ވާހަކަ: ލޯބިވޭ އިންތިހާ – ބާރަ ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ނޫރާ ބޭނުންވީ ހަމްޒާ ފުރުމުގެ ކުރިން މެސެޖަކުން ވިޔަސް ކޮންމެވެސް އެއްޗެކޭ ބުނެލާށެވެ. ބުނާނީވެސް ކީކޭހެއްޔެވެ. ބުނާނެ އެއްޗެއްވެސް އޭނާއަކަށް ނުވިސްނެއެވެ. އޭނާ ފޯނު ނަގައިފިއ...

18 Feb 2025 | 05:04

ކުރީގެ އަދަދާއި ގުޅޭ...

ނޫރާ ބޭނުންވީ ހަމްޒާ ފުރުމުގެ ކުރިން މެސެޖަކުން ވިޔަސް ކޮންމެވެސް އެއްޗެކޭ ބުނެލާށެވެ. ބުނާނީވެސް ކީކޭހެއްޔެވެ. ބުނާނެ އެއްޗެއްވެސް އޭނާއަކަށް ނުވިސްނެއެވެ. އޭނާ ފޯނު ނަގައިފިއެވެ. އެތައް ގޮތަކަށް މެސެޖް ލިޔެލިޔެފައި ފޮހެފިއެވެ. ލިޔެވޭ އެއްޗެއް ހަމަ ކަމުނުދަނީއެވެ. އެންމެ ފަހުން ނޫރާ ނިންމީ ހަމްޒާއަށް ނިޔާމަ ދަތުރަކަށް އެދޭ ވާހަކަ ލިޔެލުމަށެވެ. އެހެން ލިޔެލުމަކުން އަދި ގޯހެއް ނެއްތާއެވެ.

'' ވަރަށް ނިޔާމަ...... އަމާން ދަތުރަކަށް އެދެން....... '' ނޫރާ މެސެޖް ފޮނުވާލިއެވެ. އޭނާގެ ހިތްވަރު ގަދަކަމާމެދު ޚުދު އޭނާވެސް ހައިރާންވިއެވެ.

''އަދިވެސް ފެންނާނެ ކަމަށް އުންމީދު ކުރަން.......'' ދެވަނަ މެސެޖެއްވެސް ނޫރާ ލިޔެފިއެވެ.  ދެވަނަ ސިކުންތުގައި މެސެޖް ފޮނުވާވެސް ލެވިއްޖެއެވެ. ނޫރާއަށް އެ ކުރެވުނު ކަންތަކާމެދު ވިސްނާލެވުނީ އޭގެ ފަހުންނެވެ. ނޫރާއަށް އެކުރެވުނީ،  މީގެ ކުރިން އޭނާ ކުރާ ޒާތުގެ ކަމެއް ނޫނެވެ. ނުދަންނަ މީހުނަށް މެސެޖް ކުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ހަމްޒާގެ މެސެޖްތައް ކެނޑިނޭޅި އަންނަންފެށީ އެހިސާބުންނެވެ. ވާނީވެސް އެހެންނެވެ. އެ ފަދަ ފުރުސަތަކަށް އިންތިޒާރުކޮށްކޮށް ހަމްޒާ ހުންނަތާ އެތަކެއް ދުވަހެއްވީއެވެ.

އެއީ ފެށުމެކެވެ. ފުރަތަމަ އައީ ދެތިން މެސެޖެވެ. ލަސްލަހުން އައި ދެތިން މެސެޖް ކުރުވެފައި ސާދާވެސްމެއެވެ.  އެހެނަސް، ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް، ދެކޮޅުން ބަދަލުކުރެވެން ފެށި ކުރު މެސެޖްތައް، ދިގުވާންފެށިއެވެ. ޖަވާބުތައް އަވަސްވާން ފެށިއެވެ. މެސެޖުން ދެކެވެމުން ދިޔައީ އާދައިގެ ވާހަކަތަކެއް ނަމަވެސް، އެކަކު އަނެކެއްގެ މެސެޖަށް ދެމީހުންނަށްމެ، އިންތިޒާރު ކުރެވެން ފެށުނެވެ. ނަތީޖާއެއްގެ ގޮތުން، ވަގުތު ހޭދަވެގެންދިޔަ ގޮތެއް އޭގެން އެކަކަށްވެސް އިހްސާސެއް ނުކުރެވުނެވެ. އެރޭގެ ބޮޑުބައި އެގޮތުގައި ހޭދަވެގެން ދިޔަގޮތެއް ނޭނގި ތިއްބާ މެންދަމުން އަލިވެއްޖެއެވެ.

''ނޫރާ ....... ދެން ނިދާލާ.......... އަހަރެންވެސް ދެން މި ނިދަނީ......... މާދަމާ ވަރަށް ހެނދުނާ ފުރަންވެސް ޖެހޭނެ.........'' ހަމްޒާގެ ކޮންމެ މެސެޖެއް ކިޔަމުން ދާއިރު ނޫރާއަށް އިހްސާސް ކުރެވެނީ އެއީ ހަމްޒާ އޭނާގެ ކަންފަތް ކައިރީގައި ބުނެލާ ވާހަކައެއް ފަދައިންނެވެ. އޭނާއަށް ހަމްޒާގެ ހިތްގައިމު އަޑު އިވޭކަހަލައެވެ.

ހަމްޒާ ފުރައިގެން ދިއުމަށް ނޫރާއަށް ނުރުހެވެން ފެށުނެވެ. އެހެންވާންވީ ސަބަބެއް ނޫރާއަކަށް ނޭނގުނެވެ. ނޫރާއަށް ޔަޤީންވާ ކަމަކީ ހަމްޒާ ފުރާ ވާހަކަ ބުނުމުން އޭނާ ދެރަވާކަމެވެ. މާޔޫސް ވާކަމެވެ. އެގޮތް އޭނާގެ ހިތް ބޭނުން ނުވާކަމެވެ. ނޫރާގެ ހިތް އެދި ގޮވަނީ އަދި އެއްފަހަރު ހަމްޒާ ދެކިލުމަށެވެ. ނޫނެކެވެ. އެއްފަހަރަކު ނޫނެވެ. އެތަކެއް ފަހަރުވެސް ދެކެން ބޭނުމެވެ.

''މާދަމާ ފުރަނީތަ.......'' އެތައް އިރަކު ވިސްނުމަށްފަހު ނޫރާ މެސެޖް ކޮއްލިއެވެ. ނޫރާއަށް އަހާލެވުނީ ހަމްޒާ ތަކުރާރުކޮށް އެތައް ފަހަރަކު ޖަވާބު ދީފައިވާ ސުވާލެކެވެ. ވާނީ ވެސް އެހެންނެވެ. އެހޭނީވެސް އެނޫން ދެން ކޮން ސުވާލެއް ހެއްޔެވެ.

''ނޫރާ........ ހުރިހާ ވާހަކައެއް ކިހިނެއް މެސެޖުކޮށްގެން ކިޔާދެވޭނީ..........އަހަރެން ގުޅާލިޔަސް އެންމެ ރަނގަޅުތަ؟........'' ހަމްޒާ ބޭނުންވީ އޭނާ ކުރަމުން އައި އުންމީދުތަކުގައި ހަޤީޤީ ކުލަ ޖެއްސުމަށް ކުރަންޖެހޭ ހަމަކޮންމެ ކަމަކަށް މަގުފަހި ކުރާށެވެ. މިހުރިހާއިރު އޭނާ އެހުރީ މިފަދަ ފުރުސަތަކަށް ބަލަބަލައެވެ.

ނޫރާއަށް އަނެއްކާވެސް ޖެހުނީ ހަމްޒާ އެކުރި ސުވާލާމެދު ވިސްނާލާށެވެ. ހަމްޒާ ގުޅާ ވާހަކަ ބުނުމުން ނޫރާ ފިނިވާން ފެށިއެވެ. މިހުރިހާއިރު ހަމަޔަކަށް އެޅިފައިއޮތް، އޭނާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ނޫރާ ތެދުވެ އެނދުމަތީގައި އިށީނެދެލިއެވެ. ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު ހެޑްބޯޑުގައި ބުރަކަށި ޖައްސާލާ ހަމަޖެހިލިއެވެ.

''ނޫރާ......... އޯކޭތަ....... ޕްލީސް......... އެހާ ގިނަ އިރަކު ވާހަކައެއް ނުދައްކާނަމޭ.......... ނުރާއަށް ވާހަކަ ދައްކަން ނުކެރެންޏާ އަޑުއަހަން ހުއްޓަސް އެންމެރަނގަޅޭ........'' ހަމްޒާ އާދޭސް ކުރިއެވެ.

''އެންމެ ރަނގަޅު........'' ނޫރާ އެގޮތާ އެއްބަސްވިއެވެ. ނޫރާގެ ހިތް ގޮވާގޮވުމަށް އިޖާބަދެވުނީއެވެ. ނޫރާވެސް ހަމްޒާގެ އަޑު އަހާލަން ބޭނުމެވެ. އަޑު އަހާލަން ކިތަންމެ ހިތް އެދުނަސް އިސްނަގާކަށް އޭނާއަކަށް ނުކެރުނެވެ. ކިތަންމެ ހިތް އެދުނަސް،  އޭނާގެ ލަދުރަކިކަން އޭނާގެ ހިތުގެ އެދުމުގެ މައްޗަށް ބާރުފޯރުވަނީއެވެ.

ނޫރާގެ ޖަވާބު ލިބުމާއެކު ހަމްޒާގެ ހިތް އުފަލުން ނަށާލިއެވެ. ވާނީވެސް އެހެންނެވެ. އެތައް ދުވަހަކުއްސުރެ އޭނާ ކުރަމުން އައި އުންމީދުތަކުގައި ކުލަ ޖެހުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ލިބުނު ފެހި ސިގްނަލާއެކު ހަމްޒާ ލަހެއް ނުކުރެއެވެ. ނޫރާގެ ނަމްބަރަށް ގުޅާލިއެވެ.

''ހަލޯ.........'' ހަމްޒާ އެތައް ފަހަރަކު ގޮވި އިރުވެސް ނޫރާ ޖަވާބެއް ނުދިނެވެ. އޭނާ އިނީ އަނގައިން އަޑެއް ބޭރުވެދާނެތީ ނޭވާވެސް ހިފަހައްޓާލައިގެންނެވެ.

''އޯކޭ......... އަހަރެން ބުނިންދޯ ނޫރާ އޯކޭއޭ އަޑުއަހަން އިނަސް....... އެހެންވީމަ އިނދޭ އަޑުއަހަން......'' ހަމްޒާ ވާހަކަދައްކަން ފެށިއެވެ. އެތައް އިރަކު ހަމްޒާ ވާހަކަ ދެއްކިއެވެ. ހަމްޒާ ކިޔައިދިނީ މާދަމާ ހެނދުނު ފުރަން ނިންމާފައިވާހަކަ އާއި އޭނާގެ ބައްޕަޔާއެކު ކުރަންޖެހޭ ވިޔަފާރި ދަތުރުތަކުގެ ވާހަކައެވެ.

އޭނާގެ އަޑު ކަންފަތުގައި ޖެހެމުން ދިޔަ ވަރަކަށް ނޫރާ އެ އަޑު އެހުމަށް އިތުރަށް ޝައުގުވެރިވަމުން ދިޔައެވެ. އެ އަޑަކީ މިހާތަނަށް ނޫރާއަށް އިވުނު އެންމެ ހިތްގައިމު އަޑެވެ. އާނއެކެވެ. ހަމްޒާގެ އަޑު ހަމަ އެހާވެސް ރީއްޗެވެ. ހިތްގައިމެވެ. ހަމްޒާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް ނޫރާގެ ހިތަށް އެ އަޑުގެ ޖާދޫ ޖެހެމުން ދިޔައެވެ. ފޯނު ކަންފަތުގައި ޖައްސާލަމުން ނޫރާ ލޯމަރާލިއެވެ. އެހެން އިންނައިރު އޭނާއަށް އިހްސާސް ކުރެވެމުން ދިޔައީ ހަމްޒާ އޭނާގެ ކައިރީގައި ހުރެގެން ވާހަކަ ދައްކަމުންދާ ކަމުގައެވެ.

''ނޫރާ.......... '' ނޫރާގެ ނަމުން ހަމްޒާ ގޮވާލުމުން، ހަމަ ހިމޭން ކަމާއެކު ލޯމަރާލައިގެން ހަމްޒާގެއަޑުއަހަން އިން ނޫރާއަށް  ލޯ ހުޅުވާލެވުނެވެ. ވަށައިގެން ހޯދާ ބަލާވެސް ލެވުނެވެ. އޭނާއަށް ހީވީ ހަމްޒާ އޭނާގެ ގާތުގައި ހުރެފައި ގޮވާލީކަމަށެވެ. އޭނާ އިނީ އެހާވެސް ހަމްޒާގެ އަޑުގެ ޖާދޫގައި ޖެހި ހައްޔަރުވެފައެވެ. ހިތާ ސިނކުޑި ދޫކޮށްލެފިވައިވަނީ އެ އަޑުގެ މަސްތީ އަސަރުގައި ޖެހި އޮޔާދާށެވެ.

''ހަމަ އެއްވެސް އެއްޗެކޭ ނުބުނާނަންތަ؟........އަހަރެން މިހާރު ވާހަކަދައްކާދައްކާ ވަރުބަލިވެއްޖެ........'' ހަމްޒާ ސުވާލުކޮށްލީ ސަމާސާރާގެއްގައެވެ.

''ދެން ހަމަ ފުރަނީތަ؟.............'' ނޫރާގެ އަޑު ނުކުތެވެ. އެކަމުގައި އޭނާގެ އިޚްތިޔާރެއް ނެތްކަހަލައެވެ. ދެންވެސް ކުރެވުނީ ބޭކާރު މޮޔަ ސުވާލެކެވެ. ތަކުރާރުކުރެވުނީ ހަމަ އެއްކަލަ ސުވާލެވެ.

''ނޫރާ ބުނެފިއްޔާ މަޑުކުރާނަން.........އެކަމަކު މަންމަވެސް އެބަކިޔާ މާލެ އަންނާށޭ........މަންމަ އުޅެނީ މިހާރު އަހަރެން ދެކޭހިތުން.........'' ހަމްޒާ ޖަވާބު ދިނީ ނުހަނު ވިސްނައިގެންނެވެ.

''އޯކޭ އެހެންވިއްޔާ ..........'' ނޫރާ ވާހަކަ ދެއްކީ ނިކަން މަޑުމަޑުންނެވެ.

''ތިބުނީ މަޑުކުރާށޭތަ؟............ ނޫރާއަށް އޯކޭ ވިއްޔާ މަޑު ކުރާނަން.......... އެހެންވީމަ މާދަމާ އަދި ނުފުރާނަން..........އެހެންވީމަ އަހަރެން މާދަމާ ނުފުރާގޮތަށް މި ނިންމީ...........'' ނޫރާގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް ހަމްޒާ ވާހަކަދައްކަން ފެށިއެވެ. ހަމްޒާ އެއްނޭވާއިން ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ.

ނޫރާ އޭނާއަށް ބުނެވުނު އެއްޗަކާ، ހަމްޒާ ދެއްކި ވާހަކަ ގުޅުވާލަން ނޫރާ މަސައްކަތްކުރިއެވެ. ވިސްނާލެވުނެވެ.  ހަމްޒާ ދަތުރު ކެންސަލް ކޮށްފައި މަޑުކުރާކަށް ނޫރާއަށް ބުނެވުނު ބާވައެވެ. ނޫރާ ޖަވާބު ދޭން އުޅުނީ ހަމްޒާގެ ފަހު ސުވާލަށެވެ. އެއީ ހަމްޒާގެ މަންމަ އެހާ ހަމްޒާ ދެކޭހިތުން ހުރިއްޔާ ހަމްޒާ ފުރިޔަސް އެންމެ ރަނގަޅުކަމުގައި ނޫރާ ދެކޭތީ ދެޏް ބޭނުންވި ޖަވާބެކެވެ. އެހެނަސް ނޫރާގެ ޖަވާބު ނޫރާ ހިތުގައިވާ ގޮތަށް ބުނުމުގެ ފުރުސަތެއް ނުލިބުނެވެ. ހަމްޒާ އެ ޖަވާބުގެ މާނަ ނެގީ ހަމްޒާ ބޭނުންވި ގޮތަށެވެ. އެއީ ހަމްޒާ ހަމަ ގަސްދުގައި ކުރިކަމެކެވެ. އިތުރަށް ވާހަކަދައްކަން ނޫރާއަށް ފުރުސަތު ދީފިނަމަ އޭނާ ބޭނުންވާގޮތަށް ނުވެދާނެތީއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 20 ފެބްރުއަރީ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް