ވާހަކަ: ލޯބިވޭ އިންތިހާ – ތިރީސް ތިންވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ނިދާފައި އޮތް ލަޔާލުގެ މޫނަށް ނޫރާ ބަލާލިއެވެ. ލަޔާލް އޮތީ ގަދަ ނިދީގައެވެ. ނޫރާގެ އަތް ހަރަކާތް ކުރިއެވެ. މޭޒުމަތީގައި އޮތް ފޯނާދިމާއަށެވެ. ނޫރާ އެ ފޯނު ނެގިއެވެ. ކޯޑު ޖަހާ ނު...

01 May 2025 | 06:53

ކުރީގެ އަދަދާއި ގުޅޭ...

ނިދާފައި އޮތް ލަޔާލުގެ މޫނަށް ނޫރާ ބަލާލިއެވެ. ލަޔާލް އޮތީ ގަދަ ނިދީގައެވެ. ނޫރާގެ އަތް ހަރަކާތް ކުރިއެވެ. މޭޒުމަތީގައި އޮތް ފޯނާދިމާއަށެވެ. ނޫރާ އެ ފޯނު ނެގިއެވެ. ކޯޑު ޖަހާ ނުނިމެނީސް ދެވަނަފަހަރަށް ހަމްޒާ ގުޅިއެވެ. ސްކްރީނަށް އަރާފައި އޮތް ނަމުގައި ނޫރާއަށް އިނގިލި ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ އެނަމެވެ. ނޫރާ ފުރާނަޔަށްވުރެވެސް ލޯބިވީ ހަމްޒާގެ ނަމެވެ. ހަމްޒާގެ އަޑު އަހާލަން ނޫރާގެ ހިތް އެދެންފެށިއެވެ. ހަމްޒާ އެގުޅަނީ ކޮންކަމަކުތޯ ބަލާލާ ހިތްވިއެވެ. ހަމްޒާ ބުނާއެއްޗެއް އަޑުއަހާލަން ކަންފަތް އެދެންފެށިއެވެ. އެ އަސަރުގަދަ އަޑުގެ ޖަޒުބާތުގައި ޖެހިލާހިތްވިއެވެ. އެކަމަށްޓަކައި އޭނާގެ ހިތާ ސިކުނޑި އާދޭސް ކުރަން ފެށިއެވެ.

އިނގިލިން ކޮއްލި ހަރަކާތަކާއެކު ނޫރާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. އޮބިނޯންނަ ވަރަށް ހިތްތެޅިގަތެވެ. ތެޅެމުން ދިޔަ ހިތުގެ ވިންދު އޭނާއަށް ރަނގަޅަށް އިހްސާސް ކުރެވެމުން ދިޔައެވެ.

''ހަލޯ.......... ލަޔާލް......... ކޮބާ ކިހިނެއްތަ ހާލު......... ވަރަށް ދުވަސް ވެއްޖެދޯ ގުޅާނުލެވޭތާ.......... ލަޔާލްވެސް ގުޅާނަމޭ ބުނެފަ .......... ޚަބަރެއްވެސް ނުވަމެއްނު......... '' ހަމްޒާގެ އަޑު ނޫރާގެ ކަންފަތުގައި ޖެހުމާއެކު ހަށިގަނޑުގެ އެންމެ ހިމަނާރުތަކަށް ވެސް އަސަރުކުރިއެވެ. އެ އަޑުގައި އަދިވެސް ހުރީ ހަމަ އެ ހިތްގައިމުކަމެވެ. އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެ އަސަރާ ޖަޒުބާތެވެ. ނޫރާއަށް ލޯމަރާލެވުނީ އެއަޑު އިވުމުން ކުރެވުނު އިހްސާސެއްގެ ސަބަބުންނެވެ. އަނގައިން ބުނަން ކިތަންމެ ހިތްއެދުނަސް، އޭނާ އެހުރީ ނޭވާވެސް ހިފަހައްޓާލައިގެންނެވެ.

''ހަލޯ..........ލަޔާލް........ އަހަރެން މިގުޅީ ވަރަށްބޮޑު ވާހަކައެއް...........'' ހަމްޒާގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވެންފެށިއެވެ. ހަމްޒާ އެކަމަށް ސަމާލުކަން ދިނީހެން ހީވެއެވެ. ވާހަކަދެއްކުން މެދު ކަނޑާލިއެވެ. ތުއްތު ކުއްޖާގެ ރުއިމުގެ އަޑު ގަދަވަމުން ދިޔައެވެ. ހީވާ ގޮތުން ކުއްޖާ އުރާލައިގެން ކޮންމެވެސް މީހަކު ހަމްޒާ ކައިރިއަށް އަންނަނީއެވެ.

''ހާދަވަރަކަށް މިއަދު ޔައިކް ބޭބީ އެ ރޮނީ........ ކިހިނެއް ވީ......... އެވަރަށް ރޯނީ ކޮންމެވެސް ތަނަކަށް ތަދުވާތީހެން ހީވަނީ.........'' ހަމްޒާ ބުނިއަޑު އިވުނެވެ.

''ނޭނގެ.......... މުޅިގައިގަ މިއޮތީ ބިހިތަކެއްވެސް ނަގާފަ.......... ނިންދަވަން އުޅެ ނުވެސް ނިދި.........މިހެން ދެކޮޅަށް ހިނގަހިނގާ ވަރަށްބޮޑަށް ވަރުބަލިވެސް ވެއްޖެ.........'' ތުއްތު ކުއްޖާގެ ރުއިމުގެ އަޑާއެކު، އަންހެންކުއްޖަކު ވާހަކަ ދެއްކިއަޑު އިވުނެވެ. ހީވާ ގޮތުން އެ ވާހަކަ ދެއްކީ އެ ތުއްތު ކުއްޖާގެ މަންމައެވެ. ކުއްޖާ މަސަލަސް ކުރަން މަސައްކަތް ކޮށްކޮށް، އެ އަންހެންކުއްޖާ ހުރީ ވަރުބަލިވެއިކަން އޭނާގެ އަޑުންވެސް އެނގެއެވެ.

''ޔައީ ފެންވަރުވަން ފެންފޮދެއް ހޫނު ކޮއްލަންކަމަށް މިއުޅެނީ ....... ފެންފޮދު ހޫނުކޮއްލަންދެން ހަމްޒާ ޔައީ އުރާލަބަލަ............'' އަންހެން ކުއްޖާ ބުނި އަޑު އިވުނެވެ.

ނޫރާއަށް ދެން އިތުރަށް އެ ވާހަކަތައް އަޑުއަހާކަށް ކެތެއް ނުކުރެވުނެވެ. އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އޭނާއަށް އެ ކޯލު ނެގުނު މޮޔަހީވިއެވެ. އެ ކޯލު ނުނެގުނު ނަމަ ރަނގަޅުވީހޭ ހިތަށްއެރިއެވެ. ނޫރާއަށް އިވުނު އަޑުތަކާ ދޭތެރޭގައި ވިސްނާލެވުނެވެ.

''ހަމްޒާވެސް ކައިވެނި ކުރީތާއެވެ........ އެހެންވީމާ ހަމްޒާގެ ބައްޕަ ބުނިފަދައިން، ހަމްޒާގެ ކައިވެނި ނިކަން އަވަހަށް ކުރެވުނީއެވެ..........  އެ އިވުނީ ހަމްޒާގެ ތުއްތު ދަރިފުޅު ރުއިއަޑުކަން ޔަޤީނެވެ........... ހަމްޒާ އެހުރީ އޭނާގެ އަންހެނުން ކައިރީގައެވެ............ މިހާރު ހަމްޒާއާ މަތިން ހަނދާންކޮށް، އޭނާއާ ދޭތެރޭ ވިސްނުން ވާނީ ކިހާ ބޮޑު ބޭކާރު ކަމަކަށް ހެއްޔެވެ.......... އޭނާ އެއުޅެނީ ކައިވެނިކޮށްގެން ނުހަނު އުފަލުގައެވެ.......ވީއިރު އަދިވެސް ނޫރާއަށް އެ ހަނދާންތަކާ ވަކި ނުވެވިގެން މިއުޅެނީ ކީއްވެހެއްޔެވެ.......ނޫރާގެ ވެސް ފިރިޔަކު އެބަހުއްޓެވެ......... އެހެންމީހެއްގެ ފިރިޔަކާ ދޭތެރޭ ވިސްނުމަށްވުރެ އަމިއްލަ ފިރިމީހާއާ މެދު ވިސްނުން މާ ރަނގަޅުވާނެއެވެ.........'' މިފަދަ އެތައް އެތައް އެއްޗެއް ނޫރާގެ ހިތަށް އަރަމުންދިޔުމުގެ ސަބަބުން އޭނާ މާޔޫސްވިއެވެ. ހަމްޒާ އަކީ އެހެންމީހެއްގެ ފިރިއެއްކަން އެނގުމުން ހިތަށް ނުހަނު އަސަރުކުރިއެވެ. ހިތުގައި އުފެދުނު ވޭނީ ރިހުމެއްގެ ސަބަބުން މޫނުމަތީގެ އުޖާލާކަން ކެނޑިއްޖެއެވެ.

ހަމްޒާ ދެކެ ވީ ލޯބި ހިތުން ނެރެލާން އޭނާ މަސައްކަތް ކޮށްކޮށް ވަރުބަލިވީއިރުވެސް އެކަން ކާމިޔާބުނުވީތީ އޭނާ ދެރަވިއެވެ. އަދިވެސް ހަމްޒާގެ ލޯބި ނޫރާގެ ހިތުގެ ހަމަ ކޮންމެ ނާރެއްގައި ވާކަން އެއީ ނޫރާއަށް ކަށަވަރުވާ ހަގީގަތެކެވެ. އެހެން ނޫންނަމަ ހަމްޒާގެ އަޑު ކަންފަތުގައި ޖެހުމުން އެ ކުރެވުނު އިހްސާސްތަކެއް ނުކުރެވުނީހެވެ.

ނޫރާ އިސް އުފުލާ ލަޔާލްއަށް ބަލާލިއެވެ. ގަދަ ނިދީގައި އޮތް އޭނާގެ ފިރިމީހާއަށްޓަކައި ހިތުގައި ހާއްސަ އިހްސާސްތަކެއް އެވަގުތު އުފެދުނެވެ. ލަޔާލް އަކީ އޭނާގެ ނަސީބު ކަމުގައި ހިތާހިތުން ގަބޫލު ކުރެވުނެވެ.

ލަޔާލް ފަދަ ރަނގަޅު ފިރިއަކަށްޓަކައި ހިތުގައި ލޯތްބެއް އުފަން ކުރުވަން ނޫރާވެސް ބޭނުމެވެ. އެހެނަސް ލޯތްބަކީ އެހާފަސޭހައިން ވެވޭ އެއްޗެއްހެއްޔެވެ. ހިތުގައި އުފެދޭ ތެދުވެރި، ހަޤީޤީ ލޯތްބެއް ހިތުން ފޮހެލުން އެއީ އެއްވެސް މީހަކަށް ކުރެވިދާނެ ކަމެއްހެއްޔެވެ. ނޫރާއަކަށް ނުވިއެވެ.

ނޫރާއަށް އޭނާގެ އިނގިލީގައި ހަމްޒާ އަޅުވައިދިން އަނގޮޓީގައި އަތް ކާއްތާލެވުނެވެ. އެ އަނގޮޓި ނަގަންވީ ވަގުތު ޖެހުނީ ކަމުގައި ނޫރާ އަށް ގަބޫލު ކުރެވުނެވެ. އެކަމަކު އެކަން ކުރުންވެސް އެއީ އޭނާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ހަމްޒާ ބުނެފައިވާ ކޮންމެ އިބާރާތެއް އޭނާގެ ކަންފަތުގެ ހިނދުރީގައި މިއަދުވެސް ހަރުލާފައި އެބަހުއްޓެވެ.

''ނޫރާ........... ކިހިނެއްވެފަ ތިހުރީ...........'' ލަޔާލް މޯޅިއަކަށް ދެމިލަމުން ލޯ ހުޅުވާލިއެވެ. އޭރުވެސް ނޫރާގެ އަތުގައި ލަޔާލްގެ ފޯނު އޮތެވެ.

ނޫރާ ހަމަ އެގޮތަށް ހުރީއެވެ. އެ ރީތި މޫނުން ފެނުނު މަޑުމޮޅިކަމާ އުދާސްތައް ލަޔާލްގެ ނަޒަރުން ކައްސައެއް ނުލިއެވެ.

''ނޫރާ.........'' ލަޔާލް ކަންބޮޑުވެފައި ތެދުވެ އެނދުގައި އިށީދެލިއެވެ. އަދި އެސްފިޔަވެސް ޖަހާނުލާ ނޫރާގެ މޫނަށް ބަލަން އިނެވެ. އެމޫނުގައި ނޫރާގެ ހިތުގައި މިވަގުތު ހިނގަމުންދާ ހުރިހާކަމެއް ލިޔެވިފައިވާ ކަހަލައެވެ. އެ މޫނުން ފެންނަ އެއްޗެއް ދެނެގަންނަން ލަޔާލް މަސައްކަތް ކުރަނީހެން ހީވެއެވެ.

އާދެބަލަ މިތާ އިށީނދެލަން...........'' އެނދުމަތީގައި ލަޔާގެ މަގަތުން އަތް ޖައްސާލަމުން ލަޔާލް ބުނެލިއެވެ. ނޫރާ މަޑުމަޑުން އައިސް އެތަނުގައި އިށީނެވެ.

''ލަޔާލް........... އަހަރެން ވާހަކައެއް އަހަންތަ؟ .............'' ނޫރާ އިނީ ލަޔާލަށް ފުރަގަސްދީގެންނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއޭ ލަޔާލްގެ ހިތް އެވަގުތު ބުންޏެވެ. ނޫރާގެ އަޑުގައި ހުރި އަސަރުތަކާ އޭނާގެ މޫނުމަތީގެ ޝުއޫރުތައް ގުޅުވާލެވުނެވެ.

''ނޫރާއަށް އަހަރެން ކައިރީ އެއްވެސް އެއްޗެއް އެހުން މަނަލެއް ނުވާނެ......... އަދި ނޫރާ ބުނާ ކޮންމެ އެއްޗެއް އަހަރެން އަޑުވެސް އަހާނަން...... އަވަހަށް ބުނޭ.......... ކަމަކާ ކަންބޮޑުވަނީތަ؟..........'' ލަޔާލްވެސް އެނދުގެ މަގަތަށް ޖެހި ނޫރާގެ ގާތުގައި އިށީނިއެވެ. އަދި ނޫރާގެ މޫނަށް ފުންކޮށް ބަލާލިއެވެ.

އިސްޖަހާލައިގެން އިން އިރު، އެ ރީތި މޫނުމައްޗަށް ވެއްޓި، އެރީތި ކޯތާފަތުގައި ބީހެމުން، ގޯނާކުރަމުންދިޔަ އިސްތަށި ކޮޅު ލަޔާލްގެ އިނލިތަކުން އެއްފަރާތް ކޮއްލިއެވެ. ނުހަނު ލޯބިންނެވެ.  ނޫރާއަށްޓަކައި ލަޔާލްގެ ހިތުގައި އުފެދުނު އޯގާތެރިކަމާ ކުލުނު، ލޯތްބަށް ބަދަލުވީ ކޮންއިރަކު ކަމެއް ޚުދު ލަޔާލްއަކަށްވެސް ނޭގެއެވެ. އެ ރީތި މޫނަށް އޭނާއަށް ބެލެނީ ލޯބީގެ ނަޒަރުންކަން އޭނާއަށް އެނގޭހެނެއް ހިޔެއްނުވެއެވެ. އެކަމަކު ހަޤީޤަތަކީ އެއީއެވެ. ހަޤީގަތުގައިވެސް ލަޔާލްއަށް ނޫރާ ދެކެ ލޯބިވެވިއްޖެއެވެ. އެހިތުގައި ނޫރާއަށްޓަކައި ލޯބީގެ ހުޅުކޮޅެއް ދިއްލިއްޖެއެވެ. އެ ހުޅުކޮޅުގެ އަލި ނޫރާގެ ހިތަށް ނުފޯރުން އެއީ ލަޔާލްގެ ނަސީބުގެ ދެރަކަމެވެ. ނޫރާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފް ކުރެވެނީ އޭނާގެ ހިތަށް އެކަމުން ފިނިކަން ލިބޭތީއެވެ. ތަޢުރީފްގެ ބަސްތައް ދުލުން ބަޔާން ކުރަން ބޭނުންވެސް ވޭމެއެވެ. އެކަމަކު އޭނާ ފަސްޖެހެނީ އެވެ. ނޫރާ ހީކޮށްފާނެ އެއްޗަކާމެދު ކަންބޮޑުވާތީއެވެ.

''ހަމްޒާ ލަޔާލްއަށް ގުޅާތަ ..........'' ނޫރާ ކޮއްލި ސުވާލުގެ ސަބަބުން ލަޔާލް އަށް ސިހުމެއް ލިބުނެވެ. އޭނާއަށް ބަލާލެވުނީ މޭޒުމައްޗަށެވެ. އެއީ އޭނާ ފޯނު ބޭއްވިތަން ކަމަށް ވާތީއެވެ.  އެ ފޯނު އެތަނުގައި ނެތުމުން ވަށައިގެން ހޯދާލެވުނީ އެހެންތަނެއްގައިވެސް ބޭއްވިފައި އޮވެދާނެތީއެވެ. އެކަމަކު ލަޔާލްއަކީ ޖެހުނު ކޮންމެ ތަނެއްގައި ކޮންމެ އެއްޗެއް ބޭއްވުމުގެ އާދަ ހަރުލާފައިވާ މީހެއް ނޫނެވެ. އޭނާއަކީ ތަރުތީބު ދިރިއުޅުމަކަށް ލޯބިކުރާ މީހެކެވެ. އަބަދުވެސް އެ އެއްޗެއް ބާއްވަނީ އެއެއްޗެއް އޮންނަންޖެހޭ ތަނުގައެވެ. އަންނައުނަކަސް، ފައިވާނަކަސް، ދުވަހަކުވެސް އެތަން މިތަނަށް އުކާފައެއް ނުބަހައްޓައެވެ.

''ހަމްޒާ ގުޅާތަ މިހާރުވެސް........... '' ނޫރާ ސުވާލު ތަކުރާރު ކޮއްލިއެވެ. އޭރު ނޫރާ އިނީ ލަޔާލްގެ ފޯނު ލަޔާލަށް ނުފެންނާހެން، އޭނާގެ ހެދުމާލާ ބޮނޑިކޮށްލައިގެންނެވެ.

''ނުގުޅާ...........'' ލަޔާލް ދިނީ ކުރު ޖަވާބެކެވެ. އެ ޖަވާބުގެ ސަބަބުން ނޫރާގެ ހިތުގައި ޝައްކެއް ހިނގާލިއެވެ.

''ދޮގު ދޯ........... އަހަރެން އުންމީދެއް ނުކުރާނަން ދުވަހަކުވެސް ލަޔާލް އަހަރެންގާތު ދޮގެއް ހަދާފާނެ ކަމަކަށް.........''

''ދޮގެއް ނޫނޭ ނޫރާ......... އަހަރެން ނޫރާއަކަށް ދުވަހަކުވެސް ދޮގެއް ނުހަދަން ......... އަދި ނުވެސް ހަދާނަން......... އަހަރެން ކީއްކުރަން ނޫރާއަށް ދޮގު ހަނދަންވީ؟........އެއަށްވުރެ އަހަރެން ...........'' ލަޔާލް ޖުމުލަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. އޭނާގެ އަޑުގައިވަނީ ޔަގީން ކަމެވެ.

ނޫރާ ވިސްނާލިއެވެ. ލަޔާލް އެހާ ޔަޤީން ކަމާއެކު ހަމްޒާ ނުގުޅާ ކަމަށް ބުނާއިރު، ހަމްޒާ މިއަދު ލަޔާލަށް ގުޅަން ޖެހުނީ ކީއްވެބާއޭ ނޫރާގެ ހިތަށް އެރިއެވެ.

''ހަމްޒާ ދެންމެ ގުޅި.........'' ނޫރާ ބުނެލިއެވެ. ލަޔާލްގެ މޫނަށް ބަލާލަމުންނެވެ. އޭނާ ބޭނުންވީ އެހެން ބުނުމުން ލަޔާލްގެ މޫނަށް އަރާ ކުލަވަރު ދެދެގަންނާށެވެ.

''ކާކަށް...... ނޫރާއަށްތަ؟..........'' އަވަސް އަވަހަށް ލަޔާލަށް އަހާލެވުނެވެ.

''ލަޔާލްގެ ފޯނަށް.........'' ލަޔާލްގެ ފޯނު ލަޔާލަށް ދިއްކޮށްލަމުން ނޫރާ މަޑުމައިތިރި ކަމާއެކު ޖަވާބު ދިނެވެ.

ލަޔާލް ފޯނުގައި ހިފިއެވެ. އަދި ފޯނު ސްކްރީން އޮންކޮއްލިއެވެ. ނިކަން އަވަހަށް ކޯލް ލޮގް ބަލާލިއެވެ. ރިސީވް ކޮށްފައިވާ ހަމްޒާގެ ކޯލު ފެނުމުން އޭނާގެ ނިތްކުރިމައްޗަށް ރޫތަކެއް އަރައިގެން ދިޔައެވެ. މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. ހިތަށް ނޭނގޭ އަސަރުތަކެއް ކުރިއެވެ. ނޫރާ ހަމްޒާއާ ވާހަކަދެއްކީ ކަން އެނގުމުން ލަޔާލްއަށް އުނދަގޫ އިހްސާސެއް ކުރެވުނެވެ.  ހަމްޒާއާ ނޫރާއަކީ އެއްއިރެއްގައި ދެލޯބިވެރިން ކަމާ، އެ ލޯތްބަށް ލަޔާލްވެސް އިހްތިރާމާ ޤަދަރު ކުރާ ވާހަކަ ބުނެވުނު ކަން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލަޔާލް ހަނދާން ނެތުނެވެ. އެހެންނަމަވެސް ނިކަން އަވަހަށް އޭނާގެ އަމިއްލަ ނަފުސު ހަމަޔަކަށް އަޅުވާލިއެވެ.

''ނޫރާ ހަމްޒާގެ ކޯލު ނެގީތަ..........'' ލަޔާލް އަހާލިއެވެ. ހަމްޒާގެ ކޯލު ނޫރާ ނެގިކަން ޔަގީންވާ އިރުވެސް އެ ސުވާލު ލަޔާލަށް ކޮށްލެވުނެވެ.

ލަޔާލްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނޫރާ ބޯޖަހާލިއެވެ. ނޫރާ ދޮގުހަދާކަށް ބޭނުމެއް ނޫނެވެ. އަދި އެކަން އޮޅުވާލާ، އެ ކޯލް ޑިލީޓް ކޮއްލާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންނަމަ ލަޔާލަށް ހަމްޒާ ގުޅިކަން ނާންގާވެސް ހުރެވުނީހެވެ.

''ކީކޭ ބުނީ......'' ލަޔާލް ބޭނުންވީ ނޫރާއާ ހަމްޒާ ދެއްކީ ކޮންވާހަކައެއްތޯ ޔަގީންކުރާށެވެ. ކޮންމެވެސް ކަހަލަ ބިރުވެރިކަމަކުން އޭނާގެ ހިތުގެ ވިންދު އަވަސްވެއްޖެ ކަން ޔަޤީނެވެ.

''ލަޔާލް ގުޅާނަމޭ ބުނެފަ ކީއްވެހޯ ނުގުޅީ......... އެހެންވީމަ .......... ހަމްޒާ ކުރިންވެސް ގުޅައެއްނު.......އެހެންވެދޯ އެހެން ބުނާނީ............'' ހަމްޒާ ދެއްކި ވާހަކައިން ނޫރާއަށް މުހިއްމުވީ ތަންކޮޅުގެ ވާހަކަ ނޫރާ ބުނެފިއެވެ.

''އަހަރެމެން މެރީކުރިތާ ކުރީކޮޅު ހަމްޒާ ގުޅި.......... އެކަމަކު މިހާރު ނުގުޅާތާ އަށެއްކަމަސް ވެދާނެހެން ހީވަނީ......... އޭރުވެސް މާ ބޮޑު ވާހަކައެއް ނުދައްކާ......... އޭރު ގުޅީ ވަޓްސްއެޕުން.......... ވެދާނެ އޭރު ހަމްޒާ ރާއްޖޭން ބޭރުގަ އުޅުނީ ކަމަށް......... އަހަރެންވެސް މާގިނަ ވާހަކެއް ނުދައްކަން ........... ފަހުންވެސް ދެފަހަރަކު ގުޅި .........އެކަމަކު އަހަރެން ފޯނެއް ނުނަގަން........ އެދުވަސްކޮޅު ހަމްޒާއާ ވާހަކަ ދައްކަން އަހަންނަށްވެސް އުނދަގޫވި.........'' ލަޔާލް އިސްޖަހާލިއެވެ. ހަމްޒާއަކީ ރަނގަޅު މީހެއްކަން ޚުދު ލަޔާލްވެސް ޤަބޫލު ކުރެއެވެ. އެކަމަކު ލަޔާލް ނޫރާއާ މެރީ ކުރިފަހުން ހަމްޒާއާ ވާހަކަ ދައްކަން އޭނާއަށް އުނދަގޫވިއެވެ. ކޮންމެ މީހަކު ނަމަވެސް ވާނީ އެހެންތާއެވެ.

''ހަމްޒާ އަހަރެން ވާހަކަ އެއް ނާހާތަ..........؟ ނޫރާއަށް އަހާލެވުނެވެ. އެ ސުވާލު ނޫރާއަށް ކުރެވުނީތީ އޭނާ ލަދުވެސް ގަތެވެ. އެއީ މިހާރު އޭނާ ލަޔާލްއާ ކޮށްގެން ވާނު ސުވާލެއްވެސް ނޫނެވެ.

''ނާހާ........'' ލަޔާލް އިންތަނުން ތެދުވިއެވެ. ނޫރާ އެހެން އެހުމުން އޭނާ ހިތްހަމަ ނުޖެހުނީހެން ނޫރާއަށް ހީވިއެވެ.

ނޫރާއަށް ހަޤީޤަތުގައިވެސް މިކުރެވުނީ ވަރަށްބޮޑު ކުށެއްކަމުގައި ގަބޫލުކުރެވުނެވެ. އޭނާ ދެރަވިއެވެ. މާޔޫސްވީ ލަޔާލް ނޫރާއާ ދޭތެރޭ ހީކުރާނެ އެއްޗެއް ނޭނގޭތީއެވެ. މިހާރު ދެން ހަމްޒާގެ ވާހަކަ ލަޔާލް ގާތު ދެއްކުން އެއީ ކިހާ ވިޔާނުދާ ކަމެއްހެއްޔެވެ. އެކަން ނޫރާއަށް ނުވިސްނުނީތީ ދެރަވިއެވެ. ދެން އިތުރަށް އެވާހަކަ ނުދައްކަން ނޫރާ ނިންމިއެވެ.

**********

ދުވަސްތައް މާޒީއާ އެކުވަމުން ގޮސް ނޫރާގެ އާއިލާ އިންތިޒާރު ކުރަމުންދިޔަ ވަގުތު ކައިރިވެއްޖެއެވެ. ނޫރާގެ ބަނޑަށް ދުވަސް ފުރިއްޖެއެވެ. ވިހެމުގެ އަލާމާތްތައް ފެންނަން ފެށިއެވެ. ނޫރާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައެވެ. ސްކޭންތަކާއި ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުން ލަފާދިނީ ވީ އެންމެ އަވަހަކަށް، ސިޒޭރިއަން ހަދަންޖެހޭ ކަމަށެވެ. ސަބަބެއް ކަމުގައި ބުނީ ދަރިފުޅު މާ ބޮޑުވުމެވެ.

ސިޒޭރިއަން ހެދުމަށްޓަކައި ނޫރާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދީއްސުރެ ލަޔާލަށް ތަނެއްގައި ހަމަޖެހިއެއް ނުލެވެއެވެ. ނޭނގޭ ބިރުވެރިކަމެއްގެ ސަބަބުން އޭނާގެ ހިތް ތެޅެމުން ދިޔައެވެ. ހިތަށް ލިބެމުން ދިޔަ ނުތަނަވަސް ކަން ކުޑަކުރުމަށް ހިތާހިތުން ދުޢާ ކުރަމުން ދިޔައެވެ. ވަގުތުތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާއަށް ލިބެމުންދިޔަ އުދާސްކަން ދިޔައީ ބޮޑުވަމުންނެވެ. ޒަރީނާގެ ހާލަކީވެސް ހަމަ އެއީއެވެ.

ގަޑިއެއްހާ އިރުފަހުން ތިއޭޓަރުގެ ދޮރު ހުޅުވުނެވެ. އެންމެންނަށް އެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ. އުފާވެރި އުންމިދަކާއެކުގައެވެ. އެހެންނަމަވެސް ތިއޭޓަރުން ނުކުތް ނަރުސް ކުއްޖާގެ މޫނުމަތިން ފެނުނީ ލަޔާލް މެން ދެކެން ބޭނުންފަދަ އުފާވެރިކަމެއް ނޫނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 06 މެއި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް