ފިހާރައިގެ ދޮރުގައި އަޅުވާފައި އޮތް ބޯޑު ފުށުން ޖަހާލުމަށްފަހު ނޫރާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. މަޣުރިބު ނަމާދަށް ގޮވަން ފަސްވަރަކަށް މިނެޓަށްވީއެވެ. ފިހާރަ ބަންދުކުރާގަޑިއަށް މަންމަ ނޫނީ ބައްޕަ، ނޫރާ ބަލާ އަންނާނެކަން އެނގޭތީ ވަގުތަށް ފިހާރަ ބަންދުކުރެވޭތޯ އޭނާ ހުރީ ނުހަނު އަވަސް އަރުވާލާފައެވެ. މަންމަމެން ބަލާއައިސް ނޫރާއަށް އިންތިޒާރު ކުރުވަން ޖައްސަން ބޭނުން ނުވާތީއެވެ.
ފިހާރައިގެ ކޭޝިއަރެއްގެ ވަޒީފާގައި ނޫރާ މި ހޭދަކުރި އަހަރު ދުވަހުގެ ތެރޭގައި، އެންމެ ފަހަރަކުވެސް ނޫރާ އެކަނި ގެއަށް ދާން ޖެހިފައެއް ނެތެވެ. ފިހާރައަށް އަންނަންޖެހޭ ކޮންމެ ވަގުތަކުވެސް ނޫރާއާއެކު އޭނާގެ ބައްޕަ ނޫނީ މަންމަ އާދެއެވެ. އެއީ ނޫރާދެކެ އެދެމަފިރިން ވާ ލޯބި އަންގައިދޭ ހެއްކެކެވެ. ނޫރާއަކީ އުމުރުން އެކާވީސްވަނަ އަހަރު ގުނަމުންދާ ޒުވާން އަންހެން ކުއްޖެއް ނަމަވެސް، ނޫރާގެ މަންމަ އާ ބައްޕަގެ ލޮލަށް ނޫރާ ފެންނަނީ ތުއްތު ކުއްޖެއް ފަދައިންނެވެ.
އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ނޫރާ އަކީ ޒަރީނާއާ ރަޝީދުގެ ލޯބީގެ ބަގީޗާގައި ފޮޅުނު ހަމައެކަނި މަލެވެ. ދަރިއަކު ނުލިބި އަށެއްކަ އަހަރު ހޭދަވުމަށްފަހު އެ ދެމަފިރިންނަށް މިންވަރު ކުރެއްވި ހަމައެކަނި ފުރާނައެވެ. ޒަރީނާގެ އުނގު ފަޅުފިލުވާލަ ދޭނެ ދަރިއަކަށްޓަކައި އެދެމަފިރިން ތާ އަބަދު ދުޢާކޮށް އެދެމުން ދިޔަ އެދުން ފުރިހަމަވީ ކައިވެންޏަށް އަށް އަހަރު ފުރުނު ފަހުންނެވެ.
އެ ދެމަފިރިންގެ ހިތުގެ ފިނިކަން ކަމުގައިވި ދަރިފުޅު ދުނިޔެއަށް ނޭވާލީއްސުރެ ދެމަފިރިންގެ ވަގުތުތައް އެ ދަރިފުޅަށްޓަކައި ވަގުފުކުރިއެވެ. ދަރިފުޅު އުފަލުގައި ބެހެއްޓުމަށްޓަކައި ރޭދުވާ އެއްކޮއްލީ ހިނިތުންވަމުންނެވެ. ކުރަމުންއައި ދަނޑުހެއްދުމުގެ މަސައްކަތުގެ އިތުރުން، ފަންގިވިނުމުގެ މަސައްކަތް ރަޝީދު ފެށިއެވެ. ނޫރާއަށް ބޭނުންވާ އެއްވެސް ކަމަކަށް، ނުވަތަ އެއްޗަކަށް ދަތިނުވާވަރަށް ފައިސާ ހޯދުމުގެ ބޭނުމުގައެވެ. ނޫރާގެ މުސްތަޤްބަލަށްޓަކައި ކުރެވޭ ފޮނި އުންމީދުތައް ދެމަފިރިންގެ ހުވަފެންތަކާ ވަނީ ގުޅިފައެވެ.
ފިހާރައަކީ ރަށުގައި ހުރި ބޮޑެތި ފިހާރަތަކުގެ ތެރެއިން އެންމެ ހިނގާ ފިހާރައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މުޅި ކުޅުދުއްފުށީގައިވެސް ހުރި އެންމެ ނަންހިނގާ އެއްފިހާރައެވެ. ނަން ހުސްކޮށް ތަފާތު އެކި ބާވަތް ބާވަތުގެ މުދާތަކުން ފިހާރައިގެ ހަރުގަނޑުތައް ވަނީ ފުރި ބާރުވެފައެވެ.
ފިހާރަ ހުންނަނީ ރަށުގެ އެންމެ ގިނަމީހުން އެއްވެ އުޅޭ ހިސާބުގައިކަމުން ފިހާރައިގައި މީހުންމަދުވާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. އެހެންކަމުން، އެތާނގައި ހޭދަކުރާ ހުރިހާ ވަގުތަކީވެސް ކޮންމެވެސް ކަމެއްގައި ނޫރާ ހޭދަކުރަންޖެހޭ ވަގުތެކެވެ. ކައުންޓަރުގައި ނޫރާގެ އިތުރުން އަދި އެހެން ކުއްޖަކު އިންނަމަވެސް ގިނަ ފަހަރު ފައިސާ މާރުކުރުމާ ކޮތަޅަށް އެއްޗިހި އަޅައިދޭންޖެހެނީވެސް ނޫރާއަށެވެ. ފިހާރައިގައި މަސައްކަތް ކުރަންފެށިފަހުން މިވީ އަހަރުދުވަހުގެ ތެރޭގައި ނޫރާގެ މުސާރަ ދެގުނައަށް ބޮޑުވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ ނޫރާގެ ހީވާގިކަމާ ފަރުވާތެރިކަމެވެ. އެއީ އޭނާ ގަޑިއަށް ސަމާލުކަން ދިނުމާ، ގަޔާވެގެން މަސައްކަތް ކުރުމުގެ ނަތީޖާއެވެ.
ފިހާރައިގެ ވަޒީފާއަށް ނޫރާ ދާންފެށިފަހުން ކަސްޓަމަރުން އިތުރުވެ، ފިހާރަޔަށް ހީނުކުރާހާ މަންފާ ލިބެންފެށިކަން ވެރިމީހާ ފާހަގަކުރަނީ ހިތުގެ އަޑިން އުފަލާއެކުގައެވެ. އެކަމުގެ ފަހަތުގައިވަނީ ކަސްޓަމަރުންނާ ނޫރާ ވާހަކަދައްކާ އޯގާވެރިގޮތާ އެކަށޭނަ ބަސްމަގެވެ. ހަދިޔާ ކޮށްލާ ހިތްހެޔޮ ހިނިތުންވުން، ފިހާރައަށް ވަންނަ ކޮންމެމީހަކު ހިތުގައި ރައްކާކުރަމުން އެނބުރިދަނީ ހިތްހަމަޖެހިގެންތިބެއެވެ.
''ބަންދުތަ.......'' ދޮރުގައި ބަންދުބޯޑު އަޅުވާފައި އެނބުރިލި ނޫރާއަށް ފަހަތް ބަލާލަން މަޖުބޫރުވީ ބޭރުން މީހަކު ދޮރު ހުޅުވާލުމުންނެވެ.
އެއީ ޒުވާނެއް ނަމަވެސް އޭނާގެ އުމުރުން ތިރީހާ ގަތްކުރާނެހެން ހީވޔަސް، އިސްކޮޅުން ދިގުވެފައި ބަލާލަން ހިތްގައިމުގޮތެއް ހުއްޓެވެ. ތުނބުޅި މަތިމަހާއި ބޯވެސް ހުރީ ތުނިކޮށް އެއްމިނެއްގައި ކޮށާފައެވެ. ހެދިހުރި ހަށިގަނޑެކެވެ. ކުލަ އާދައިގެ ވަރަށްވުރެ ކަޅު ނަމަވެސް އޭނާއަކީ ހުތުރު މީހެކޭ ނުބުނެވޭނެއެވެ. ކުޑަ ހައިރާންކަމެއް ނޫރާއަށް ލިބުނީ އެއީ މީގެ ކުރިން ނޫރާ ދެކެފައިވާ މޫނަކަށް، އެމޫނު ނުވީމައެވެ.
''ފިހާރަ ބަންދު ގަޑިއެއްދޯ............ އެކަމަކު އެބަޖެހޭ ވަދެލަން............'' ބޭރުގައި ހުރި މިހާ ހުރީ ނޫރާގެ މޫނަށް ބަލާށެވެ. ނޫރާގެ ޖަވާބެއްގެ އިންތިޒާރުގައި އޭނާ އެހުރީ ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު، ދޮރުން އެތެރެއަށް އެއްފައިވެސް އަޅައިގެންނެވެ.
''މީ ފިހާރަ ބަންދު ގަޑި...........'' ނޫރާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ކައުންޓަރުކައިރީ އިން ނާޝިދާ ޖަވާބު ދީފިއެވެ. ވާނީވެސް އެހެންނެވެ. ނާޝިދާ އެއިނީ ނުކުންނަން ލަސްވެފައެވެ. އެއީ އޭނާގެ އާދައެވެ. ކަމެއް ކުރަން ބޭނުންނުވާތާނގައި، ފިހާރައިން އެންމެކުރިން ނިކުންނާނީވެސް ނާޝިދާއެވެ.
''ފައިވާނުގެ ވަދު ކެނޑިގެން މިއުޅެނީ..........'' އެއްފައިތިލަ މައްޗައް އުފުލާލަމުން އެމީހާ ފައިވާން ދައްކާލިއެވެ. ނޫރާއަށް ބަލާލެވުނީ ވަދުކެނޑި ތިރިޔަށް އެލިފައިވާ ފައިވާން ކިބަޔަށެވެ.
''މީ ބަންދުގަޑި.............. މިހާރު އެގޮވީ ބަންގި.......... މިގަޑީގައި އެއްޗިހި ވިއްކުމަކީ މަނާކަމެއް............'' އެއްޗެކޭ ބުނަން އަނގަހުޅުވާލި ނޫރާއަށް އިވުނީ އޭނާގެ ފަހަތުން އައި ނާޝިދާގެ އަޑެވެ. ކަންފަތަށް ޖަހާފައިވާ ހެޑްސެޓްގެ ސަބަބުން ހެންހީވެއެވެ. ނާޝިދާ ވާހަކަދެއްކީ އާއްމުކޮށް ވާހަކަދައްކާ ވަރަށްވުރެ ބާރަށެވެ.
ނާޝިދާގެ މޫނަށް ބަލާލުމަށްފަހު ޒުވާނާ އިސްޖަހާލިއެވެ. އަދި ދޮރުފަތުން ދޫކޮއްލުމަށްފަހު މާޔޫސްކަމާއެކު ހިނގައިގަތެވެ. ފާޑަކަށް އެއްފައި ދަމަމުންނެވެ.
''އާދޭ............ ފައިވާނެއް ނަގައިގެންދާން........... އަހަރެން މަޑުކުރާނަން..........'' ނޫރާގެ ހިތުގައި އޭނާއާމެދު ރަޙްމު އުފެދުނެވެ. އެމީހާ އެހާލުގައި ހިނގާފައިދާން ނޫރާއަށް ނުރުހެވުނީއެވެ. ނުދަންނަ މީހަކަށްވިޔަސް، މީހުންގިނަ މަގުމަތީގައި އެފަދަ ގޮތަކަށް އޭނާ ހިނގާފައިދާންޖެހޭނެ ދުރުމިނެއް ނޭނގޭތީ ނޫރާގެ ހިތުގައި ރަހުމުއުފެދުނެވެ. އެއީ ނޫރާގެ މިޒާޖެވެ. އެހެންމީހުންގެ އިހްސާސްތަކަށް އިހްތިރާމް ކުރުމަކީ އޭނާގެ ޠަބީއަތުގައި އެކުލެވިފައިވާ ރިވެތި ސިފައެކެވެ.
'އަހަރެން ދާންވެއްޖެ.......... މިހާރު މާޖިދު ހުންނާނެ އަހަރެން ބަލާއައިސް............ އުސްފަސްގަނޑުގަ ވަރަށް ވަރުގަދަ ބާބަކިއުއެއްވެސް އެތާ އެބައޮތް........... އަހަރެމެން ޕާޓީގެ ކެމްޕޭން ފަށަންތައްޔާރުވަނީ........މަ ޖެހޭނެ ކޮންމެހެންވެސް އެތަނަށްދާން....... އެހެންނޫނީ މާޖިދު ކަޓާފާނެ........'' ނާޝިދާ ވާހަކަދެއްކީ ފޯނަށް ބަލަންހުރެއެވެ. ހީވާގޮތުން ކޮންމެވެސް މީހަކާ މެސެޖުން ވާހަކަދައްކަނީއެވެ. ނޫރާއަށް އެމަންޒަރު އަލެއް ނުވާނެތާއެވެ. ނާޝިދާގެ އަބަދުގެ ހާލަކީ އެއީކަން ނޫރާއަށް ދަސްވެ ބާވިތާ ކިތަންމެ ދުވަހެކެވެ.
''އޯކޭ....... ނާޝިދާ ދެން ދޭ......... އަހަރެން މިކަންތައް ނިންމާލާފަ ލައްޕާނަން.......'' ނޫރާ ހިނިތުންވެލަމުން ޖަވާބުދިން ނަމަވެސް އެމަންޒަރު ބަލާކަށް ނާޝިދާއެއް ނެތެވެ. ބާރުހިނގުމެއްގައި އޭނާ މަގުހުރަސް ކޮށް ހިގައިގަތީ ފޯނުން ވާހަކަދައްކަމުންނެވެ.
''ވަދޭ...........'' ފިހާރައިގެ ދޮރު ހުޅުވާލަމުން ނޫރާ ބަލާލީ ބޭރުގައިހުރި ޒުވާނާގެ މޫނަށެވެ.
''ޝުކުރިއްޔާ...............'' ނޫރާގެ މޫނަށް ބަލާލަމުން ޒުވާނާ ހިނިތުންވެލިއެވެ. އަދި އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އެތެރޭގެ ގިނަ ބޮކިތައް ހުރީ ނިއްވާފައިކަމުން ތަނަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. ނޫރާ އަވަސް އަވަހަށް ބޮކިތައް ދިއްލާލިއެވެ.
ފައިވާން ހަރުގަނޑުކައިރިއަށް ޒުވާނާ ޖެހިލިއެވެ. ދެތިން ފައިވާނުގައި އަތް ކާއްތާލުމަށްފަހު ކަޅުކުލައިގެ ލެދަރު ފައިވާނެއް އޭނާ ނެގިއެވެ. އަދި އެއްކިބަ ބިންމައްޗަށް ވައްޓާލާ، ފަޔަށް ހެޔޮވަރު ކޮއްލަމުން ނޫރާގެ މޫނަށް ބަލާލިއެވެ. ރަނގަޅުހޭ އަހާލާ ކަހަލަގޮތަކަށެވެ.
އެވަގުތު މަޢްރިބް ނަމާދުގެ ބަންގީގެ މޫރިތި އަޑުން މުޅި ޖައްވު ގުގުމާލައިފިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 14 ޖެނުއަރީ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް