ސިޒޭރިއަން ހެދުމަށްޓަކައި ނޫރާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދީއްސުރެ ލަޔާލަށް ތަނެއްގައި ހަމަޖެހިއެއް ނުލެވެއެވެ. ނޭނގޭ ބިރުވެރިކަމެއްގެ ސަބަބުން އޭނާގެ ހިތް ތެޅެމުން ދިޔައެވެ. ހިތަށް ލިބެމުން ދިޔަ ނުތަނަވަސް ކަން ކުޑަކުރުމަށް ހިތާހިތުން ދުޢާ ކުރަމުން ދިޔައެވެ. ވަގުތުތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާއަށް ލިބެމުންދިޔަ އުދާސްކަން ދިޔައީ ބޮޑުވަމުންނެވެ. ޒަރީނާގެ ހާލަކީވެސް ހަމަ އެއީއެވެ.
ގަޑިއެއްހާ އިރުފަހުން ތިއޭޓަރުގެ ދޮރު ހުޅުވުނެވެ. އެންމެންނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. އުފާވެރި އުއްމީދަކާއެކުގައެވެ. އެހެންނަމަވެސް ތިއޭޓަރުން ނުކުތް ނަރުސް ކުއްޖާގެ މޫނުމަތިން ފެނުނީ ލަޔާލް މެން ދެކެން ބޭނުންފަދަ އުފާވެރިކަމެއް ނޫނެވެ.
ނަރުސް ކުއްޖާ ބުނީ ނޫރާގެ ގަޔަށް އައްސި ކުރާ އިންޖެކްޝަން ޖެހުމުންވެސް ބޭނުންވާވަރަށް އައްސި ނުވާތީ ހޭނައްތަން ޖެހޭ ވާހަކައެވެ. އަދި ބޭބީގެ ވިންދު ހުންނަންވާ ވަރަށްވުރެ ދަށްވަމުންދާތީ ސިޒޭރިއަން ހެދުން އަވަސް ކުރަން ޖެހޭ ކަމަށެވެ.
“މި ފޯމުގައި ސޮއި ކޮއްލާ………..“ ލަޔާލް އަތަށް ނަރުސް ކުއްޖާ ފޯމެއް ދިއްކޮއްލިއެވެ. ތުރުތުރު އަޅާ އަތަކުން ލަޔާލް ފޯމުގައި ސޮއި ކޮށްފިއެވެ. ނަރުސް ކުއްޖާ އެތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން ލަޔާލް ހުރީ މާޔޫސް ވެފައިވާ ހިތަކައިގެންނެވެ. ތިއޭޓަރުގެ ދޮރު ލެއްޕުމުން ކުރިއަށްވުރެވެސް ލަޔާލްގެ ކަންބޮޑުވުން އިތުރުވިއެވެ. ދެއަތް ދެއަތާ މޮޑެމުން ދެކޮޅަށް ހިނގަން ފެށިއެވެ. ލަޔާލްގެ ކަންބޮޑުވުމާ އޭނާގެ ހަރަކާތްތައް ހުރި ގޮތް ފެނުމުން ޒަރީނާއަށް ކެތް ކުރެވެނީކީ ނޫނެވެ. އޮބި ނޯންނަ ވަރަށް ހިތް ތެޅެމުން ދިޔައީ ހިތަށް ވެރިވަމުންދާ ތަފާތު ޚިޔާލުތަކުގެ ސަބަބުންނެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް އިތުރު ދޮޅުގަޑިއެއްހާއިރު ފާއިތުވެއްޖެއެވެ.
“މަރްހަބާ!……. އަންހެއް ކުއްޖެއް…… ދެމައިންގެ ހާލުވެސް ރަނގަޅު……“ ލަޔާލް އަތަށް ބޭސް ސިޓީއެއް ދިއްކޮލުމަށްފަހު ނަރުސްކުއްޖާ ހިނިތުންވެލިއެވެ.
ލަޔާލް ލިބުނު އުފަލުގައި ﷲ އަށް ޙަމްދު ކުރިއެވެ. އެއްފަހަރަކު ނޫނެވެ. އެތައްފަހަރަކުއެވެ. ދެން އަވަސް އަވަހަށް ހިނގައިގަތީ ބޭސް ފިހާރައަށް ދާށެވެ.
ނޫރާ ވޯޑަށް ނެރެފިއެވެ. ދެމައިންގެ ޙާލުވެސް ރަނގަޅެވެ. ތުއްތު ދަރިފުޅު ނޫރާ ގާތުގައި ނިދާލާފައި އޮތެވެ. ލޯބި ލޯބި ބޭބީއެކެވެ. ނުހަނު ސިއްޙަތު ރަނގަޅު ކުއްޖެކެވެ. ދަރިފުޅަށް ލިބިފައިވަނީ ލަޔާލްއާ ނޫރާގެ ދޮންކަމެވެ. ބަލާލާއިރު ހީވަނީ ވިހޭތާ ދެމަހެއްވަރު ވެފައިވާ ކުއްޖެއްހެނެވެ.
ލަޔާލް އިނީ ނޫރާގެ ގާތުގައެވެ. އެއްފަހަރު ނޫރާގެ މޫނަށް އަނެއްފަހަރު ދަރިފުޅުގެ މޫނަށް އޭނާ ނަޒަރު ހުއްޓާލައެވެ. އޭނާގެ ހިތުގައި އެ ދެމައިންނަށްޓަކައި އުތުރި އަރަމުންދާ ލޯބި ބަޔާން ކޮށްދޭން އޭނާގެ ހިތް އެދެމުންދަނީއެވެ. ލޯ މަރާލައިގެން އޮތް ނޫރާއަށް ގޮވާލާ ވާހަކަ ދައްކާލަން އޭނާގެ ހިތް ބުނަމުންދާތާ ކިތަންމެ އިރެކެވެ. ތުއްތު ދަރިފުޅާ ބެހޭގޮތުން އޭނާގެ ހިތުގައި އުފެދިފައިވާ ލޯބިވެތި ޝުއޫރުތައް ނޫރާއާ ހިއްސާކޮއްލަން ހިތް އެދެމުން އެދެމުންދަނީއެވެ. އެހެންނަމަވެސް ލަޔާލް އަށް އެ ފުރުސަތެއް ނެތް ކަހަލަ އެވެ. ވޯޑުން ނެރުނު ފަހުން ނޫރާ އޮންނަނީ ލޯމަރާލައިގެންނެވެ. ދަރިފުޅު ނިދާފައި އޮތުމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ދީފައިވާ ބޭހާ ޖަހާފައިވާ އިންޖެކްޝަންތަކުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
އެއްވެސް ފޫހި ކަމެއްނެތި ނޫރާގެ ނުހަނު ގާތުގައި ލަޔާލް އެއިނީ ނޫރާގެ ފަރާތުން އުފާވެރި ހިނިތުންވުމެއް ނަމަވެސް ލިބޭނެ ކަމުގެ ފޮނި އުއްމީދުގައެވެ.
“ވަރަށް ލޯބި…….. މާޝާﷲ……ހާދަ ރީއްޗޭ…….ކުރިއަށް ވުރެންވެސް………“ އެންމެ ފަހުން ލަޔާލްގެ އަގައިން އެލަފުޒުތައް ބޭރުވެއްޖެއެވެ. އެއީ އޭނާ އެތައް އިރެއް ވަންދެން ހިފަހައްޓާލައިގެން އިން ލަފުޒު ތަކެކެވެ. ހިތާ ހިތުން އެ ލަފުޒުތައް އެތައް ފަހަރަކު ތަކުރާރުވެސް ކޮށްފިމެއެވެ. ލަޔާލްއަށް އެހެން ބުނެވުނު އަޑު އިވުމާއެކު ލޯމަރާލައިގެން އޮތް ނޫރާ ލޯ ހުޅުވާލިއެވެ. ލަޔާލް ބުނި އެއްޗެއް އަޑު އިވުނު ނަމަވެސް އޭނާއަށް ސާފެއް ނުވިއެވެ.
“ކީކޭ……ލަޔާލް އެއްޗެކޭ ބުނިންތަ؟…….“ ނޫރާ ކުޑަކޮށް ބޯ ހިއްލާލަމުން އަހާލިއެވެ. އޭނާގެ އަޑުގައިވަނީ ވަރުބަލިކަމެވެ.
“މިބުނީ ދަރިފުޅު ހީވަނީ ހަމަ ނޫރާ ހެންނޭ……. ނޫރާޔާ ހާދަ ވައްތަރޭ……..“ ލަޔާލް އަވަސްއަވަހަށް ބުނެލިއެވެ. ހަޤީގަތުގައި ލަޔާލް ތަޢުރީފް ކުރީ ނޫރާގެ ރީތިކަމަށެވެ. މާބަޑުވުމާ ގުޅިގެން ނޫރާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ތަކުގެ ސަބަބުން ނޫރާގެ ރީތިކަން އެތައް ގުނައެއް އިތުރުވެފައިވެއެވެ. ހަށިގަނޑަށް އައި ބަދަލާއެކު، ނޫރާގެ އަންހެންވަންތަކަން އިތުރަށް ފުރިހަމަ ވެފައިވެފައެވެ. ނޫރާގެ ރީތި މޫނު މިހާރު އަދި މާ ރީތިކަމުގައި ލަޔާލަށް ޤަބޫލު ކުރެވުނެވެ. އެއީ އޭނާގެ ލޮލަށް ނޫރާ ފެންނަ ގޮތެވެ. އެއީ އޭނާގެ ހިތުގައި ނޫރާ ކުރަހާލެވިފައިވާ ގޮތެވެ. އެއީ އެހިތުގައި ނޫރާއަށްޓަކައި އުފެދި އާލާވަމުންދާ ލޯބީގެ ހަޤީޤީ ކުލައެވެ.
އެވަގުތު ކުއްލިއަކަށް ބޭބީ ރޯން ފެށިއެވެ. ޖަންބު ކުލައިގެ ކޯތާފަތަށް ލޭގެ ރަތްކުލަ ވެރިވެގެން ދިޔައެވެ. ތުއްތު ތުއްތު އަޑުން ވޯޑުގެ ހަމަހިމޭންކަން ފުނޑުފުނޑުކޮއްލިއެވެ. އިތުރު މީހަކު ކައިރީގައި ނެތް ވަގުތެއް ކަމުން ލަޔާލަށް ޖެހުނީ ދަރިފުޅު ނަގާށެވެ. ވަރަށް މަޑުމަޑުން ބަލައިގެން އޭނާ ދަރިފުޅު ނަގާ މޭގައި ޖައްސާލިއެވެ. އެ ހިނދު ދަރިފުޅު ރުއިން މަޑުވަމުން ގޮސް އެއްކޮށް ހުއްޓާލިއެވެ. އަދި ދެލޯ މަރާލިއެވެ. ހީވަނީ ބައްޕަގެ ހިމާޔަތުގައި އަބަދަށް އޮންނަން އެދެމޭ ބުނެލިހެންނެވެ.
ދަރިފުޅު މޭގައި ޖައްސާލައިގެން ހުރިއިރު އޭނާއަށް ކުރެވުނު އުފާވެރި އިހްސާސެއްގެ ސަބަބުން ލޮލުން ކަރުނަ ހިލުނެވެ. އެދަރިފުޅަށްޓަކައި ހިތުގައި ލޯބި އުތުރު އަރައިގަތެވެ. އެއީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ އެވެ. އެންމެ މަތިވެރި އުފަލެވެ. ހިތުގެ ހިތްހަމަޖެހުމެވެ. ލޮލުގެ ފިނިކަމެވެ.
******
ތިން ދުވަސް ފަހުން ނޫރާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. އޭރު ޒަރީނާވެސް އުޅެނީ ކުޑަކޮށް ބަލިވެއެވެ. ފައެއްގައި ރިއްސާތީ ރަނގަޅަށް ހިނގާނުލެވެއެވެ. އެހެންކަމުން، ތުއްތު ކުއްޖަކު ގޮވައިގެން އެ ދެމައިންނަށް އެކަނި އުޅެން އުނދަގޫ ވާނެކަން ލަޔާލަށް ވިސްނުނެވެ. ލަޔާލް އެދުނީ ނޫރާމެން ލަޔާލްގެ ގެއަށް ބަދަލުވުމަށެވެ. އެއީ ލަޔާލްގެ އާއިލާވެސް ބޭނުންވާގޮތެވެ. އެންމެންގެ އެދުމުގެ މަތިން އެމީހުން ބަލަދުވީ ލަޔާލްގެ ގެއަށެވެ. އެންމެން އެކުގައި އުޅެންފެށުމުން، ހިތްހަމަޖެހުމާ އުފާވެރި މާހައުލެއް އެ ގޭތެރެއިން ފެންނަންފެށިއެވެ. ޒަރީނާގެ އެކަނިވެރިކަން ފިލާ، ހިތަށް ހަމަޖެހުން ލިބުނެވެ.
“ނޫރާ ……….. ބަލާބަލަ ލިސްޓް…….. މިއޮތީ ނަންތައް………. މީގެން ނޫރާ ބޭނުން ނަމެއް ނަގާ………. ނޫރާ ނަމެއް ނެގީމަ އަހަރެން ބުނާނަން ލަޔާލަށް މިތަނުން އެންމެ ކަމުދިޔަ ނަން…………“ ލަޔާލްއާ އެކު ކޮޓަރިއަށް ވަދެގެން އައީ ލަޔާލީއެވެ. ނޫރާގެ އެނދު ކައިރިއަށް ހުއްޓެމުން ކަރުދާސް ގަނޑެއް ދިއްކޮއްލިއެވެ. ނޫރާ ވިހެއީއްސުރެ، ދަރިފުޅަށް ނަން ކިޔުމަށްޓަކައި ލަޔާލީ ދިޔައީ ނަން ހޯދަމުންނެވެ. ރީތި މާނަ އެކުލެވޭ ނަންތަކެވެ. ނޫރާގެ ނަން ފެށޭ އަކުރުން ވެސް އެތައް ނަމެއް އޭނާ ހޯދިއެވެ.
ނޫރާ އެ ކަރުދާސް ގަނޑު ބަލާލިއެވެ. އޭގައި ވަނީ އަންހެން ނަންތަކެކެވެ. ނަންތަކުގެ މާނަވެސް ހުއްޓެވެ. މަތިން ތިރިއަށް އެތައް ފަހަރަކު ނޫރާ ނަޒަރު ހިންގައިފިއެވެ. އެނަންތައް އެތައް ފަހަރަކު ކިޔައިފިއެވެ. އޭނާ ވަކި ޚާއްސަ ނަމެއް ހޯދަނީހެން ހީވެއެވެ.
“ހުމައިރާ………“ ނޫރާ ކަރުދާސް ގަނޑު ލަޔާލީ އަތަށް ދިއްކޮށްލަމުން ބުންޏެވެ.
ލަޔާލީ ކަރުދާސް ގަނޑުގައި ހިފާ އަލުން ނަންތައް ކިޔަން ފެށިއެވެ.
“ރީތި ނަމެއް…….. އެކަމަކު ތިބުނި ނަމެއް އަހަންނަކަށް ނުފެނުނު…….. ކޮބާތަ؟……….“ ލަޔާލީ އަށް ނޫރާ އެބުނި ނަމެއް ލިސްޓަކުން ނުފެނުނެވެ.
“ތި ލިސްޓަކު އެނަމެއް ނެތް………..“ ނޫރާ އިސްޖަހާލަމުން ބުނެލިއެވެ.
“ދެމީހުން ވެގެން މާ ކުރިން ނަން ހޯދައިގެން ދޯ ތިތިބެނީ……….ނުވެސް ބުނަމެއްނު……… “ ލަޔާލީ ހީނލިއެވެ.
ނޫރާ ވިސްނާލިއެވެ. އާއެކެވެ. އެ ނަމަކީ މީގެ އެތައް ދުވަހެއް ކުރިން ނޫރާއަށް ލިބިފައިވާ ނަމެކެވެ. އެ ނަން މަތިން ނޫރާ ހަނދާން ނެތޭނީ ކިހިނެތް ހެއްޔެވެ. އެއީ ނޫރާއަށް ވަރަށް ޚާއްސަ ނަމެކެވެ.
“ލަޔާލްއަށް ކަމުދޭތަ އެނަން……….؟ އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިން ލަޔާލްގެ މޫނަށް ބަލާލަމުން ލަޔާލީ އަހާލިއެވެ.
“ނޫރާއަށް ކަމުދާ ނަމެއް ކީމަ އަހަންނަށްވެސް އެނަން ކަމުދާނެ…….ހަމަ ވަރަށް ހިތްގައިމު ނަމެއް ތީ ……….. “ ލަޔާލް ބުނެލިއެވެ. އެ ނަން އެހާ ފަސޭހައިން ނޫރާ އަށް ބުނެވުނު ގޮތަކާ މެދު ލަޔާލް ވިސްނި ހެނެއް ހިޔެއް ނުވެއެވެ. ނޫނީ އޭނާ އެކަމާ ވިސްނަން ބޭނުން ނުވަނީއެވެ.
ހަނދާން ކުރަން ބޭނުން ނޫނަސް ހަމްޒާ މަތިން އެވަގުތު ނޫރާ ހަނދާންވިއެވެ. ނޫރާއަށް އަންހެން ކުއްޖަކު ލިބިއްޖެ ނަމަ އެނަން ކިޔުމަށް ހަމްޒާ ބުނި ދުވަސްމަތިން ނޫރާ ހަނދާންވިއެވެ. އެ އުފާވެރި ވަގުތު މާޒީއާ އެކުވެފައި ވީ ނަމަވެސް، ނޫރާގެ ސިކުނޑީގައި އެ ހަނދާންތައް ދިރި އެބަހުއްޓެވެ. ދެންމެވީ ކަމެއް ފަދައިން ހަނދާން އެބަހުއްޓެވެ. ހަމްޒާ ބުނި ކޮންމެ ލަފުޒެއް، ކޮންމެ ޖުމުލައެއް އޭނާ އަދިވެސް ހިތުދަހެވެ.
ދިރިއުޅުމަކީ ކިހާބޮޑު އިމްތިހާނެއް ހެއްޔެވެ. ބައެއް ކަންތައްތައް ހަނދާން ނައްތާލަން މަސައްކަތް ކުރި ވަރަކަށް ހަނދާން އާވެއެވެ. ހިތުން ނެރެ އެއްލާލަން ކިތަންމެ ބޭނުން ވިޔަސް ބައެއް ކަންކަމަކީ ހިތުގައި ބިންވަޅު ނެގިފައިވާ ހަނދާން ތަކެއްގެ ގޮތުގައި ޢުމުރަށް ދެމިއޮވެއެވެ.
*********
ދުވަސްތައް ފާއިތުވަމުން ގޮސް ލަޔާލްއާ ނޫރާގެ ދަރިފުޅު ހުމައިރާއަށް އަހަރު ފުރިއްޖެއެވެ. އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޕާޓީއެއް ނުބޭއްވި ނަމަވެސް ކޭކެއް ފަޅަން ނޫރާ ބޭނުންވިއެވެ. ނިކަން ރީތިކޮށް ނަލަ ހައްދާލާފައި އިން އިރު ހުމައިރާ ފެންނަނީ ނުހަނު ލޯބިކޮށެވެ. އެ ރީތި މައުސޫމު ހިނިތުންވުން ފެންނަ ކޮންމެ މީހަކު ދެވަނަ ފަހަރަށް އެ ތުއްތު މޫނު ދެކެން ބޭނުން ވާނެކަން ޔަޤީނެވެ.
ކޭކު ފަޅަންވީ ވަގުތު ޖެހިއްޖެއެވެ. ލަޔާލް ދަރިފުޅު އުރާލައިގެން ކޭކު ބަހައްޓާފައިހުރި މޭޒު ކައިރީގައި ހުއްޓުނެވެ. ނޫރާވެސް ލަޔާލްގާތުގައި ހުއްޓުނެވެ. އެވަގުތު ލަޔާލްގެ ބޮލަށް އެނބުރުން އަރާގޮތް ވާންފެށިއެވެ. ބަނޑަށް އުނދަގޫވެ މީހާ ދާހިއްލަން ފެށިއެވެ. އޭނާ މޭނުބައިކޮށް ހޮޑުލަވާތާ ކިތަންމެ އިރެކެވެ. މިއަދު އޭނާ އެހުރީ ކުޑަކޮށް ހުންވައްތަރުވެސް ވެފައެވެ. އެހެންނަމަވެސް ކެތް ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ދަރިފުޅަށް ޓަކައެވެ. ދަރިފުޅުގެ އުފަން ދުވަހުގެ ކޭކު ފެޅުމުގެ އުފާވެރި ވަގުތުގައި، އެތަން ދޫކޮށްދާން އޭނާ ބޭނުން ނުވާތީ ކެތް ކުރެވޭތޯ ބަލަމުން ދިޔައެވެ.
މި ފަހަކަށް އައިސް ލަޔާލް ބަނޑުގައި ރިހުން އިތުރުވެ، މޭ ނުބައިކޮށް، ހޮޑުލަވާ ވަރަށް ގިނަ އުނދަގޫތައް ދިޔައީ ކުރިމަތިވަމުންނެވެ. އެތައް ފަހަރަކު ޑޮކްޓަރަށްވެސް ދައްކައިފިމެއެވެ. ކޮންމެ ފަހަރަކުވެސް ބޭސް ދެއެވެ. ބޭސް ކާ ދުވަސްކޮޅު ރަނގަޅުވެސް ވެއެވެ. އަނެއްކާވެސް ހަމަ އެގޮތަށް އުނދަގޫވާން ފަށައެވެ. އެންމެންވެސް ބުނަނީ ކެއުމުގެ ވަގުތުތަކަށް ފަރުވާ ނުބެހެއްޓޭތީ ވާގޮތް ކަމަށެވެ. ޚުދު ލަޔާލަށްވެސް ޤަބޫލު ކުރެވެނީ އެގޮތަށެވެ.
ކޭކު ފަޅައިފިއެވެ. އެންމެންވެސް އުފާވެރިކަމާއެކު އަތްތިލަބަޑި ތަޅައިގަތެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. ކުޑަކުޑަ ރޫބީ އުފަލުންގޮސް ހަލޭއްލަވައިގަތެވެ. އެވަގުތު ލަޔާލްގެ އުރުގައި އިން ހުމައިރާއާ އެކު ލަޔާލް އަރިއަޅާލިއެވެ.
ނުނިމޭ… ވާހަކައިގެ އާ ބައެއް، 08 މެއި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ…
4 Responses
Varah reethi, miadhu ge part kuru kamah fennanee
Layaal ge bahyeh hunnaneeba Alhe layaalaa noora vakinukurahche
kobaa dhn oii bai?.