ވާހަކަ: ލޯބިވޭ އިންތިހާ – ތިރީސް ފަސްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ކޭކު ފަޅައިފިއެވެ. އެންމެންވެސް އުފާވެރިކަމާއެކު އަތްތިލަބަޑި ޖަހަންފެށިއެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. ކުޑަކުޑަ ރޫބީ އުފަލުންގޮސް ހ...

08 May 2025 | 07:25

ކުރީގެ އަދަދާއި ގުޅޭ...

ކޭކު ފަޅައިފިއެވެ. އެންމެންވެސް އުފާވެރިކަމާއެކު އަތްތިލަބަޑި ޖަހަންފެށިއެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. ކުޑަކުޑަ ރޫބީ އުފަލުންގޮސް ހަލޭއްލަވައިގަތެވެ. އެވަގުތު ލަޔާލްގެ އުރުގައި އިން ހުމައިރާއާ އެކު ލަޔާލް އަރިއަޅާލިއެވެ.

ގާތުގައި ތިބި މީހުން ނުހިފެހެއްޓި ނަމަ ލަޔާލް ވެއްޓުނީހެވެ. ލަޔާލް އަރިއަޅާލުމުން ލިބުނު ސިހުމުގައި ހުމައިރާ ރޯންފެށިއެވެ.

''ކިހިނެތްވީ.........''  ނޫރާ އަވަސް އަވަހަށް ހުމައިރާ އުރާލަމުން އަހާލިއެވެ.

''ނޭނގެ........ ކުއްލިއަކަށް އެނބުރުން އެރީ......... ވެދާނެ ހުންވައްތަރު ވެފައި ހުރީމަކަމަށް.........'' ލަޔާލް ހަމަޖެހޭގޮތް ދައްކަމުން ބުނެލިއެވެ. އަދި ނޫރާގެ ކަނދުރާގައި ބާރަށް ބައްދާލައިގެން އޮވެ ރޮމުން ދިޔަ ހުމައިރާގެ މޫނަށް ލަޔާލް ބަލާލިއެވެ.

''ބައްޕަގެ ދޫނި ކިހިނެތްވީ.......... ވެއްޓެން އުޅޭހެން ހީވީމަ ބިރުގަތީތަ........ އާދޭ ބައްޕަ އުރާލާނަން..........'' ލަޔާލް އޭނާގެ ދަރިފުޅު ހުމައިރާގެ ބުރަކަށީގައި ފިރުމާލިއެވެ. ނުހަނު ލޯބިންނެވެ. އޭރުވެސް ހުމައިރާ ރުއިން ހުއްޓާލާކަށް ނޫޅެއެވެ. ލޮލުން ފޭބި ކަރުނައިން އެ ތުއްތު މޫނު ވަނީ ތެމިފައެވެ. ދޮންދޮން މޫނުވެސް ރުއިމުގެ ސަބަބުން ވަނީ ރަތް ވެފައެވެ.

''ހީވަނީ މިއަދު ނުނިދާ ހުރީމަ ނިދިއައީހެން ......... އަންނާނަން އިނގޭ ނިންދަވާލާފަ.........'' ނޫރާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ލަޔާލްވެސް ފަހަތުން ހިނގައިގަތެވެ.

''ކޮޓަރިއަށް ވަދެ އެއްޗިހި ބަދަލު ކޮށްލުމަށްފަހު ލަޔާލް އޮށޯވެލިއެވެ. ނޫރާ ހުމައިރާ ނިންދެވުމަށްފަހު އެނދުގައި ބާއްވާލިއެވެ. ލަޔާލް ގާތުގައެވެ. އޭރު ލަޔާލް އޮތީ ނިދާފައެވެ. އެނދުން ތެދުވެގެން ބޭރަށް ނިކުންނަން ހިނގައިގަތް ތަނުން ނޫރާއަށް އަޑެއް އިވުނެވެ.  ލަޔާލް ކުކުރާލި އަޑު ހެން ހީވިއެވެ. އޭނާއަށް ހީވިގޮތެއްކަމަށް ހީކޮށް ފަހަތަށް އެނބުރި ބަލާލިއެވެ. އެވަގުތު ދެވަނަފަހަރަށް ލަޔާލް ކުކުރާލިއެވެ. އެ އަޑުގައި ވަނީ އިންތިހާ ވޭނެވެ. ނޫރާ މަޑުމަޑުން އެނދުކައިރިއަށް ޖެހިލިއެވެ. އޭރު ލަޔާލުގެ ހަށިގަނޑު ކޮންމެވެސް ވަރަކަށް ތުރުތުރު އަޅާތަން ނޫރާއަށް ފެނުނެވެ.

ނޫރާ ލަޔާލްއާ ދިމާއަށް ގުދުވެ، ލަޔާލްގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. އޭނާ ލިބުނު ކުއްލި ސިހުމުގައި އަތް ދަމައިގަނެވުނެވެ. ލަޔާލް އޮތީ ވަރަށް ގަދަޔަށް ހުން އައިސްފައެވެ.

''ލަޔާލް..........ހާދަ ހުންގަދައޭ........'' ނޫރާ އަށް ބުނެވުނެވެ. ލަޔާލަށް ދެތިން ފަހަރަށް ގޮވާލުމުން ލޯ ހުޅުވާލިއެވެ. ހުން ގަދަކަމުން ހެންހީވެއެވެ. ދެލޯވެސް ހުރީ ރަތްވެފައެވެ.

''ހާދަ ހުންގަދައޭ........ ހިނގާ ހޮސްޕިޓަލަށް ދަމާ........'' ލަޔާލްގެ މަގަތުން އިށީންނަމުން ނޫރާ ބުނެލިއެވެ. އޭރުވެސް ލަޔާލް ތުރުތުރު އަޅަމުން ދިޔައެވެ.

އެވަގުތު ލަޔާލް ކެއްސައިގަތެވެ. ކެއްސަމުން ގޮސް އޮށޯވެގެން ނޯވެވޭވަރު ވިއެވެ. އެވަރަށް ކެއްސަންފެށުމުން އޭނާ އެނދުން ތެދުވިއެވެ. ލަޔާލް ކެއްސާއަޑަށް، ހުމައިރާއަށް ހޭލެވިދާނެތީ އޭނާ ބޭނުންވީ ދުރަށް ޖެހިލާށެވެ. އެކަމަކު ތެދުވަން ކުރި މަސައްކަތް ބޭކާރުވިއެވެ. އޭނާގެ ހަށިގަނޑުގައި ތެދުވާނެ ހިތްވަރެއް ނެތެވެ. ބޯ އަނބުރާހެން ހީވަނީއެވެ. ބަނޑުގައިވެސް ރިއްސަނީއެވެ. މޭނުބައިކޮށް ހޮޑުލަވަނީއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ހޮޑުލެވިދާނެ ހެންނެވެ.

''ފާހާނައަށް...........'' ލަޔާލް އަނގަމަތީގައި އަތް އަޅަމުން އަތް ދިއްކޮށްލިއެވެ. އަތުގައި ހިފައިގެން ގެންގޮސްދޭށޭ ބުނާފަދަޔަކުންނެވެ. ނޫރާ ލަޔާލްގެ އަތުގައި ހިފިއެވެ. ނޫރާގެ އެހީތެރިކަމާއެކު ލަޔާލް އެނދުން ދެތުވިއެވެ. ފާހާނާއާ ހަމައަށް ދެވުނީހަމަ ކިރިޔާއެވެ. ހޮޑު ލެވިއްޖެއެވެ. ހޮޑާއެކުވެފައިވާ ލޭ ކުލަ ނޫރާގެ ލޮލުގައި އަޅައިގަތުމާއެކު އޭނާ ކަންބޮޑުވިއެވެ. ހިތް ބިރުގަތެވެ.

ހޮޑުލެވުމުން ލަޔާލްއަށް ކުޑަކޮށް ލުއިވާގޮތް ވިއެވެ. އެއީ ކޮންމެ ފަހަރަކުވެސް ވާގޮތެވެ. މޫނު ދޮވެލުމަށްފަހު ލަޔާލް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި ކަންބޮޑުވެފައި ހުރި ނޫރާގެ މޫނަށް ބަލާލިއެވެ.

''މީ އެއްވެސް ކަމެއް ނޫނޭ......... މީގެ ކުރިންވެސް މިހެން ހޮޑުލެވެއެއްނު......މާބޮޑަށް ގޭސް އުނދަގޫ ވީހެން ހީވަނީ.......... '' ލަޔާލް ވާހަކަ ދެއްކީ ނިކަން އުނދަގުލުންނެވެ. ގަދަ ހުމާއެކު އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުންނެވެ.

''ހިނގާ ހޮސްޕިޓަލަށް ދަމާ......... މިހާވަރުވީމަ ޖެހޭނެ ދައްކާލަން.........'' ނޫރާ ހުރީ ނުހަނު ކަންބޮޑުވެފައެވެ. މީގެ ކުރިން އެގޮތަށް ލެޔާއެކު ހޮޑުލެވުނު ކަމެއް ލަޔާލް ނޫރާ ގާތަކު ނުބުނެއެވެ. އެހެންވެ އެކަމާ ނޫރާހުރީ ކުޑަކޮށް ނުތަނަވަސް ވެފައެއިވެސް މެއެވެ.

ނޫރާ ކުރުނުކޮށް ކިޔަން ފެށުމުން ލަޔާލް ހޮސްޕިޓަލަށް ދާން އެއްބަސްވިއެވެ. ތައްޔާރު ވެލުމަށްފަހު ކުރިން ދީފައި ހުރި ބޭސް ސިޓީތައް ހިފައިގެން އޭނާ ބޭރަށް ނުކުތެވެ.

''ޓެކްސީއެއް ހޯދަންވީނު........ ތިހާ ހުންގަދައިރު ލަޔާލް އަމިއްލަޔަށް ދުއްވުން ރަނގަޅެއް ނުވާނެ.......'' ނޫރާ ލަޔާލްގެ ފަހަތުން ހިނގައިގަންނަމުން ބުނެލިއެވެ.

''ނޫނޭ....... ހޮޑުލެވުނީމަ މިހާރު ވަރަށް ލުއިވެއްޖެ.......އާދޭ އަވަހަށް.......... ހުމައިރާ ހޭލަންވާއިރަށް އޭރުން އާދެވޭނީ.........މަންމަމެން ކައިރީ ބުނެލާފަ އާދޭ........ '' ލަޔާލު ދޮރާއްޓާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. އޭނާ ބޭނުންވީ ނޫރާ ކަންބޮޑުވިޔަ ނުދޭށެވެ. ލަޔާލްއަށް ވާ ހުރިހާ ގޮތެއް، އޭނާ ހިއްސާނުކުރަނީ އެކަންކަމާ ނޫރާ ދެރަވެ ކަންބޮޑުވެދާނެތީއެވެ. ނޫރާއަށް ލަޔާލްގެ ސަބަބުން އިތުރު ތަކްލީފް ތަކެއް ޖެހޭކަށް އޭނާ ބޭނުމެއް ނޫނެވެ.

ހޮސްޕިޓަލުގައި މީހުން ގިނަ ވަގުތެއްކަމުން ޑޮކްޓަރަށް ނުދެއްކި، އެތައްވަގުތަކު މަޑުކުރަން ޖެހުނެވެ. ޑޮކްޓަރ ލަޔާލްއަށް ވީގޮތް ކިޔާދިނުމުން ކުރިންދީފައިހުރި ބޭސްސިޓީތައް ބެލިއެވެ. އެތައް ޓެސްޓެއް ހަދަން ޖެހުނެވެ. ޓެސްޓްތަކުގެ ނަތީޖާ ބަލަމުންދިޔައިރު ޑޮކްޓަރުގެ މޫނުން ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ.

ޓެސްޓްތައް ބެލުމަށްފަހު ޑޮކްޓަރު ބޭސް ދިން ނަމަވެސް ލަފާދިނީ، މިކަމާ ގުޅިގެން ހަދަންޖެހޭ އިތުރު ޓެސްޓްތަކެއް ހުރިކަމަށެވެ. އަދި އެ ޓެސްޓްތަކަކީ އެ ހޮސްޕިޓަލުން މިވަގުތު ހެދެން ނެތް ޓެސްޓްތަކެއް ކަމަށްވާތީ ވީ އެންމެ އަވަހަކަށް މާލެ ދިއުމަށް އިރުޝާދު ދެއްވިއެވެ.

''ދެން ކިހިނެތް ހަދާނީ.................'' ހޮސްޕިޓަލުން ނުކުންނަމުން ނޫރާ އަހާލިއެވެ.

''މި ބޭސް ކާންފެށީމަ އެނގިދާނެތާ........... އިހަށް މަޑުކޮއްލާނީ......... ނޫރާމެން ދެމައިންނާ ވަކިން މާލެ ދިއުން އަހަންނަން އެހާ ފަސޭހައެއް ނޫން.........'' ވިސްނާލުމަށްފަހު ލަޔާލް ބުނީ އޭނާ އެންމެ ކަންބޮޑުވާ ކަންތަކުގެ ވާހަކަ އެވެ. ނޫރާއާ ވަކިން އެންމެ ދުވަހަކުވެސް ހުންނާކަށް އޭނާގެ ހިތެއް ނޭދެއެވެ. އަދި ވަކިން ޚާއްސަކޮށް އޭނާގެ ދެލޯފަދަ ލޯބިވާ ދަރިފުޅު ނުފެނި އެންމެ ދުވަހެއް ވޭތިކުރަން ޖެހުމަކީވެސް އޭނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. މާލެ ގޮސް ޑޮކްޓަރަށް ދެއްކުމާ، ޓެސްޓްތައް ހެދުމަކީ ކިހާ ދުވަހެއް ހޭދަވާ ކަމެއްކަން އޭނާއަށް އެނގެއެވެ. ގިނަ ފަހަރު އަތްމަތި ހުސްވާއިރު އޮންނާނީ ބޭނުންވާ ފަރުވާ ނުލިބިފައެވެ.

''ހުމައިރާވެސް ގޮވަގެން ދެވިދާނެ އެއްނު.........ޑޮކްޓަރު އެވަރަށް ބުނެފަ އޮއްވަ ނުވާނެ ފަރުވާކުޑަކުރާކަށް............މިހާރު ކިހާ ދުވަހެއް ތިހެން ކަމަކަށް ނަހަދާ އުޅޭތާ.......... ''ނޫރާ ބުނީ އޭނާއަށް ފެންނަ ގޮތެވެ. ލަޔާލްގެ ހާލު ފެންނަމީހަކީ ނޫރާ ކަމަށް ވުމުން އެންމެ ބޮޑަށް އެކަމާ ކަންބޮޑުވާނީ ނޫރާ ފިޔަވާ ދެން ކާކު ހެއްޔެވެ.

''މާލެ ..........ދިއުމަކީ އަހަރެން...... އެހާ ކުރަން ބޭނުންވާ ކަމެއް ނޫން.........'' ލަޔާލް ކާރު ދުއްވާލަމުން ބުނެލިއެވެ. އޭރުވެސް ހުން ގަދަކަމުން އޭނާއަށް ވާހަކަ ދެއްކުންވެސް ވަނީ އުނދަގޫ ވެފައެވެ.

**********

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ލަޔާލްއަށް ސިއްޙީ ގޮތުން ގިނަ އުނދަގޫތަކެއް ދިޔައީ ކުރިމަތިވަމުންނެވެ. ރޭނގަނޑު ނިދަން އުނދަގޫވެ، ނުފިލާ ހުމެއް ހަށިގަނޑުގައި ހުންނަކަމުގެ އިހްސާސް ކުރެވެއެވެ. ބޯ އެނބުރުމާ، ބަޑުގައި ހުންނަ ރިހުމަކަށްވެސް ލުޔެއް ނުލިބުނެވެ. ގިނަ ރޭރޭ ނިދާފައި އޮއްވާ ހޭލެވެނީ ހޮޑުލަވާތީއެވެ. ރަނގަޅަކަށް ނުކެވެއެވެ. މި ހުރިހާ ކަމަކާއެކު އޭނާގެ ހަށިގަނޑަށް ވެސް ބަދަލު އަންނަންފެށިއެވެ. ބަރުދަން ލުއިވާންފެށިއެވެ.

މި ހުރިހާ ކަމެއް އެންމެ ގާތުން ދެކޭ މީހަކީ ނޫރާއެވެ. ނޫރާގެ ހިތުގައި ތަފާތު ވަސްވާސްތައް އުފެދި ހިތް ބިރުގަންނަންފެށިއެވެ. ލަޔާލް މަނާ ކުރުމާއެކުވެސް، ލަޔާލްއަށް ވާ ހުރިހާގޮތެއް ގޭ މީހުނަށް ނޫރާ ކިޔާދިނެވެ. އެންމެފަހުން ލަޔާލްއަށް މަޖުބޫރުވީ މާލެ ދާން އެއްބަސްވާށެވެ.

''އަހަރެންވެސް ދާނަން...........'' ލަޔާލީވެސް އެމީހުނާއެކު ދާން ބޭނުންވިއެވެ.

''ނޫނޭ ދޮންތަ ދިޔައިމަ މަންމަމެން އެކަނިވާނެ......... އަނެއްކޮޅުން ރޫބީ ގޮވައިގެން މާލޭގަ އުޅެން އެހާ ފަސޭހައެއްވެސް ނުވާނެ.......... އެހެންނޫނަސް އަހަރެން މިދަނީ އެކަންޏެއް ނޫނެއްނު........ނޫރާ ވެސް ހުންނާނެ......... '' ލަޔާލް ބުނީ އޭނާ ބޭނުންވި ގޮތެވެ.

''އެމަންޖެ ގޮވައިގެން އެކަނި އުޅެން ނޫރާއަކަށް ފަސޭހައެއް ނުވާނެ........... ދަރިފުޅު ދޭބަލަ ދޮންތަވެސް ގޮވައިގެން........ އޭރުން ނޫރާގެ ދެމައިންވެސް ހިތްހަމަޖެހޭނެ.........'' ލަޔާލްގެ މަންމަ ބޭނުންވީ ލަޔާލީވެސް އެމީހުނާއެކު ފޮނުވާށެވެ.

********

ފްލައިޓް ތެރޭގައި ރޮއިރޮއި ވަރުބަލިވެފައި ވުމުން ހެން ހީވެއެވެ. އެއަރޕޯޓުން ޓެކްސީއަށް އެރުމާއެކު ހުމައިރާ ނިދައިފިއެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން ޓެކްސީ ދަތުރު ކުރަމުން ދިޔައިރު ނޫރާއަށް ކުރެވެމުން ދިޔައީ މުޅިން ތަފާތު އިޙްސާސެކެވެ. އޭނާއާ ޖެހިގެން އިން ލަޔާލީގެ އުނގުގައި އިން ރޫބީ އެކި އަޑުތައް ލައްވަމުން ދިޔައިރުވެސް ނޫރާއަށް އެ އަޑުތައް އިވޭހެނެއް ހިޔެއް ނުވެއެވެ.

ކާރުގެ ފަހަތު ޝީޓުގައި އިން އިރު ނޫރާގެ ނަޒަރު ހުއްޓިފައިވަނީ ދޮރުން ބޭރަށެވެ. ޒޫންޒޫން ލާފައި ދުއްވަމުންދާ ސައިކަލުތަކާ ކާރުތަކުގެ ތެރެއިން އޭނާގެ ދެލޯ ކޮންމެވެސް އެއްޗެއް ހޯދާހެން ހީވެއެވެ. އާނއެކެވެ. މާލެ އާދެވުމާއެކު އޭނާގެ ހިތުގައި ވަޅުޖެހެމުން ދިޔަ ހަމްޒާގެ ހަނދާންތައް އާވެގެންފިއެވެ. އޭނާގެ އަމިއްލަ އިޚްތިޔާރަކާ ނުލާ ހަމްޒާ މަތިން ހަނދާންވާން ފެށިއެވެ. ސައިކަލުގަ ދާ ކޮންމެ ޒުވާނަކާ ދިމާއަށް ނޫރާގެ ލޯ އަމާޒުވަމުން ދިޔައީ އޭނާ އެގޮތް ބޭނުން ވެގެނެއް ނޫނެވެ. ހަމްޒާއާ އެއްފަސްގަނޑަކަށް އާދެވުމުން އޭނާގެ ހިތުގައި ނިވެމުން ކަނިވަމުން ދިޔަ ލޯބީގެ ހުޅުކޮޅަށް ދިރުން ލިބުނު ކަހަލައެވެ. އޭނާގެ ފިރިމީހާ މަތިން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތުނު ކަހަލައެވެ.

''ނޫރާ......... ހުމައިރާ ގޮވައިގެން ފައިބާ........ ބަލައިގެން ދޮރު ހުޅުވާތި..........'' ލަޔާލް ގެ އަޑުން ނޫރާއަށް ސިހުން ލިބުނެވެ. އޭރު ކާރު އޮތީ މަޑުކޮއްފައެވެ. އެމީހުން ތިބެން ބުކް ކުރި ރޫމް ހުރި ތަނަށް އާދެވުނީއެވެ.

ހުމައިރާ ގޮވައިގެން ފޭބުން ނޫރާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެންމެ ފަހުން ލަޔާލް އައިސް ނޫރާއަށް އެހީތެރިވެ ދިނެވެ. ކާރުގެ ޑިކީގައި ހުރި ފޮށިތައް ބާލަންދެން ނޫރާއާ ލަޔާލީ ތިބީ މަގުގެ އެއް ފަރާތެއްގައއެވެ. އެހެން ހުރިއިރު ކުރިމަތިން ފެންނަން ހުރި އުސް އިމާރާތްތަކަށް ނޫރާ ނަޒަރު ހިންގަމުން ދިޔައެވެ. ވަށައިގެންވެސް ހުރީ ނުހަނު ރީރިކޮށް ހަދާފައިވާ އުސް އިމާރާތްތަކެވެ. މިތަނުން އެއް ގެޔަކީ ހަމްޒާގެ ގެއަށްވެސް ވެދާނެޔޭ ނޫރާގެ ހިތަށް އެރިއެވެ.

''އާދޭ......... މި ގޯޅިއަށް ވަދެގެން އަދި ކުޑަކޮށް ހިނގާލަން ޖެހޭނެ......... '' ދެފޮށި ދެއަތުން ދަމަމުން ލަޔާލް ހިނގައިގަތެވެ. މީހުންތައް ތެރެއިން ފުރޭނެމުން ނޫރާވެސް ލަޔާލީގެ ފަހަތުން ހިނގައިގަތެވެ. ހުމައިރާ ކޮނޑުމަތީ ބާއްވައިގެން، މަގުމަތިން ފުނިޖެހިފައިވާ މީހުންތަކުގެ ތެރެއިން ކުރިއަށް ދިއުމަކީ ނޫރާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ޕޭވްމަންޓް މަތިން ހިނަގަން އޮތް ކުޑަތަންކޮޅުވެސް އޮންނަނީ ކޮންމެވެސް ކަމަކަށް ބޭނުންކޮށްފައެވެ.  ހަމަޔަށް ފައި އަޅާނެ ތަންކޮޅެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ނިކަން ބާރަށް ހިނގާފައި އައި މީހަކު ކުއްލިއަކަށް، ނޫރާގެ ގަގައި ޖެހިގަތެވެ.  ހަށިގަނޑަށް އެރި ލޮޅުމުގައި ހުމައިރާ ނުވެއްޓުނީ ކިރިޔާއެވެ. ނޫރާ ހިތްހަމަ ނުޖެހިފައި ފަހަތަށް ބަލާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 13 މެއި އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް