ވާހަކަ: ލޯބިވޭ އިންތިހާ – އަށާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... ހަމްޒާ އޭނާގެ ޖީންސްގެ ޖީބުގައިވާ ފޯނު ނެގިއެވެ. އެނދުގައި އިށީދެލުމަށްފަހު، އޭނާގެ ފޯނުގެ ސްކްރީންގައިވާ ނޫރާގެ ފޮޓޯއަށް ބަލާލިއެވެ. އެވަގުތު ނޫރާ ހިނިތުންވެލީހެން ހަމްޒާއަށް...

11 Mar 2025 | 08:47

ކުރީގެ އަދަދާއި ގުޅޭ....

ހަމްޒާ އޭނާގެ ޖީންސްގެ ޖީބުގައިވާ ފޯނު ނެގިއެވެ. އެނދުގައި އިށީދެލުމަށްފަހު، އޭނާގެ ފޯނުގެ ސްކްރީންގައިވާ ނޫރާގެ ފޮޓޯއަށް ބަލާލިއެވެ. އެވަގުތު ނޫރާ ހިނިތުންވެލީހެން ހަމްޒާއަށް ހީވިއެވެ. ލޯބިން ގޮސް އޭނާ މޮޔަވާވަރުގެ ފަރި ހީލުމެކެވެ. ނޫރާ ހީލާ ކޮންމެ ފަހަރަކު ހަމްޒާގެ ހިތް އުފަލުން ނަށާލައެވެ. އެ ލަދުވެތި އަދާ ހަމްޒާއަށް ވަރަށް ކަމުދެއެވެ. ނޫރާގެ ލޮލުން ހަމްޒާއަށް ބަލާލާ ކޮންމެ ފަހަރަކު، އެ ހިތުގައި ނޫރާއަށް އޮތް ލޯބި އެތައް ގުނައަކަށް އިތުރުވެއެވެ. ކޮންމެ ބަލާލުމެއްވެސް އެހާ ހިތްގައިމެވެ. އަސަރުގަދައެވެ. އެ ހިނިތުންވުމާ ހަމްޒާ ވަކިވާންވީ ހެއްޔެވެ. އެއީ ހަމަ އެހާ ފަސެހަކަމެއްހެއްޔެވެ. ނޫނެކެވެ. ހަމްޒާ ދެއަތަށް ބޯހޫރާލިއެވެ.

އެވަގުތު ފޯނަށް ކޯލެއް އައެވެ. ނޫރާގެ ކޯލެކެވެ. އެ ކޯލު ނަގަން ހަމްޒާ ކިތަންމެހާވެސް ބޭނުމެވެ. އެހެނަސް މިއަދު އެ ކޯލު ނަގާފައި ވާހަކަ ދެއްކުމުގެ ހިތްވަރެއް ހަމްޒާގެ ކިބައިގައި ނެތެވެ. ބަލަހައްޓައިގެން އިންދާ ކޯލު ކެނޑުނެވެ. އެއީ ހަމްޒާ ބޭނުންވާ ގޮތެއް ނޫނެވެ. ހަމްޒާ އިނީ ކަންބޮޑުވެގެންގޮސް ހަދާނެ ގޮތް ހުސްވެފައި އިން ހަމްޒާ އިތުރަށް ދެރަވެ މާޔޫސް ވެއްޖެއެވެ. ދެވަނަ ފަހަރަށް ނޫރާ ގުޅުމުން ހަމްޒާ ހިތްވަރުކޮށްފައި ފޯނު ނަގައިފިއެވެ.

''ހަލޯ........ ހަމްޒާ ....... ސައިބޮއިގެން ގުޅާނަމޭ ބުނީމަ އިންތިޒާރުގައި މީނީ........'' ކަންފަތުގައި ފޯނު ޖައްސަލުމާއެކު ނޫރާގެ ހިތްގައިމު އަޑު ހަމްޒަގެ ކަންފަތުގައި ބީހިލައިފިއެވެ. ދެލޯ މަރާލެވުނެވެ. އަނގަޔަކުން ނުބުނެވުނެވެ. އަރުތެރެ ބެދިފައިވާތީ ކަރުތެރެއިން އަޑެއް ނުނިކުތެވެ.

''މާ ބިޒީ ދުވަހަކީތަ؟ ......... ހަމްޒާ ބިޒީ ވިއްޔާ ދެން މި ވަންނަނީ ބަދިގެއަށް......... މިއަދު ހުކުރުދުވަހެއްނު......... އެހެން ނޫނަސް ލަޔާލް މެންގޭ މީހުން މިއަދު ކާން އަންނާތީ މެންދުރަށް ރަނގަޅު ކާއެއްޗެއް ހަދާ ވާހަކަ މަންމަ ބުނެފައޮތީ......... އެހެންވެ ތަންކޮޅެއް އަވަހަށް ބަދިގެއަށް ވަންނަން ކަމަށް މިއުޅެނީ......... ..'' ނޫރާ ވާހަކަ ދެއްކީ ނުހަނު ލޯބިން އެހާމެ މަޑުމައިތިރި ކަމާއެކުގައެވެ.

''ހަމްޒާ......... ހަލޯ.........'' ހަމްޒާގެ އަޑެއް ބަޑެއް ނީވުމުން ނޫރާ ކަންބޮޑުވެފައި ކަންފަތާ ފޯނު ދުރުކޮށްލަމުން ސްކްރީނަށް ބަލާލިއެވެ. އޭނާ ހީކުރީ އަޑު ނައީ ކޯލު ކެނޑިފައި އޮތީމާ ކަމަށެވެ. އެހެނަސް ކޯލެއް ނުކެނޑެއެވެ.

''ހަލޯ........'' ނޫރާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

''....ހަ.. ހަލޯ.........' ހަމްޒާ ބުންޏެވެ. ބުނީކީ ނޫނެވެ. ބުނެވުނީއެވެ. އަޑު ނިކުތީ ދެތިންފަހަރަކުމަސައްކަތް ކޮށްގެންވެސް މެއެވެ.  ހަމްޒާ ބުނީ ދެއަކުރުގެ ލަފުޒެކެވެ. އެހެނަސް ދެ އަކުރުގެ އެ ލަފުޒުންވެސް އެ އަޑު އަހަން ހުރި މީހަކަށް އެ އަޑުގައިވާ ވޭން އިހްސާސް ކުރެވޭނެ ކަން ޔަޤީނެވެ.

ހަމްޒާގެ އަޑު ނޫރާގެ ކަންފަތުގައި ޖެހުމާއެކު އެ އަޑުގައިވާ ތަފާތުކަމެއް ހުރިކަން އޭނާ ދެނެގަތެވެ. އެހެންކަމުން އެތަކެއް ސުވާލެއް އެއްފަހަރާ ނޫރާއަށް ކުރެވުނެވެ. ހަމްޒާ ބަލީތޯއާ، ކިހިނެތް ވެފައި ތޯއާ، އަދި މިހެންގޮސް އެތައްސުވާލެކެވެ. ހަމްޒާއަށް އެއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވުނެވެ. ނޫރާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ހަމްޒާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަ ދިޔައީ ގިނަވަމުންނެވެ. އެންމެފަހުން ހަމްޒާ ފޯނު ކަނޑާލިއެވެ.

''މިވަގުތު ވަރަށް ގިނަ މީހުންތެރޭގައި މިހުރީ ....... ފަހުން ގުޅާނަން.........'' ލޯ ފުރިފައިވާ ކަރުނައިގެ ތެރެއިން ހަމްޒާ ފޯނުގެ ސްކްލީންނަށް ބަލަންހުރެ މެސެޖެއް ލިޔެލިއެވެ. މެސެޖް ސެންޑް ކޮއްލުމަށްފަހު ލޯ މަރާލިއެވެ.

''ސޮރީ ނޫރާ.............'' ހަމްޒާއަށް މަޑުމަޑުން ބުނެވުނެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް، އެސްފިޔައް ތެރެއިން ފުރޭނިގެން ތިރިއަށް ސޮއްސާލިއެވެ. އަދި މަޑުމަޑުން ކޯތާފަތްމަތިން އޭނާގެ ތުނިކޮށް ކޮށާފައިވަ ތުނބުޅީގެ ތެރެއަށް ގޮސް ގެއްލުނެވެ.

ފިރިހެނުން ނުރޯނެ ކަމަށް ބުނާ ވާހަކަ ހަމްޒާވެސް އަޑުއަހައެވެ. އެކަމަކު އެއީ ދޮގެއްކަން މިއަދު ހަމްޒާއަށް އެނގިއްޖެއެވެ. ތަދާ ވޭނާ، ކެކުޅުމާ، އެކަނިވެރިކަމުގެ އިތުރުން، ހިތްދަތިކަމަކީ ކޮންމެ އިންސާނަކުވެސް ބަލިކޮށްލާ އިހްސާސް ތަކެކެވެ. ހަމްޒާ އަށް ވެސް މިއަދު އެވީ އެހެންނެވެ. އޭނާ އެއޮތީ އޭނާގެ ހިތްގައިމު ކޮޓަރީގައި ނުހަނު އަރާމު އެނދެއްގައެވެ. އެހެނަސް އޭނާ ލޯމަރާލައިގެން އޮތްއިރު އެސްފިޔަތަށް ތެމިފައިވަނީ ގައިމުވެސް އުފާވެރި ކަމުގެ ކަރުނަޔަކުން ނޫނެވެ.

******

''ހަމްޒާ.......... ހަމްޒާ..........'' ހަމްޒާއަށް ހޭލެވުނީ އޭނާގެ ބައްޕަ ގޮވާ އަޑަށެވެ. އޭނާއަށް ހީވީ ބިރުވެރި ހުވަފެނަކުން ހޭލެވުނުހެވެ. ކުއްލިއަކަށް ފުންމައިގެން ތެދުވެވުނެވެ. ގަޑި ބަލާލިއެވެ. ގަޑިން މެންދުރު ބާރަގަޑި ބައިވަނީއެވެ.

'' މަންމަ ކުއްލިއަކަށް ނޭވާ ހާސްވެ ޕްރެޝަރ މަތިވެގެން މިއުޅެނީ.............. ......ތައްޔާރުވެގެން އާދޭ މަންމަ ގޮވައިގެން ހޮސްޕިޓަލަށްދާން .........ބައްޕަމެން މިތިބީ ތިރީގަ.......... އަވަސްކޮއްލާތި އިނގޭ.......... '' މުސްތަފާ ބުނެލިއެވެ. އޭރު މުސްތަފާ ހުރީ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލައިގެންނެވެ. އޭނާގެ އަޑުގައިވަނީ ކަންބޮޑުވުމާ ހާސްކަމެވެ.

ހަމްޒާ އެނދުން ތެދުވިއެވެ.  ބޮލުގައި ރިހުމެއް ހުރިނަމަވެސް، އެކަމަކަށް އޭނާ ފަރުވާލެއް ނުބަހައްޓައެވެ. ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. ލޯގަނޑުން އޭނާގެ އަމިއްލަ މޫނު ފެނުމުން ޚުދު އޭނާވެސް ހައިރާން ވިއެވެ. އެ ރީތި ސާފު ދެލޯ ހުރީ ރަތްވެފައެވެ. އެ ދެލޮގައި އެއްވެސް ވިދުވަރެއް ނެތެވެ. މޫނުމަތީގައި އެއްވެސް ތާޒާކަމެއް ނެތެވެ. ހަމްޒާ ދެފަރާތަށް ބޯ ހޫރާލިއެވެ. މިއީ ހަމްޒާގެ އަމިއްލަ ނަފުސާ ދޭތެރޭގައި ވިސްނަންވީ ވަގުތެއް ނޫންކަން އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އަދި އަވަސްއަވަހަށް މޫނު ދޮވެލާ ތައްޔާރުވެލިއެވެ. ނުހަނު ހަލުވިކަމާއެކު ތިރިއަށް ފޭބިއެވެ. އޭރު ހަމްޒާގެ މަންމަ ސަކީނާ އިނީ ސޯފާގައެވެ.  އޭނާ ބައްޕަ ހުރީ މަންމަގެ އަތުގައި ހިފަހައްޓާލައިގެން ކޮޅަށެވެ. ގޭގައި ގެންގުޅޭ ބަގްލަދޭސް ދެމީހުންވެސް ތިބީ ނުހަނު ކަންބޮޑުވައެފައެވެ.

''ހިނގާ ނިކުންނަމާ...... ދަރިފުޅު ކާރުނެރޭ.......އަވަސްކުރޭ..........'' މުސްތަފާގެ އެހީގައި ސަކީނާ ކޮޅަށް ދެތުވެ ބޭރަށް ނިކުންނަން ހިނގައިގަތެވެ. މުސްތަފާގެ އެދުމުގެ މަތިން ސޯފާމަތީގައި ހުރި ފައިލް ތަކާ، ދަބަސް ހިފައިގެން ނިކުތީ މުނީބެވެ. ބޭރު މީހެއްކަމަކު، މުނީބަކީ އެގޭގައި މަސައްކަތް ކުރަން އުޅޭތާ ހައެއްކަ އަހަރުވީ، ވަފާތެރި ރަނގަޅު މީހެކެވެ.   ކާރު ސްޓާޓް ކޮށްލި ވަގުތު ހަމްޒާގެ ފޯނު ރިންގު ވާންފެށިއެވެ.

''ލަޔާލް....'' ހަމްޒާ ފޯނަށް ބަލާލަމުން ސްކްރީންގައިވާ ނަންކިޔާލިއެވެ. ހެނދުނު ހިނގާދިޔަ ކަންތައް ތަކުން ލިބުނު މާޔޫސްކަމާއި، މަންމަގެ ބަލިހާލުގެ ސަބަބުން، އެ ކޯލަށް ޖަވާބު ދިނުން އެއީ މިވަގުތު ހަމްޒާއަކަށް ފަސޭހަ ކަމެއް ނޫނެވެ.  އެހެންކަމުން ފޯނު ސައިލެންޓް ކޮއްލުމަށްފަހު ކާރު މަގުމައްޗަށް ނެރުނެވެ. ހުކުރުވަގުތާ ކައިރިވެފައިވާތީ މަގުތައް ވަނީ ހަލަބޮލި ވެފައެވެ.

ސަކީނާވެއްދީ އޭޑީކޭ ހޮސްޕިޓަލުގެ އަވަސްފަރުވާދޭ ބަޔަށެވެ. ހަމަ ވެއްދުމާއެކު ފަރުވާގެ ކަންކަން އިންތިޒާމު ކުރެވުނެވެ. ޑޮކްޓަރު ބެއްލެވުމަށްފަހު ދެއްވި އިރުޝާދާއެކު، ސަކީނާއަށް އޮކްސިޖަން ދިނުމުގެ މަސައްކަތުގައި ދެ ނަރުހަކު ހަރަކާތްތެރިވާން ފެށިއެވެ.  ހިތްހެޔޮ ކަމާ އޯގާތެރިކަމާއެކުގައެވެ. އޭރުވެސް ނޭވާ ލާން އުނދަގޫވެގެން ސަކީނާ ތެޅިފޮޅެނީއެވެ. ދެއަތުން މޭގައި ފިރުމަމުން ދިޔައިރު މޫނުމަތީގައިވަނީ ހާސްކަމާ ބިރުވެރިކަމެވެ. ސަކީނާއަކީ ކުދިކުދި ކަންތައްތަކާވެސް މާބޮޑަށް ހާސްވެ ކަންބޮޑުވާ މީހެކެވެ. ހިތުގެ މައްސަލައެއް ހުންނަ ކަން އެނގުނު ހިސާބުން އަދި އެކަންތައް ވަކީން ބޮޑުހެން ހީވެއެވެ.

********

އޮކްސިޖަން ދޭން ފެށުމުން ސަކީނާ މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ. ނޭވާ ހަމަޔަކަށް އެޅި، ސަކީނާއަށް ލޯމަރާލެވޭވަރުވީ ގަޑިއެއްހާއިރު ފަހުންނެވެ. އެހުރިހާ އިރު މުސްތަފާ އިނީ ސަކީނާގެ ގާތުގައެވެ. ސަކީނާގެ އަތުގައި ހިފަހައްޓައިގެން، އޭނާއަށް ހިތްވަރު ދިނުމުގައެވެ.

''ހަމްޒާ ދެން ގެއަށް ދާންވީނު.......... މަންމަ އަށް ކެވޭނެހެން ރަނގަޅު ލުއި ކާއެއްޗެއް ހަދާލަން މުނީބު ކައިރީ ބުނެލާނަން ބައްޕަ ........ދަރިފުޅު ހަވީރު އަންނަ އިރު ކާއެއްޗިހި ހިފައިގެން އާދެވޭނެއެއްނު.........'' އެނދުކައިރީ ކޮޅަށްހުރި ހަމްޒާގެ މޫނަށް ބަލާލަމުން މުސްތަފާ ބުނެލިއެވެ.

ހަމްޒާ އެއްވެސް އެއްޗެކޭ  ނުބުނެއެވެ. މަޑުމަޑުން ބޭރަށް ނުކުތެވެ. ހަމްޒާ ބޭނުންވީ ލަޔާލަށް ގުޅާލާ ވާހަކަ ދައްކާލާށެވެ. ހިތާ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނީ އޭރުންކަމުގައި ހަމްޒާއަށް ގަބޫލުކުރެވުނެވެ.

''ހަލޯ........'' ހަމަ ގުޅާލުމާއެކު ލަޔާލު ފޯނުނަގައިފިއެވެ.

''ލަޔާލް ބިޒީ ގަޑިއެއްތަ.........'' ހަމްޒާ އަހާލިއެވެ.

''ނޫނޭ......... ބިޒީއެއް ނޫން........ ކިހިނެއްވީ؟.........ކަމަކުތަ....... މިހާރުދެން އެކަމު އަހަރެންގެ ބޭނުމެއް ނުވެސް އޮންނާނެތާދޯ.......... ކެޔޮގަނޑު ކަނޑާލެވުނީމަ ގަހުގެ ބޭނުމެއް ނޯންނާނެޔޭ ބުނެއެއްނު.......'' ލަޔާލް ވާހަކަދެއްކީ އާދައިގެ މަތިން  ސަމާސާ ރާގެއްގައެވެ.

''ނޫނޭ........ އެހެނެއް ނުވާނެ ދުވަހަކުވެސް......... އަދިވެސް ލަޔާލްގެ އެހީ އަހަރެން ބޭނުންވާނެ ....... އަހަރެން........'' ހަމްޒާގެ އަޑުގައި ހުރީ ތަފާތު އަސަރެކެވެ. ސީރިއަސް ރާގެކެވެ. އެހެންޏާ ހުންނަ މަޖާކަމެއް މިއަދަކު ނެތެވެ.

ލަޔާލް......... މަންމަ އެބަގޮވާ........... ދޮންތަމެން ގެނައި ކޭކު ފަޅަންވެގެން ........ އާދެބަލަ........ ފޯނެއްގަ ދޯ........ އޯކޭ......... ނިންމާފަ އާދޭ..........'' މާދުރުން ލަޔާލް އަށް ގޮވަމުން ކައިރިއަށް އައި، ނޫރާގެ އަޑު ހަމްޒާގެ ކަންފަތުގައި ޖެހުނެވެ. އޭނާގެ ގައިން ހީބިހި ނަގާ މެޔަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. ލަޔާލް ހުރީ ފޯނެއްގައި ކަމެއް ނޫރާއަކަށް ނޭނގެއެވެ.

''މިއުޅެނީ މެންދުރު ކާން އައިސް ބޮޑުދައިތަ ގޭގައޭ........ މިއަދު ނޫރާ މިއޮތީ ވަރަށް މީރުކޮށް ކައްކާފަ........ ދޯ ނޫރާ.........'' ފޯނު ސްޕީކަރަށް ލަމުން ލަޔާލް ކައިރީގައި ހުރި ނޫރާއާ ދިމާއަށް ބަލާލަމުން އޭނާ ހިނތުންވެލިއެވެ.

''ކާކު.......'' ނޫރާ ހައިރާން ވެފައި މޭގައި އަތްޖައްސާލަމުން ފަހަތަށް ޖެހިލިއެވެ.

'' ސާބަހޭ........ ހަމްޒާގެ ކޯލެކޭ.......ހިފާބަލަ.........'' ލަޔާލް ވަގުތުން ނޫރާ އަތަށް ފޯނު ދިއްކޮއްލިއެވެ. އަދި ދުރަށް ހިނގައިގަތެވެ. ހަމްޒާއާ ވާހަކަދައްކަން ނޫރާއަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 13 މާރިޗް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް