އަލީ ރަމީޒު ޖަމުޢިއްޔާއެއް އުފައްދައި ރަޖިސްޓްރީކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ރޭގައި ކުރި ޕޯސްޓެއްގައި އަލީ ރަމީޒް ބުނެފައިވަނީ ޖަމުޢިއްޔާއެއް އުފައްދާފައިވަނީ އިސްލާމް ދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، އިސްލާމީ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަޤްޞަދުގައި ކަމަށެވެ.
"އަޅުގަޑުމެން ޖަމްޢިއްޔާއެއް އުފައްދައި، މި ޖަމްޢިއްޔާއަށް "މަންފާ" ގެ ނަމުން ނަންދީ ރަޖިސްޓްރީ ކުރިކަމުގެ އުފާވެރި ޚަބަރު ތިޔަ ލޮބުވެތި އަޚުންނާ އުޚުތުންނަށް އަރުވަމެވެ" އަލީ ރަމީޒް ބުނެފައިވެއެވެ.
ޖަމުޢިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރުގެ މަޤާމު ގިނަ ދުވަސްތަކެއް ވަންދެން އަދާކުރުމަށްފަހު އެ ޖަމުޢިއްޔާއިން އަލީ ރަމީޒް ވަކިވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. އެ ޖަމުޢިއްޔާއިން ވަކިވި ސަބަބެއް އަލީ ރަމީޒް ހާމަކޮށްފައެއް ނުވެއެވެ.