ވާހަކަ: ޑައިރީ – ހަތްދިހަ ދެވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... "ނޫނެކޭ...! ނޫނެކޭ...! އަހަރެން... އަހަރެން.... ބަނޑު ބޮނޑޭ...! އަހަރެން މިއިނީ ބަލިވެއޭ...!" ނަދުވީގެ އަތް ފޮޅުވާލަމުން ނާޒިމާ ރޮއިގަތެވެ. އެވަގުތު ނަދުވީއަށް ބުނާނެ އެއްވެސް...

12 Dec 2024 | 11:29

ކުރީގެ އަދަދާއި ގުޅޭ....

"ނޫނެކޭ...! ނޫނެކޭ...! އަހަރެން... އަހަރެން.... ބަނޑު ބޮނޑޭ...! އަހަރެން މިއިނީ ބަލިވެއޭ...!" ނަދުވީގެ އަތް ފޮޅުވާލަމުން ނާޒިމާ ރޮއިގަތެވެ.

އެވަގުތު ނަދުވީއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ނަދުވީގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. މިހުރިހާ ދުވަހު ނަދުވީ ކިތަންމެ ޤަބޫލު ކުރަން ބޭނުންނުވިޔަސް ނަދުވީ ހިތަށް އަރަމުންދިޔަ ކަންތައް އެއޮތީ ހަޤީޤަތަކަށް ވެފައެވެ. އެއީ ދުވަހަކުވެސް ނަދުވީ ހުވަފެނަކުންވެސް ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ. ނާޒިމާ އެހެން ބުނި ކަމުގައިވިޔަސް ނަދުވީ އެވާހަކަ ޤަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. ނަދުވީ އަކީ އެފަދަ ގޮތަކަށް ދުވަހަކުވެސް ނާޒިމާގެ ހަށިގަނޑުގައި އަތްލި މީހެއް ނޫނެވެ. ނަދުވީ އަކީ އެއަށްވުރެ މާ މާތް އިންސާނެކެވެ. ނަދުވީގެ މަންމައާއި ބައްޕަ ނަދުވީ ތަރުބިއްޔަތު ކޮށްފައިވަނީ އެއަށްވުރެ މާ ރަނގަޅަށެވެ. މާ ފުރިހަމައަށެވެ. އަދި ޚުދު ނާޒިމާވެސް އެފަދަ މުޑުދާރު އަމަލެއް ހިންގަފާނެ ކަމަކަށް ނަދުވީ ޤަބޫލެއް ނުކުރެއެވެ.

"ތިއީ ކިހިނެތްވާނެ ކަމެއް...! ތިހެނެއް ނުވާނެ...! ނާޒިމާ ބުންޏަސް އަހަރެން ތިވާހަކައެއް ޤަބޫލެއް ނުކުރާނަން...! ނާޒިމާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މިއީ ދުވަހަކުވެސް ތިކަހަލަ ކަމެއް ކުރާނެ މީހެއް ނޫންކަން...! ވެގެން ތިއުޅޭ ގޮތެއް ނާޒިމާ ރީތިކޮށް ބުނޭ...! ތިއީ މީހުން ކުރާކަހަލަ ސަމާސާއެއް ނޫނޭ...! ނާޒިމާއަށް އިނގޭތަ ނާޒިމާއަށް ތިދެއްކެނީ ކިހަވަރެއްގެ ވާހަކައެއްކަން...! ތިކަހަލަ ސަމާސާ ކޮށްގެންނުވާނެ...!" ހާސްވެފައި އިން ނަދުވީ އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.

"ނަދުވީ...! އަހަރެން... އަހަރެން މިކުރަނީ ސަމާސާއެއް ނޫނޭ...! ޤަބޫލުކޮށްބަލަ...! އަހަންނާ ދިމާއަށް ރަނގަޅަށް ބަލާލަބަލަ..! އަހަންނަށް އައިސްފައިމިހިރަ ބަދަލުތަކުންވެސް ނަދުވީއަކަށް އެއްވެސް އެއްޗެއް ނުވިސްނޭތަ...؟ އަހަރެން މިއިނީ ބަލިވެއޭ...! މިކަހަލަ ކަމެއްގައި އަހަރެން ކީއްކުރަން ދޮގެއް ހަދަންވީ...! އަދި އަމުދުން ނަދުވީއަށް ދޮގުހަދަންވީ ކީއްކުރަން...! އެކަމަކު އަހަރެން ކުށެއް ނުކުރަމޭ...! އަހަރެން ކުށެއް ނުކުރަމޭ.... އަހަންނަކަށް ނޭނގެ ދެން ކަންތައްވާނެ ގޮތެއް...! އަހަރެން މިކަމުން ސަލާމަތްކޮށްދީ...! އަހަންނަށް އެހީތެރިވެދީ...!" ނާޒިމާ އަޑުން އަޑުން ނަގާ ރޮމުން ގެންދިޔައެވެ.

"ނާޒިމާ ބަލިވެ އިންކަމަށްވާނަމަ ނާޒިމާ ތިކުރީ ކޮންކަހަލަ ގޮތްކުޑަ ހަޑިމުޑުދާރު އަމަލެއް...! އަހަންނަށް ތި ދިނީ ކިހާބޮޑު ލަނޑެއް...! ނާޒިމާ އަހަންނަށް ތިހާބޮޑު އަނިޔާއެއް ދިނުމުގެ ބޭނުނަކީ ކޮބާ...؟ ކޮބާ އަހަރެންގެ ކުށަކީ...! އަހަރެން ކުށަކީ އަހަރެން އިންތިހާއަށް ނާޒިމާ ދެކެ ލޯބިވުންތަ...؟ ކާކުގެ ދަރިއަކަށް ނާޒިމާ ބަލިވެ ތިއިނީ...! ބަލަ ނާޒިމާ ކިތަންމެ ބޮޑުކޮން ހުއްޓަސް ނާޒިމާއަކީ އަދި ދަރިން ވިހައިގެން އެދަރިން ގެންގުޅެ ބޮޑުކުރެވޭ ވަރު ކުއްޖެއް ނޫނޭ...! އަހަރެން ހީކުރި ކަހަލަ ކުއްޖަކަށް ނާޒިމާ ނުވި...! ކާކުގެ ދަރިއަކަށްހޭ ނާޒިމާ ބަލިވެ ތިއިނީ...!" އަޑަށް ބާރުލާފައި ނަދުވީ ވާހަކަ ދައްކަމުން ގެންދިޔައެވެ.

ނަދުވީގެ އެސުވާލަށް ޖަވާބުދޭނެހާ ހިތްވަރެއް ނާޒިމާގެ ނެތެވެ. ނާޒިމާއަށް ކުރެވުނުހާވެސް ކަމަކީ އަޑުން އަޑުނަގާ ރުއިމެވެ.

"ހެއްދެވިހާ ފާފައެއް ކޮށްފަ ރުޔިކަސް ކަމަކު ނުދާނެ...! ވާހަކަ ދައްކާ...! އަހަރެން ނާޒިމާ ކުރެން މި ސުވާލު ކުރަނީ ކާކުގެ ދަރިޔަކަށްހޭ، ނާޒިމާ ބަލިވެ ތިއިނީ...! ހަމަ ގައިމުވެސް އަހަންނަށް އެނގޭ އެއްޗަކީ ނާޒިމާ ބަލިވެއިންކަމުގަވިޔަސް ތި ބަނޑުގައި ތިއޮތީ އަހަރެންގެ ދަރިއެއް ނޫންކަން...! ތިވަރުގެ ބޮޑު ފާފައެއް ނާޒިމާ ތިކުރީ ކީއްވެ...؟ ނާޒިމާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ނާޒިމާ ދެކެވާ ލޯބި...! އަހަރެންގެ މަންމައާއި ބައްޕަވެސް ނާޒިމާއާއި އަހަރެން ކައިވެނިކުރަން ޤަބޫލުކަން...! އަހަރެން ދެން އަހަރެންގެ މަންމަމެންނަށް ދައްކާނީ ކޮންމޫނެއް...! އަހަންނަކަށް ނުކުރެވޭ ނާޒިމާ އިނީ ރަށްމެދަށް ބަލިވެއެކޭ ބުނާކަށް...! ކީއްވެ ލިބޭނެ ވަގުތީ އުފަލަކަށްޓަކައި ނާޒިމާ ތިވަރުގެ ބޮޑު ފާފައެއް ތިކުރީ...؟" ނަދުވީގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ.

"ނަދުވީ...! ހެޔޮނުވާނެ...! މިކަމުގެ ޒިންމާ ނަދުވީގެ ބޮލަކު އަޅުވާކަށް އަހަރެން ނެތީމޭ...! ނަދުވީ އަކީ އެއަށްވުރެ މާ މާތް އިންސާނެއް...! އަހަރެން ނަދުވީ ގާތުގައި މިވާހަކަ ބުނަން ބޭނުންވިތާ ކިތަންމެ ދުވަހެއް...! އެކަމަކު އަހަންނަކަށް އެ ހިތްވަރެއް ނުލިބުނު...! މިއަދު އަހަންނަށް ކޮންމެ ގޮތެއްވިޔަސް ވަރިހަމަ...! އަހަރެން މިއަދު މިހުރީ ހުރިހާ ކަމަކާވެސް ކުރިމަތިލުމަށް ތައްޔާރަށް..! އަހަރެން އެއްވެސް މީހެއްގެ އެހީތެރިކަމެއް މިއަދަކު ބޭނުމެއް ނޫން...! މިހެން ބުނާއިރުވެސް އަހަންނަށް އެނގޭ އަހަންނަށް ކިރިޔާވެސް އެހީތެރިކަމެއް ފޯރުކޮށްދޭންހުރީ ނަދުވީ ކަން...! އެކަމަކު އަހަރެންގެ ސަބަބުން ނަދުވީގެ ދިރިއުޅުން އެފުށްމިފުށަށް ޖެހޭކަށް އަހަރެން ބޭނުމެއްނޫން...! ނަދުވީގެ ޢާއިލާއަށް ހަޑިނަމެއް ލިބޭކަށްވެސް ބޭނުމެއްނޫން...! މިރަށުގެ އެއްވެސް މީހަކަށް އަހަރެން ނަދުވީ އާ ރައްޓެހިވެގެން އުޅޭ ކަމެއް ނޭނގޭނެ...! ބޮޑުދައިތައަކަށްވެސް ބޮޑުދައިތަ ފިރިމީހާއަކަށްވެސް ނޭނގޭނެ...! އެއީ އަހަރުމެންގެ ނަޞީބު...! އެހެން ނޫންނަމަ މިރަށުގެ މީހުން ނަދުވީ އޭ ކިޔައިގެންވެސް ފާޑުފާޑުގެ ވާހަކަ ދައްކާނެކަން ޔަޤީން...!" ނާޒިމާ ރޮމުން ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.

"އަހަރެން މިއަހަނީ ނާޒިމާ ބަލިވެ ތިއިނީ ކާކުގެ ދަރިއަކަށްހޭ...! ނާޒިމާ ބަލިވެ އިންކަން ނާޒިމާގެ ބޮޑުދައިތަ އާއި ބޮޑުދައިތަގެ ފިރިމީހާއަށް އެނގޭހޭ...! އަހަންނަށް ތިފަދަ ބޮޑު އަނިޔާއެއް ތި ދިނީ އަހަރެންގެ ކޮން ކުށެއް އޮވެގެންހޭ...! އަހަރެންގެ މި ސުވާލުތަކަށް ނާޒިމާ ކޮންމެސް ޖަވާބެއް ދީބަލަ...!" ނަދުވީ ކިތަންމެ ރުޅިއައިސްފައިހުރިނަމަވެސް އޭނާގެ ލޮލުންވެސް ކަރުނަތައް ފައިބަމުން ދިޔައެވެ.

"އަހަރެން ގަސްދަކު ނަދުވީއަކަށް އެއްވެސް އަނިޔާއެއް ނުދެން...! ލަނޑެއްވެސް ނުދެން...! ނުވެސް ދޭނަން...! މިދުނިޔޭގައިހުރި އަހަރެން އެންމެ ލޯބިވާ މީހަކީ ނަދުވީ...! ކީއްވެ ދެން އަހަރެން ނަދުވީއަށް އަނިޔާދީ ނަދުވީއަށް އެއްވެސް ލަނޑެއް ދޭންވީ...! އަހަރެން މިވާހަކަތައް ކިހިނެތް ނަދުވީއަށް ކިޔައިދޭނީ...!" ނާޒިމާ ރޮމުން ރޮމުން ނަދުވީގެ ކަރުނައިން ތެމުންދިޔަ ލޮލާ ދިމާއަށް ބަލަން އިނދެ ބުންޏެވެ.

"އެއްވެސް މީހަކަށް އެމީހެއްގެ ރުހުމުގަ ނޫން ގޮތަކަށް އެމީހެއްގެ ޢިއްފަތްތެރިކަން އެހެން މީހަކާ ހަވާލެއް ނުކުރެވޭނެ..! ނާޒިމާއަށް އެނގޭތަ ތިކަމުން ނާޒިމާއަށް ލިބޭނެފާފަ...! އަހަރެން މިހާރު ލަދުގަނޭ ތިއީ އަހަރެން އިންތިހާއަށް ލޯބިވި ނާޒިމާއޭ ބުނަންވެސް...!" އަނެއްފަރާތަށް މޫނު އަނބުރާލަމުން ނަދުވީ ވާހަކަ ދެއްކިއެވެ.

"ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަތުމަކީ އަހަރެންގެ ކުށެއްތަ...؟ އަހަރެންގެ އަތެއް ފަޔެއް ޙަރަކާތް ނުކުރެވޭގޮތަށް އަހަރެން ހިފެހެއްޓުމަށްފަހު އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަތުމަކީ އަހަރެންގެ ކުށެއްތަ...؟ އެފަދަ ކޮންމެ ވަގުތަކު އަހަރެންގެ ހަށިގަނޑުގައި ހާދަވޭނެއް އެޅިއޭ...! އަހަރެން ހާދަ ރުއިމެއް ރުއިމޭ...! ނަދުވީގެ ޙައްޤުގައި، ނަދުވީއަށް ވާނެ ގޮތަކާމެދު ވިސްނާފަ ހާދަ ކަރުނައެއް އެޅީމޭ...!" ނާޒިމާއަށް ރޮވޭ ވަރުން ވާހަކަ ދައްކަންވެސް އުނދަގޫ ވިއެވެ.

"އަހަންނަކަށް ނޭނގެ ނާޒިމާ ތިދައްކާ ވާހަކައެއް...! ކާކު ނާޒިމާގެ ޢިއްފަތްތެރިކަމަށް އަރައިގެންވާހަކަ އެއް ތިދައްކަނީ...؟" ޙައިރާންވެފައި އިނދެ ނަދުވީ ސުވާލުކުރިއެވެ.

"އަހަރެންގެ... އަހަރެންގެ... ބޮޑުދައިތަ... ބޮޑުދައިތަ ފިރިމީހާ...! އަހަރެންގެ ބަނޑުގައި މިވަނީ އެނުބައި ނުލަފާ މީހާގެ ދަރިއެއް...! މިއީ އޭނަ އަހަންނަށް ދިން އަނިޔާ...!" ނާޒިމާ ބަނޑުގައި އަތްއަޅައިގެން އިނދެ ބުންޏެވެ.

"ކީކޭ...! ނާޒިމާ މޮޔަވީތަ...؟ ކިހިނެތް އަހަރެން ތިވާހަކަ ޤަބޫލު ކުރާނީ...! ނާޒިމާ ތިވަރުވަންދެން ބަލާބޮޑުކުރީ އެމީހުނެއްނު...! ދެން ތީ ކިހިނެތް ވާނެ ކަމެއް...!" ނަދުވީ އިންތަނުން ފުންމައިގެން ތެދުވަމުން ބުންޏެވެ.

"އަހަރެން ވާހަކަ އަޑުއަހާބަލަ...! ޕްލީސް...! ޤަބޫލު ކޮށްބަލަ...!" ނާޒިމާވެސް އިންތަނުން ތެދުވެ ނަދުވީ އަތުގައި ހިފުމަށްފަހު ބުންޏެވެ.

"އިތުރަށް އަޑުއަހާނެ ވާހަކައެއް ތިކަމުގައި އޮތް ހެނެއް އަހަންނަކަށް ހީއެއްނުވެ...!" ނާޒިމާގެ އަތް ފޮޅުވާލަމުން ނަދުވީ ބުންޏެވެ.

"ނަދުވީ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން ނަދުވީ ކުށްވެރިއެއް ނުކުރާނަން...! އަހަންނަށް އެނގޭ އަހަންނަކީ މިހާރު ނަދުވީ އާ އެކަށީގެންވާ މީހެއް ނޫންކަން...! އެކަމަކު އަހަންނަށް ނަދުވީ ކޮށްދޭ އެންމެ ފަހު ކަމަކަށް އަހަރެން މިދައްކާ ވާހަކަ އަޑުއަހާލުމަށް އަހަރެން ވަރަށް ބޮޑަށް އެދެން...! ނަދުވީ އަކީ ދުވަހަކުވެސް އަހަރެން ދެކެ ލޯބިވީ މީހެއް ކަމުގައިވާނަމަ މިއަދު އަހަރެން މިދައްކާ ވާހަކަ އަޑު އަހާނެ...! މިއަދަށްފަހު ދެން ހިއެއްނުވެ ނަދުވީ އަށް އަހަރެން ފެންނާނެ ހެނެއް...! އެގެއިން ނުކުމެގެން އަހަރެން މަންމަގެ ރަށަށް ދާން ނިންމައިފިން...! އަހަރެން ބޭނުން ކޮންމެ ކަމެއް އަބަދުވެސް ނަދުވީ އަހަންނަށް ކޮށްދޭ އުސޫލުން އެންމެ ފަހު ކަމަކަށް އަހަރެންގެ މިވާހަކަތައް އަޑުއަހާލަދިނުމަށް އެދި އަހަރެން ނަދުވީ ދެފައިގައި ހިފާ އާދޭސް ކުރަން...!" ނާޒިމާ ގުދުވެ ނަދުވީ ދެފައިގައި ހިފަމުން ވާހަކަ ދެއްކިއެވެ.

"އަހަރެން މިހިރީ އަޑުއަހަން...! ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ...!" ނަދުވީ ތަންކޮޅެއް ދުރަށް ޖެހިލަމުން ބުންޏެވެ.

ނާޒިމާ އޭނާގެ ބޮޑުދައިތަގެ ފިރިމީހާގެ އުނދަގޫ ފެށުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ކަންތައް ހިނގަމުންދިޔަގޮތް ރޮއިރޮއިފައި ވަރަށް ތަފްޞީލް ކޮށް ނަދުވީއަށް ކިޔައިދެމުން ގެންދިޔައެވެ. އެވާހަކަތައް އަޑުއަހަމުން ދިޔައިރު ނަދުވީގެ ލޮލުންވެސް ކަރުނަތައް ފައިބަމުން ދިޔައެވެ. އަދި ބޮޑުދައިތަގެ ފިރިމީހާ ނާޒިމާއަށް އެ އަނިޔާތައް ކަރަމުންދާއިރު ނާޒިމާ ރޯނެ ރުއިމާއި އެކަމުން ސަލާމަތް ވުމަށް ނާޒިމާ ކުރަމުންދާނެ މަސައްކަތްތައް ނަދުވީއަށް ސިފަވަމުން ދިޔައެވެ.

"ނަދުވީ ބުނެބަލަ...! މިކަމުގައި އަހަރެންގެ ކުށަކީ ކޮބާ...؟ އަހަރެން ކުށަކީ އެވަރަށް އެކަންކަން ހިނގަމުންދިޔައިރުވެސް އަހަރެން އެއްވެސް މީހެއް ގާތުގައި އެވާހަކަ ނުބުނެ ހުރުން ކަމުގައިވާނަމަ އެކުށް އަހަންނަށްވަނީ ކުރެވިފަ...! އޭރު އެވާހަކަތައް ބުނެވުނުނަމަ މިއަދު އަހަރެން މިހާލުގައި އިންނާކަށް ނުޖެހުނީސް...! އެކަމަކު އެވާހަކަ އެއްވެސް މީހެއް ގާތުގައި ނުބުނެހުރީ ބޮޑުދައިތަ ހައްޤުގައި...! އޭނަ ބޮޑުދައިތަގެ ދުވަސް ދުއްވާލާނެތީ...! އަހަރެންގެ ދުވަސްވެސް ދުއްވާލާނެތީ...! އެކަމަކު އަހަންނަށް މިހެން ވާނެކަން ކުރިން އެނގުނުނަމަ އަހަރެން މަޑަކުން ނުހުރީމުސް...! އަހަންނަކީ މާފުކުރަން ހެޔޮވާވަރު މީހެއްވެސް ނޫން..! އެކަމަކު ގަސްދުގައި އަހަރެން ނަދުވީ އަކަށް ލަނޑެއް ނުދެން...! އަހަރެން މިރަށުން ފުރައިގެން ދިޔުމުގެ ކުރިން އަހަންނަށް މާފުކޮށްދެވެން އޮތްނަމަ މާފުކޮށްދިނުމަކީ އަހަރެންގެ އެންމެބޮޑު އެއް އެދުން...!" އަނެއްކާވެސް ނާޒިމާ ނަދުވީގެ ދެފައިތިލައާ ދިމާއަށް ގުދުވަމުން ބުންޏެވެ.

"ނާޒިމާއަށް ތިކުރެވުނު ކުށަށް ނާޒިމާ ތައުބާވާންޖެހޭނެ...! އިންސާނުންނަކީ ކުށްކުރެވޭނެ ބަޔެއް...! ކޮންމެ މީހެއްގެ ތައުބާވެސް މާތް ﷲ ޤަބޫލު ކުރައްވާނެ...!" ނާޒިމާގެ ވާހަކަތައް އަޑުއެހުމަށްފަހު ނަދުވީއަށް ކުރި އަސަރުގެ ބޮޑުކަމުން އޯގާތެރިކަމާއެކު ނާޒިމާގެ އަތުގައި ހިފާލުމަށްފަހު ނަދުވީ ބުންޏެވެ.

"އަހަންނަށް ކުރެވުނު ހުރިހާ ކުށަކަށް އަހަރެން މިހާރުމިވަނީ ތައުބާވެފަ...! އަހަރެންގެ ފާފަ ފުއްސެވުމަށްއެދި ކޮންމެ ނަމާދެއްގެ ފަހުގައި އަހަރެން މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން...! އަހަރެން މިރަށުން ފުރުމުގެ ކުރީން ނަދުވީވެސް އަހަންނަށް މާފުކުރެވެން އޮތިއްޔާ މާފުކުރާނެ ކަމަށް އުއްމީދު ކުރަން....! މިއަދު އަހަރެން ބޭނުން މިކަން ކޮންމެވެސް އެއްގޮތަކަށް ނިންމަން...! އަހަރެން މިރަށުން ފުރައިގެން ދާނީ ބޮޑުދައިތަ ކައިރީގައި ހުރިހާ ވާހަކައެއް ދައްކާފަ...! އަހަރެން ބަދުނާމުވާއިރު އަހަންނެކޭ އެއްވަރަށް މިކަމުގައި ހިއްސާވި ބޮޑުދައިތަގެ ފިރިމީހާވެސް ޖެހޭނެ ބަދުނާމުވާން...!" ނާޒިމާ އަނެއް ފަރާތަށް އެނބުރިހުރެ ވާހަކަ ދެއްކިއެވެ.

"އަހަރެން ނާޒިމާއަށް މާފުކޮށްފިން...! ނާޒިމާގެ ތި ވާހަކަތަކުން ތިކަމުގައި ނާޒިމާގެ އެއްވެސް ކުށެއް ނެތްކަން އަހަންނަށް އެނގިއްޖެ...! އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫން މުޅި ރަށަށް ނާޒިމާ ބޭޒާރުވާތަން ބަލަން ހުންނާކަށް...! އަހަރެން ތިކަމުގައި ކޮންމެސް އެހެން ގޮތެއް ހޯދާނަން...!" ފުރަގަހަށް އެނބުރިހުރި ނާޒިމާގެ ކޮނޑުގައި ހިފަހައްޓާލަމުން ނަދުވީ ބުންޏެވެ.

"މިކަމުގައި ދެން އިތުރުގޮތެއް ނެތޭ...! އަހަރެން ބޭނުން އޭނަ ބޭޒާރު ކޮށްލަން...! އަހަންނަށް ކުރި އަނިޔާއާއި އަހަންނަށް ދިން ވޭނާ ހިތާމައާއި އަހަރެންގެ ޢިއްފަތްތެރިކަމަށް އަރައިގަން އަރައިގަތުމަށް އެކަށީގެންވާ އަދަބު އެނުލަފާ މީހާއަށް ލިބެން ޖެހޭނެ...! އެއާއެކު އަހަރެންވެސް ބޭޒާރު ވެގެންދާނެ...! އެހެން ނޫނަސް މިވާހަކަ ނުބުނެ ހުއްޓަސް ދުވަސްކޮޅަކުން މުޅި ރަށަށް އަހަރެން ބަނޑުބޮނޑުކަން އެނގިގެންދާނެ...! އަހަރެން ބަނޑުބޮޑުކަން މީހުންނަށް އެނގުނީމަ އެމީހުން އަހަންނާ ކުރާ ސުވާލުތަކަށް އަހަރެން ދޭނީ ކޮންޖަވާބެއް...! މިކަން މިގޮތަށް އަދިވެސް ސިއްރުކޮށްގެން ހުއްޓާ އަހަރެންގެ ދަރިފުޅުގެ ބައްޕައަކީ ކާކުހޭ އަހައިފިއްޔާ އެ ދަރިފުޅުގެ ބައްޕައަކީ އަހަރެންގެ ބޮޑިދައިތަގެ ފިރިމީހާއޭ އަހަރެން ބުނާނީ ކިހިނެތް...؟ މާ ގިނަ ދުވަހަކު ދެން މިކަން ސިއްރެއްގެ ގޮތުގައެއް ނުވެސް އޮންނާނެ...!" ނަދުވީ އާ ދިމާއަށް ބަލާލަމުން ނާޒިމާ ބުންޏެވެ.

"ތި ދަރިފުޅުގެ ބައްޕައަކީ ކާކުހޭ ސުވާލުކުރާ ކޮންމެ މީހެއް ގާތުގައިބުނޭ ތި ދަރިފުޅުގެ ބައްޕައަކީ ނަދުވީ އޭ...! އަހަރެން މިހިރީ ވީ އެންމެ އަވަހަކަށް ނާޒިމާއާ އިންނަން ތައްޔާރަށް...! އަހަރެން އަދިވެސް ނާޒިމާދެކެ ވަރަށް ލޯބިވޭ...! ތި ވާހަކަތައް އަޑު އިވުމުން އަހަރެން ނާޒިމާދެކެވާ ލޯބިވީ އިތުރު...! ކައިވެނި ކުރާނެ ތާރީޚެއް އަވަހަށް ހަމަޖައްސާފަ އަހަރެން ގާތުގައި ބުނޭ...! އަހަރެން މިހާރުވެސް މިހިރީ ނާޒިމާއާ ކައިވެނިކުރަން ރަންކިޔަން މީހުން ފޮނުވަން ތައްޔާރަށް...!" ނާޒިމާގެ ކޮނޑުގައި ހިފައި ނަދުވީގެ ގަޔާއި ކައިރިކޮށްލަމުން ނަދުވީ ބުންޏެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 15 ޑިސެމްބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް