ވާހަކަ: ލޯބިވޭ އިންތިހާ – ތިރީސް އެއްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ހަމްޒާގެ ނަމްބަރު ނޫރާ ހިތުދަހެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނޫރާގެ ހިމަހިމަ އިނގިލިތައް ހަރަކާތް ކޮއްލައިފިއެވެ. އިޚްތިޔާރުން ބޭރުގައި ކަމަށްވިޔަސް، އޭނާގެ އިނގިލިތައް އި...

24 Apr 2025 | 11:21

ކުރީގެ އަދަދާއި ގުޅޭ...

ހަމްޒާގެ ނަމްބަރު ނޫރާ ހިތުދަހެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނޫރާގެ ހިމަހިމަ އިނގިލިތައް ހަރަކާތް ކޮއްލައިފިއެވެ. އިޚްތިޔާރުން ބޭރުގައި ކަމަށްވިޔަސް، އޭނާގެ އިނގިލިތައް އިޚްތިޔާރު ކުރީ ހަމްޒާގެ ނަމްބަރުގައި ހިމެނޭ އަދަދުތަކެވެ. އެތައްފަހަރަކު އެނަމްބަރު އެގޮތަށް ޖަހާފައިވާ އިނގިލިތަކުން، ނުހަނު ހަލުވިކަމާއެކު ހަމްޒާގެ ނަމްބަރު ސްކްރީނުގައި ޖަހާލެވުނެވެ. އޭނާއަށް މިކުރެވެނީ ކީއްކަން ނޭނގޭކަހަލައެވެ. އަދި މިހާރު އޭނާގެ ހާލަތު ބަދަލުވެފައިވާކަން ހަނދާން ހުރިހެނެއްވެސް ހިޔެއްނުވެއެވެ.

''ނޫރާ........... '' ލަޔާލް ގޮވާލުމުން ނޫރާ ސިހުނެވެ. ކޮޓަރި ދޮރުން އެތެރެއަށް ބޯދިއްކޮށްގެން ލަޔާލް ހުއްޓެވެ. ފޯނުގެ ސްކްރީންގައި ލިޔެވިފައިވާ ހަމްޒާގެ ނަމްބަރާ ދިމާއަށް ބަލާލެވުނެވެ. އޭނާއަށް މިކުރެވުނީ ކީއްކަން ރޭކާލީ އިރުކޮޅެއް ފަހުންނެވެ. އޭރު ލަޔާލް އެތެރެއަށް ވަދެއްޖެއެވެ. ނޫރާ ވީގޮތަކީ ލަޔާލް އަންނަތަން ފެނުމުން ނަމްބަރު ފޮހެލުމުގެ ބަދަލުގައި ތެޅިގެންފައި އަވަސްއަވަހަށް ސްކްރީން އޮފްކޮއްލެވުނީއެވެ.

''ނޫރާ ............. ކިހިނެއްވެފަ ތީނީ.........؟ ނޫރާގެ މޫނުމަތިން ފެނުނު ހާސްކަން ލަޔާލްއަކަށް ސިއްރެއް ނުވިއެވެ. ލަޔާލް ނޫރާގެ ގާތުގައި ތަޅުން މަތީގައި ކަކޫޖަހާލަމުން ތިރިވެ ނޫރާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަދި ނޫރާގެ އުނގުމަތީގައި އޮތް ފޯނު ނެގިއެވެ. ނޫރާގެ ހިތް ބިރުން ތެޅިގަތީ އަމަށަކުވަރަކަށް ނޫނެވެ. އެ ފޯނު މިހާރު ސްކްރީން އޮން ވިޔަސް ލަޔާލްއަށް ހަމްޒާގެ ނަމްބަރު ފެންނާނެއެވެ. ފޯނު ނަގާ އެނދުމަތީގައި ބޭއްވުމަށްފަހު ލަޔާލް ނޫރާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.

''ނޫރާ........ ސުވާލެއް ކޮއްލަންތަ...........'' ލަޔާލް އަހާލީ ސީދާ ނޫރާގެ ލޮލަށް ބަލާލަމުންނެވެ. ނޫރާ ބޯޖަހާލިއެވެ.

''ކީއްވެ ނޫރާ އަހަންނާ ވާހަކަ ނުދައްކަނީ......... ކުރިންވެސް ވާހަކަ ދެއްކިގޮތަށް މިހާރު ކީއްވެ ވާހަކަ ނުދައްކަންވީ........އަހަންނަށް ނޫރާއާ ދޭތެރޭ ގޯސްކޮށް ކަމެއް ކުރެވުނީތަ...........'' ލަޔާލްގެ އަޑުގައިވަނީ މަޑުމައިތިރި ކަމެވެ. ލަޔާލްގެ އަތުތެރޭގައި އޮތް ނޫރާގެ ފިނިވެފައިވާ އަތްލިތައިގައި އުފެދުނު މަޑު ތުރުތުރު ލަޔާލްއަށް އިހްސާސް ކުރެވުނެވެ. ލަޔާލް އެއަތުގައި ހިފާ މަޑުމަޑުން ފިއްތާލިއެވެ. ލަޔާލްގެ އެ ހަރަކާތުން ނޫރާއަށް ހަނދާންވީ ހަމްޒާ މަތިންނެވެ. އެއީ ކީއްވެ ހެއްޔެވެ. ލަޔާލްގެ ކޮންމެ ކަމަކުން އަދި ކޮންމެ ހަރަކާތަކުން ނޫރާއަށް ހަމްޒާގެ ހަނދާންތައް އާވެއެވެ. އެ ހަނދާންތަކާ ވަކިވާން ނޫރާ ކުރާ ކޮންމެ މަސައްކަތެއް ބޭކާރުވަމުންދަނީ ލަޔާލްގެ ސަބަބުންނޭ ނޫރާގެ ހިތަށްއެރިއެވެ.

''ނޫރާ........ ބަދަލު ވާން ނޭދޭ ކަންތައްތަކެއް ބަދަލުވެގެން ދިއުމުން ނޫރާއަށް ކުރެވޭނެ އިހްސާސް އަހަރެންނަށް ވިސްނޭ.......ޚުދު އަހަންނާ އަހަރެންގެ ދިރިއުޅުންވެސް ބަދަލު ވެއްޖެ....... ބަދަލު ކުރަން ޖެހިއްޖެ.........  ހުރިހާއެއްޗެއްވެސް އަހަންނަށް އެނގޭ .........އެކަމަކު މިހާރު ހާލަތުމިވަނީ ބަދަލުވެފައި........ނޫރާވެސް ޖެހޭނެ އެކަންކަން ޤަބޫލުކުރަން...........އަހަރެމެންގެ ކައިވެނި ކުރަން ނިންމިފަހުންވީ ދުވަސްތަކުގަވެސް......... އަދި ކައިވެނި ކުރިފަހުންވެސް..........ނޫރާ އަހަންނަކާ އެއްވެސް ވާހަކައެއް ނުދައްކަމެއްނު........ އަހަރެން ވަރަށް ދެރަވޭ ނޫރާ ފެންނަ ކޮންމެ ފަހަރަކު ........ އަހަރެންގެ ސަބަބުން..........." ލަޔާލް ބުނަން އުޅުނު ޖުމުލަ އޭނާ ނުބުނެ ދޫކޮއްލިއެވެ. ނޫރާގެ އަތްތިލައިން ދޫކޮށްލުމަށްފަހު ލަޔާލް ތެދުވިއެވެ.

ލަޔާލްގެ މޫނަށް ނޫރާ ނަޒަރު ހުއްޓާލިއެވެ. އެ މޫނުން ނޫރާއަށް ފެނުނީ މާޔޫސްކަމެވެ. ނޫރާއަށް ލަޔާލްއާ ދޭތެރޭގައި ވިސްނާލަން މަޖުބޫރުވިއެވެ. އެއީ ތެދެކެވެ. ނޫރާ ލަޔާލްއާ ވާހަކަ ނުދައްކަންވީ ސަބަބެއް ނެތެވެ. ލަޔާލް ނޫރާއާ ކައިވެނިކުރީ މަކަރެއްހަދާ އޮޅުވާލައިގެން ނޫނެވެ. ލަޔާލްވެސް ވީ ޤުރުބާނީއެކެވެ. އެ ޤުރުބާނީ އޭނާވީ ނޫރާއަށްޓަކައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ލަޔާލްވެސް މުސްތަޤްބަލަށްޓަކައި އުންމީދުތަކެއް ކުރާނެއެވެ. ހުވަފެންތަކެއްވެސް ދެކޭނެއެވެ. އެކަމަކު އެހުރިހާ ކަމެއް ދޫކޮށްލުމަށްފަހު، ނޫރާއާ ލަޔާލް ކައިވެނި ކުރީ ލަޔާލްވެސް ހިތާދެކޮޅަށެވެ. އެހެނަސް އޭނާ އެކަމެއް ނުދައްކައެވެ. ނޫރާއާ ދޭތެރޭގައި އޭނާ ކަންތައްތައް ބަހައްޓަނީ ކިހާ އޯގާތެރިކަމާއެކުގައި ހެއްޔެވެ. ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އެއްވެސް ހައްޤެއް އުނިވިޔަކަ ނުދެއެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކުން އޭނާގެ ކެތްތެރިކަން ހާމަވެއެވެ. އޭނާއަކީ ކިހާ ރަނގަޅު އިންސާނެއް ހެއްޔެވެ. އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރެއެވެ. ކައިވެނި ކުރިފަހުންވެސް ލަޔާލްއާ ދޭތެރޭގައި ނޫރާ އަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަމުގައި ނޫރާއަށް ޤަބޫލު ކުރެވުނެވެ.

އެވަގުތު ކޮޓަރިތެރޭގައިވާ ހަމަހިމޭންކަން ފުޑުފުޑުކޮއްލީ ލަޔާލްގެ ފޯނު ރިންގުގެ އަޑުންނެވެ.

''ދޮންތަ އެގުޅީ........ ގެއަށް އައސްބަލާށޯ........ ނޫރާވެސް ގޮވައިގެން އަންނައްޗޯ........ ނޫރާ ދާނަންތަ؟........'' ފޯނު ޖީބައްލަމުން ލަޔާލް ނޫރާގެ ޖަވާބަކަށް އިންތިޒާރު ކުރަންފެށިއެވެ.

''ނޫރާ ދާހިތްނެތިއްޔާ މަޑުކޮއްލާ......... އަހަރެން އަންނާނަން ގޮސްލާފަ................'' ލަޔާލް އެނބުރިލީ ދޮރާދިމާއަށެވެ.

''ދާނަން.........'' ނޫރާގެ އެނދުން ތެދުވަމުން ބުނެލިއެވެ.

''ތައްޔާރުވެގެން ނިކުމޭ........އަހަރެން އެބައިނިން ޖޯލީގަ........'' ކޮޓަރީގެ ދޮރު ހުޅުވާލަމުން ލަޔާލް ބުނެލިއެވެ.

******

''ބަލާބަލަ ރޫބީ........ މިއޮއްއަނަންނީ ނޫރާ ދޮންތި'' ނޫރާފެނުމާއެކު ލަޔާލީ ގޮވާލީ ގޯތިތެރޭގައި ދުވެދުވެ ހުރި ރޫބީއަށެވެ. ރޫބީ އެނބުރި ބަލާލިއެވެ. ނޫރާ ފެނުމާއެކު އެ ތުއްތު މޫނަށް ހިނިތުންވުން ވެރިވިއެވެ. ކުދިކުދި ފިޔަވަޅުއަޅަމުން ދުއްވައިގަތީ ނޫރާހުރި ދިމާއަށެވެ. ނޫރާގެ ކުރިމަތީގައި ހުއްޓެމުން ދެއަތް ދަމާލާ ނޫރާގެ މޫނަށް ބަލާލިއެވެ. ރޫބީ ބޭނުންވީ ނޫރާލައްވާ އުރުވާށެވެ. ނޫރާއަށް އެ ތުއްތު ހިނިތުންވުން ފެނުމާއެކު ހުރިހާ އުދާސްތަކެއް ފިލައިގެންދިޔަކަހަލައެވެ. ރޫބީ ނަގާ އުރާލަމުން ބައްދާލިއެވެ. މޫނުގައި ބޮސްދެމުން ނޫރާގެ ނިތްކުރި ރޫބީގެ ނިތްކުރީގައި ޖައްސާލީއެވެ. ރޫބީގެ ހޭންފެށުމާއެކު ނޫރާގެ މޫނަށް ހިނިތުންވުން ވެރިވިއެވެ. އެމަންޒަރު ދެކެންތިބި އެންމެންގެ ހިތަށްވެސް ފިނިކަން ލިބުނެވެ. ޚާއްސަކޮށް ލަޔާލްގެ ހިތަށް އުފާވެރިކަން އިހްސާސްވިއެވެ.

*********

ވަގުތަކީ ފަރުވާއެކެވެ. ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ކަންކަން ބަދަލުވަމުން ދިއުމަކީ ދުނިޔޭގެ އާދައެވެ. ހިތްތަކުގައިވާ ޒަޚަމްތަކަށް 'ވަގުތު' ގެ އެހީގައި ފަރުވާލިބެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް، ނޫރާއާ ލަޔާލްގެ ކައިވެންޏަށް  ހަތަރުމަސް ފުރިއްޖެއެވެ. މި ވޭތިވެދިޔަ ދުވަސްތަކުގައި ލަޔާލްގެ ފަރާތުންލިބުނު އޯގާތެރިކަމާ ކުލުނާ ލޯބީގެ ސަބަބުން ނޫރާގެ ހިތުގައިވާ ހަމްޒާގެ ހަންދާންތައް ފަނޑުވަމުން ދިޔައެވެ.

ލަޔާލް ނޫރާއަށް ވަގުތު ދެއެވެ. އޯގާތެރިކަމާއެކު ވާހަކަދައްކައެވެ. ބާރަކަށް އެއްޗެކޭ ނުބުނެއެވެ. ނޫރާއަށް ގޭތެރޭގެ މަސައްކަތްތަކުގައިވެސް އެހީތެރިވެދެއެވެ. ނޫރާއަކީ ލަޔާލްގެ އަނބިމީހާކަން ނޫރާއަށް އިހްސާސްކޮށްދެއެވެ. ޢަމަލުންނާ ޙަރަކާތްތަކުންނެވެ. އިހްސާސްތަކާ ޝުޢޫރުތަކުންނެވެ. ލޯތްބާ ކުލުނާއެކުގައެވެ. ކެތްތެރިކަމާ ތެދުވެރިކަމާއެކުގައެވެ. މިހުރިހާ ކަމަކުން ނޫރާގެ ހިތުގައި ލަޔާލްއަށްޓަކައި ހާއްސަކަމެއް ދެވުނެވެ. ނޫރާގެ ހިތުގައި ބިންވަޅު ނެގިފައިވާ ހަމްޒާގެ ހަނދާންތަކާ އެ ލޯބިވެތި ހަނދާތަކާ ވަކި ނުވެވުނު ނަމަވެސް،  ލަޔާލްއަށްޓަކައި ނޫރާގެ ހިތުގައި އޯގާތެރިކަމުގެ ވިންދެއް ޖަހަންފެށިއެވެ. ލަޔާލްގެ އޯގާތެރިކަމަށް ނޫރާގެ ހިތް ލެނބެންފެށީ އިންސާނީ ޠަބީއަތް ކަމަށްވާތީއެވެ. ހިތެއް ފަތަޙަ ކުރުމަށްޓަކައި އޯގާތެރިކަމާ ކުލުނާ ލޯބި ފުދެއެވެ.

*******

ހުކުރުދުވަހެކެވެ. ހޫނުދަގަޔަސް ހިތްގައިމު ދުވަހެކެވެ. ހެނދުނު ސައިގެ ކަންތައް ނިންމާލުމަށްފަހު ނޫރާ އެއްޗިހި ދޮވެލިއެވެ. މެޝިންގައި ހުރި ލަޔާލްގެ އަންނައުނުތައް ވަށިގަނޑަށް އަޅާލިއެވެ.ދެން އޭނާ ނިކުތީ ގޯތިތެރޭގައި ހުރި އެއްޗިހި ހިއްކަންއަޅާ ހަރުގަނޑު ކައިރިއަށެވެ. ޖޯލީގައި އިން ލަޔާލްއަށް  މިމަންޒަރު ފެނުމާއެކު އިންތަނުން ތެދުވިއެވެ. އަދި އެއްޗިތައް ހިއްކަން އެޅުމުގައި ނޫރާއަށް އެހީތެރިވެދޭން ފެށިއެވެ. ކުއްލިއަކަށް ނޫރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އަތުގައި އޮތް ޓީޝާޓް ދޫކޮއްލެވުނެވެ. ބޮލުގެ ދެފަރާތުގައި ދެއަތުން ހިފަހައްޓާލިއެވެ. ލޯމަރާލެވުނެވެ. ނޫރާގެ އަމިއްލަ ބާރެއް ނެތެވެ. ހަށިގަނޑުން ވަރު ދޫވެ، އޭނާ ބިންމައްޗަށް ތިރިވާންފެށިއެވެ.

''ނޫރާ........؟ ލިބުނު ސިހުމުގައި، ލަޔާލްއަށް ގޮވާލެވުނީ މާބާރަށެވެ. އަވަސް އަވަހާ ނޫރާ ދިމާއަށް އަތް އެއްލިމެއެވެ. ނޫރާގެ އަތުގައި އަތް ޖެހުނަސް އެ އަތުގައި ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ލަޔާލަށް ހުރެވުނީ ހަރުގަނޑުގެ އަނެއް ފަރާތުގައި ކަމުން ލަޔާގެ އަތުތެރެއިން ނޫރާގެ އަތް ދެމިގަނެ  ނޫރާ ބިންމައްޗަށް ވެއްޓުނެވެ. އަވަސް އަހަވަހަށް ނޫރާ އަތްދަނޑިމައްޗަށް އުފުލާލަމުން ލަޔާލް ގޭތެރެއާ ދިމާއަށް ހިނގައިގަތެވެ.

''މަގޭދަރިފުޅު......... ކިހިނެއްވީ..........'' ބަދިގޭ ދޮރުން ވަދެވަދެ ހުރި ޒަރީނާއަށް މިމަންޒަރު ފެނުމާއެކު ދުއްވައިގެތެވެ. ކަކުލުގައި ރިއްސާތީ ރަނގަޅަށް ހިނގައިނުގަނެވޭއިރު އޭނާއަށް ދުވެލާފައި އެ އާދެވުނީ ކިހިނެއްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ.

''ނޫރާ......... ދަރިފުޅާ.......... ލަޔާލް ފެންފުޅިއެއް ގެނެސްދީބަލަ އަވަހަށް.........'' ނޫރާގެ މޫނުގައި ފިރުމަމުން ޒަރީނާ ގޮވަމުން ދިޔައެވެ. ގެންފައިވާ ބިރެއްގެ ސަބަބުން އޭނާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ.

ނޫރާގެ މޫނުގައި ޒަރީނާ ފެންފޮދެއް އުނގުޅާލިއެވެ. އަދި ފެންފޮދަކުން ދެއަތްތިލައާ ދެފައިތިލަ ދޮއްވާލިއެވެ. ނޫރާ އެސްފިޔަތައް ތަޅުވާލިއެވެ. ދެވަނަ ފަހަރު މޫނަށް ފެންފޮދެއް ބުރުވާލުމާއެކު ނޫރާ ލޯ ހުޅުވާލިއެވެ. ލަޔާލްއާ ނޫރާގެ މަންމަގެ މޫނުން ފެންނަމުން ދިޔަ ހާސްކަން ނޫރާފެނި ކަންބޮޑުވއެވެ. ލަޔާލްގެ އެހީތެރިކަމާއެކު ނޫރާ ތެދުވެ އިނށީދެލިއެވެ.

''އަދިވެސް ބޯ އަނބުރާ........'' ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އޭނާ ސޯފާގައި ބުރަކަށި ޖައްސާ ލެނގިލިއެވެ.

''ހިނގާ ޑޮކްޓަރަށް ދައްކާލަންދަމާ........... އެއީ ނޫރާ ނުކައި ހުންނާތީ ވާގޮތް........... މާ މަދުން ކަންޏާ ވާނެ ތިޔަހެން.......'' ލަޔާލް ނޫރާގެ ގާތުގައި އިށީންނަމުން ބުނެލިއެވެ. އެއީ ލަޔާލް އަބަދުވެސް ނޫރާ ގާތު ދައްކާ ވާހަކައެކެވެ. ނޫރާ ކެއުން މަދުކަމުން ލަޔާލް ކަންބޮޑުވެއެވެ.

''ލަޔާލް އެބުނީ ރަނގަޅު ވާހަކައެއް..........ދަރިފުޅު ދޭ އެއްޗިހި ބަދަލުކޮށްލައިގެން ޑޮކްޓަރަށް ދައްކާލަން......... ތި އަދި މިވީހާތަނަށް ދަރިފުޅަށް ވީކަމެއް ނޫނެއްނު........ އެހެންވީމަ ޖެހޭނެ ދައްކާލަން.......'' ޒަރީނާ ނޫރާއަށް ވިސްނައިދިނެވެ.

ނޫރާ ތެދުވިއެވެ. ކޮޓަރިއާ ހަމައަށް ދެވެން ދެންވެސް ލަޔާލް ނޫރާގެ އަތުން ދުލެއް ނުކުރެއެވެ. މާ ލަސްތަކެއް ނުވެ ނޫރާ ތައްޔާލުވެލިއެވެ.

ނޫރާއަށް ވީގޮތް އަޑުއެހުމަށްފަހު ކަށިގަނޑު ޖައްސައިގެން ޑޮކްޓަރު ބަލައިފިއެވެ. ލޭގެ ޕްރެޝަރ ވެސް ބަލައިފިއެވެ. އެންމެފަހުން ޓެސްޓް ހަދަން ޖެހޭ ކަމަށް ބުނެ ލޭވެސް ނަގައިފިއެވެ.

ނޫރާ ބޮލަށް އެނބުރުން އަރާތީ އަވަސްފަރުވާދޭބައިގައި ނޫރާ ބޭއްވިއެވެ. ޓެސްޓެއް ހަދާލަން ޖެހޭކަމަށް ޑަކްޓަރަށް ފެންނާތީއެވެ.  ހަށިގަނޑުގައި ވަރުޖައްސަން އައިވީއެއްވެސް ގުޅައިފިއެވެ.

ލަޔާލް އިނީ ނޫރާގެ ގާތުގައެވެ. އައިވީ ގުޅާފައިވާ އަތުގައި ހިފާލައިގެން އިން އިރު އޭނާއަށް ކުރެވެމުން ދިޔަ އިހްސާސް އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ.

''މިހެންވާނެތީ އަހަރެން މިތަނަށް އަންނަހިތް ނުވަނީ ..........'' ލަޔާލްގެ މޫނަށް ނޫރާ ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. ޑޮކްޓަރަށް ދައްކަން ދިއުމަކީ ނޫރާ އަބަދުވެސް ކުރަން ބޭނުން ނުވާކަމެކެވެ.

''ބަލިވީމަ އަންނަންޖެހޭނެ ........... ކުރާހިތް ނުވާ ކަންކަންވެސް ކުރަންޖެހެއެއްނު..........'' ލަޔާލްއަށް ބުނެވުނު އެއްޗަކުން ނޫރާއަށް ނުބައި މާނައެއް ނެގިދާނެތީ ލަޔާލް ކަންބޮޑުވިއެވެ.

''މިދެން އެހާބޮޑުކަމެއް ނޫނެއްނު......... މި އައިވީ ހުސްވާއިރު ނޫރާވެސް ހުންނާނީ ހަމަޔަކަށް އެޅިފައި.......... މިހާރުވެސް ކިހާ ބޮޑުތަން ރަނގަޅުވެއްޖެ..........'' ލަޔާލް ބުނެލިއެވެ.

ނޫރާ އޮތީ ލޯމަރާލައިގެންނެވެ. ލަޔާލް ނޫރާގެ ރީތި މޫނަށް ނަޒަރު ހުއްޓާލައިގެން އިންނަތާ އެތައް އިރެއް ވެއްޖެއެވެ. އެހެން އިނަސް، އޭނާ ހީވަނީ ފުން ވިސްނުމެއްގައި އިންހެންނެވެ.

''އެކްސްކިއުޒް...........'' ލަޔާލް ގާތަށް ނަރުސްކުއްޖަކު ހުއްޓެމުން ބުނެލިއެވެ. އޭނާގެ އަތުގައި ރިޕޯޓްތަކާ ބޭސްސިޓީއެއްވެސް އޮތެވެ.

''ވަރަށްބޮޑަށް މަރުޙަބާ....... އަންހެނުން ބަނޑުބޮޑު..........'' ރިޕޯޓް ހިފައިގެން އައި ނަރުސްކުއްޖާ ލަޔާލްއަތަށް ރިޕޯޓް ދިއްކޮއްލަމުން ހީލިއެވެ. ނޫރާއަށް ލޯ ހުޅުވާލެވުނެވެ. ނަރުސް ކުއްޖާ ބުނެލި އެއްޗެއް ނޫރާއަށް ޔަގީނެއް ނުކުރެވުނެވެ.

''މީގައި ހުރި އެއްޗިހި ގަނެލައިގެން ގެނެސްދީ.......... އައިވީ ހުސްވީމަ ދޫކޮއްލާނެ....... ދެން މާދަމާ ދައްކާލަންވާނެ  އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް......އޭރުން މާބަޑު ދުވަސްވަރާ ގުޅޭގޮތުން އޮޅުންފިލުވައިދޭނެ........'' ބޭސްސިޓީއެއް ލަޔާލްއަތަށް ދިއްކޮއްލުމަށްފަހު ނަރުސްކުއްޖާ އެނބުރި ހިގައިގަތީ ކައުންޓަރާ ދިމާއަށެވެ.

ލަޔާލަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ނޫރާގެ އަތްތިލައިގައި އޭނާ ފިރުމާލިއެވެ. ލަޔާލް ބައްޕަޔަކަށް ވަނީއެވެ. ނޫރާ މަންމައަކަށެވެ.

''ނޫރާ......... '' ލިބުނު އުފަލުގައި ލަޔާލްއަށް ގޮވާލެވުނެވެ. އޭނާ އެތައް ވާހަކައެއް ދައްކަން ބޭނުމެވެ. އެތައް އެއްޗެއް ބުނަން ބޭނުމެވެ. އޭނާއަށް ކުރެވެމުންދާ އުފާވެރި އިހްސާސްތަކުގައި ނޫރާ ބައިވެރި ކުރަން ބޭނުމެވެ. ނޫރާގެ އިހްސާސްތައް ހުރިގޮތެއް އެނގެން ބޭނުމެވެ. އެކަމަކު އޭނާއަކަށް އިތުރު އެއްޗެއް ބުނާނެ ގޮތެއް ނުވިސްނުނެވެ.

ލަޔާލް ނޫރާގެ މޫނަށް ބަލާލުމުން ހިނިތުންވެލިއެވެ. ނޫރާވެސް ބަދަލުގައި ހީލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 29 އޭޕްރީލް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް