''އޯކޭތަ.........'' ލަޔާލް އަލުން އެނދުގައި އިށީންނަމުން ނޫރާގެ އިސްޖެހިފައިވާ މޫނަށް ބަލާލިއެވެ. ނޫރާ އަނގަޔަކުން ނުބުނެއެވެ. އޭނާ އިނީ ލަދުންގޮސް ހަލާކުވާވަރު ވެފައެވެ. ނޫރާ ބޭނުންވީ އެނދުންފައިބާށެވެ. އެކަމަކު ލަޔާލް އިންގޮތުން ލަޔާލްގައިގައި ނުޖެހި ދެވޭކަށްވެސް ނެތެވެ. ލަޔާލް ކަޅި ޖަހާނުލާ ނޫރާއަށް ބަލާތީ އޭނާއަށް އުނދަގޫވަނީއެވެ.
ނޫރާ މަޑުމަޑުން ކުރިއަށް ޖެހިލާ، ދެފައި އެދުން ބޭލިއެވެ. އަދި ތެދުވެގެން ހިނގައިގަތެވެ. ލަޔާލްއާ ދުރަށެވެ. އެހިނދު ލަޔާލް ހުޝިޔާރު ކަމާއެކު ނޫރާގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ކުއްލި ހަރަކާތަކާއެކު ލަޔާލާއާ ގާތަށް ނޫރާ ދަމާލިއެވެ.
******
ފަތިސް ނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު ނޫރާއަށް ހޭލެވުނެވެ. ފުރަތަމަ އޭނާއަށް ހީވީ ހުވަފެނެއް ފެންނަމުންދާހެންނެވެ. ރަނގަޅަށް ހޭނުލެވި އޮއްވާ، ކޮޓަރިތެރެއިން ދުވަމުންދާ ސެންޓް ވަސް ނޫރާގެ ނޭފަތުގައި ޖެހުނެވެ. އެ ވަސް ޖެހުމާއެކު ނޭވާ އެތެރެއަށް ދަމާލެވުނެވެ. އެވަހަކީ ނޫރާއަށް އެންމެ ކަމުދާ ސެންޓްގެ ވަހެވެ. އެވަހަކީ ނޫރާއަށް މީގެ އެތައް ދުވަހެއް ކުރިން ހާއްސަ ވެފައިވާ ވަހެކެވެ. އެވަސް ހަމަ ޖެހުމާއެކު ހަމްޒާ މަތިން ނޫރާ ހަނދާންވިއެވެ. އެއީ ހަމްޒާ ޖަހާ ސެންޓުގެ ވަހެވެ. އާނއެކެވެ. އެއީ ހަމަ އެވަހެވެ. ނޫރާ ބޯހިއްލާ ބަލާލިއެވެ.
އޭރު ލަޔާލް ހުރީ މިސްކިތަށް ދާން ތައްޔާރުވެގެންނެވެ. އޭނާގެ އަންނައުނުތައް ދަބަހުންނަގާ ކޮނޑުގައި އެޅުވުމަށްފަހު އަލަމާރިތެރެއަށް ލަނީއެވެ. ނޫރާ ދެރަވިއެވެ. ލަޔާލް އަމިއްލަޔަށް އޭނާގެ އަންނައުނުތައް ދަބަހުން ނަގާ އަލަމާރިއަށް ލާތަން ފެނުމުންނެވެ. އެދަބަސް އެއީ އިރުއޮއްސުނު އިރު ލަޔާލް ގެނައި ދަބަހެކެވެ. ނޫރާކައިރީގައި ބުނަންވެސް ބުނި މެއެވެ. އެކަމަކު ނޫރާ އެކަން ކުރަން ހަނދާން ނެތުނީއެވެ. ނޫރާއާ ދޭތެރޭ ލަޔާލް ހީކުރާނީ ކީކޭބާވައޭ ނޫރާގެ ހިތަށް އެރިއެވެ.
ގައިމަތީ އޮތް ރަޖާގަނޑު އެއްފަރާތަށް ޖައްސާލަމުން ނޫރާ ތެދުވެ އެނދުގައި އިށީދެލިއެވެ.
''ނޫރާ........ ހޭލެވުނީތަ........ '' އަންނައުނުތައް އަލަމާރިއަށް ލުމަށްފަހު ލަޔާލް އެނބުރިލި ވަގުތު އެނދުގައި އިށީދެގެން އިން ނޫރާ ފެނުމުން ލަޔާލް ނޫރާ ގާތަށް ޖެހިލިއެވެ.
''ހިތްހަމަ ނުޖެހިފައިތަ......... ސޮރީ ރޭގައި އަހަންނަށް ނޫރާ ހިތްހަމަ ނުޖެހޭގޮތަކަށް ކަމެއް ކުރެވިފަ އޮތިއްޔާ މާފުކުރޭ..........'' ނޫރާގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާލަމުން ލަޔާލް ބުނެލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ނޫރާ ބޯހޫރާލިއެވެ. ލަޔާލް މާގަދަޔަށް ބަލަން ފެށުމުން އޭނާއަށް އިސްޖަހާލެވުނެވެ.
އެވަގުތު މިސްކިތުން ގަމަތްދޭ އަޑު އިވުނެވެ.
''ދަނީ އިނގޭ ............ މިސްކިތުގަ މަޑުކޮއްލާފަ ......... އިރުއެރީމަ ދަތުރެއް ލިބޭތޯ ބަލާލާފަ އަންނާނަން........ އޯކޭތަ..........'' ލަޔާލް މަޑުކޮއްލީ ނޫރާގެ ޖަވާބެއް ލިބޭނެކަމަށެވެ. ނޫރާ ހަމަ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. އެއްޗެކޭ ބުނެވޭނީވެސް ކިހިނެއްހެއްޔެވެ. ނޫރާގެ ސިކުނޑީގައި ވަނީ އެހެން ޚިޔާލުތަކަކާ އެހެން އަސަރުތަކެކެވެ. ލަޔާލް ކައިރިވެލުމުން ދުވި ސެންޓްގެ ވަސް ނޫރާގެ ހިއްސުތަކާ ކުޅެލައިފިއެވެ. ލަޔާލްއަށް ނޭނުނަސް އެ ވަސް، ނޫރާގެ މާޒީގެ އެތައް ހަނދާންތަކެއް އާކޮށްދީފިއެވެ. އެއީ ޙަޔާތުގެ އެތައް އުންމީދުތަކަކާ ގުޅިފައިވާ ފޮނި އެހެނަސް ހިތި ހަނދާންތަކެކެވެ. ނޫރާ އެއްޗެކޭ ބުނޭތޯ ލަޔާލް މަޑުކޮއްލިއެވެ. އެހެނަސް ނަމާދު ކުރަން ފަށާއިރަށް ނުދެވިދާނެތީ ލަޔާލް އަވަސްއަވަހާ ކޮޓަރިން ނުކުމެއްޖެއެވެ.
ލަޔާލް ނުކުތުމުން، ނޫރާ އެނދުން ތެދުވިއެވެ. ކޮޓަރީގެ ބޮކިތައް ދިއްލާލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ރަނގަޅަށް ނުލެއްޕި ހުރިތަން ނޫރާއަށް ފެނުނެވެ. ދޮރު ލެއްޕުމަށްޓަކައި ނޫރާ ފިޔަވަޅު އެޅިވަގުތު ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ސެންޓް ފުޅިއެވެ. އެއީ ލަޔާލް ގެންގުޅުނު ސެންޓްފުޅިއެވެ. ނޫރާގެ ހިތް ބުނަމުންދިޔައީ އިތުރަށް އެވަސް ބަލާލާށެވެ. ހިތުގެ އެދުމަށް ނޫރާ އިޖާބަދިނެވެ. ސެންޓް ފުޅީގެ މަތި ނެގުމަށްފަހު ނޫރާ އެފުޅި ނޭފަތުގައި ޖައްސާލިއެވެ. އެވަރުން ހިތްހަމަޖައްސައެއް ނުލެވުނެވެ. އަތުގެ ނުފުށަށް ސެންޓް ޖެހުމަށްފަހު އެތަނުގައި ނޭފަތް ޖައްސާލިއެވެ. އެތެރެއަށް ނޭވާ ދަމާލަމުން ނޫރާއަށް ލޯމަރާލެވުނެވެ. އޭނާއަށް އިހްސާސް ކުރެވުނީ ހަމްޒާ ގާތުގައި ހުރެވުނުހެނެވެ. އެވަސް ނޫރާގެ އެންމެ ހިމަ ނާރުތަކާ ކުޅެލައިފިއެވެ. އޮބެމުންދިޔަ ހަމްޒާގެ ހަނދާންތައް ހިތާއި ސިކުނޑީގައި އުތުރިގެންފިއެވެ. ލޯ މަރާލައިގެން ހުރިއިރު ، ހަމްޒާ އެ ސެންޓް ގަތް ދުވަސްމަތިން ނޫރާ ހަނދާންވިއެވެ.
ހަމްޒާ އެއްދުވަހަކު އެ ވައްތަރު ހަތަރުވަރަކަށް ސެންޓްފުޅި ގަތެވެ. އެއީ އެންމެ ފަހުން އެ ފިހާރަޔަށް ގެނައި ސެންޓްތަކުގެ ތެރޭގައި ހިމެނޭ އަގުބޮޑު ސެންޓެކެވެ.
'' ހާދަ ބައިވަރެއް..........'' ހަމްޒާ ސެންތްފުޅިތައް ނެގެސް ކައުންޓަރުމަތީގައި ބެހެއްޓުމުން ނޫރާއަށް ބުނެވުނެވެ.
''ރައްޓެއްސަކަށް ހަދިޔާކޮއްލަން........ރަނގަޅެއްނު.........ނޫރާ ބޭނުންތަ.......އެބަހުއްޓޭ މީގެ އަންހެންވައްތަރުވެސް........'' ހަމްޒާ އޭނާގެ މަސްތީ އަޑުން ބުންޏެވެ. ނޫރާއާ ދިމާއަށް ނުހަނު ލޯބިން ބަލާލަމުންނެވެ.
''ރައްޓެއްސަކަށް؟..........ތިހާ އަގުބޮޑުކޮށް؟......... އަދި އެވެސް އެހާގިނައިން............'' ނޫރާ އެ ފުޅިތައް ކޮތަޅަކަށް ލައިދެމުން ބުނެލިއެވެ.
''މީހަކަށް އެއްޗެއް ދޭއިރު ދޭންވާނީ ރަނގަޅު އެއްޗެއްނު......... އެހެންނޫނަސް އަރެން ފުރުމަށްފަހު، މީހެއްގެ ގައިން މިވަސް ދުވިޔަސް، އަހަރެން މަތިން ނޫރާ ހަނދާން ވާނެއެއްނު......... އެހެންވީމާ ވީހާވެސް ގިނަ ބަޔަކަށް މި ދީފައެއްނު ދާންވީ..........'' ސަމާސާ ރާގުގައި ހަމްޒާ ވާހަކަ ދެއްކީ ނުހަނުން ހިތްހަމަޖެހިގެން އުފަލުން ހުރެއެވެ.
ނޫރާ މާޒީގެ ފުންކަނޑުގައި ފަތަމުން ދަނިކޮށް، ލަޔާލް އެނބުރި އައިސް ކޮޓަރިއަށް ވަނެވެ. އޭނާއަށް ނިކުމެވުނީ ކާރުގެ ތަޅުދަނޑި ބާއްވާފައެވެ.
ލޯމަރާލައިގެން ހުރި ނޫރާގެ މޫނަށް ލަޔާލްގެ ނަޒަރު ހުއްޓުނެވެ. އެއްއަތުގައި ލަޔާލްގެ ސެންޓްފުޅި އޮތްތެވެ. އަނެއް އަތް ނޭފަތުކުރީގައި ޖައްސާލައިގެން ހުރިއިރު، ނޫރާގެދިގު އިސްތަށިގަނޑުން އޭނާގެ ދޮންމޫނުގެ އެއްބައިވަނީ ފޮރުވިފައެވެ. ބޮކިތަކުގެ ގަދަ އަލިކަމުގައި ލަޔާލް ނޫރާގެ އެ ރީތި މޫނަށް ޝައުޤުވެރިކަމާއެކު ބަލާލިއެވެ. ގާތަށް ޖެހިލާ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް އެއްފަރާތް ކޮށްލިއެވެ.
''ހަމްޒާ.........'' ލަޔާލްގެ އިނގިލިތައް ނޫރާގެ މޫނުގައި ބީހިލުމާއެކު ނޫރާގެ އަނގައިން އިޚްތިޔާރަކާ ނުލާ އަޑު ނުކުތެވެ. އޭނާއަށް ހީކުރެވުނީ އޭނާގެ މޫނުގައި ބީހުނީ ހަމްޒާގެ އިނގިލިތައް ކަމުގައެވެ. ވާނީވެސް އެހެންނެވެ. ނޫރާގެ ހިތާ ސިނކުޑީގައި އެވަގުތު ދެވަނަ ނަމެއް ނުވެއެވެ.
ވަގުތުން ނޫރާއަށް ލޯ ހުޅުވާލެވުނެވެ. ކުރިމަތީ، ނުހަނު ގާތުގައި ހުރި ލަޔާލް ފެނުމުން ނޫރާއަށް ފަހަތަށް ޖެހިލެވުނެވެ. ނޫރާއަށް ވެފައި ހުރިގޮތް ލަޔާލްއަށް ފެނުނެވެ. އަދި ނޫރާގެ އަނގައިން ބޭރުވީ ލަފުޒު ލަޔާލަށް ކިތަންމެ ރަނގަޅަކަށްވެސް އަޑުއިވުނެވެ. ލަޔާލްގެ ހިތަށް އެކަމުގެ ސަބަބުން ތަދުވީ ކީއްވެކަމެއް ޚުދު ލަޔާލްއަކަށްވެސް ނޭނގެއެވެ. ނޫރާގެ އަނގައިން ހަމްޒާގެ ނަން އިވުމުން އެތަށް އުނދަގޫތަކެއް ލަޔާލަށް ވެއްޖެކަން ޔަޤީނެވެ. ކުރިން ނުކުރެވޭފަދަ އިހްސާސެއް އޭނާއަށް ކުރެވިއްޖެއެވެ.
''މީރުވަސް ދުވާދޯ........'' ނޫރާ އަތުގައި އޮތް ސެންޓްފުޅި އާ ދިމާއަށް ބަލާލަމުން ލަޔާލް ބުނެލިއެވެ. ނޫރާ އަވަސް އަވަހަށް ސެންޓްފުޅި މޭޒުމަތީގައި ބެހެއްޓިއެވެ.
''ދެން ދަނީ އިނގޭ........ މި ބައްވާފަ ނުކުމެވުނީ........ ކާރާ ހަމަޔަށް ދިޔަފަހުން އެނގުނީ.......'' ތަޅުދަނޑި ނޫރާއަށް ދައްކާލަމުން ލަޔާލް ބުނެލިއެވެ. އެއްވެސް ކަމެއް އެނގޭ ކަމަކަށް އޭނާ ނުހަދައެވެ. ކުރެވުނު އިހްސާސެއް އޭނާގެ މޫނުމަތިން ފެނުނަކަ ނުދެއެވެ.
ނޫރާއަށް ކުރެވުނު ކަންތަކާމެދު ލަދުގަތެވެ. ދެރަވެސްވިއެވެ. ލަޔާލް ހީކުރާނެ އެއްޗަކާމެދު ވިސްނުނެވެ. އެކަމަކު ލަޔާލްގެ މޫނުމަތިން ތަފާތު އެއްވެސް އަސަރެއް ނޫރާއަކަށް ނުފެންނާތީ، ނޫރާއަށް ބުނެވުނު އެއްޗެއް ލަޔާލްއަށް ނީވޭކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. ކުރެވުނު ކަންތަކުން ލިބުނު މާޔޫސްކަމާ، ހަމްޒާ މަތިން ހަނދާންވުމުން ލިބުނު ހިތްދަތިމަކާއެކު ނޫރާއަށް ހިންދިރުވާލެވުނެވެ. ދެން އޭނާ އަވަސްވެގަތި ނަމާދަށް ތައްޔާރުވާށެވެ.
********
ހެނދުނުގެ ވަގުތެވެ. އުޑުމަތީގައި ވިލާބޯވެ ކުޑަކޮށް ވާރޭ ކަނިޖަމުންދެއެވެ. ޒަރީނާ ނިކަން އަތްމަތި އަވަސްކޮއްލާފައި ހެނދުނުގެ ސަޔަށް ރޮށި ފިހެ ނިންމާލިއެވެ.
''ދަރިފުޅު ސައިބޯނީ ލަޔާލް އައިމަތަ..........'' ބަރަބޯ މަސްހުނިތަށި މޭޒުމަތީގައި ބަހައްޓަމުން ޒަރީނާ ސުވާލުކޮށްލިއެވެ. ކާމޭޒު ކައިރީގައި ހަމަހިމޭން ވެފައި އިން އޭނާގެ ދަރިފުޅަށް ބަލާލަމުންނެވެ. ނޫރާގެ މިޒާޖަށް އައިސްފައިވާ ބަދަލާމެދު ޒަރީނާ ކަންބޮޑުވެއެވެ. އެކަމާ ގުޅިގެން ޒަރީނާގެ ހިތަށް ތަފާތު އެތަކެއް އެއްޗެއް އަރާފައިބަމުން ދެއެވެ. ނޫރާ ދެރަވެފައި އިންނަހެން ހީވާތީ ޒަރީނާ ދެރަވެއެވެ. އެ މާޔޫސްކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ނޫރާގެ ކައިވެނި ލަޔާލްއާ ކުރަން ޖެހުން ކަމުގައިވިސްނޭ ކޮންމެ ފަހަރަކު ޒަރީނާގެ ހިތް ކުދިކުދިވެއެވެ. އެއީ އޭނާގެ ސަބަބުން ނޫރާއަށް ލިބޭ ވޭނެއް ކަމުގައި އަމިއްލައަށް ޤަބޫލު ކުރެވި އަމިއްލަ ނަފުސު ކުށްވެރި ކުރެވެއެވެ.
''އަނހާ......މިއޮއްއައީނު ލަޔާލްވެސް........... ދަރިފުޅުމެން އުޅޭ އަވަހަށް ސައިބޯން.........'' ބަދިގެ ތެރެއަށް ވަދެގެން އައި ލަޔާލް ފެނިފައި ޒަރީނާ ބުނެލިއެވެ. ހިތުގައިވާ ހުރިހާ އުދާސްތަކެއް އެއްފަރާތް ކޮއްލަމުން އޭނާގެ މޫނުމައްޗަށް ހިނިތުންވުން ގެނުވިއެވެ.
ލަޔާލް ނޫރާއަތަށް ދިއްކޮއްލީ ކޮތަޅެކެވެ. ނޫރާ ސުވާލުގެ ނަޒަރަކުން ލަޔާލްއާ ދިމާއަށް ބަލާލިއެވެ.
''ބަލާބަލަ ކަމުދޭތޯ........'' ނޫރާ އެ ކޮތަޅުގައި ހިފުމުން ނޫރާގެ ކުރިމަތީ ހުރި ގޮނޑީގައި ލަޔާލް އިށީނިއެވެ. ނޫރާ އެ ކޮތަޅު ހުޅުވާލިއެވެ. އޭގައި އޮތީ ފޯނެކެވެ. އެންމެ ފަހުގެ އައިފޯނެކެވެ. ނޫރާއަށް ބަލާލެވުނީ މޭޒުމަތީގައި އޮތް ލަޔާލުގެ ފޯނަށެވެ. ނޫރާއަށް މިހާ އަގުބޮޑު ފޯނެއް ގެނެސްދިން އިރު ލަޔާލްގެ ފޯނު އޮތީ ކަނުން ތަންކޮޅެއް ތަޅައިގެންވެސް ގޮސްފައެވެ. ތަންކޮޅެއް ކުރީގެ ފޯނެއްމެއެވެ.
''ކީއްވެ މިހާ އަގުބޮޑުކޮށް........'' ނޫރާއަށް ބުނެވުނެވެ.
''ނޫރާއަށް އަހަރެންގެ ފަރާތުން ދިން ހަދިޔާއެއް........ އަދި އެއްވެސް އެއްޗެއް އަހަންނަށް ނުދެވެއެއްނު ........... އެހެންނޫނަސް ނޫރާ އަތުގައި ފޯނެއް ނެތީމަ ކަމަކުނުދާނެ......... '' ލަޔާލް ރޮށިތަށިން ރޮއްޓެއް ނަގަމުން ބުނެލިއެވެ. އޭރު ޒަރީނާ ހުރީ ލަޔާލްއަށް ސައިތައްޓެއް ގިރާށެވެ. ސައިގިރަން ހުއްޓަސް އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ނޫރާގެ މޫނަށެވެ. އެ މޫނުން ހިނިތުންވުމެއް، އުފާވެރިކަމެއް ފެނުމަށް އެދިއެދި އެވެ.
ނޫރާގެ މޫނުމަތިން ކުޑަނަމަވެސް ހިނިތުންވުމެއް ފެންނާނެ ކަމަށް ލަޔާލް ހީކުރެވުނު ހީ ވެގެންދިޔައީ ކުށް ހީއަކަށެވެ. ކޮތަޅު އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ނޫރާ ތެދުވިއެވެ. ކިރުތައްޓެއް އަޅައިގެން މޭޒުކައިރީ އިށީނެވެ. ލަސްލަހުން ކިރުތަށި ބޯންފެށިއެވެ.
''ރޮއްޓެއް ނުކާނަންތަ.........'' ނޫރާއަށް ރޮއްޓެއް ނަގާ ދިއްކޮއްލަމުން ލަޔާލް ސުވާލުކޮއްލިއެވެ.
''ނޫރާ މިހާހެނދުނު ވަރަށް ނުކާނެ ރޮށި........ އެންމެ ކުޑައިރުއްސުރެވެސް ވަރަށް ކެއުމާ ދުރުވާނެ ހެނދުނު..........'' ލަޔާލްގެ ސުވާލަށް ޖަވާބުދިނީ ޒަރީނާއެވެ.
ސައިބޮއި ނިމިގެން ލަޔާލް ނޫރާއަށް ގެނެސްދިން ފޯނު ކޮތަޅުންނަގާ ހުޅުވާލިއެވެ. ސިމްކާޑެއް ލެއްވިއެވެ. ބޭނުންވާނެ ހުރިހާ އެޕެއް އަޅައިދިނުމަށްފަހު ނޫރާ އަތަށް ފޯނު ދިއްކޮށްލިއެވެ.
ފޯނު ހިފައިގެން ނޫރާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ނޫރާ ހުރީ ފޯނެއް ނުހަނު ބޭނުންވެފައެވެ. ފޯނެއް ނެތުމުން އޭނާ ބައެއްފަހަރު ވަރަށް ފޫހިވެސްވެއެވެ. ބައްޕައަތަށް ދިން ނޫރާގެ ފޯނު ނަގަންވެސް ނޫރާ ކިތަންމެ ފަހަރަކު ހިތައްއެރިމެއެވެ. އެކަމަކު އޭނާގެ ބައްޕަ އެންމެފަހުން އެދުނު އެދުމަކީ، އެ ފޯނު ނިއްވާލައި ބައްޕަ އަތުގައި ބޭއްވުން ކަމަށް ވީތީ ނޫރާ އެ ފޯނު އެގޮތުގައި ބޭއްވީއެވެ. ބައްޕަގެ އެންމެ ފަހުގެ އެދުމަށް އިޙްތިރާމު ކުރުމުގެ ގޮތުންނެވެ.
އެނދުމަތީގައި އިށީނދެ ނޫރާ ފޯނު ސްކްރީން އޮންކޮއްލިއެވެ. ފޯނު ހުޅުވާލުމާއެކު ހަމްޒާ މަތިން ނޫރާ ހަނދާންވާންފެށިއެވެ. ހަމްޒާގެ އެތަކެއް މެސެޖަކާ ކޯލެއް ކޮންމެ ދުވަހަކު ނޫރާއަށް ލިބޭކަން ހަނދާންވެ ހަމްޒާގެ އަޑު އަހާލަން ހިތްއެދެންފެށިއެވެ. މިވޭތިވެ ދިޔަ ދުވަސްތަކުގައި ހަމްޒާ ނޫރާއަށް އެތަކެއް މެސެޖެއްކޮށްފައި ހުންނާނެއޭ ހިތަށްއެރިއެވެ. އެ މެސެޖްތަކަށް ޖަވާބެއް ނުލިބުމުން ހަމްޒާ ދެރަވާނެވަރު ހިތަށް އިހްސާސްކުރެވުނެވެ. ނޫރާ ކަންތައްކުރި ގޮތުން ހަމްޒާ ހީކުރާނީ ކީކޭބާވައޭ ހިތަށް އެރާ ދެރަވާންފެށިއެވެ. ނޫރާއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ހަމްޒާއަށް އެއްވެސް ކަމެއް ނާންގާ، ހަމްޒާއާ ނޫރާ ވަކީވީ ކީއްވެހެއްޔެވެ. ނޫރާދެކެ އެހާ ލޯބިވީތީ ހަމްޒާމަތިން އެހާ ފަސޭހައިން ނޫރާ ހަނދާން ނައްތާލުން އެއީ އިންސާފެއް ނޫން ކަމުގައި އޭނާގެ ހިތް ބުނެދިނެވެ.
ހަމްޒާގެ ނަމްބަރު ނޫރާ ހިތުދަހެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނޫރާގެ ހިމަހިމަ އިނގިލިތައް ހަރަކާތް ކޮއްލައިފިއެވެ. އިޚްތިޔާރުން ބޭރުގައި ކަމަށްވިޔަސް، އޭނާގެ އިނގިލިތައް އިޚްތިޔާރު ކުރީ ހަމްޒާގެ ނަމްބަރުގައި ހިމެނޭ އަދަދުތަކެވެ. އެތައްފަހަރަކު އެނަމްބަރު އެގޮތަށް ޖަހާފައިވާ އިނގިލިތަކުން، ނުހަނު ހަލުވިކަމާއެކު ހަމްޒާގެ ނަމްބަރު ސްކްރީނުގައި ޖަހާލެވުނެވެ. އޭނާއަށް މިކުރެވެނީ ކީއްކަން ނޭނގޭކަހަލައެވެ. އަދި މިހާރު އޭނާގެ ހާލަތު ބަދަލުވެފައިވާކަން ހަނދާން ހުރިހެނެއްވެސް ހިޔެއްނުވެއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 24 އޭޕްރީލް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް