އަހަރެން މިހާރުވެސް މިހިރީ ނާޒިމާއާ ކައިވެނިކުރަން ރަންކިޔަން މީހުން ފޮނުވަން ތައްޔާރަށް...!" ނާޒިމާގެ ކޮނޑުގައި ހިފައި ނަދުވީގެ ގަޔާއި ކައިރިކޮށްލަމުން ނަދުވީ ބުންޏެވެ.
"ނޫން... ނޫން ނަދުވީ...! އަހަންނަކީ ނަދުވީ ކަހަލަ މާތް އިންސާނަކަށް އެކަށީގެންވާ ކަހަލަ މީހެއް ނޫން...! އަހަރެން އަތުގައި ނަދުވީ ކަހަލަ މީހަކަށް ދެވޭނެ އެއްވެސް އެއްޗެއް މިހާރަކު ނެތް...! އަހަރެން އެއްގޮތަކަށްވެސް ނަދުވީގެ ހިތުގަ ޖައްސާކަށްނޫން މިހެން މިބުނަނީ...! މިއީ މިއަދު ޙަޤީޤަތް...! އަހަރެންގެ ހަށިގަނޑަކީ މުޑުދާރު ހަށިގަނޑެއްކަން އަހަންނަށް އެނގޭ...! މި ހަށިގަނޑުން ނަދުވީއަށް ލިބޭނެ އެއްވެސް ހިތްހަމަ ޖެހުމެއް އުފަލެއް މިހާރަކު ނޯންނާނެ...!" ނާޒިމާ ނަދުވީ އާ ދުރަށް ޖެހިލަމުން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
"ނާޒިމާ ތިހެން ނުބުނޭ...! އަހަންނަށް ހުރިހާ އެއްޗެއް އެނގިހުރެ އަހަރެން އިސްވެ ނާޒިމާގެ ކައިވެންޏަށް މިއެދެނީ އެގޮތް އަހަރެން ބޭނުންވެގެނޭ...! އަހަރެން ބޭނުން ނާޒިމާ އާ ކައިވެނި ކުރަން...! ނޫނެކޭ ނުބުނެ، ނާޒިމާ މިކަމަށް އެއްބަސްވޭ...! ހެޔޮނުވާނެ ޕްލީޒް...!" އަނެއްކާވެސް ނާޒިމާގެ އަތުގައި ހިފަމުން ނަދުވީ އާދޭސްކުރާ ރާގަކަށް ވާހަކަ ދައްކަމުން ދިޔައެވެ.
"ނަދުވީ ވިސްނާލަބަލަ...! އަހަރެން ނަދުވީ އާ ކައިވެނި ކުރިޔަސް މީހުންގެ އަނގަޔަކު ނުހިފެހެއްޓޭނެ...! މީހުން ފާޑުފާޑުގެ ވާހަކަ ދެއްކީމަ އެކަމުގެ ސަބަބުން ނަދުވީ އަށްވެސް ލިބޭނީ ކިހާ ހަޑިނަމެއް..! ނަދުވީގެ ބައްޕައާއި މަންމައަކީ މި ރަށުގެ މީހުންގެ ގަދަރު ލިބިފަތިބި ދުވަސްވީ މީހުން...! އެމީހުން ނަމަށް ހުތުރުވާ ފަދަ އެއްވެސް ކަމެއް އަހަރެން ކުރާކަށް ބޭނުމެއް ނޫން..!" އަނެއްކާވެސް ނާޒިމާ ނަދުވީ އަތް ނާޒިމާގެ އަތުން ނައްޓާލަމުން ވާހަކަ ދެއްކިއެވެ.
"އަހަރެންގެ މަންމަވެސް ބައްޕަވެސް އަހަރެން ބޭނުން ކަމަކަށް ހުރަހެއް ނާޅާނެ...! ޕްލީސް ނާޒިމާ...! އަހަރެން ނާޒިމާ ތިކަމުން ސަލާމަތް ކުރާނަން...! އަހަންނާ ކައިވެނިކުރަން އެއްބަސްވެގެން އަހަންނާއެކު ހިނގާ...! ނާޒިމާ އުފަލުގަ ބެހެއްޓުމަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވާން ޖެހުނަސް އެޤުރުބާނީއެއްވާން އަހަރެން މިހިރީ ތައްޔާރަށް...! ތިހެން މިކަމަށް ދެން ފުރަގަސްނުދީ...!" ނަދުވީ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ނަދުވީ ކިތަންމެ ވަރަކަށްވެސް އަހަރެން ބޭނުން...! އަހަރެން ނަދުވީ ދެކެ ވަރަށް ލޯބިވެސްވޭ...! ނަދުވީ އަހަރެން ދެކެ ވާ ލޯތްބައްވުރެ ބޮޑަށް އަހަރެން ނަދުވީ ދެކެ ލޯބިވޭ...! އެކަމަކު ތިފަދަ މާތް އިންސާނެއްގެ ނަމުގައި އެހާ ނުބައި އަނިޔާވެރިއެއްގެ ދަރިއެއް މި ދުނިޔެއަށް އުފަން ކުރާކަށް އަހަރެން ބޭނުމެއް ނޫން...! އަހަރެން ދެން ދާނީ ރަށަށް...! އަހަރުމެންގެ ގުޅުން މިހާ ހިސާބުން ދެން މިނިމުނީ ކަމަށްބަލާ...! އަހަންނަކީ ނަދުވީ ހަޔާތަށް ދުވަސްކޮޅަކަށް އައި މެހްމާނެއް ކަމުގައި ހީކޮށްލާ...! މި ނޫން އެހެން ގޮތެއް ދެންނެތް...! މީހުން ބުނެއެއްނު އެމީހަކު އެންމެ ލޯބިވާ މީހާ ކޮންމެވެސް ދުވަހަކުން ލިބޭނެއޭ...! އިރާދަކުރެއްވިއްޔާ އަހަރުމެން ދެމީހުން މަޚްޝަރު ބިމުން ބައްދަލުވާނެ... މިހާރު މި ދުވަސްތައް ހަނދާން ނައްތާލަން ނަދުވީވެސް މަސައްކަތްކުރޭ...! އެއީ މިހާރު މިހާލަތުގައި ދެ މީހުންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީ...!" ނާޒިމާގެ ވާހަކަ ދައްކަމުން ގެންދިޔައިރު އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
"މި ދުވަސްތައް ނާޒިމާ ތިހާ ފަސޭހައިން ހަދައިން ނައްތާލިޔަސް އަހަރެން ކިހިނެތް ހަނދާން ނައްތާލާނީ...! ނާޒިމާ އާ ނުލާ އަހަންނަށް އޮތީ ކޮން އުފަލެއް...! ނާޒިމާ، ހެޔޮނުވާނެ އަހަންނަށް ތިހެން ކަންތައްތައް ނުކުރޭ...! އަހަރެން ތިހުރިހާ ކަމަކުން ނާޒިމާ ސަލާމަތް ކުރުމަށް މިހިރީ ތައްޔާރަށޭ...! ނާޒިމާއަށް އުފާވެރި ދިރިއުޅުމެއް އަހަރެން ހޯދައިދޭނަން...! ނާޒިމާ ތިކަން ހަނދާން ނެތޭވަރަށް އަހަރެން ނާޒިމާއަށް ލޯބި ދޭނަން...! ނާޒިމާގެ ތި ދަރިފުޅަށް ބައްޕައެއްގެ ފުރިހަމަ ލޯބި ދޭނަން...! ހެޔޮނުވާނެ، ނާޒިމާ މިކަމާ އެއްބަސްވޭ...! އަހަރެން ހަމަ މިރޭވެސް ތިގެއަށް ހެކިވެރިން ފޮނުވަފާނަން...!" ނަދުވީގެ ލޮލުންވެސް ކަރުނަތައް ފައިބަމުން ދިޔައެވެ.
"ނޫން...! ނޫން..! ނަދުވީ އަހަރެންގެ ވާހަކަ ޤަބޫލުކޮށްބަލަ...! ހުރިހާ ކަމެއް މިހާރު މިއޮތީ އެކީ ބަދަލުވެފައޭ...! އަހަރެންވެސް މިހެން ކަންތައްކުރަން މިބޭނުންވަނީ ނަދުވީ އާ ދޭތެރޭގަވެސް ވިސްނާފައޭ...! ނަދުވީއަށްވެސް ރަނގަޅަކަށް...! ހެޔޮނުވާނެ، ދެން އިތުރަށް އަހަރެން ކައިރީ އާދޭސްނުކުރޭ...! އަހަންނަށް ކެތް ނުކުރެވިދާނެ...! އަހަރެން ކުރަން މިއުޅޭ ކަންތައް ކުރަން އަހަންނަށް ހިތްވަރު ނުލިބިދާނެ...! އަހަރެން ބޭނުމެއްނޫން އެހެންވާކަށް...! އަހަރެން ދެން ހިފަހައްޓަން މަސައްކަތް ނުކުރޭ...! އަހަރެން މިތަނުން ދިޔަދީ...! މާގިނައިރު މިތާ ނަދުވީ ރޯތަން ބަލަން އަހަރެން ހުންނަން ވެއްޖިއްޔާ އަހަރެންގެ ހިތްވަރު އެލިދާނެ..،!" ނާޒިމާ، ނަދުވީގެ އަތް ފޮޅުވާލުމަށްފަހު ދުއްވައި ގަންނަމުން ބުންޏެނެވެ.
ނާޒިމާގެ ޚިޔާލުތަކުގެ މިހާ ހިސާބުން ނާޒިމާ ސިހިގެން ދިޔައީ ޒާރާބޭބީ ގެ ރުއިމުގެ އަޑަށެވެ. ނާޒިމާ ސިހިފައި ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލިއެވެ.
"ބޭބީ ހޭލީއެ...! އަހަރެން މިދަނީ ބޭބީ ކައިރިއަށް...!" ރާއިފު ސޯފާއިން ތެދުވަމުން އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ.
"އަހަރެން ކައިރިއަށް ބޭބީ ގެނެސްދީފާނަންތަ..؟ އަހަރެން މިވަގުތު ބޭނުން ބޭބީ އުރާލަން...!" އާދޭސްކުރާ ރާގަކަށް ނާޒިމާ ބުންޏެވެ.
ނާޒިމާގެ ތި ފިލްމީ ވާހަކަތައް ކުރިއަށް ގެންދޭ...! ކޮންމެހެން ދެން ބޭބީ އުރަން އުޅޭނެ ކަމެއްނެތް...!" ރާއިފުގެ ބަދަލުގައި ވާހަކަ ދެއްކީ އައިލީން އެވެ.
ނާޒިމާ އިރުކޮޅަކު ކޮޓަރިއާ ދިމާއަށް ބަލަހައްޓައިގެން އިނުމަށްފަހު އަނެއްކާވެސް ނާޒިމާގެ ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ.
"އެދުވަހު ނަދުވީއަށް ކޮށްފަހުރި އަސަރު އަހަންނަށް ފެނުމުން ނަދުވީގެ ކުރިމަތީގައި ހުންނަހާ ހިތްވަރު އަހަރެންގެ ނެތުމާއެކު އަހަރެން އެތަނުން ދުވެފައިގޮސްވަނީ އަނެއް ފަރާތުގައި އޮތް ހޭޅި ގަނޑަށް...! އެކަމަކު އެވަގުތު އަހަންނަށް ގޮވަމުން އަހަރެންގެ ފަހަތުން ނަދުވީވެސް ވަކި ހިސާބަށް އައި...! އަހަރެން ހޭޅިގަނޑަށްގޮސްވަނީ އެވަގުތު ނަދުވީ އާ ކުރިމަތިލާނެ ހިތްވަރު އަހަރެންގެ ނެތުމާއެކު ނަދުވީއަށް ފިލަން...! ހޭޅިގަނޑަށް އަހަރެން ވަނުމާއެކު ނަދުވީ އަހަރެން ހޯދަން ވަރަށް މަސައްކަތްކުރި...! އެހެން ނަމަވެސް ނަދުވީގެ ކުރިމައްޗަށް ދާނެހާ ހިތްވަރު އަހަރެންގެ ނެތުމާއެކު އަހަރެން ހޭޅިގަނޑު ތެރޭގައި ބިންމަތީގައި އިށީނދެލައިގެން އަހަރެންގެ ދިރިއުޅުމުގެ ކުރިއަށްއޮތްތަނާމެދު ވިސްނަން އިނީ...! އެދުވަހު އެތައް އިރެއްވަންދެން އަހަރެން ހޭޅިގަނޑު ތެރޭގައި އިނިން...! ދިރިއުޅުމާމެދު ޚިޔާލުކުރަން އިންދާ އަހަންނަށް ހޭވެރިކަންވީ ގަސްތަކުގެ ތެރެއިން ދޫނިތަކެއް ގޮވަން ފެށުމުން...! އަހަރެން ސިހިފައި ބަލާލިއިރު މުޅި ތަނަށްވަނީ ރޭގަނޑުގެ އަނދިރިކަން ވެރިވެފަ...! އޭރު ރޭގަނޑު އަށެއް ޖަހަނީ...! އަހަރެން ދެލޯ ފޮހެލުމަށްފަހު ހޭޅިގަނޑުން ނުކުމެގެން މަޑުމަޑުން ހިނގައިގަތީ ގެއާ ދިމާއަށް ދިޔުމަށް...! އޭރު އަހަރެން ހޯދަންކުރި މަސައްކަތް ބޭކާރު ވެގެން ނަދުވީވެސް އެތަނުން ހިނގައްޖެ...!" އައިލީންގެ ކޮޓަރިއާ ދިމާއަށް ބަލާލުމަށްފަހު ނާޡިމާ ދައްކަމުން ގެންދިޔަ ވާހަކަ މެދުކަނޑާލިއެވެ.
"އެމަންޖެ... އެމަންޖެ... އަދިވެސް އެ ރޮނީ...! އެމަންޖެ ގެނެސްދީ...! އަހަރެން އުރާލީމަ އެމަންޖެ ހުއްޓާލަފާނެ..!" އައިލީންގެ ކޮޓަރިއާ ދިމާއަށް ބަލަން އިނދެ ނާޒިމާ ބުންޏެވެ.
"އެމަންޖެ ހުއްޓާލައްވަން އަހަރުމެންނަށްވެސް އިނގޭ...! ނާޒިމާ އެމަންޖެއަށް ތި ކަންތައްކުރާ ގޮތުން ނާޒިމާ ކައިރިއަށް އެމަންޖެ ގެންދިޔާމަ ހުއްޓާލާނެކަން މިހާރު އަހަރުމެންނަށްވެސް މިއަދު އެނގިއްޖެޔޭ...!" އައިލީން މަލާމާތުގެ ރާގަކަށް ބުންޏެވެ.
އައިލީންގެ މި ޖުމްލައިން ނާޒިމާއަށް ވަރަށް އަސަރުކުރިއެވެ. ނާޒިމާ އެހެން ކަންތައްކުރަނީ ގަސްދަކު ނޫނެވެ. ޚުދު ނާޒިމާއަށްވެސް ނާޒިމާ އެހެން ކަންތައްކުރީ ކީއްވެ ކަމެއް ނޭނގެއެވެ. ނާޒިމާ ދެކޭ ގޮތުގައި އެއީ ނާޒިމާ ޒާރާ ދެކެވާ ލޯތްބެވެ. ނާޒިމާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ.
"އަހަރެން... ! އަހަރެން އެރޭ ދެން ދިޔައީ ގެއަށް...! އަހަރެން އެތަނުން ގެއަށްދާން ހިނގައިގަތީ ކޮންމެގޮތަކަށް ކަންތައްތައް ވިޔަސް ހުރިހާ ވާހަކައެއް ބޮޑުދައިތައަށް އެރޭ ކިޔައިދިނުމަށް އަޒުމު ކަނޑައަޅައިގެން...! އަހަރެން ގޮސް ގެއަށް ވަންއިރު އަހަންނަށް އެންމެ ފުރަތަމަވެސް ފެނުނީ ރުޅިއައިސް ރަތްވެފައިހުރި ބޮޑުދައިތަގެ މޫނު...! ގޯތިތެރޭގައިހުރި ބަނޑުކެޔޮ ގަސްދޮށުގައި އެލުވާފައިހުރި ޖޯލީގައި ކަންބޮޑުވެފައި ބޮޑުދައިތަގެ ފިރިމީހާ އިން...! ނަދުވީ ވެސް އަހަރުމެން ގޭގައި އެވަގުތުހުރި...! ބޮޑުދައިތަ މޫނު ފެނުމާއެކު ނަދުވީ ގެއަށް އައިސް ހުރިހާ ވާހަކައެއް ބޮޑުދައިތައަށް ކިޔައިދީފިކަން އަހަންނަށް އެނގުނު..! ބޮޑުދައިތައަށް އަހަރެން ފެނުމާއެކު ބާރު ހިނގުމުގައި އައިސް އަހަންނާ ސުވާލުތައް ކުރަންފެށި...! ނަދުވީ އެދައްކާ ވާހަކައަކީ ރަނގަޅު ވާހަކައެއްތޯ އާއި ބޮޑުދައިތަގެ ފިރިމީހާ އަހަންނަށް ކަންތައް ކުރިގޮތް ކިޔައިދޭން އެދުނު...! އެވަގުތު ދުވަހަކުވެސް އަހަންނަށް ނުލިބޭފަދަ ހިތްވަރެއް ލިބިގެންދިޔަ...! އަހަރެން ބޮޑުދައިތަގެ ފިރިމީހާގެ ކުރިމަތީގައި އޭނަ އަހަންނަށް ކަންތައްކުރި ހުރިހާ ގޮތެއްގެ ވާހަކަ ވަރަށް ތަފްޞީލްކޮށް ކިޔައިދިނިން...! ބޮޑުދައިތަގެ ފިރިމީހާ އަނގައިންވެސް ނުބުނެ ރުޅިއައިސް ރަތްވެފައި އެވާހަކަތައް އަޑުއަހަން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނުމަށްފަހު، އެތާ ބިންމަތީގައި އޮތް ބޮޑު ލަކުޑިބުރިއެއް ހިފައިގެން އަހަންނާ ދިމާއަށް ވަރަށް ބާރަށް އައި...! އެފަހަރު ބޮޑުދައިތަގެ ފިރިމީހާގެ ކިބައިން އަހަރެން ސަލާމަތްކޮށްދިނީ ނަދުވީ...! ނަދުވީ އެވަގުތު އެތަނުގައި ނެތްނަމަ މިއަދު އަހަރެން މިދުނިޔޭގައި ހުންނާނެ ކަމެއްވެސް ނޭނގެ...! އެހާވަރު އޭނަ އަހަންނަށް ކޮށްލާނެ...! އަހަރެން ދުވެފައިގޮސް ވަނީ ކޮޓަރިއަށް...! ކޮޓަރިއަށް ވަންއިރުވެސް ބޮޑުދައިތަ އާއި ބޮޑުދައިތަގެ ފިރިމީހާގެ އަރާރުން ގަނޑު އިވިއިވި ހުރި...! އަހަރެން ކޮޓަރިއަށް ވަދެ އަވަސް އަވަހަށް އަލަމާރިމަތީގައި އޮތް އަހަރެންގެ ދަބަސް ނަގައިގެން އަހަރެންގެ ހެދުންތަކާ ކޮންމެހެން އަހަންނަށް ބޭނުންވާނެ އެހެން ސާމާނުތައް ދަބަހައް އަޅައިގެން ބޭރަށް ނުކުތީ އެގެއިން ނިކުމެގެން ދާންވެގެން...! އަހަރެން ނުކުތްއިރު ބޮޑުދައިތަގެ ފިރިމީހާ ހުރީ ދޮރުމަތީ އަހަންނަށް ނުނިކުމޭގޮތް ހަދައިގެން ދޮރު ބައްދައިގެން...! އަހަރެން ފެނުމާއެކު އަނެއްކާވެސް އެނުލަފާ މީހާ އަހަންނާ ދިމާއަށް އަންނަން ފެށި...! މިފަހަރު އަހަރެން ސަލާމަތްކުރަން އެދެމެދަށްވަނީ ބޮޑުދައިތަ...! ބޮޑުދައިތަ އައިސް ބޮޑުދައިތަގެ ފިރިމީހާ ދުރަށް ކޮށްފާލި ވަގުތު އެގެއިން ނުކުންނަން އަހަރެން ދުއްވައިގަތިން...! އަހަރެން ދޮރުން ނުކުމެ ނުކުމެ ހުއްޓާ ބޮޑުދައިތަ ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑު އަހަރެން އެހިން... ! ހަމަ އެހާއެކު ނަދުވީވެސް ވަރަށް ބާރަށް ހަޅޭއްލަވައިގަތް...! އަހަރެން އެނބުރި ބަލާލިއިރު ބޮޑުދައިތަ ބިންމައްޗަށް ވެއްޓެނީ...! ބޯ ފަޅައިގެން ގޮސްގެން މުޅި މޫނުމައްޗަށް ލޭތައް ފައިބަމުންދޭ...! ނަދުވީ ބޮޑުދައިތަ ވެއްޓުނަނުދީ ހިފަހައްޓަން މަސައްކަތް ކުރަނީ...! އޭރު ބޮޑުދައިތަގެ ފިރިމިހާ އަތުގައި އޮތް ލަކުޑި ގަނޑުގައި ހުރީ ހުސް ލޭ...! އަހަންނަށް އެނގުނު އެލަކުޑިގަނޑުން ބޮޑުދައިތަގެ ބޮލުގައި ޖެހީކަން...! ދެފަހަރަށްވެސް ބޮޑުދައިތަ ބޮލުގައި އެލަކުޑިގަނޑުން ޖެހުމަށް އޭރު އޭނަ މަސައްކަތް ކުރަމުންދިޔަ...! ފަހަތް ބަލާލުމަށްފަހު ބޮޑުދައިތަ އާ ދިމާއަށް ދާން އަހަރެން ދުއްވައިގަތިން...! އެކަމަކު ނަދުވީ ހަޅޭއްލަވައި ގަތުމަށްފަހު އެތަނަށް ނައިސް އެތަނުން އަވަހަށް ދިޔުމަށް އަހަރެން ގާތުގައި އެދުމުން އަނެއްކާވެސް އަހަރެން ދުއްވައިގަތީ ބޭރަށް... އަހަރެން އެރޭ އެގެއިން ނުކުމެގެންދިޔައީ އަހަރެން ކުޑަދުވަހުން ފެށިގެން ފަޤީރު ހާލުގައި ގެންގުޅެ ބޮޑުކުރި ބޮޑުދައިތަ ޙައްޤުގައި ކަރުނައަޅަމުން...! ބޮޑުދައިތަ އަށް ވީނުވީއެއްވެސް އޭރު އަހަންނަކަށް ނޭނގެ...! އަހަރެން ދުވެފައި ނުކުމެގެން ދިޔައީ ސީދާ ބަނދަރުމައްޗަށް...! އަހަރެންގެ ނަޞީބު ރަނގަޅު ކަމުން އެރޭ ރަށަށް ދާން ފުރާ ދޯންޏެއް އޮތުމާއެކު އަހަރެން ވަގުތުން އެދޯންޏަށް އަރައިގެން އަހަރެން ދިޔައީ ރަށަށް...!" ވާހަކަ ދައްކަން އިން ނާޒިމާ ސިހިގެން ދިޔައީ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ރާއިފު ނުކުތް އަޑަށެވެ.
"މިމަންޖެ ނުނިދިއޭ...! ދެން އައިލީން އާދެބަލަ މި މަންޖެ ނިންދަވަން...! ތިވާހަކަ ދެން ދައްކާނީ މާދަމާ ހެނދުނު...!" ދޮރުމަތީގައިހުރި ރާއިފު އައިލީން އާ ދިމާއަށް ބަލަން ހުރެ ބުންޏެވެ.
"އެމަންޖެ އަހަރެން އަތަށް ދީބަލަ...! ކޮޓަރިއަށް ނުގޮސް މިތާ އިނދެގެން އަހަރެން އެމަންޖެ ނިންދަވާނަމޭ..!" އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ނާޒިމާ ބުންޏެވެ.
"އަހަރެން އެމަންޖެ ނިންދަވާފާނަން...! ދެން ނާޒިމާއަކަށް ނުޖެހޭނެ އެމަންޖެގެ އެއްވެސް ކަމެއް ކުރާކަށް...! ނާޒިމާ މިހާރު ކޮޓަރިއަށް ދިޔަސް އެންމެ ރަނގަޅު...! ތި ދެއްކި ވާހަކަތަކުންވެސް އަދިވެސް އަހަރެން ބޭނުންވާ ސުވާލުގެ ޖަވާބެއް ނުލިބެ...! މާދަމާ އަހަރެން ބޭނުން އިތުރަށް ވާހަކަ ދައްކަން...!" އައިލީން ސޯފާއިން ތެދުވަމުން ނާޒިމާއާ ދިމާއަށް ބަލަން ހުރެ ބުންޏެވެ.
އައިލީން، ކޮޓަރިއަށް ދިޔުމުންވެސް ނާޒިމާ އެތައް އިރެއްވަންދެން ސޯފާގައި ރޮއިރޮއި އިނެވެ. ނާޒިމާގެ މާޒީގައި ހިނގާފައިވާ އެކިއެކި ކަންކަން ހަނދާން ކުރުމުގައެވެ. އެހެން އިނުމަށްފަހު ނާޒިމާ ކޮޓަރިއަށްވަނީ ފަތިސްވީ ފަހުންނެވެ. ކޮޓަރިއަށް ވަން ކަމުގައިވިޔަސް ނާޒިމާއަކަށް ނުނިދުނެވެ. ރޮއިރޮއި އޮތީއެވެ. މާދަމާ ކަންތައްވާނެ ގޮތެއް ނޭނގޭތީއެވެ. މާދަމައަކީ އެގޭގައި ނާޒިމާއަށް ހުރެވޭނެ އެންމެފަހު ދުވަސްކަން ނާޒިމާއަށް އެނގެއެވެ. އެހެންނަމަވެސް އެގެއިން ނިކުމެގެންގޮސް ނާޒިމާ ވަންނާނެ ތަނެއް ނެތެވެ. އެތައް ޒަމާނަކަށްފަހު މިރޭ ނަދުވީ މަތިންވެސް ނާޒިމާ ވަރަށް ބޮޑަށް ހަނދާންވިއެވެ. ނާޒިމާގެ ދިރިއުޅުން އެފަދަ ގޮތަކަށް ފުނޑުފުނޑު ވެގެން ނުދިޔަނަމަ މިއަދު ނާޒިމާ ވާނީ ރަށުގައި ނަދުވީ އާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅޭ މީހަކަށެވެ. އެކަމަކު އެންމެންނަކީ އެހާ ނަޞީބުގަދަ ބައެއްވެސް ނޫނެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 17 ޑިސެމްބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް