ވާހަކަ: ލޯބިވޭ އިންތިހާ – ތިރީސް ހަވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ''އާދޭ......... މި ގޯޅިއަށް ވަދެގެން އަދި ކުޑަކޮށް ހިނގާލަން ޖެހޭނެ......... '' ދެފޮށި ދެއަތުން ދަމަމުން ލަޔާލް ހިނގައިގަތެވެ. މީހުންތައް ތެރެއިން ފުރޭނެމުން ނޫރާވެސް ލަޔާލީގެ ...

13 May 2025 | 04:48

ކުރީގެ އަދަދާއި ގުޅޭ...

''އާދޭ......... މި ގޯޅިއަށް ވަދެގެން އަދި ކުޑަކޮށް ހިނގާލަން ޖެހޭނެ......... '' ދެފޮށި ދެއަތުން ދަމަމުން ލަޔާލް ހިނގައިގަތެވެ. މީހުންތައް ތެރެއިން ފުރޭނެމުން ނޫރާވެސް ލަޔާލީގެ ފަހަތުން ހިނގައިގަތެވެ. ހުމައިރާ ކޮނޑުމަތީ ބާއްވައިގެން، މަގުމަތިން ފުނިޖެހިފައިވާ މީހުންތަކުގެ ތެރެއިން ކުރިއަށް ދިއުމަކީ ނޫރާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ޕޭވްމަންޓް މަތިން ހިނަގަން އޮތް ކުޑަތަންކޮޅުވެސް އޮންނަނީ ކޮންމެވެސް ކަމަކަށް ބޭނުންކޮށްފައެވެ.  ހަމަޔަށް ފައި އަޅާނެ ތަންކޮޅެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ނިކަން ބާރަށް ހިނގާފައި އައި މީހަކު ކުއްލިއަކަށް، ނޫރާގެ ގައިގައި ޖެހިގަތެވެ.  ހަށިގަނޑަށް އެރި ލޮޅުމުގައި ހުމައިރާ ނުވެއްޓުނީ ކިރިޔާއެވެ. ނޫރާ ހިތްހަމަ ނުޖެހިފައި ފަހަތަށް ބަލާލިއެވެ.

''ސޮރީ ދައްތާ.......އަވަސް އަންނަ ގަޑީގަ ޖެހެނީ.......ސޮރީ....'' ނޫރާގެ ގައިގައި ޖެހިގަތް ބަނގުލަދޭޝް މީހާ މާފަށް އެދުނެވެ. ދައްތާ އޭ ކިޔާފައި ނޫރާއާ މުޚާތަބު ކުރިނަމަވެސް އެމީހާ ނޫރާއަށް ވުރެ އެތަށް ގުނައެއް ދޮށިވާނެ ކަން ޔަޤީނެވެ.  އަތުގައި ހުރި ކޮތަޅުތައް ބަރުކަމުން އޭނާއަށް ހަމަ ކިރިޔާ ހިފަހައްޓާލެވެނީއެވެ. ހީވާގޮތުން އޭނާ އެދަނީ ކާއެއްޗިހި ޑެލިވަރީ ކުރާށެވެ.

ނޫރާ ހިތްހަމަ ނުޖެހުނު ނަމަވެސް އެއްޗެކޭ ނުބުނެއެވެ. ހުމައިރާ ކޮނޑުމަތީގައި ބާއްވައިގެން ހިނގަން ޖެހުމުން އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހުމައިރާ ގައިގައި ދެއަތުން ބައްދާލަމުން އޭނާ އެނބުރި ކުރިއަށް ހިނގައިގަތެވެ. އޭރު ލަޔާލްމެން ތަންކޮޅެއް ދުރުގައި، މަގުގެ އަނެއްފަޅީގައި ހުއްޓިގެން ތިއްބެވެ. އެމީހުން އެތިބީ ނޫރާގެ އިންތިޒާރުގައެވެ. ގޯޅިގަނޑު ހަނިވެފައި މަގުގެ އަރިމަތީގައި އަތުރާފައި ހުރި ސައިކަލު ތަކުގެ ތެރެއިން ނުކުތުންވެސް ނޫރާއަށް ވީ ބޮޑުކަމަކަށެވެ. ވެފައިވާ ވަރުބަލި ކަމާއެކު ހުމައިރާ ބަރުދަން އިހްސާސްކުރަމުންދިޔަ، ނޫރާއަށް ހުރީ މާނޭވާލެވިފައެވެ. ދެސައިކަލު ދޭތެރެއިން ފިތެމުން ނޫރާ މަގުމައްޗަށް ނުކުތެވެ. ދެކޮޅަށް ހިނގާމީހުންނާ އަދަދެއް ނެތްހާ ގިނަ ދުއްވާ އެއްޗެހީގެ ތެރެއިން ނޫރާ މަގުގެ އަނެއްފަރާތަށް ނަޒަރު ހުއްޓާލިއެވެ.  އޭނާ ހުއްޓިގެންހުރީ މަގު ހުރަސް ކުރާނެ ދަނޑިވަޅަކަށް ބަލަބަލައެވެ. ދުއްވަމުން ދިޔަ މީހުން ނޫރާއަށް މަގުހުރަސް ކުރާނެ ފުރުސަތެއް ދޭނެ ކަމަށް އޭނާއަށް ވިސްނުނު ވިސްނުންވީ ބޭކާރެވެ. އޭގެން އެއްވެސް މީހަކަށް ނޫރާ މަގުހުރަސް ކުރަން ބޭނުންވެފައި ހުރިކަން އެނގޭހެނެއް ހިޔެއް ނުވެއެވެ. ގިނަ އިރުވާން ފެށުމުން އެންމެފަހުން ލަޔާލް އައިސް ނޫރާއަށް އެހީތެރިވެދިނެވެ. ނޫރާގެ ކުރީގައި ހުރެގެން މަގު ހުރަސް ކުރުމަށް އޭނާ ޖާގަ ތަނަވަސް ކޮށްދިނެވެ. މިއީ ދިވެހި ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލޭގެ މިއަދުގެ ހާލަތެވެ. މިވަރުގެ ކުޑަވަގުތުކޮޅަކުންވެސް މާލޭގެ މަގުތަކުގެ ޙާލަތާ، ހިނގާބިނގާވުމުގައި ހުރި ދަތިކަން ވަޒަން ކުރެވޭނެއެވެ.

*********

ފަސްވަރަކަށް ދުވަސް ފަހެވެ. ނޫރާމެން ހޮސްޕިޓަލަށް ދިޔަ ދެވަނަ ދުވަހެވެ. މީގެ ކުރިންވެސް ޑޮކްޓަރަށް އެމީހުން ދެއްކިއެވެ. މިއަދަކީ ޓެސްޓްތަކުގެ ނަތީޖާ އާ އެކު ދައްކަން ބުނި ދުވަހެވެ. އާދައިގެ މަތީން މިއަދުވެސް ހޮސްޕިޓަލުތެރެ ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ކޮޅުކޮޅަށް ހިނގާބިނގާވާ މީހުން ގިނައެވެ. ޑޮކްޓަރަށް ދެއްކުމަށްޓަކައި ކީޔޫގައި މަޑުކޮށްގެންތިބި މީހުންނާ ނުހިނގޭ ހާލު ދުއްވާ ގޮނޑީގައި އެހެންމީހުންގެ އެހީތެރިކަމާއެކު ކޮޅުކޮޅަށްދާ މީހުންވެސް ވަކި މަދެއް ނޫނެވެ.

ނޫރާމެން އިށީނީ ލަޔާލް ދައްކަން ހަމަޖެހިފައިވާ ޑޮކްޓަރު ބައްލަވާ ކޮޓަރިއާ އެންމެ ކައިރީގައި ހުރި ގޮނޑިބަރީގައެވެ. އެތަނުގައި އޭރުވެސް ވަރަށް މީހުން ތިއްބެވެ. ލަޔާލްގެ ނަމްބަރާ ޖެހެން އަދި ދެތިން ނަމްބަރު ކުރިއަށް އެބައޮތެވެ.  ހުމައިރާ ނޫރާގެ އުނގުގައި އިނދެ އެކި އަޑުއަޑު ލައްވަމުން ދިޔައެވެ. ގާތުގައި ލަޔާލް އިނީ އޭނާއަށް ލިބެމުންދާ ވޭން ފޮރުވަން މަސައްކަތްކުރާ ޙާލުގައެވެ. އޭރުވެސް އޭނާ އިނީ މޭނުބައިކޮށް ހޮޑުލަވާގޮތްވެފައެވެ. ބަނޑުގައި ރިއްސާވަރުން ކެތްވަނީ ކިރިޔާއެވެ. މާލެ އައިއްސުރެ އޭނާގެ ހާލު ވަކިން ބޮޑުހެން ހީވެއެވެ. ވާ އުނދަގޫތަށް އިތުރުވީހެން ހީވެއެވެ. ވާނީވެސް އެހެންތާއެވެ. ރަށުގައި ކައިބޮއި ނިދާ ހަދާ ގޮތަކަށް މާލޭގެ ކުލީ ކޮޓަރިއެއްގައި ކައިބޮއި ނިދާ ހެދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ހޮސްޕިޓަލުގެ އެކި ދިމަދިމާއަށް ކަޅިއުކަމުންދިޔަ ނޫރާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުގައި، ކަންއުންޓަރެއްގެ ކަރީގައި ހުއްޓި ހުރި ޒުވާނާއަށެވެ. ނޫރާއަށް ފުރަގަސްދީގެން ހުރި އެޒުވާނާ ފެނުމާއެކު ނޫރާގެ ހިތުގެ ވިންދު އަވަސްވެއްޖެކަން ގައިމެވެ. ކަޅުކުލައިގެ ޓީޝާޓަކާއެކު ނޫ ކުލައިގެ ޖީންސެއް ލައިގެން ހުރި އެ ޒުވާނާ އަކީ ހަމްޒާ ނޫން ބާވައޭ ނޫރާގެ ހިތަށްއެރިއެވެ. މިހެން ހިތަށް އެރުމާއެކު ނޫރާގެ ހަށިގަނޑުގައި ފިނި ރާޅެއް ދަތުރުކޮއްލިއެވެ. އެއީ މާލޭގެ ބިމުގައި ފައި ޖެހުނީއްސުރެ އޭނާގެ ހާލެވެ. އޭނާގެ ދެލޯ ހަމްޒާ ދެކިލުމަށް އެދެމުން ދިޔައީ ބޭގަރާރުކަމާއެކުގައެވެ. ދާ ކޮންމެ ދިމާއަކުންވެސް ހަމްޒާ ފެނިދާނެއޭ ހީވެ ނޭނގޭ އިހްސާސަކުން ހިތް ތަޅުވާލައެވެ. ނޫރާއަށް ހަމްޒާ ނުފެނުނަސް ހަމްޒާއަށް ނޫރާ ފެނިދާނެޔޭ ހީވެ ފިނިވާގޮތް ވެއެވެ. ހަމްޒާއަށް ނޫރާ ފެނިއްޖެއްޔާ ދެން ވާނެ ގޮތަކާ ދޭތެރޭ އޭނާއަށް ވިސްނެއެވެ. އެއީ ބޭކާރު ވިސްނުމަކަށް ވިޔަސް އެ ވިސްނުން އޭނާގެ ސިނކުޑީން ނެރެ އެއްލައެއް ނުލެވުނެވެ.

''ނޫރާ ....... އަހަރެންގެ ނަމްބަރާ ޖެހިއްޖެ...... ނޫރާ ވަންނާނަންތަ.......؟ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިން ނޫރާ ސިހުނީ ލަޔާލް ގޮވާލުމުންނެވެ.

''އާނ..... ހިނގާ........'' ހުމައިރާ އުރާލަމުން ނޫރާ ތެދުވިއެވެ. ލަޔާލްގެ ފަހަތުން ހިނގައިގަތެވެ. ތަންކޮޅަކަށް ގޮސްފައި ފަހަތަށް އެނބުރި ކައުންޓަރާ ދިމާއަށް ބަލާލެވުނެވެ. ބޭއިޚްތިޔާރުގައެވެ. އޭރު އެތަނުގައި ކުރިން ހުރި ޒުވާނާއެއް ނެތެވެ. ނޫރާއަށް ވަށައިގެން ހޯދާލެވުނެވެ. އެއްވެސް ދިމާއަކުން އޭނާއެއް ނުފެނެނުވެ.

''އެއީ އަނެއްކާ ހަމްޒާ ނޫންބާ؟......... ހަމްޒާކަމަށްވާނަ ، ހަމްޒާއަށް އަހަރެން ފެނުނުބާ........؟ ނޫނޭ...... އެއީ ހަމްޒާ ނަމަ ލަޔާލްއަށްވެސް ފާހަގަ ކުރެވުނީސް........ ނޫނީ ލަޔާލްއަށް ފެނުނަސް ވާހަކަ ދައްކަން ނުކެރުނީބާ؟.......'' ނޫރާގެ ހިތަށް އެތަކެއް ސުވާލެއް އަރާފައިބަމުން ދިޔައެވެ.

''ވަދޭ.......'' ނޫރާ އެތެރެއަށް ވަންނަންދެން ލަޔާލް ދޮރު ހުޅުވާ ދޮރުގައި ހިފަހައްޓާލިއެވެ.

ޑޮކްޓަރަކީ ރާއްޖެއިން ބޭރު ޑޮކްޓަރެކެވެ. ލަޔާލްގެ ޓެސްޓްތަކުގެ ނަތީޖާއާއި ސްކޭން ރިޕޯޓްތައް ޑޮކްޓަރު ބެއްލެވިއެވެ. އަދި ލަޔާލްގެ ގޮހޮރުގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެވޭކަމަށް ޑޮކްޓަރު ބުނުއްވިއެވެ. އެހެންކަމުން މިކަމާ ގުޅިގެން ދޭން ޖެހޭ ފަރުވާ ފެށުމުގެ ކުރިން ހަދަން ޖެހޭ އިތުރު ޓެސްޓްތަކެއް ހުރިކަމަށްވެސް ޑޮކްޓަރު ބުނުއްވިއެވެ.  ޓެސްޓްތަކެއް ލިޔެދެއްވުމަށްފަހު ޑޮކްޓަރު ލަފާދިނީ މި ޓެސްޓް ތަކަކީ މިވަގުތު ރާއްޖެއިން ހެދެން ނެތް ޓެސްޓް ތަކެއް ކަމަށްވާތީ ވީއެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ދިއުމަށެވެ. އެގޮތުން އިންޑިޔާގެ ހޮސްޕިޓަލެއްގެ އެޑްރެހާ ، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ އެކަމާ ގުޅޭ ޚާއްސަ ޑޮކްޓަރެއްގެ ނަމްބަރުވެސް ދެއްވިއެވެ.

ޑޮކްޓަރުގެ ވާހަކަތަކުން އެންމެންގެ ހިތަށްވެސް މާޔޫސްކަން ވެރިވިއެވެ.  ވަކިން ބޮޑަށް ނޫރާ އެކަމާ ދެރަވެ ކަންބޮޑުވިއެވެ.

********

''ކިހިނެތް ހަދާނީ..........'' ލަޔާލީ އަހާލިއެވެ. އެމީހުންތިބި ކުލީ ކޮޓަރި ތެރެއަށް ވެރިވެފައިވާ ހަމަހިމޭން ކަމާ ނޫރާގެ ދެމަފިރިންގެ މޫނުމަތިން ފެންނަ އުދާސްތަކާ މޮޅިވެރިކަން ބަލާކަށް ލަޔާލީއަށް ކެތްނުވީއެވެ. ޑޮކްޓަރަށް ދައްކާފައި އައިފަހުން އެދެމަފިރިންގެ މޫނުމަތި މިލާ މޯޅިވެއްޖެއެވެ. އުފާވެރިކަން ގެއްލިއްޖެއެވެ.

''ނޭނގެ....... ހިތަށް އަރަނީ ދެން ރަށަށް ދާންވީއޭ........'' ލަޔާލްގެ އަޑުގައިވަނީ މާޔޫސްކަމެވެ.

''ނޫނޭ އެހެން ހަދައިގެން ނުވާނެ ........ ދޮންތަ މި އެހީ ދޮންތަ ދާންވޭހޭ ލަޔާލް މެންނާއެކު އިންޑިޔާއަށް...... '' ލަޔާލީ އޭނާ ކުރި ސުވާލު އިތުރަށް އޮޅުންފިލުވައިދިނެވެ.

''ނޫނޭ ދޮންތަ ދާނެ ކަމެއް ނެތް........ ދޮންތަބެއަށްވެސް ކިހާ އުނދަގޫވާނެ ދޮންތަ ނެތީމަ...... މިހާރު މާލެއައިތާވެސް ހަފުތާއެއް ވަނީ.......'' ލަޔާލް ބުނެލިއެވެ.

''އާނ........ ރޫބީ ގޮވައިގެން ދާން އުނދަގޫވެސް ވާނެ......... ދައްކާލާފަ އާދެވޭނެ އެއްނު....... އެހެންވީމަ ދޮންތަ ނުދިޔަޔަސް ރަނގަޅުވާނެ........ދޯ ލަޔާލް......'' ނޫރާވެސް ލަޔާލްއާ އެއްބަސްވުމުގެ ގޮތުން ބުނެލިއެވެ. ހަޤީގަތުގައި އެކަމަށް ހިނގާނެ ޚަރަދަކީވެސް އެމީހުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އެއްކުރެވިފައި މާ ގިނަ ފައިސާއެއްވެސް ނެތްމެއެވެ.

ލަޔާލީވެސް އެގޮތާ އެއްބަސްވިއެވެ. އަދި ލަޔާލް މެން ފުރުވާލުމުގެ ކަންތަކުގައި އޭނާވެސް އެހީތެރިވިއެވެ. ފައިސާގެ ގޮތުންނެވެ. އެމީހުނަށް ހިތްވަރު ދިނެވެ. އުންމީދު އާކޮށްދިނެވެ. އޯގާތެރިކަމާ ލޯތްބާއެކުގައެވެ.

ލަޔާލް އަތުގައި ރައްކާކުރެވިފައި ހުރި ފައިސާގެ އިތުރުން ނޫރާގެ ގެ ކުއްޔަށްދީގެން ލިބިފައިވާ ފައިސާއާއެކު އެމީހުނަށް ބޭސްފަރުވާގެ ކަންތައް ނިންމާލެވޭނެ ކަމުގައި އެމީހުންނަށް ޤަބޫލު ކުރެވުނެވެ.

ދަތުރަށް ތައްޔާރުވެ ފުރޭވަރުވީ އޭގެ ދެދުވަސްފަހުންނެވެ.  އިންޑިޔާއަށް އަލަށްވެސް ނުދާ ބަޔަކަށް ވެފައި، ތުއްތު ކުއްޖަކު ގޮވައިގެން ދަތުރު ކުރާ ބަޔަކަށް ވުމުން، އެމީހުނަށް ދަތުރުގައި ގިނަ އުނދަގޫތަކެއް ދިމާވިއެވެ. ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ލަޔާލް މެންނަކީ އިންޑިޔާއަށް އަލަށް އައި ބަޔަކަށް ވެފައި، ކަންކަން އޮންނަގޮތް އޮޅުންފިލާފައި ނެތުމުން،  ޑޮކްޓަރު ބުނެފައިވާ ހޮސްޕިޓަލާ ހަމައަށް އެމީހުނަށް ދެވުނު އިރު، ޚަރަދުވާން ނުޖެހޭ އެތައް ފައިސާއެއް އެމީހުން އަތުން ޚަރަދު ވެއްޖެއެވެ. އެމީހުނަށް މަގުދައްކަން ހުރި ޓެކްސީ ޑްރައިވަރު އެމީހުންގެ މައުސޫމުކަމުން ފައިދާ ޙާސިލް ކޮށްލީއެވެ. އިންސާނިއްޔަތުކަން ނެތިއްޖެއްޔާ މީހުނަށް އޮންނަ ރަޙުމާ ކުލުނު ނެތިދެއެވެ. އަނެކާގެ ޙާލަށް ޙަމްދަރުދީ ވުމާއި، ރަޙްމު ކުރުން އެއީ ނެތް އެއްޗަކަށް ވެދެއެވެ. ޓެކްސީއިންވެސް އެމީހުން އަތުން ނިކަން ބޮޑު އަގު ނެގިއެވެ. އަދި ހަމަ އެހެންމެ، ހޮޓަލަށް ދިޔަ މަގުމަތީ ކާ އެއްޗިހި ގަންނަން އެދުމުން އެކަމުންވެސް އޭނާ ނެގީ ފައިދާއެވެ. ކޮންމެޔަކަސް އެދުވަހުގެ އިރު ނޯއްސެނީސް ނޫރާ މެން ބުކިން ހެއްދި ހޮޓަލާ ހަމައަށް ދެވުނެވެ. ނޫރާމެންގެ ނަސީބު ރަނގަޅުކަމުން، ހޮސްޕިޓަލާ ތަންކޮޅެއް ކައިރި ހިސާބެއްގައި ހުންނަ ހޮޓަލަކުން ޖާގަ ލިބޭގޮތްވިއެވެ. އެތަނުގައި ތިބެފައި ހޮސްޕިޓަލަށް ފައިމަގުގައި ދެވޭހާވެސް ކައިރިއެވެ. މިކަމާ އެންމެ ހިތްހަމަޖެހުނީ ނޫރާއެވެ. ހުމައިރާއަކީ ކުޑަކުއްޖަކަށް ވުމުން ބޭނުން ކޮންމެ ވަގުތެއްގައި ހިނގާލާފައިވެސް ރޫމަށް ދެވޭނެތީއެވެ.

*********

ދެހަފުތާ ފަހެވެ. ހޮސްޕިޓަލުގެ މައި ގޭޓް ކައިރީގައި ފުނިޖެހިފައިވާ މީހުންތަކުގެ ތެރޭގައި ހަމްޒާހުއްޓެވެ. ރައްޓެއްސަކާ ވާހަކަ ދައްކާށެވެ. ކުއްލިއަކަށް، ހަމްޒާގެ ޓީޝާޓުގެ އަތުގައި ހިފާ މީހަކު ދަމާލިއެވެ. އޭނާ ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު ތުއްތު ކުއްޖަކު އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅާލައިގެން ހަމްޒާއާ ދިމާއަށް ބަލަން އޮތެވެ. އެއްއަތުގައި ކުޅޭ އެއްޗެއް އޮތެވެ.  އަނެއް އަތުން ހަމްޒާއާ ދިމާއަށް ތުއްތު ކުއްޖާ ހަނާއަޅަމުން ދިޔަހެން ކުޑަކުޑަ އަތް ހޫރަމުން ދިޔައެވެ. ހީވާގޮތުން އެކުއްޖާ އަތް އެއްލި ވަގުތު ހަމްޒާގެ ޓީޝާޓުގައި ހިފުނީއެވެ. އެކުއްޖާ މަންމަ ދިޔައީ ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުންނެވެ. ކުއްލިއަކަށް އެ ކުއްޖާ އަތުގައި އޮތް ކުޅޭ އެތި ބިންމައްޗަށް ވެއްޓުނެވެ. ހަމްޒާއަށް އެމަންޒަރު ފެނުނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް،15 މެއި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް