ލަޔާލްއާ އެކު ހަމްޒާވެސް ކާރުން ފައިބައިގެން ފިހާރައާ ދިމާއަށް ހިނގައިގަތެވެ. ލަޔާލް ފަހަތުގައި ހަމްޒާ ހުރެގެން ގޮސް ދޮރު ހުޅުވާލާފައި ފިހާރަ ތެރެއަށް ވަނެވެ. ނޫރާ ބަލާލިއެވެ. އެވަގުތު ލަޔާލް ފަހަތުގައި ހުރި ހަމްޒާ ނޫރާއަށް ފެނުނެވެ. ނޫރާގެ އަނގައިން ބޭއިޚްތިޔާރުގައި އަޑެއް ލައްވާލެވުނެވެ. ހައިރާންވީވަރު ބޮޑުކަމުންނެވެ. އެހެނަސް އެ އަޑު ބޭރުވިޔަ ނުދިނުމުގެ ގޮތުން ނޫރާ އަނގަމަތީގައި އަތް އެޅިއެވެ.
''ހަމްޒާ.........'' ދެވަނަ ސިކުންތުގައި ނޫރާއަށް ބުނެވުނެވެ. އެ އަޑު ފިހާރައިގެ ހަމަހިމޭންކަމުގެ ތެރެއިން ފުރޭނިގެން ގޮސް ފިހާރައިގެ ހަރުތައް ކައިރީގައި ހުރި ސައުދުގެ ކަންފަތާހަމައަށް ފޯރިކަން ހަމަ ޔަޤީނެވެ.
''ހަމްޒާ''..... ސައުދު ނިތްކުރިއަށް ރޫ އަރުވާލަމުން އެ ނަން ތަކުރާރު ކޮށްލެވުނެވެ. އިވުނު އަޑާ ދެތޭރޭ ސައުދަށް ޝައްކު ވިއެވެ. އެހެންކަމުން މަޑުމަޑުން ފިހާރައިގެ ކުޑަދޮރެއްގެ ކައިރިއަށް ޖެހިލާ ބޭރު ބަލާލިއެވެ. އޭރު ފިހާރައާ ތަންކޮޅެއް ދުރުގައި އެ ތިންމީހުން ވާހަކަ ދައްކަން ތިއްބާ ސައުދަށް ފެނުނެވެ. މަގުމަތީގައި ދިއްލާފައިވާ އަލިގަދަ މަގު ބައްތިތަކާ ދުއްވާ އެއްޗިހީގެ އަލި އެ ތިން މީހުންގެ މޫނަށް އެޅެމުން ދިޔައެވެ.
''ހަމްޒާ އައި އިރު މުސްތަފާ ނުފެނުނީ ކީއްވެބާ؟........'' ސައުދު ހިތާ ހިތާ ކިޔާލިއެވެ. އޭނާ ވިސްނާލުމަށްފަހު ފޯނު ނެގިއެވެ. މުސްތަފާއަށް އާއްމުކޮށްވެސް އޭނާ ގުޅަނީ ފިހާރަ ބަންދު ކުރުމަށްފަހުގައެވެ. އެހެންވީމާ އެއީ މުސްތަފާއަށް ގުޅަން އެންމެ ރަނގަޅު ގަޑިކަމުގައި ސައުދަށް ޤަބޫލުކުރެވުނެވެ. ފަހަރެއްގައި މާ ލަހުން އާދެވުނީމާ މާދަމާ ފިހާރަޔަށް ވަދެލަން މުސްތަފާ މަޑުކޮށްގެން ހުރީކަމަށް ސައުދަށް ޤަބޫލު ކުރެވުނެވެ.
''ސައުދު........ތަންކޮޅެއް ބިޒީ ކޮށް ....... ވިޔަފާރި މީޓިން އެއްގައި މިވަގުތު ބަޔަކާއެއްކޮށް މީނީ....... މާދަމާ ގުޅާލާނަން.......'' ސައުދަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މުސްތަފާ ބުނެލިއެވެ.
''އެންމެ ރަނގަޅު......'' ސައުދަށް މަޖުބޫރުވީ ފޯނު ބާއްވާށެވެ. އެހެންވީމާ ސައުދަށް ޔަގީން ކުރެވުނީ މުސްތަފާ ކުޅުދުއްފުއްޓަށް ނާންނަ ކަމެވެ. މުސްތަފާ މާ ބިޒީ ކޮށް އުޅޭތީ ހަމްޒާ ފޮނުވީކަމަށް އޭނާ ނިންމީ މީގެ ކުރީގެ ތަޖުރިބާއަށް ބަލާފައެވެ.
******
ކުއްލިއަކަށް ހިމަފޮދު ވާރޭ ވެހެންފަށައިފިއެވެ. އަވަސް އަވަހަށް މަގު ހުރަސްކޮށް ކާރާ ދިމާއަށް ތިން މީހުނަށް އެއްފަހަރާ ހިނގައިގަނެވުނެވެ. ކޮންމެ މީހަކުވެސް ބެލީ އަވަސްއަވަހާ ކާރު ތެރެއަށް ދެމިގަތުމަށެވެ.
''ކޮންތާކަށް ދާންވީ.......ހިނގާ ކާންދަމާ...... މިތާ ކައިރީގަ ހުރޭތަ ރަނގަޅު ރެސްޓޯރަންޓެއް؟.........'' ހަމްޒާ އެހިއެވެ. ކާރު ދުއްވަން އިނީ ހަމްޒާއެވެ. ނޫރާ އިނީ ފަހަތުގައެވެ.
ހަމްޒާ ބޭނުންވީ ނޫރާއާއެކު ވަގުތުކޮޅެއް ހޭދަކޮއްލާށެވެ. ހަމްޒާ އެދުނު ނަމަވެސް ނޫރާ ކާން ދާކަށް އެއްބަހެއް ނުވިއެވެ. އެހާ ދަންވުމުން އެގޮތަށް މީހުންގިނަ ތަންތަނަށް ދާން ބޭނުން ނުވާކަމުގައި ބުނެ އުޒުރުވެރި ވިއެވެ. އެންމެފަހުން އެއްބަސްވީ ދުއްވާލަން ދާށެވެ. ލަޔާލްގެ ގޭ ކައިރިއަށް ކާރު މަޑު ކުރުމުން ލަޔާލް ފޭބިއެވެ. އޭރު ވާރޭ ބޯކޮށްލައިފިއެވެ.
''އާދޭ ކުރިއަށް.......'' ލަޔާލް ފޭބުމުން ހަމްޒާ އެދުނެވެ. ނޫރާގެ ހިތް ތެޅިލިއެވެ. ހަމްޒާއާ އެހާކައިރީގައި އިންނަން ޖެހޭތީ އޭނާ ފިނިވަނީއެވެ.
''ދެން އާދެބަލަ....... ޕްލީސް......'' ހަމްޒާ ނުހަނު ލޯބިން އެދުނެވެ. ނޫރާވެސް ދެކޮޅު ހަދާކަށް ބޭނުމެއް ނޫނެވެ. ކާރަށް އަރާ އިށީނެވެ.
''ނޫރާ ........... ރަނގަޅުތަ.......'' ހަމްޒާ ކާރު ދުއްވާލަމުން ބުނެލިއެވެ. އެއީ ނޫރާ ކިތަންމެ ފަހަރަކު އަހާފައިވާ އަޑެއް ނަމަވެސް އެ ހިތްގައިމު އަޑު އަހާލުމަކީ ނޫރާއަށް އިންތިހާއަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ޚާއްސަކޮށް ނޫރާއަށް ހަމްޒާ ގޮވާލާ ގޮތެވެ. ހަމްޒާގެ އަޑުގައި ހުންނަ ހިތްގައިމުކަމާއެއްވަރަށް އޯގާތެރިކަން ވެސް އެ އަޑުގައި އެކުލެވިފައި ވެއެވެ.
ހަމްޒާ ކާރު މަޑުކޮށްލީ ތަންކޮޅެއް މީހުންމަދު ހިސާބަކަށެވެ. ވެހެމުންދާ ވާރޭގެ ސަބަބުން ދެ ޒުވާނުންގެ ހިތަށް ތަފާތު އިހްސާސެއް ކުރުވަމުން ދިޔައެވެ.
''އަތް ފޯރާތަ....؟'' ހަމްޒާ ފަހަތަށް އަތް ދިއްކޮށް، ކާރުގެ ފަހަތު ޝީޓުގައި ހުރި އޭނާގެ ދަބަސް ނެގިއެވެ.
''ވަރަށް ލޯބިވޭ .......'' ދަބަހުން ނެގި ރަތް ފިނިފެންމާ ބޮނޑި ނޫރާ އާ ދިމާއަށް ދިއްކޮއްލަމުން ހަމްޒާ ބުނެލިއެވެ. ނޫރާއަށް ބަލާލެވުނީ ހަމްޒާގެ މޫނަށެވެ. ޝުކުރިއްޔާއޭ ބުނަމުން ފިނިފެންމާ ތަކުގައި ނޫރާގެ އިނގިލިތަކުގެ ކުރިން ފިރުމާލިއެވެ. އެ މަންޒަރު ބަލަން ހަމްޒާ އިން އިރު އޭނާގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. ކުރިން ވީ ކަންތައްތަކާ އޭނާ ކުރި ހިތާމަތަކާ ކަންބޮޑުވުމުގެ އެއްވެސް އަސަރެއް އެމޫނު މަތިން ފެންނާކަށްނެތެވެ. ނޫރާ ފެނުމުން ހުރިހާ ކަމެއް ހަނދާން ނެތުނު ކަހަލައެވެ.
ހަމްޒާ މަޑުމަޑުން ނޫރާގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. ނޫރާގެ ފިނިވެފައިވާ އަތްތިލައަށް ހަމްޒާގެ އަތުގެ ހޫނުކަން އިހްސާސް ކުރެވުމުން ނޫރާ ގެ ހިތް ތެޅެންފެށީ އަމަށަކު ވަރަކަށް ނޫނެވެ. އެހެން ނަމަވެސް އެ އަތްތިލަ ހަމްޒާގެ އަތުގެ ތެރެއިން ދޫވާކަށް ނޫރާވެސް ބޭނުމެއް ނޫނެވެ.
''ސޮރީ ނޫރާގެ ހުއްދަ ނެތި އަތް ލެވުނީމަ......'' ހަމްޒާ ހަމަ އެއިންގޮތަށް އިނދެ ބުނެލިއެވެ. ނޫރާ ހަނދާންވީ ފުރަތަމަ ހަމްޒާ އޭނާގެ އަތުގައި ހިފި ދުވަހެވެ. އެދުވަހު ރުޅިވެރިކަމާ އެކު ނޫރާގެ އަތް ދަމައިގަތް ގޮތް ހަނދާން ވުމުން ލަދުގަތެވެ. އެހެނަސް އޭރުގެ ހާލަތާ މިހާރުގެ ހާލަތު ހާސްގުނަ ތަފާތެވެ.
ހަމްޒާ ކާރުގެ އެތެރެ ބޮކި ދިއްލާލިއެވެ. އޮރެންޖު ކުލައިގެ އަލިކަމުގެ ތެރެއިން ނޫރާގެ ދޮން މޫނު ފެންނައިރު މާ ރީތި ކަމުގައި ހަމްޒާއަށް އިހްސާސް ކުރެވުނެވެ.
''މާޝާ ﷲ....... ވަރަށް ރީތި.........'' ނޫރާއާ ހަތަރުކަޅި ހަމަކޮއްލަމުން ހަމްޒާއަށް ބުނެވުނެވެ. ނޫރާ އަދި މާބޮޑަށް ލަދުގެންފިއެވެ. ނޫރާގެ އެ ސިފަޔަކީ ހަމްޒާއަށް އެންމެ ކަމުދާ ސިފައެވެ. އެ ލަދުވެތިކަމުގެ ސަބަބުން ނޫރާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވާ ކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ.
''ހަމްޒާ........ދެން ތިވަރަށް ނުބަލާ.........'' ނޫރާ އިސް އުފުލާލަމުން ހަމްޒާއާ ހަތަރުކަޅި ހަމަކޮއްލިއެވެ. އެވަގުތު އެ ދެހިތުގައި ޖަހަމުންދިޔަ ވިންދުން ކުޅެމުން ދިޔައީ އެއްރާގެކެވެ. ކުރެމުން ދިޔައީ އެއް އުންމީދެކެވެ. ތަދުބީރުގެ މަގުޗާޓުގައި ދެމީހުންވެސް ކޮށަމުން ދިޔައީ އެއް މަގެކެވެ. ހިތާއި ސިކުނޑިންނެވެ. ދެ ހިތުގައި ދިއްލިފައިވާ ލޯބީގެ ހުޅުކޮޅަށް ކާނާލިބި އެ ހުޅުކޮޅުގެ އަލި ގަދަވެގެން ދިޔައެވެ. މުޅި ރޫޙަށް ދިރުން ގެނެސްދެމުންނެވެ.
''ނުބަލާ ނުހުރެވިގެން މިއައީވެސް ހަމަ ނޫރާ ދެކިލަން........... އަހަންނަށް ދެން ނޫރާއާ ނުލާ ކެތް ކުރުން ވާނީ ވަރަށް ދަތިކަމަކަށް.........'' ހަމްޒާގެ ރާގުގައިވަނީ ޔަޤީންކަމެވެ.
''އާނ....... އަދި .......'' ހަމްޒާ އަވަސް އަވަހަށް ދަބަހުން ކުޑަކުޑަ ފޮއްޓެއް ނަގައިފިއެވެ. ފޮށީގެ މަތި ހިއްލާލުމަށްފަހު، ނޫރާއާ ދިމާއަށް ފޮށި ދިއްކޮއްލިއެވެ. އެ އަނގޮޓި އަކީ މީގެ ދެތިން ހަފުތާ ކުރިން ހަމްޒާ އޯޑަރުދީގެން ހަމްޒާ ބޭނުންވި ގޮތަށް ހައްދާފައިވާ ރަން އަނގޮޓިއެކެވެ.
''އަހަރެން ބޭނުން ނޫރާއާ މެރީ ކުރަން........... ވިލްޔޫ މެރީ މީ.........؟ ހަމްޒާ ދިއްކޮއްލި ކުޑަކުޑަ ފޮއްޓާ ދިމާއަށް ނޫރާ ބަލާލިއެވެ. ރީތި ހިމަހިމަ އަނގޮޓިއެކެވެ. އަނގޮޓީގެ މެދުގައި ވަނީ ކުޑަކުޑަ ހިތެކެވެ. ހިތުގެ މެދުގައި ކުޑަކުޑަ އަލިމަހެކެވެ. އަލިމަސް ކިތަންމެ ކުޑަ ނަމަވެސް ވިދުން ގަދައެވެ.
ހަމްޒާ މަޑުމަޑުން އަނގޮޓި ނޫރާގެ ވައަތުގެ ކަށި އިނގިލީގައި އަޅުވާލަދިނެވެ. އަދި އަނގޮޓި ހެޔޮވަރުކޮށްލަމުން ނޫރާގެ އަތްތިލަ ހަމްޒާގެ އަތްތިލަ މަތީ ބާއްވާލިއެވެ. އެކި ފަރާތް ފަރާތަށް އަރިވެލަމުން އެ އަތްތިލަ އަށް ބަލާލިއެވެ.
''ނޫރާގެ އަތްތިލައާ ވަރަށް ގުޅޭ ދޯ.........'' ހަމްޒާ ބަލާލީ ހައިރާން ވެފައި އިން ނޫރާގެ ދެލޮލަށެވެ. ދެލޮލުން ހަމްޒާއަށް ފެނުނީ އުފާވެރި ވިދުވަރެކެވެ. ދިގު އެސްފިޔަތަކުގެ ހިޔަނި ކޯތާފަތް މައްޗަށް އެޅިފައިހުރިއިރު ވަކިން ހިތްގައިމެވެ. ހިތާހިތުން ނޫރާގެ ރީތިކަމަށް ހަމްޒާ ތަޢުރީފް ކުރަމުން ލަދުން ރަތްވަމުންދިޔަ ކޯތާފަތުގައި ކޮއްޓާލިއެވެ.
ހަމްޒާ ދިން އަނގޮޓި ފެނުމުން، ނޫރާ ހައިރާންކަން އިހުނަށްވުރެ އިތުރުވިއެވެ. މީ ނޫރާ އުންމީދު ވެސް ނުކުރާ ކަމެއް ކަމުން، އޭނާ އިނީ ބަސް ހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ.
''މީ އަހަރެން ނޫރާ ދެކެ ވާ ލޯބީގެ ނިޝާނެއް........ މި އަނގޮޓި މި ލޯބިލޯބި އިނގިލިން ދުވަހަކުވެސް ވަކި ނުކުރައްޗޭ........'' އަނގޮޓި އަޅާފައިއޮތް އިނގިލީގައި ހިފަހައްޓާލައިގެން އިނދެ ހަމްޒާ އެދުނެވެ.
ނޫރާ ބޯޖަހާލަމުން އެކަމަށް އެއްބަސްވީ ހިތުގެ އަޑިން އެކަމަށް ބޭނުން ވެގެންނެވެ.
''އެކަމަކު މަންމަ ސުވާލުކޮށްފިއްޔާ ބުނާނީ ކީކޭ........ އަހަންނަކަށް ނުކެރޭނެ ހަމްޒާ ދިން އެއްޗެކޭ ބުނާކަށް.......'' ނޫރާ ކަންބޮޑުވީ އެ އަނގޮޓި ފެނިގެން އޭނާގެ މަންމަ ކޮއްފާނެ ސުވާލަކަށް ދޭނެ ޖަވާބަކާ މެދުގައެވެ.
'' ކޮންމެވެސް ދުވަހަކުން މަންމައަށްވެސް މިކަން އަންގަން ޖެހޭނެ އެއްނު........ އަހަރެން ދިން އެއްޗެކޭ ބުނަން ނުކެރެންޏާ ބުނޭ ލަޔާލް ދިން ހަދިޔާއެކޭ ....... އެހެން ބުނަން ކެރޭނެ ޔަގީނުންވެސް ދޯ.......'' ހަމްޒާ އެހެންބުނީ ސަމާސައަކަށް ނަމަވެސް ނޫރާއަށް ވިސްނުނީ ހަމްޒާ އެހެން އެބުނީ ހަމަ ސީރިއަސްކޮށް ކަމަށެވެ. އެގޮތަށް ބުނުން އެއީ އެންމެ ރަނގަޅު ގޮތަ ކަމުގައި ނޫރައަށް ވެސް ޤަބޫލު ކުރެވުނެވެ.
ލޯބިވެތި ވާހަކަ ތަކާ ވަޢުދާ އަޙުދު ތައް ވެވެމުން ދިޔައިރު، ވަގުތު ހިނގަމުންދާ ބާރުމިނެއް އެ ދެލޯބިވެރިންނަކަށް އިހްސާސެއް ނުކުރެވެއެވެ.
''ކޮބާ......... ދެން އަންނަންއުޅޭ........ ބޯއްތަ ގުޅައިފި ނޫރާ ލަސްވެގެން.......'' ލަޔާލްގެ ކޯލެއް އައުމާއެކު، ދެ ލޯބިވެރިންނަށް މަޖުބޫރުވީ ބައްދަލުވުން ކުރުކޮށްލާށެވެ. ހިތާދެކޮޅަށެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ފިހާރަ ހުޅުވުމަށްފަހު ސައުދު ބޭނުންވީ މުސްތަފާއަށް ގުޅާލާށެވެ. މަޝްވަރާ ކޮއްލަން ޖެހޭ ދެތިންކަމެއްވެސް އޮތަތީމައެވެ.
''އާނ...... ސައުދު....... ރޭގައި ހަމަ އެއްވެސް ވަގުތެއް ނުވި ގުޅާލާކަށް...... ކިހިނެއް ކަންތައްތައް ދަނީ....... އެންމެ ފަހުން ފޮނުވި ސެންޓްގެ ބާވަތްތައް ހުސްވެއްޖެތަ......... މިހާރު އެންމެ ބާރަށް ވިކެނީ ސެންޓް ހެން ހީވަނީ....... ދޯ........'' މުސްތަފާ ފެށީ އާދައިގެ މަތިން ވިޔަފާރީގެ ވާހަކަތަކެވެ.
''ސެންޓް އަދި އެއްކޮށް ހުހެއް ނުވޭ...... ބައެއް ވައްތަރުތައް ވަރަށް މަދުވެއްޖެ....... ތިޔެއް ނޫނޭ....... އެއްކަލަ ލަކުޑި ވިއްކާ ފިހާރައެއް ހުޅުވަންވެގެން ކީމެއްނު........އެކަހަލަ ކަމަކަށް ވަރަށް ރަނގަޅުތަނެއް އެބަހުރި ހުސްވެފަ........ އެތަން ކުއްޔަށް ދޫކުރަން ފޭސްބުކްގަވެސް ޖަހާފަ އެބައޮތް.......... ހަމްޒާ ގޮވައިގެން ދާން މިހިތައްއަރަނީ އެތަން ދައްކާލަން........'' ސައުދު ބޭނުންވީ މުސްތަފާ ދެކޭ ގޮތެއް އެކަމުގައި ބެލުމަށެވެ.
''ހަމްޒާއޭ........ ހަމްޒާ ގޮވައިގެން ކިހިނެއް ދާނީ......... ހަމްޒާ ދެން ނޭނގެ ތިހިސާބަށް ދާނެ ދުވަހެއްވެސް........ އެހެން ނޫނަސް ހަމްޒާ އަދި މާ ޅަވާނެ ތިޔަވަރުގެ ނިންމުންތައް ނިންމަން.......'' މުސްތަފާ ޗޮކެއް ކަނޑާލަމުން ބުނެލިއެވެ.
''ހަމްޒާ އެބައުޅެއެއްނު މިކޮޅުގަ....... ރޭގަ ފިހާރައިން ފެނުނު ގައިމު........ ލަޔާލްއާ ދެކުދިން މިތާ ބޭރުގަ އެތައް އިރެއް ވާންދެން ވާހަކަ ދައްކަން ތިބެފަ އެކުދިން ދިޔައީ........ '' ސައުދު އޮޅުން ފިލުވައިދިނެވެ. މުސްތަފާއަށް ލިބުނީ ޝޮކެކެވެ. ހަމްޒާ އެވަރުގެ އޮޅުވާލުމެއް އޮޅުވާލާފާނެ ކަމަކަށް އޭނާހީވެސް ނުކުރެއެވެ. އެހެންނަމަވެސް ނިކަން އަވަހަށް އޭނާގެ އަމިއްލަ ނަފުސު ހަމަޔަކަށް އަޅުވާލިއެވެ.
''އާނ......... އެހެންވީމަ އެ ދިޔައީތާ ދޯ........ ދެދުވަހެއް ފަހުން ދާ ވާހަކަ ބުނެފަ ދަތުރު އަވަސްކޮއްލީ ތޯއްޗެއް.......އެކަމަކު ހަމްޒާ އަށް ތި ވިޔަފާރީގެ ވާހަކަ އަދި ދައްކާނެ ކަމެއްނެތް........ އަދި ވިޔަފާރީގެ ތެރެއަށް ވަދެވޭވަރެއް އޭނާއަކަށް ނުވޭ...........'' މުސްތަފާ ބެލީ އޭނާގެ އާއިލާގެ ޤަދަރާ އަގު ވެއްޓިދާނެ ފަދަ ކަމެއް ހިނގައިގެން އުޅޭކަން އެއްވެސް މީހަކަށް ނާންގާވޭތޯއެވެ. އެހެންކަމުން ސައުދަށް ޝައްކެއްވެސް ނުވާނޭ ހެން ވާހަކަ ހަމަޖައްސާ ނިންމާލިއެވެ. ފޯނު ބޭއްވި އިރު މުސްތަފާގެ މޫނުމަތިން ހިތްހަމަ ނުޖެހުމާ ރުޅިވެރިކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 27 މާރިޗް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް