ވާހަކަ: ލޯބިވޭ އިންތިހާ – އެގާރަ ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ''އަމާނާތްތެރިކަމާއެކު އަހަރެންގެ ކާޑު ހަވާލުކޮށްދިނީމަ ވަރަށް ބޮޑަށް ތޭންކްސް......'' ހަމްޒާ ވެސް އިސްއުފުލާލަމުން ނޫރާގެ މޫނަށް ބަލާލިއެވެ. ޝުކުރުވެރިކަމާއެކު އޭނާ ހިނިތުންވެ...

13 Feb 2025 | 06:35

ކުރީގެ އަދަދާއި ގުޅޭ...

''އަމާނާތްތެރިކަމާއެކު އަހަރެންގެ ކާޑު ހަވާލުކޮށްދިނީމަ ވަރަށް ބޮޑަށް ތޭންކްސް......'' ހަމްޒާ ވެސް އިސްއުފުލާލަމުން ނޫރާގެ މޫނަށް ބަލާލިއެވެ. ޝުކުރުވެރިކަމާއެކު އޭނާ ހިނިތުންވެލިއެވެ.

ނޫރާ އަށް ހަމްޒާގެ މޫނުން ނަޒަރު ވަކިކޮށްލަން އުނދަގޫވެއްޖެއެވެ. ރީތި ފިރިހެންވަންތަ މޫނެކެވެ. މާ ދޮން ނޫނަސް ހަމްޒާއަކީ ރީތި ޒުވާނެކެވެ. ނޫރާއަށް ސިއްރު ސިއްރުންވެސް ބެލެނީ ހަމްޒާއާ ދިމާލަށެވެ.

''ހަމްޒާ މާދަމާ ހެނދުނު ފުރާނެ..........'' ލަޔާލް ކައި ނިމިގެން އަތްދޮންނަން ސިންކު ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

އިސްޖަހައިގެން ހުރި ނޫރާއަށް ބަލާލެވުނީ ހަމްޒާގެ މޫނަށެވެ. ހަމްޒާ ހަމަ ގަސްދުގައި، ނޫރާއާ ދިމާއަށް ނުބަލަން އިންހެން ނޫރާއަށް ހީވިއެވެ. އެހެނަސް ނޫރާ ހަމްޒާއާ ދިމާއަށް ސިއްރު ސިއްރުން ބަލާތާ ކިތަންމެ އިރެކެވެ. ބަލަނީއެއް ނޫނެވެ. ބެލެނީއެވެ. ނުބަލަން ހުއްޓަސް ހަމަ ބެލެނީއެވެ.

ކައި ނިމިގެން ހަމްޒާ ތެދުވެ، އަތްދޮވެ އެތަނުން ބޭރަށް ނިކުންނަން ހިނގައިގަތް އިރުވެސް ނޫރާ ހަމަ އެހުރިގޮތަށް ހުރީއެވެ. ކޮންމެވެސް ފުން ވިސްނުމެއްގައި ހުރިހެން ހީވެއެވެ.

''ނޫރާ....... '' ލަޔާލްގެ ފަހަތުން ނުކުންނަން ދަމުން، ނޫރާގެ ގާތަށް ޖެހިލާ ހަމްޒާ މަޑުމަޑުން ނޫރާއަށް ގޮވާލިއެވެ. ނޫރާ ސިހުނެވެ. އެހާ މަޑުމަޑުން ގޮވާލުމުންވެސް މެއެވެ.

''ފުރަން މިއުޅެނީ....... ހިތްހެޔޮ ކުރާތި އިނގޭ......ތީ ވަރަށް ލޯބި ކުއްޖެއް......އެކަމަކުވެސް......... ދެން ނޭނގެ ފެންނާނެ ކަމެއް........'' ހަމްޒާ ހަމަ އެހާ މަޑުމަޑުން ބުނެލިއެވެ. ހީވަނީ އެހެން މީހަކަށް އަޑުއިވިދާނެތީ ސިއްރުން ބުނާހެންނެވެ.  އެ އަޑު އަހަމުން ދިޔައިރު ނޫރާއަށް ކުރެވެމުންދިޔައީ ތަފާތު އިހްސާސެކެވެ. މީގެ ކުރި ނުކުރެވޭ ޒާތުގެ ފޮނި އިހްސާސެކެވެ.

ހަމްޒާ ނޫރާގެ މޫނަށް ބަލާލިއެވެ. ހަމްޒާ ފުރާވާހަކަ ބުނުމުން ނޫރާގެ މޫނަށް އެއްވެސް ބަދަލެއް އައިތޯ ހަމްޒާ ބަލާލީހެން ހީވެއެވެ.

ހަމްޒާއަށް ނޫރާގެ މޫނުން ތަފާތެއް ފާހަގަ ކުރެވުނު ހެނެއް ހިޔެއްނުވެއެވެ. އެހެން ކަމުން އޭނާ ނޫރާއަށް ފުރަގަސްދިނުމަށްފަހު ނިކުންނަން ހިނގައިގަތެވެ. މާޔޫސް ކަމާއެކުގައެވެ. ހަމްޒާ އުންމީދުކުރީ ނޫރާވެސް ކޮންމެވެސް އެއްޗެކޭ ބުނާނެ ކަމަށެވެ. ކުޑަމިނުން ހިނިތުންވެލާނެކަމަށެވެ.   އޭރު ލަޔާލް އެތަނުން ދިޔަތާ ކިޔަންމެ އިރެކެވެ. ލަޔާލް މާކުރިން ނުކުންނަން ބޭނުންވެފައި ހުރީ ހަމްޒާއަށް އެ ފުރުސަތު ދިނުމަށް ކަމަށްވެސް ވެދާނެއެވެ.

''ހަމްޒާ.......'' ނޫރާގެ ތުންފަތް ހަރަކާތް ކުރިނަމަވެސް އަޑެއް ނުނިކުތެވެ. ނޫރާ ބޭނުންވީ ހަމްޒާ ކައިރީގައި ކޮންމެވެސް އެއްޗެކޭ ބުނާށެވެ. ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް ބުނާށެވެ. އެހެންނަމަވެސް އޭނާއަށް އެ ފުރުސަތު ލިބުމުންވެސް، ހަމަ އެކައްޗެކޭވެސް ނުބުނެވުނެވެ. ހަމްޒާ ނުކުމެގެން ދަންދެން ހަމަހިމޭނުން ބަލަންހުރެވުނީއެވެ.

ނޫރާއަށް އޭނާގެ އަމިއްލަ ނަފުސު ދެކެ ރުޅިއާދެވުނެވެ. އެންމެ ކުޑަމިނުން ނޫރާއަށް ހަމްޒާ ޝުކުރު އަދާކުރުމުން، އެކަމުގެ ބަދަލުގައިވެސް އެއްވެސް އެއްޗެކޭ ނުބުނެވުނީތީ، ނޫރާ އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރިއެވެ.

''އައްދެ އަދިވެސް ތިޔަހުރީތަ ދަރިފުޅާ......... މެންދުރުވެސް ނުކަމެއްނު........ އުޅޭ ދެން ކާން........ މަންމަ މިއައީ ދުފާތަބަކުގަ ކަރަންފުލެއް ނެތީމަ، ފިހާރައަށް ގޮސް ކަރަންފޫކޮޅެއް ގަނެގެން........ދެން ކާންއުޅޭ...... މަންމަ މި ތަށިތައް ނަގާނަން........'' ޒަރީނާ ނިކަން އަވަސް އަރުވާލާފައި މޭޒުމަތިން ލަޔާލްމެން ކޭ ތަށިތައް ނަގަން ފަށައިފިއެވެ.

''މަންމާ ...... ކޮބާ ލަޔާލް........ ދިޔައީތަ.......'' ކާމޭޒު ކައިރިއަށް ޖެހިލަމުން ނޫރާ ސުވާލުކޮށްލިއެވެ. މެންދުރު ނުކައި ހުއްޓަސް ނޫރާ ބަނޑުހައެއް ނުވެއެވެ. ނޫނީ ބަނޑުހައިވާކަންވެސް އިހްސާސް ނުވަނީތޯއްޗެކެވެ. ކާން އިށީނުމުގެ ބަދަލުގައި އޭނާ ބެލީ ލަޔާލް ކޮބައިތޯއެވެ. ލަޔާލް ގެ ނަން އޭނާގެ އަނގައިން ބޭރުވިޔަސް އޭނާގެ ހިތް ސުވާލުކުރަމުން ދިޔައީ ހަމްޒާ ކޮބައިތޯއެވެ. އޭނާގެ ޝައުގުވެރިކަން ހުރީ ހަމްޒާ ވީތަނެއެއް އޮޅުންފިލުވުމަށެވެ.

''ލަޔާލް އެބައިން އުނދޯލީގަ......... ދަރިފުޅުވެސް ތަންކޮޅެއް ގިނައިން ލަޔާލް މެންގެއަށް ގޮސްލާ އުޅެބަލަ.......... އެމީހުން އަބަދު މިގެއަށް އަންނައިރު، ދަރިފުޅުވެސް ވާނެ އެންނު އެގެއަށްވެސް ދާން...... '' ޒަރީނާގެ މޫނުމަތިން ފެންނަންހުރީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.

ލަޔާލްއަކީ ޒުލްފާ ގެ ހުރި  ހަމައެކަނި ފިރިހެން ދަރިފުޅެވެ. ލަޔާލްގެ ދޮއްޓަށް އެއާއިލާގައި ދެ  އަންހެންކުދިން ތިބެއެވެ. އެދެކުދިންވެސް އުޅެނީ އަމިއްލަ ދިރިއުޅުން ފަށައިގެން ނުހަނު އުފަލުގައެވެ.

ޒުލްފާއަކީ ޒަރީނާގެ ދައްތައެވެ. ޒުލްފާ އާއި ޒަރީނާގެ ދެބެންގެ ދެމެދުގައި އޮންނަނީ އާއިލީ ލޯތްބާއި ކުލުނެވެ. އެކަން ވާނީވެސް އެހެންތާއެވެ. ޒަރީނާއަށް ދަރިއަކު ނުލިބި ހޭދަކުރި ދިގު މުއްދަތުގައި ޒުލްފާގެ ދަރިން، ޒަރީނާ ބެލީ ނުހަނު ލޯތްބާއެކުގައެވެ.

''އިއްޔެވެސް މަންމަ އެގެއަށް ވަދެލިން...... އެންމެންވެސް ދެއްކީ ދަރިފުޅު މިހާރު ނުފެންނަވާހަކަ........'' ޒަރީނާ ނިކަން އަތްމަތި އަވަސްކޮށްލާފައި ތަށިތައް ނަގާ ނިންމާލިއެވެ.

ޒަރީނާ އަނގަތަޅަމުން ދިޔަނަމަވެސް ނޫރާއަށް އެ އަޑު އިވޭހެނެއް ހިޔެއް ނުވެއެވެ. ތައްޓަށް ފިހުނު މަސްކޮޅެއް ވައްޓާލައިގެން އިނގިލިން ކުދިކުދި އެތިއެތިކޮޅު ވަކިކޮއްލަ ކޮއްލާ ނޫރާއިނެވެ. ކައިރީގައި ހުރި ޖޫސްތަށިވެސް ހަމަ އެހުރިގޮތަށް ހުއްޓެވެ. ތައްޓަށް ބަލަން އިންހެން ހީވިޔަސް، ތަށި ތެރޭގައި ހުރިއެއްވެސް އެއްޗެއް ނޫރާއަކަށް ނުފެނެއެވެ. އޭނާގެ ލޯ ކުރިމަތީ ނެތަސް، އޭނާއަށް ފެންނަނީ ހަމްޒާގެ މޫނެވެ. އެތަނުގައި ހަމްޒާ ނެތަސް، އޭނާގެ ކަންފަތަށް އިވެމުންދިޔައީ ހަމްޒާ އެންމެ ފަހުން ބުނި ވާހަކަތަކެވެ.

''މަންމަ މި ނިކުންނަނީ އިނގޭ....... ދަރިފުޅު ރަނގަޅަށް ކާތި....... '' ޒަރީނާ އެނިކުތީއެވެ. ނޫރާ ކާން ބައިންދާފައެވެ. ނޫރާއަކީ ގެވެހި، ހުރިހާ މަސައްކަތެއް ދަންނަ ކުއްޖެކެވެ. ހުރިހާ މަސައްކަތެއް ކުރަން އެނގޭ ކުއްޖަކަށް ވިޔަސް، ނޫރާ ކާ ތަށިވެސް ގިނަފަހަރަށް  ދޮވެލަނީ ޒަރީނާއެވެ. ޒަރީނާ ނޫރާއަށް އެ ކަންތައްތައް ކޮށްދެނީ އަމިއްލައަށް އެކަމަށް ބޭނުން ވެގެންނެވެ. ޒަރީނާގެ ފުރާނައަށް ވުރެ ލޯބިވާ އޭނާގެ ހަމައެކަނި ދަރިފުޅަށް ވާތީއެވެ. އެއީ ނޫރާލައްވާ ކަމެއް ނުކުރުވަން ވެގެނެއް ނޫނެވެ. ޒަރީނާ، އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކޮށްފައިވަނީ، މަޔަކު ދަރިއަކު ތަރުބިއްޔަތު ކުރާނެ އެންމެ ފުރިހަމައަށެވެ.

''ބޮޑުދައިތާ...... ބޮޑުދައިތަގެ ދުފާތަބަށް ހަމްޒާއަށް ވަރަށް ކަމުގޮސްފި.......'' ޒަރީނާ ފެނުމުން އުނދޯލިން ތެދުވަމުން ލަޔާލް ބުނެލިއެވެ.

''ތިޔަވީ...... ތިޔަކުދިންނަށް ކަމުދަންޏާ ރަނގަޅަށް ދުފާލާ.......'' ޒަރީނާ އަކީ ހިތްހެޔޮ މީހެކެވެ. ވާހަކަދެއްކުގައިވެސް އަޑުއަހާ މީހަކަށް އެކަން ފާހަގަ ކުރެވޭނެއެވެ.

''ނޫރާ ކޮބާ.........'' އަތުގައި އޮތް ގަޑިއަށް ބަލާލަމުން ލަޔާލް ސުވާލުކޮށްލިއެވެ.

''އެބައިން ކާން......... ދެން ހިއެއް ނުވޭ ނިކުންނާނެހެއް........ ނޫރާ ނިކަން އަވަހަށް ނިދާނެ........'' ޒަރީނާ ދުފާތަބަކުން ފޯއްފޮއްޗެއް އަނގަޔަށްލަމުން ބުނެލިއެވެ.

''އެހެންވީމަ ދެން ދަނީ އިނގޭ ........ ދާންވީ ދޯ ހަމްޒާ......'' ލަޔާލް އެހެން ބުނުމުން ހަމްޒާވެސް އުނދޯލިން ތެދުވިއެވެ.

''ނޫރާ މަންމާ  ...... ދަނީ އިނގޭ........ މިގޭން ކެއި ހުރިހާއެއްޗެއްވެސް ވަރަށް މީރު........ ހިތަށް އަރާ ......'' ހަމްޒާ ޖުމުލަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ.

''ހިތަށް އަރަންޏާ ލިބޭނެ........ މިގެއަކީ ބީރައްޓެހިގެޔެއް ނޫނޭ ދޯ ލަޔާލް ކޮއްކޯ........ މީ ހަމަ ލަޔާލްގެ ވެސް ގެ....... ބޭނުންވީމަ ހަމަ އަންނަންވީ....... ދޯ އެކޮއި.......'' ޒަރީނާ ލަޔާލްގެ މޫނަށް ބަލާލިއެވެ. އެ ބެލުމުގައި ވަނީ ލޯތްބާއި ކުލުނެވެ. އޯގާތެރިކަމާ ހިތްހަމަޖެހުމެވެ. ޒަރީނާގެ ހިތުގައި ލަޔާލްއާ މެދު ދެކެމުންދާ ހުވަފެންތައް އޭނާގެ ލޮލުން ފެންނަން ހުއްޓެވެ. އެކަމަކު އެ އަސަރުތައް މާނަ ކުރާކަށް އޭގެން އެކަކަށްވެސް ނޭނގުނެވެ.

''ލަޔާލް ކޮއްކޯ.....ބޮޑުދައިތަ އެބައޮތޭ ކަމަކު ކިޔަންވެފަ........... މާދަމާވެސް ވިއްސާރައިއްޔާ އަންނާތި ނޫރާ ފިހާރަޔަށް ގެންގޮސްދޭން....... ބޮޑުދައިތަވެސް މިއުޅެނީ ފައެއްގައި ރިއްސާތީ ......... '' ހަމްޒާއާ ލަޔާލް ދޮރާށިން ނިކުންނަން ހިނގައިގަތުމުން ޒަރީނާ ބުނެލިއެވެ.

އެއީ އޭނާ މާކުރިއްސުރެ ބޭނުން ވެފައިވާ ގޮތެވެ. ނޫރާ ފިހާރައަށް ލާން ދިއުމާ ބަލާ ދިއުން މިހާރު ލަޔާލްއާ ހަވާލުކުރަން ޒަރީނާ މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް ނޫރާގެ ގޮތް ދޫނުކުރުމުގެ ސަބަބުން އެކަން އެގޮތަށް ނުވެފައި އޮތީއެވެ. އެއީ ޒަރީނާ މާކުރިއްސުރެ ދެކެމުން އަންނަ ހުވަފެއްގައި ކުލަޖެއްސުމަށްޓަކައި މަގުފަހި ކުރުމުގެ ގޮތުން އޭނާ ކުރަން ބޭނުންވާ ކަމެކެވެ.

''މަންމާ....... އެމީހުން ދިޔައީތަ.......'' ނޫރާގެ އަޑު އިވުމާއެކު ޚިޔާލީ ހުވަފެން ތަކެއް ދެކެމުން ދިޔަ ޒަރީނާއަށް އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނެވެ.

''އާނ....... އެ ދިޔައީ......... މަންމަ ހީކުރީ ދަރިފުޅު ނިދަން ވަނީ ކަމަށް........ '' ޒަރީނާގެ ޖަވާބު އަޑުއިވުމާއެކު ނޫރާ މާޔޫސްވާގޮތް ވިއެވެ. އެހެންކަމުން އިތުރުއެއްވެސް އެއްޗެކޭ ނުބުނެ، ނޫރާ ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ.

ނޫރާ އެނދުގައި އިށީދެލުމަށްފަހު ވިސްނާލިއެވެ. ހަމްޒާ އާ ދޭތެރޭގައެވެ. ނޫރާ ބޭނުންވީ ހަމްޒާ ފުރުމުގެ ކުރިން މެސެޖަކުން ވިޔަސް ކޮންމެވެސް އެއްޗެކޭ ބުނެލާށެވެ. ބުނާނީވެސް ކީކޭހެއްޔެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އޭނާ ފޯނު ނަގައިފިއެވެ. އެތައް ގޮތަކަށް މެސެޖް ލިޔެލިޔެފައި ފޮހެފިއެވެ. ލިޔެވޭ އެއްޗެއް ހަމަ ކަމުނުދަނީއެވެ. އެންމެ ފަހުން ނޫރާ ނިންމީ ހަމްޒާއަށް ނިޔާމަ ދަތުރަކަށް އެދޭ ވާހަކަ ލިޔެލުމަށެވެ. އެހެން ލިޔެލުމަކުން އަދި ގޯހެއް ނެއްތާއެވެ.

'' ވަރަށް ނިޔާމަ...... އަމާން ދަތުރަކަށް އެދެން....... '' ނޫރާ މެސެޖް ފޮނުވާލިއެވެ. އޭނާގެ ހިތްވަރު ގަދަކަމާމެދު ޚުދު އޭނާވެސް ހައިރާންވިއެވެ.

''އަދިވެސް ފެންނާނެ ކަމަށް އުންމީދު ކުރަން.......'' ދެވަނަ މެސެޖެއްވެސް ނޫރާ ލިޔެފިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 18 ފެބްރުއަރީ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް