''ނޫރާ......... '' ލިބުނު އުފަލުގައި ލަޔާލްއަށް ގޮވާލެވުނެވެ. އޭނާ އެތައް ވާހަކައެއް ދައްކަން ބޭނުމެވެ. އެތައް އެއްޗެއް ބުނަން ބޭނުމެވެ. އޭނާއަށް ކުރެވެމުންދާ އުފާވެރި އިހްސާސްތަކުގައި ނޫރާ ބައިވެރި ކުރަން ބޭނުމެވެ. ނޫރާގެ އިހްސާސްތައް ހުރިގޮތެއް އެނގެން ބޭނުމެވެ. އެކަމަކު އޭނާއަކަށް އިތުރު އެއްޗެއް ބުނާނެ ގޮތެއް ނުވިސްނުނެވެ.
ލަޔާލް ނޫރާގެ މޫނަށް ބަލާލުމުން ހިނިތުންވެލިއެވެ. ނޫރާވެސް ބަދަލުގައި ހީލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށެވެ.
ނޫރާ ލޯމަރާލިއެވެ. މިފަހަރުވެސް ހަނދާންވީ ހަމްޒާމަތިންނެވެ. ކައިވެންޏާ ގުޅިގެން ދެމީހުން ދެމެދުގައި ދެކެވުނު ވާހަކަތައް ނޫރާ ހަނދާނަށް އައެވެ. ދެލޯބިވެރިންގެ ދިރިއުޅުމުގެ މަގުޗާޓު ކުރަހާލީ އުފާވެރި މުސްތަޤުބަލަކަށް ކުރެވުނު ފޮނި އުންމީދުތަކާ އެކުގައެވެ. ދެމީހުން އެކުގައި އުފާވެރި ޒަވާޖީ ޙަޔާތެއް ހޭދަކުރެވޭނެ ކަމަށް ދެކިގެންނެވެ. ހަމްޒާ ބޭނުންވަނީ އަންހެން ކުއްޖެއްކަމާ، އަންހެން ކުއްޖަކު ލިބިއްޖެނަމަ ކިޔާނެ ނަމަކަށް ދާންދެން އޭރު ވާހަކަ ދެކެވުނެވެ. ނިކަން ފޮނި އުންމީދުތައް ކުރެވުނީ ދެމީހުންވެސް އެއް ހުވަފެންތަކެއް ދެކެމުންނެވެ. މުސްތަޤުބަލަށްޓަކައި ރީތި ޚިޔާލީ ގަނޑުވަރުތައް ބިނާކުރީ، ދެމީހުން އެކަކު އަނެކަކާ ދުވަހަކުވެސް ވަކިވާން ޖެހިދާނެޔޭ ހީވެފައި ނެތުމުންނެވެ.
އެހެންނަމަވެސް ނޫރާގެ ހަޔާތަށް އައި ތޫފާނުގައި އޭރު ކުރެވުނު އުންމީދުތައް ފުޑުފުޑުވީއެވެ. ކުރެވުނު ފޮނި ހުވަފެންތައް ކަފުންކުރެވުނީއެވެ. އުންމީދުތަކާ ހުވަފެންތައް މާޒީގެ ތެރެއަށް ދޫކޮއްލުން ނޫންގޮތެއް ނެތުނީއެވެ. ހިތުގައި ވާ އުންމީދުގެ ކުޑަކުޑަ ކުޅުކޮޅުވެސް ވަނީ ކަނިވެފައެވެ. އެ ހުޅުކޮޅަށް ދެން އަލުން ދިރުމެއް ނާންނާނެއެވެ.
''ނޫރާ.......... ތެދުވޭ އެއްޗެއް ބޯލަން......... ކުރުނބައެއްހިފައިގެން މިއައީ..........ގައިގައި އަވަހަށް ވަރު ޖެހޭނެ ކުރުނބާ ބޯލީމަ..........'' ލަޔާލް ބޭސް ނަގަންގޮސްފައި އައީ ދެތިން ކުރުނބާ ހިފައިގެންނެވެ.
ނޫރާ ލޯ ހުޅުވާލިއެވެ. ތެމިފައިވާ އެސްފިޔަތައް ދުރުކޮއްލުމާއެކު ލޮލުގައި ޖަމާވެފައި ހުރި ކަރުނަ، ލަޔާލަކަށް ސިއްރެއް ނުވިއެވެ. ލޮލުގެ ހިމަކޮޅުން ފޭދިގެން ދިޔަ ކަރުނަތިކި ތިރިއަށްގޮސް ބުރުގާގެ ތެރެއަށްވަދެ ހިނދިގެން ދިޔައެވެ.
''ނޫރާ....... ރޮނީތަ؟......... ކިހިނެއްވީ.......؟ ލަޔާލް ކަންބޮޑުވެފައި ސުވާލުކޮއްލިއެވެ. އޭނާގެ އަޑުގައިވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
ލަޔާލަށް ދޭނޭ ޖަވާބެއް ނޫރާގެ ކިބަޔަކު ނެތެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވީ އޭނާ ބޭނުންވެގެންނެއް ނޫނެވެ. އޭނާއަށް އެނގުމަކާނުލައެވެ. ގިނަފަހަރު ކަރުނައަކީ އިންސާނުންގެ ހިތުގައިވާ ތަދާއި ވޭން އެހެންމީހުނަށް ހާމަކޮށްދޭ ވަސީލަތެވެ. ނޫރާއަށްވެސް އެވީ އެހެނެވެ.
ލަޔާލް އެތައް ފަހަރަކު ސުވާލުކޮށްފިއެވެ.
''ކަމެއް ނުވޭ....... ބޮލުގައި ރިއްސާތީ ވީގޮތެއް......'' ދޮގެއް ހަނދަން ބޭނުން ނޫނަސް ނޫރާއަށް ޖެހުނީ އެހެންބުނާށެވެ. ހިތުގައި ހިނގަމުންދިޔަ ހަނދާންތައް އެއްފަރާތް ކޮއްލާފައި އޭނާ ތެދުވެ އިނށީނެވެ. ދެލޯ ފޮހެލަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނުވިއެވެ. ހިތާދެކޮޅަށެވެ. ލަޔާލް ހިތްހަމަ ޖައްސައިދިނުމުގެ ގޮތުންނެވެ. މިހާރު ނޫރާއަށް އެންމެ މުހިންމުވާން ޖެހޭނީ އޭނާގެ ފިރިމީހާއާއި ބަނޑުގައިވާ ދަރިފުޅެވެ. އެކަން އޭނާގެ އަމިއްލަ ހިތަށް ވިސްނައިދިނެވެ. އާ ހިތްވަރަކާއެކު ދިރިއުޅުމައިގެން ކުރިއަށްދާން އޭނާ އަޒުމުކަނޑައެޅިއެވެ.
********
ނޫރާ މާބަނޑުވި ޚަބަރު ލިބުމާއެކު އާއިލާގެ އެންމެންނަށްވެސް އުފާވެރިކަން ލިބުނެވެ. ޚާއްސަކޮށް ޒަރީނާއަށް އެ ޚަބަރު ލިބުމުން އުފަލުންގޮސް ރޮވުނެވެ. ނޫރާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. ބޮލުގައި ފިރުމާލަމުން ހެޔޮދުޢާކުރިއެވެ.
ނޫރާ ބަނޑުބޮޑުކަން އެނގުނީއްސުރެ ލަޔާލް ނޫރާއަށްޓަކައި ދޭ ވަގުތު އިތުރުކުރިއެވެ. ޓެކްސީ ކުރަން ވަކި ގަޑިތަކެއް ކަނޑައެޅިއެވެ. ގިނަ ވަގުތު ގޭގައި ހޭދަކުރެވޭނެ ގޮތް ބަލައިގެން ކަންކަން ތަރުތީބު ކޮއްލިއެވެ. ނޫރާ ކާހިތްވާނެހެން ހީވާހާއެއްޗެއް އޭނާ ގެއަށް ގެނެއެވެ. ދޮވެ އިސްތިރި ކުރުންފަދަ އެއްވެސް ކަމެއް ނޫރާއަކާ ނުޖައްސައެވެ. އެ މަސައްކަތްތައް ލަޔާލް ކުރަންފެށީ ކުރާހިތުންނެވެ.
ލަޔާލްގެ އާއިލާ އެންމެންވެސް ނޫރާއަށް އެހާ ހެވެވެ. އެމީހުން ނޫރާ ގާތަށް ގިނަގިނައިން އައިސް އުޅެއެވެ. މާބަނޑު މީހުންނަށް މީރުވާޒާތުގެ ޚާއްސަ ކާއެއްޗިހި ހަދައިގެން ގެނެސްދެއެވެ. ލަޔާލު ގޭގައި ނޫޅޭވަގުތުތަކުގައި ނޫރާ ގޮވައިގެން އެމީހުން ލަޔާލްގެ ގެޔަށްދެއެވެ. ރޫބީއާއެކު ނޫރާ ވަގުތު ހޭދަކޮށް އުޅެންފެށިއެވެ. އެހެން އުޅެން ފެށުމުން މާޒީގެ ހަނދާންތައް އާކުރާނެ ފުރުސަތު ކުޑަވިއެވެ. އެއީ މިހާރު އޭނާވެސް އެދޭ ގޮތެވެ.
*****
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހީވެސް ނުކުރާހާ ހަލުވިކަމާއެކު މަސްތައް ފާއިތުވަމުންގޮސް ނޫރާގެ ބަނޑަށް ހަތްމަސް ފުރިއްޖެއެވެ. އަލަށް ބަލިވެއިންފަހަރާ ބަލާއިރު، ނޫރާގެ ބަނޑުހީވަނީ މާ ބޮޑުހެންނެވެ. ހިނގަންވެސް އުނދަގޫވާވަރަށް ބަޑު ބޮޑެވެ. ދެފައިތިލަ ދުޅަވެ ތަދުވާތީ ގިނަވަގުތު ނޫރާ އޮންނަނީ އޮށޯވެއެވެ. ނޫރާގެ ޚިދުމަތުގައި ޒަރީނާ ވަރުބަލިކަމެއްނެތި އުޅެމުންދިޔައީ ހިތްހަމަޖެހިގެންނެވެ. މާމަދަރިފުޅު ދެކޭހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ. ރެއާދުވާލު އޭނާގެ ހިތާހިތުން އެދެމައިންނަށްޓަކައި ހެޔޮ ދުޢާ ކުރަމުންދިޔައެވެ.
''ދަރިފުޅުގެ ބައްޕަ ހުރިނަމަ މިއަދު ކިހާ އުފާވީސް...... އެއީ ހާދަ އޯގާތެރި، ހާދަ ހެޔޮ މީހެކޭ..........'' ޒަރީނާ އިނީ ނޫރާގެ ދުޅަވެފައިވާ ފައިތިލަ އުނގުމަތީގައި ބާއްފައިގެން މޮޑެދޭށެވެ. ފައި މޮޑެން އިނަސް، ޒަރީނާ އިނީ ކޮންމެވެސް ކަމަކާމެދު ފުންކޮށް ވިސްނާށެވެ. އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތަކުން އެކަން އެނގެއެވެ.
''މަންމާ....... ދެން ތިޔަކަހަލަ ވާހަކަ ދައްކާފަ ދެރަނުވެބަލަ........... އިރާދަކުރެއްވާ ކޮންމެ ގޮތަކަށް އަހަރެމެން ޖެހޭނީ ޝުކުރު ކުރަން........ އެއްވެސް މީހަކު ބޭނުންވާ އުފަލެއް މިދުނީޔޭގައި ނުލިބޭނެ....... މަދުބަޔަކަށް ފިޔަވާ.......'' ނޫރާ މަޑުމަޑުން ބުނެލިއެވެ. އެއީ ނޫރާ ވަރަށް ގިނައިން ހިތަށްއަރާ އެއްޗެކެވެ. އެކަހަލަ އެއްޗިހި ހިތައްއަރާ ކޮންމެ ފަހަރަކު މާޒީގެ ފަރުދާ ކެހިގެންދޭމެއެވެ.
''އެވާހަކަ ދައްކާކަށް ނޫން......... އެކަމަކު މި ފަހަކަށް އައިސް މާގިނައިން ދަރިފުޅުގެ ބައްޕަ ހުވަފެނުގަވެސް އެބަފެނޭ....... އެހެންވެ މާބޮޑަށް ހަނދާންވަނީ........... އަހަރެމެން ދެމައިން ކައިރީ އެއްވެސް އެއްޗެއް ބުނެލާނެ ފުރުސަތުވެސް ނުލިބި ވަކިވެގެން އެ ދިޔައީ......... ހިތަކަށްވެސް ނާރާ އެހާ ކުއްލި ގޮތަކަށް ވަކިވާން ޖެހިދާނެއެކޭ..........'' ޒަރީނާގެ ތުންފަތް ތުރުތުރު އަޅައިގަތެވެ. އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ސޮހިގަތެވެ. އޭނާގެ ކޯތާފަތްމަތިން ވެއްޓިގެން ދިޔަ ކަރުނަތިކި ޖެހުނީ ނޫރާގެ ފައިތިލަމައްޗަށެވެ.
''މަންމާ........ ރޮނީތަ.......... " ނޫރާ އޭނާގެ މަންމަގެ އުނގުމަތިން ފައި ނެގިއެވެ. އަދި ނިކަން އުނދަގުލުން ތެދުވެ އިށީނެވެ.
''ތިޔަހެން ހެދީމަ ކަމަކުނުދާނެ މަންމާ........ މަންމަ ރޯތަން ފެނުނީމަ އަހަރެން ވަރަށް ދެރަވޭ........ ވަކިވާން ބޭނުން ނޫނަސް ވަކިވާން ޖެހޭ ޙާލަތު އާދޭ.......... ކިތަންމެ ބޭނުން ވިޔަސް، ކިތަންމެ ހިތް އެދުނަސް، ކިތަންމެ ލޯބިވިޔަސް، ވަކިވުން ލިޔެވިފައިވާ ހިސާބަށް ދެވުމުން ޖެހެނީ ވަކިވާން............ މީ ދުނިޔެ ދައްކާ ހަޤީގަތް........ '' ނޫރާގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އޭނާގެ އޮމާން އަޑުވެސް ކުރެހިއްޖެއެވެ.
ނޫރާ އެބުނީ ކިހާ ބޮޑު ދެތެއް ހެއްޔެވެ. ނޫރާއަށްވެސް ކަންތައްވީ އެހެންނެވެ. ހަމްޒާ ދެކެ އިންތިހާ ލޯބިވިޔަސް ވަކިވާން މަޖުބޫރު ވީއެވެ. ދެމީހުންގެ ދެމެދުގައި އޮތް ލޯބި އެއްވެސް މީހެއްގެ ކުށަކާ ނުލާ ޤަތުލުކޮއްލަން ޖެހުނީއެވެ. ހިތާ ދެކޮޅަށެވެ. ހިތަށް އަނިޔާ ލިބުނެވެ. ކެތް ނުވާވަރަށް ދެރަވެ ރޮވުނެވެ. މިއަދުވެސް އެނހަނދާންތައް އާވާ ކޮންމެ ފަހަރަކު ހިތުގައި ރިހުން އުފެދެއެވެ. ލޮލުން ކަރުނަ ހިލެއެވެ. އެކަމަކު އެކަންކަން ހަނދާންކޮށްފައި މިއަދު ރޯކަށް ނޫރާ ބޭނުމެއް ނޫނެވެ.
ޒަރީނާ އަވަސް އަވަހަށް ދެލޯ ފޮހެލިއެވެ. އޭނާގެ ސަބަބުން ނޫރާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ދެކޭކަށް އޭނާގެ ހިތަކަށް ކެތެއް ނުވާނެއެވެ.
''އަސްތާ.......... ބަންގި ގޮވީދޯ........... މިހާރު ލަޔާލުވެސް އަންނަން އުޅޭނެ ............ މަންމަ މިދަނީ ބަދިގެއަށް....... ދަރިފުޅަށް ކެއްކި ތަރުކާރީކޮޅު ހިހޫކުރަން ނަގާފަ .........މަންމަ މިދަނީ ފެންވަރާ ނަމާދުކޮއްލަން........ ދެން ދަރިފުޅުވެސް ނަމާދުކޮށްލާ........'' ޒަރީނާ އެނދުން ތެދުވެގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
'' ލަޔާލަށް ކާން ހަނދަންވީމަ ދަރިފުޅު މަންމައަށް ގޮވާލާތި........'' ޒަރީނާ އެނބުރި ބަލާލަމުން ބުނެލިއެވެ.
ޒަރީނާ ނުކުމެގެން ދިއުމުންވެސް ނޫރާ އެއިންގޮތަށް އެތައްއިރަކު އިނެވެ. ޚިޔާލީ ފުންކަނޑުގެ ގަދަ އޮއިވަރުގައި ޖެހިފައި އިންދާ އޭނާ ސިހުނީ ލަޔާލް ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ.
''ކާނަންތަ.........'' ލަޔާލް ކޮޓަރިއަށް ވަނުމުން ނޫރާ އަހާލިއެވެ. އާއްމުކޮށް މެންދުރު އޭނާ ނުކާތީ އަހާލެވުނީއެވެ.
'ނޫނޭ....... ކާހިތެއްނެތް.......... އެއްކަލަގޮތަށް ބަނޑުގައި ރިއްސާއެބަ........ އެހެންވެ ބޭސްގުޅައެއް ކައިގެން އޮށޯވެލަން ކަމަށް މިއުޅެނީ..........'' ލައިގެން ހުރި ޓީޝާޓު ބާލާ ކޮނޑެއްގައި އަޅުވާލަމުން ލަޔާލު ވާހަކަދެއްކިއެވެ. ''ނޫރާ ކައިފިންތަ.......... ނުކަން ދޯ....... ކޮބާ ހެނދުނު ގެނެސްދިން މޭބިސްކަދުރުކޮޅުވެސް މިހުރީ ނުކައި......... މިހެން ހެދީމަ ކަމަކުނުދާނެ.........'' މޭޒުމަތީގައި ހުރި ތައްޓަށް ބަލާލަމުން ލަޔާލު ބުންޏެވެ.
''އެއްބައި ކެވުނީ......... ފަހުން ކާން ބަހައްޓާފަ ތިހުރީ އަނެއްބައި........'' ނޫރާ އިންތަނުން ތެދުވިއެވެ. އެވަގުތު ނޫރާގެ ބަޑުގައިވާ ދަރިފުޅު އާދަޔާ ޚިލާފަށް ދަރިފުޅު ތޮޅެލިއެވެ. ނޫރާއަށް ތަދު އިހްސާސްވާވަރަށެވެ. ލިބުނު ތޫނު ތަދުގެ ސަބަބުން އާހް އެއްގެ އަޑު ނޫރާގެ އަނގައިން ބޭރުކޮއްލެވުނެވެ. ބަނޑުގައި އެއްއަތުން ފިރުމާލެވުނެވެ. ދެލޯމަރާލެވުނެވެ.
''ކިހިނެއްވީ........ ތަދުވަނީތަ......... ނޫރާ އޯކޭތަ.......'' ލަޔާލު ނޫރާ އޭނާގެ ގަޔާ ކައިރި ކޮއްލިއެވެ. ނުހަނު ލޯބިން ނޫރާގެ ބަނޑުގައި އަތްތިލަ ޖައްސާލިއެވެ. އެވަގުތު ދަރިފުޅުގެ ތޮޅުން ލަޔާލްއަށް އިހްސާސް ކުރެވުނެވެ. އެއީ ކިހާ އުފާވެރި އިޙްސާސެއް ހެއްޔެވެ. ދުނިޔެއަށް އުފަންނުވިޔަސް އަމިއްލަ ދަރިފުޅުގެ ހަރަކާތްތައް އިހްސާސް ކުރެވޭ ހިނދު ހިތަށް އެލިބޭ އުފާ ބަޔާންކޮއްދެވޭނެ ހެއްޔެވެ. އެ އިހްސާސް ކުރެވޭ ހިނދު އެތުއްތު ދަރިފުޅު ފެންނަ ކަހަލައެވެ. އެއީ ބަޔާން ކުރަން ދަތި އުފާވެރި އިހްސާސެކެވެ.
''އޯކޭ އޭ........ އަދި ނަމާދުވެސް ނުކޮށް މިއުޅެނީ....... އެހެންވެ މިއުޅެނީ ނަމާދުކޮއްލަން......... ލަޔާލް ދެން އޮށޯވެލާ..........'' ނޫރާ އޭނާގެ އިސްތަށިގަނޑު ތަރުތީބު ކޮއްލަމުން ފާހާނާއާ ދިމާއަށް ހިނގައިގަތެވެ.
ލަޔާލު މޭޒު ކައިރިއަށް ޖެހިލިއެވެ. މޭޒު ވަތްގަނޑު ދަމާލަމުން ބޭސްކޮތަޅެއް ނެގިއެވެ. އެއީ އެންމެ ފަހުން ދެއްކީމަ ޑޮކްޓަރު ދީފައި ހުރި ބޭހެވެ. މިފަހަރުވެސް ދީފައިހުރީ ގޭސް ބޭހާ ތަދުކަނޑުވާ ބޭހެވެ. ބޭސް ގުޅައެއް އަނގަޔަށް ވައްޓާލުމަށްފަހު ފެންފޮދެއް ބޯލިއެވެ. އެނދުގައި ޖައްސާލުމާއެކު ކުޑަ އިރުކޮޅެއްގެ ތެރޭ އޭނާއަށް ނިދިއްޖެއެވެ.
*******
ނޫރާ ފެންވަރާ ނަމާދުކޮށް ނިމުނު އިރު ލަޔާލް އޮތީ ނިދާފައެވެ. އެހާ އަވަހަށް އެ ނިދުނީ ވަރުބަލި ވެފައި ހުރުމުންހެން ހީވެއެވެ. މޭޒުމަތީގައި ހުރި މޭބިސްކަދުރު ތަށިން މޭބިސްކަދުރު ކޯންޏެއް ނަގައިގެން އެނބުރިލިވަގުތު ލަޔާލްގެ ފޯނު ވައިބްރޭޓް ވާންފެށިއެވެ. ސްކްރީންގައިވާ ނަން ފެނުމުން ނޫރާގެ ހިތް ތެޅިގަތެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ފިނި ރާޅެއް މުޅި ހަށިގަނޑުގައި ދައުރު ކޮއްލިހަކަލަ އިހްސާސެއް ކުރެވުނެވެ. އަތުގައި އޮތް މޭބިސްކަދުރު ކޯނި އަތުން ސޮއްސާލިއެވެ.
''ހަމްޒާ......'' ނޫރާގެ ދެތުންފަތް ހަރަކާތް ކުރިއެވެ. އެހެންނަމަވެސް އެއްވެސް އަޑެއް ނުކުތަކަ ނުދިނެވެ. އާނއެކެވެ. ލަޔާލްގެ ފޯނަށް އެ ގުޅަނީ ދެވަނަ މީހެއް ނޫނެވެ. ހަމްޒާއެވެ. ހަމްޒާ އެގުޅަނީ ކީއްކުރަން ބާވައެވެ. ނޫރާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ހަމްޒާއަށް ނޭނގެނީބާއެވެ. ނޫނީ ހުރިހާ ކަމެއް އެނގިގެން އެވާހަކަ ދައްކަން ގުޅަނީ ބާވައެވެ. ނޫނީ ހަމްޒާއާ ލަޔާލްއާ ދެމެދު އަދިވެސް ގުޅުން ހަމަ އެގޮތުގައި އޮތީބާވައެވެ. އެހެންކަމަށް ވާނަމަ އެކަން ނޫރާއަށް ލަޔާލް ސިއްރު ކުރީ ކީއްވެ ބާއެވެ. ނޫރާގެ ހިތަށް އެތަކެއް ސުވާލެއް އަރާފައިބަމުން ދެއެވެ. ޒާތެއްގެ ވަހުމެއް އެ ހިތުގައި އުފެދުނުމެއެވެ.
ނޫރާ ބަލަން ހުއްޓާ ކޯލު ކެނޑުނެވެ. ލަޔާލްގެ ފޯނު 'ހާވާލުމުގެ' ޝައުޤުވެރިކަން ފުރަތަމަ ފަހަރަށް ނޫރާގެ ހިތުގައި އުފެދުނެވެ. ފޯނުގެ ލޮކް ކޯޑް ނޫރާއަށް އެނގެއެވެ. އެއީ ހަމަ ނޫރާގެ ފޯނުގައި ޖަހާފައި އިންނަ ކޯޑުކަން ލަޔާލް އޮތީ ނޫރާ ގާތު ބުނެފައެވެ. ކޯޑު އެނގުނަސް މީގެ ކުރިން ދުވަހަކުވެސް ލަޔާލުގެ ފޯނު ނޫރާ ނުބަލައެވެ.
ނިދާފައި އޮތް ލަޔާލުގެ މޫނަށް ނޫރާ ބަލާލިއެވެ. ލަޔާލް އޮތީ ގަދަ ނިދީގައެވެ. ނޫރާގެ އަތް ހަރަކާތް ކުރިއެވެ. މޭޒުމަތީގައި އޮތް ފޯނާދިމާއަށެވެ. ނޫރާ އެ ފޯނު ނެގިއެވެ. ކޯޑު ޖަހާ ނުނިމެނީސް ދެވަނަފަހަރަށް ހަމްޒާ ގުޅިއެވެ. ސްކްރީނަށް އަރާފައި އޮތް ނަމުގައި ނޫރާއަށް އިނގިލި ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއީ އެނަމެވެ. ނޫރާ ފުރާނަޔަށްވުރެވެސް ލޯބިވީ ހަމްޒާގެ ނަމެވެ. ހަމްޒާގެ އަޑު އަހާލަން ނޫރާގެ ހިތް އެދެންފެށިއެވެ. ހަމްޒާ އެގުޅަނީ ކޮންކަމަކުތޯ ބަލާލާ ހިތްވިއެވެ. ހަމްޒާ ބުނާއެއްޗެއް އަޑުއަހާލަން ކަންފަތް އެދެންފެށިއެވެ. އެ އަސަރުގަދަ އަޑުގެ ޖަޒުބާތުގައި ޖެހިލާހިތްވިއެވެ. އެކަމަށްޓަކައި އޭނާގެ ހިތާ ސިކުނޑި އާދޭސް ކުރަން ފެށިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 01 މެއި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް