަތީގައި ބެހެއްޓިއެވެ. ހީވާގޮތުން ކުއްޖާ ބިންމައްޗަށް ފައިބަން ގަދަ ހަދަންފެށީމާ ބޭލީއެވެ. އަންހެންމީހާ އޭނާގެ އަތް ދިއްކޮއްލީ ކުއްޖާ ގާތު އަތުގައި ހިފާށޭ ބުނާ ފަދަޔަކުންނެވެ. ހަމަ އަތް ދިއްކޮށްލުމާއެކު އެކުއްޖާ އެ އަތުގެ އިނގިއްޔެއްގައި ހިފައިފިއެވެ. ނުފަރިތަ ކަމާއެކު ފިޔަވަޅު އަޅަމުން ތުއްތުކުއްޖާ ކުރިއަށް ހިނގައިގަތެވެ. ވަށައިގެން ހިނގާބިނގާވާ މީހުންނާ ދިމާއަށް ބަލަމުންނެވެ.

އަންހެންމީހާގެ ފަހަތުން ހިނގާފައިދިޔަ ހަމްޒާގެ ފިޔަވަޅުތަކަށް ކުއްލިއަކަށް ހުއްޓުން އެރިއެވެ. ހީވީ އޭނާގެ ދެފައި ބިންމަތީގައި ތަތްވިހެންނެވެ. ހަމްޒާގެ ދެލޯ އަމާޒުވެފައިވަނީ ތުއްތު ކުއްޖާ ހިފައިގެންހުރި، އަންހެންމީހާގެ އަތްތިލައަށެވެ. އެ އަތްތިލައިގެ ކަށި އިނގިލީގައި އޮތް އަނގޮޓިއަށް އޭނާގެ ނަޒަރު ސީދާވިއެވެ. އެކި ކުލަކުލައިން ދިހުން އަރަމުން ދިޔަ ކުޑަކުޑަ އަލިމަސްޖެހި އެ އަނގޮޓި ފެނުމާއެކު ހަމްޒާގެ ހިތުގެ ހިނގުމަށް ބަދަލުތަކެއް އައިކަން ކަށަވަރެވެ. އަވަސްއަވަހަށް ބަލާލެވުނީ އެ އަނގޮޓި އަޅާފައިވާ އަތްތިލައަށެވެ. އެއީ ޒުވާން އަތްތިލައެކެވެ. ދޮންދޮން ހިމަހިމަ އިނގިލިތަކަކީ ހަމްޒާ ދުވަހަކުވެސް ހަނދާން ނެތޭނެ އިނގިލިތަކެއް ނޫނެވެ. އާނއެކެވެ.

''ނޫރާ..........'' ހަމްޒާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކުރިއެވެ. އެހެނަސް އެއްވެސް އަޑެއް ނުނިކުތެވެ. ދެލޯ ބޮޑުކޮށްގެން އެގޮތަށް އިރުކޮޅަކު އޭނާއަށް ހުރެވުނެވެ. މާޒީގެ ފަރުދާ ކެހިގެންދިޔަހިނދު، އެ މާޒީގެ ފަތްފުއްތައް ހުޅުވިގެން ހިނގައްޖެއެވެ. މާޒީގެ އެކި ތަންތަންކޮޅު ވަކިވަކިން ސިނކުޑިއަށް ސިފަވަމުން ދިޔައެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އެ އަންހެން ކުއްޖާގެ ފަހަތުން ހިނގައިގަތެވެ. އޭރު އަންހެން ކުއްޖާ އެ ތުއްތު ކުއްޖާ އުރާލައިގެން ލިފްޓާ އަރާ ހަމަވަނީއެވެ. ހަމްޒާއަށް ދެން ކުރަންވީ ކަމެއް ވިސްނާލެވުނުއިރު މީހުންތައް ފުނިޖެހިފައިވާ ލިފްޓް ތެރެއަށް އަންހެންމީހާ ވަދެ ނިމިއްޖެއެވެ. ލިފްޓްގެ ދޮރު ލެއްޕެމުން ދިޔައިރު ހަމްޒާއެކޭ އެތަނުގައި ބަހައްޓާފައިހުރި ބުދެކޭ އެއްގޮތެވެ. އޭނާ ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ.

''ކޮބާ .......... ހާދަ ހޯދައިފީމޭ......... މެސެޖްވެސް ކޮށްފިން............. ނުފެނިގެން ގުޅަންއުޅެނިކޮށް މި ފެނުނީ.......ނޭނގޭނު މިތާ އެތެރޭގަ ހުންނާނެކަމެއް..........'' ނުހަނު ގާތުން ހަމްޒާގެ ތުއްތަ ހުމޭޒާ ގެ އަޑު އިވުމާއެކު އޭނާއަށް ލިބިފައިވާ ގަބުކަން ފިލައިފިއެވެ.

''އާނ.......ނޭނގެ........ މި .........'' ހަމްޒާއަށް ދައްކާލެވުނީ އަތުގައި އޮތް ކުޅޭއެއްޗެވެ. އޭނާއަށް ބުނާނެ އެއްޗެއް ނުވިސްނުނުނެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ސިނކުޑީގައި ވަނީ މުޅިން އެހެން ވިސްނުމެކެވެ. ދެންމެ ފެނުނު އަތްތިލައާ އެ އަތްތިލައިގައި އޮތް އަނގޮޓި އޭނާއަށް މިހާރުވެސް ފެންނަ ކަހަލައެވެ.

''ތިޔޯ..........'' ހުމޭޒާ ދެލޯބޮޑުކޮށްލަމުން އެ ކުޅޭއެއްޗާ ދިމާއަށް ބަލާލިއެވެ. އަދި ހަމްޒާއަތުން އެ އަތުލިއެވެ.

''ތީ ރައްޓެއްސެއްގެ އެއްޗެއް.........'' ހަމްޒާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

''ރައްޓެއްސެއްގެ އެއްޗެކޭ......... ކުޑަކުއްޖެއްގެ ކުޅޭއެއްޗެއް؟......އެއީކާކު........ކޮބާ މިހާރު........'' ހުމޭޒާ ފަހަރަކު ސުވާލެއް ކުރަމުން ދިޔައެވެ. ހަމްޒާއަށް އެކަމުން ވާނެ އުނދަގުލެއް އޭނާއަކަށް ނޭނގޭނެތާއެވެ.

''މިބުނީ ރައްޓެއްސަކު އޭނާގެ ދަރިފުޅު ގޮވައިގެން މިތާ ހުރެފަ ދިޔައިރު މީތި މިތަނުގަ މީތި ބާއްވާފައޭ ދެވުނީ........ އެހެންވެ އަހަރެން އޭނާ ފެނޭތޯ އެތެރެއަށް މިވަނީ.............'' ހުމޭޒާ އަތުން ކުޅޭއެތި އަތުލަމުން ހަމްޒާ އޮޅުން ފިލުވައިދިނެވެ.

''އެހެންދޯ...... ތިބުނާމީހަކު ދެން ނުފެންނާނެ........ އެހެންނޫނަސް ދެން ތީ އެހާވަރުން މީހަކު ހޯދަން އުޅޭވަރު އެއްޗެއްވެސް ނޫނެއްނު.... ހިނގާ ދަމާ......ދޮންތަމެން އެބަތިބި ބޭރުގަ........... ވަރަށް ބަނޑުހައިވެސް ވެއްޖެ......... ހިނގާބަލަ ކާއެއްޗެއް ދޭން......... އެއްކަލަ ތަނަށް ދަމާ ހިނގާ .......... އެތަނުގެ ބާގާރ ވަރަށް މީރު.......... ކުރީރޭ ދޮންތައާ އެކު ގޮސް ކެއީ އެތަނުން.........ހިނގާބަލަ........'' ހުމޭޒާއަކީ ކެއުމަށް ނިކަން ފޯރިހުންނަ ކުއްޖެކެވެ. ހަމްޒާއަށްވުރެ ދޮއްޓެއްކަމަކު ބަލާބެލުމަށް ހީވަނީ ހަމްޒާއަށްވުރެ ހަގުވާނެ ހެންނެވެ.

''ކޮން އިރަކުން ޓެސްޓް ނަތީޖާ ލިބެނީ....... ކޮބާ ސްލިޕްކޮޅު..........'' ހަމްޒާ ދެއްކީ މުޅިން އެހެންވާހަކައެކެވެ. އެމީހުން މިއަދު ހޮސްޕިޓަލަށް އައި ބޭނުން ހަމްޒާ ހަނދާނެއް ނުނެތެއެވެ. އެމީހުން ހޮސްޕިޓަލަށް އައީ ދޮންތަގެ ދަރިފުޅު ޔައިކްގެ ސާމްޕަލްނަގާށެވެ.

''އަހަރެން ބަނޑުހައެއް ނުވޭ.......... ތުއްތަމެން ދޭ........'' ހަމްޒާގެ ހިތް އެދެމުންދިޔައީ ހޮސްޕިޓަލުގައި މަޑުކުރުމަށެވެ. އޭނާއަށް ދެންމެ ފެނުނު އަންހެންކުއްޖާ ދެކިލަން ހިތް އެދެމުން ދަނީއެވެ.

''ދެން ހިނގާބަލަ........ ނުގޮސް މިތަނުގަ ކުރާނެ ކަމެއްވެސް ނެތެއްނު..........'' ހަމްޒާގެ އަތުގައި ހިފައިގެން ހުމޭޒާ ހިނގައިގަތެވެ. އުމުރުގެ ގޮތުން އެންމެ އަހަރެއް ތަފާތުކަމުން އެދެބެން ކުޑައިރުއްސުރެ އުޅުނީ ނުހަނު އެކީގައެވެ. އެކަކު އަނެކަކަށް ދިމާވާ ކަންކަން ހިއްސާކުރެއެވެ. އެހެންކަމުން ވަރަށް ގާތް ގުޅުމެން އެ ދެބެންގެ ދެމެދުގައި އުފެދިފައިވެއެވެ.

ބޭރަށް ނުކުމެވުނުއިރު އެތަނުގައި ހަމްޒާގެ ދޮންތަޔާ އޭނާގެ ފިރިމީހާ ތިއްބެވެ.

''ޔައީ ނިދީތަ.........'' އޭނާގެ ދޮންތަބެ ކޮނޑުގައި ބޯއަޅައިގެން އޮތް ޔައިކް އަށް ބަލާލަމުން ހަމްޒާ އަހާލިއެވެ.

''އާނ....... އެވަރަށް ރުއީމަ ކަންނޭގެ އެ ނިދުނީ........ ހިނގާދަމާ............'' ޔައިކް ނިދާފައި އޮތުމުން ހަމްޒާގެ ދޮންތަ ބޭނުންވީ ގެއަށް ދާށެވެ.

''ދޮންތަމެން ގޮސްލާ........ އަހަރެން އެބަދަން ރައްޓެއްސަކާ ބައްދަލުކޮށްލާފަ.........'' ޖީބުން ކާރުގެ ތަޅުދަނޑު ނަގާ ދިއްކޮއްލަމުން ހަމްޒާ ބުނެލިއެވެ.

ކާންދާހިތުން ހުއްޓަސް، ހުމޭޒާއަށްވެސް ޖެހުނީ އެމީހުންނާއެކު ގެއަށް ދާށެވެ. އެކަމާ އޭނާހުރީ ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތް ވެފައިކަން ހަމްޒާއަށް އެނގެއެވެ. އެމީހުން ތިބެނީ ހޮސްޕިޓަލާ މާދުރުނޫން ހިސާބެއްގައި ހުންނަ ތިންކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. ބޭނުންވާ ދަތުރުތަށް ކުރުމަށް ކާރެއް ކުއްޔަށް ހިފާފައި އޮވެއެވެ. ކައްކާ ގޭތެރޭގެ މަސައްކަތްތައް ކުރުމަށް އިންޑިޔާމީހަކު ބަހައްޓާފައި ހުރެއެވެ.

*******

ހޮސްޕިޓަލުގެ މައިގޭޓާދިމާ އެތެރޭގައި ހަދާފައިވާ ހިތްގައިމު ކުޑަކުޑަ ޕާކަކީ އެތަނަން އަންނަ ކުޑަކުދިންނާ ބޮޑެތިމީހުންވެސް މަޑުކޮއްލާ ހިތްހަމަ ޖައްސާލެވޭފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ޕާކެކެވެ. ކުޑަކުދިންނަށް ޚާއްސަ ވަކި ސަރަހައްދެއް އެ ޕާކުގައި އޮވެއެވެ. އެތަނުގައި ތަފާތު ވައްތަރުގެ އުނދޯއްޔާ، ސްލައިޑްތަކުގެ އިތުރުން، ފައްވާރާ އެއްވެސް ހުއްޓެވެ. ކުޑަކުދިންތައް އެ ތަނުގައި އުފާވެރިކަމާއެކު ދުވެ، ފުމެ އުޅެއެވެ. ހަމްޒާ އިށީނީ މިބުނާ ސަރަހައްދާ ތަންކޮޅެއް ދުރުގައިހުރި ބެންޗެއްގައެވެ. ހޮސްޕިޓަލުގެ މައި ގޭޓް ފެންނާނެ ހެންނެވެ.

ދާދި ދެންމެއާ ޖެހެންދެން އެއްވެސް އުދާސްކަމެއް ނެތް  ހަމްޒާގެ މޫނު މިހާރު އެހުރީ އެތައް އުދާހަކުން މިލާފައެވެ. މިއަދު ނޫރާމަތިން އޭނާ މާ ބޮޑަށް ހަނދާން ވަނީއެވެ. ނޫރާއާ ނުގުޅި އެތައް ދުވަހެއް ފާއިތުވެ ދިއުމަކުން ހަމްޒާގެ ހިތުގައި ނޫރާއަށްޓަކައި އުފެދިފައިވާ ތެދުވެރި ލޯތްބަށް ކުޑަ ނަމަވެސް ހީނަރުކަމެއް އައިސްފައި ނުވާކަން މިއަދު އޭނާއަށް އިހްސާސް ކުރެވުނެވެ.

އަދިވެސް އޭނާގެ ހިތުގައި ވަނީ ހަމަ އެންމެ ނަމެކެވެ. އެއީ ނޫރާގެ ނަމެވެ. އެ ހިތުގައި ޖަހަމުން ދިޔަ ކޮންމެ  ވިންދެއްގައި ނޫރާގެ ހަނދާންތައް އެކުލެވިފައިވެއެވެ. އެހެންކަމުން މިއަދުވެސް ހަމްޒާގެ ހިތަށް ސިފަވަމުން ދަނީ ނޫރާގެ ރީތި ސޫރައެވެ. އެ މައުސޫމު ނިޔަނެތި ހިނިތުންވުމެވެ. އެ ލަދުރަކި ކަމާ އަސަރުގަދަ ބަލާލުމެވެ. ނޫރާގެ ރީތި ދެލޮލާ ކަޅިރަވައިގެ ޖާދޫގައި ހަމްޒާ ޖެހުނު ފުރަތަމަ ދުވަހެކޭ މިއަދެކޭވެސް އެއްވެސް ތަފާތެއް ނެތެވެ. އެ ހަނދާންތައް އާވުމުން އެ ހަނދާންތަކާ ގުޅި ލާމެހިފައިވާ ލޯބިވެތި އިހްސާސްތައް ހޭލައިފިއެވެ. ވީ ގޮތެއް ނޭނގި ނޫރާ ވަކިވެ ގުޅުން ކެނޑުމުން ހިތުގައި ލީ ޒަޚަމުން ލޭ ހިލުވާލައިފިއެވެ. އެތައް ދުވަހެއްވީ ރިހުމެއްގެ ތަދު ހިތަށް އިހްސާސް ކުރެވުނެވެ.

ވަގުތު ހިނގަމުން ދިޔަވަރަކަށް ހަމްޒާގެ މާޔޫސްކަން އިތުރުވަމުން ދިޔައެވެ. އެގޮތުގައި އެތައްއިރެއް ފާއިތުވެއްޖެއެވެ. އޭނާއަކަށް އެ އަންހެންކުއްޖާއެއް  ނުފެނުވެ. އެންމެފަހުން މާޔޫސްކަމާއެކު އޭނާ އިންތަކުން ތެދުވެއްޖެއެވެ. ތެދުވެގެންގޮސް އޭނާ ވަނީ ހޮސްޕިޓަލު ތެރެއަށެވެ. ލިފްޓާ ދިމާއަށް އޭނާ ހިނގައިގަތީ ވަކި ތަނަކަށް ދިޔުމުގެ މަޤްސަދެއް ނެތިއެވެ. އޭނާގެ ނަސީބު އޭނާ ގޮވައިގެން ދާނެ ދިމާލަކަށް ދާން ދޫކޮށްލައިގެން ހުރިކަހަލައެވެ. ލިފްޓް ތެރޭގައި ފިތިބާރުވެގެން ތިބި މީހުންތަކުގެ ތެރޭގައި ހަމްޒާ އެހުރީ އޭނާގެ ނަސީބާމެދު މާޔޫސް ވެފައިވާ ޙާލުގައެވެ.

މީހުންތައް ލިފްޓުން ފައިބަމުން، ލިފްޓަށް އަރަމުން ދިޔަ ނަމަވެސް ހަމްޒާ އަދިވެސް އެހުރިގޮތަށް ހުރީއެވެ. ހީވަނީ ވަކި މީހަކު ލިފްޓަށް އެރުމުގެ އިންތިޒާރުގައި ހުރިހެންނެވެ. އެގޮތުގައި އެތައް އިރަކު ހުރުމަށްފަހު މާޔޫސްކަމާއެކު އޭނާ ލިފުޓުން ނުކުތެވެ. ނިކުމެވުނީ ކިތައްވަނަ ފަންގިފިލާއަށް ކަން އޭނާއަށް އެނގުނީ ނުކުތް ފަހުންނެވެ. ލިފްޓް ކުރިމަތީގައި ހުރި ބޯޑުން އެއީ އެ ހޮސްޕިޓަލުގެ ސައުވީސްވަނަ ފަންގިފިލާކަން އެނގުނެވެ. އަދި އެފަންގިފިލާގައި ހުރި ވޯޑްތަކާ އެ ތަނުން ލިބެންހުރި ޚިދުމަތްތައްވެސް އެ ބޯޑުގައި ލިޔެފައި ހުއްޓެވެ. އެތަނުގައި އެ ބޯޑުގައި ލިޔެފައި ހުރި ލިޔުންތައް ކިޔަން ހަމްޒާ ނޫން އިތުރު މީހުންވެސް ތިއްބެވެ.

ކުއްލިއަކަށް ހަމްޒާ ކަންފަތުގައި ޖެހުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެ އަޑު އަންނަދިމާއަށް ވަގުތުން ހަމްޒާ ބަލާލިއެވެ. ހަމްޒާގެ ހިތް ތެޅިގަތެވެ. ކުރިންވެސް ފެނުނު އަންހެންކުއްޖާ އޭނާއަށް ފެނިއްޖެއެވެ. އާއެކެވެ. އެއީ ހަމަ އޭނާއެވެ. ހަމަ އެ ޒުވާން އަންހެންކުއްޖާއެވެ. އޭނާ އުރާލައިގެން ހުރި ތުއްތު ކުއްޖާ ލައިގެން ހުރީ ހަމަ އޭރުވެސް ލައިގެން ހުރި ހުދުކުލައިގެ ހެދުމެވެ. ކަޅު ދޫހެދުމުގައި ހުރި އަންހެންކުއްޖާ ހުއްޓިހުރީ ކޮރިޑޯ ތެރެއިން ބޭރު ފެންނަގޮތަށް ހަދާފައިވާ ބެލްކަންޏެއްގައެވެ. ބޭރު ބަލަން ހުރެ އެ ކުއްޖާއަށް ބޭރުންފެންނަ މަންޒަރުތައް ދައްކަމުން ދިޔައެވެ.  ހީވާގޮތުން ތުއްތުކުއްޖާ ބޮޑާހާކާ ރޯތީ އެކުއްޖާ މަސަލަސްކުރަން އޭނާ މަސައްކަތް ކުރަނީއެވެ. އެކި ދިމަދިމާއަށް އަތްދިއްކޮށް އިނގިލިން އިޝާރާތްކޮށް ކުޑަކުއްޖާއަށް ބޭރުގެ މަންޒަރުތައް ދައްކަމުން ދިޔައެވެ. އޭރުވެސް ތުއްތު ކުއްޖާ ގަދަހަމުން ދަނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެންހެން ހީވެއެވެ.

ހަމްޒާގެ އިޚްތިޔާރަކާ ނުލާ އޭނާގެ ދެފައި ހަރަކާތްކުރިއެވެ. އެ އަންހެންކުއްޖާ ހުރި ދިމާއަށެވެ. އެހެންނަމަވެސް ދެތިންފިޔަވަޅު އެޅުމަށްފަހު އޭނާ ހުއްޓުނެވެ.

''އެއީ ނޫރާއަކަށް ނުވާނެ......... ނޫރާނަމަ ކުޑަކުއްޖަކު ނުގެންގުޅޭނެ........  ނޫރާއަށްވުރެ ފަލަހެންވެސް ހީވޭ........ ނޫރާ ނަމަ އެހެން އެހާ އެކަންޏެއް ނޫޅޭނެ.......... އެވާނީ އެހެން މީހަކަށް......... މިކަހަލަ ތަނަކަށް ނޫރާ އަންނަންޖެހޭނެ ސަބަބެއްވެސް ނެތް........ '' ހަމްޒާ ހުއްޓުވީ އޭނާގެ ޒަމީރެވެ. އޭނާއަށް އޭނާގެ އަމިއްލަ ނަފުސުގެ އަޑު އިވުނެވެ. އެކަމަކުވެސް އޭނާގެ ހިތް އެދެމުން ދިޔައީ އެމީހަކީ ކޮންމެމީހަކަށް ވިޔަސް ކައިރިއަށްގޮސް ވާހަކަދައްކާލާށެވެ. އެއީ ނޫރާ ނޫންކަން ޔަޤީން ނުވަނީސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

ކޮރިޑޯއިން ދެކޮޅަށް ހިނގަމުން ދިޔަ މީހުންތަކުގެ ތެރެއިން އޭނާ ކުރިއަށް ހިނގައިގަތެވެ. އާ ހިތްވަރަކާއެކުގައެވެ. ނުހަނު ގާތްވެފައި ވަނިކޮށް އަންހެންކުއްޖާ ތުއްތު ކުއްޖާ ގޮވައިގެން އެނބުރިލިއެވެ. މޫނުގައި މާސްކެއް އަޅާފައިވުމާ، ސާފުކޮށް ފެންނަވަރަށް ވުރެ ދުރުކަމުން ހަމްޒާއަށް އޭނާގެ މޫނު ފެންނަވަރެއް ނުވިއެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާ ވަނީ ކޮން ވޯޑަކަށް ކަން ހަމްޒާއަށް ޔަޤީންވިއެވެ.

ދެފަޔަށް ލެވުނުހާ ބާރެއްލާފައި އޭނާ ކުރިޔަށް ހިނގައިގަތެވެ. އެ އަންހެންކުއްޖާ ވަން ދޮރާ ހަމައަށް ގޮސްފައި ހުއްޓުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު މަޑުމަޑުން ދޮރު ހުޅުވާލިއެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 20 މެއި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް