ވާހަކަ: ޑައިރީ – ފަސްދޮޅަސް ހަތްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "ގެއަށް ފޯނުކޮށްގެން މިހާރުވެސް ބަލަމޭ...! ނާޒިމާ، އެމަންޖެ ދެކެ ވަރަށް ލޯބިވެއޭ...! އެމަންޖެއަށް ދެރަވާ ގޮތަކަށް ނާޒިމާ ކަންތަކެއް ނުކުރާނެ...! ކުރީ ދުވަހު ބުނެފި އެމަންޖެ ލައ...

01 Dec 2024 | 17:47

ކުރީގެ އަދަދާއި ގުޅޭ...

"ގެއަށް ފޯނުކޮށްގެން މިހާރުވެސް ބަލަމޭ...! ނާޒިމާ، އެމަންޖެ ދެކެ ވަރަށް ލޯބިވެއޭ...! އެމަންޖެއަށް ދެރަވާ ގޮތަކަށް ނާޒިމާ ކަންތަކެއް ނުކުރާނެ...! ކުރީ ދުވަހު ބުނެފި އެމަންޖެ ލައްވާ ނާޒިމާއަށްވެސް މަންމަ ކިޔުއްވަންހޭ ވެސް...!" ހީނލާފައި އައިލީން ބުންޏެވެ.

"ކީކޭ ދެން އައިލީން އެކަމާބުނީ...؟" އައިލީން އެހެން ބުނުމުން ރާއިފު އެކަމާ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި އައިލީން އާ ސުވާލުކޮށްލިއެވެ.

"ނާޒިމާ އެހެންބުނީމަ އަހަންނަށް ހެވުނީ...! އަހަރެން އެކަމަކާ ވަކި އެއްޗެއް ނުބުންނަން...!" ރާއިފުގެ ސުވާލަށް އައިލީން ޖަވާބު ދިނެވެ.

"އެކަމަކުވެސް ހެޔޮ...! ކޮންމެހެން ޒާރާ ލައްވާ އޭނައަށް މަންމަ ކިޔުއްވާނެ ކަމެއްނެތް...! ޒާރާގެ މަންމައަކީ މިހާރު އައިލީން... ޒާރާގެ ބައްޕައަކީ އަހަރެން...! ޝަރުޢީ ގޮތުންވެސް އެހުރިހާ ކަމެއް މިހާރު އެއޮތީ ނިމިފަ...! އެއްވެސް މީހަކަށް އެކަމެއް ދެން ބަދަލެއް ނުކުރެވޭނެ...!" ހިތްހަމަ ނުޖެހިފައިހުރެ ރާއިފު ވާހަކަ ދެއްކިއެވެ.

"ސާބަސް...! މީހަކު އެކަން ބަދަލުކުރާކަށް ނޫޅެއޭ...! ހާދަ އަވަހަކަށް ސީރިއަސްތިވީ...! އެއީ އޭނަ އެހެން ބުނިއެއްޗެއް ނޫނޭ...! އޭނަ ޒާރާ ދެކެ ވަރަށް ލޯބިވެއޭ..! އެހެންވެ ބުނެލިއެއްޗެއް އެއީ...! އެކަމާ އަޅާނުލާބަލަ...!" ރާއިފު ހިތްހަމަ ނުޖެހިފައި ހުރިކަން އެނގުމުން ރާއިފު ރުއްސާލުމަށްޓަކައި އައިލީން ބުންޏެވެ.

"އެންމެ ރަނގަޅު... އެކަމަކު އައިލީން ޖެހޭނެ ޒާރާގެ ކަންކަމުގައި ތަންކޮޅެއް ބޮޑަށް ސަމާލުވާން...!" ރާއިފު އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ.

"ގެ، ޗޭންޖު ވީމަ މަންމަވެސް ގެއަށް އަންނާނެއެއްނު...! އޭރުން މަންމަވެސް ޒާރާ ގާތުގައި އަބަދު ގޭގައި ހުންނާނެ...!" އައިލީން އަދިވެސް މަސައްކަތް ކުރަމުން ގެންދިޔައީ ރާއިފުގެ ހިތް ހަމަޖައްސައިދެވޭތޯ އެވެ.

"އެންމެ ރަނގަޅު...! ދެން އައިލީން އޮފީސް ނިމުނީމަ ޚަބަރެއްވޭ...! އޭގެ ކުރިން ތި މިފްޒާލްގެ ޚަބަރެއް ވެއްޖިއްޔާ އަހަންނަށް ގުޅާތި..! އެކަންވެސް ކޮންމެވެސް ގޮތަކަށް އެބަ ހައްލުކުރަންޖެހޭ...! ދެން ބާއްވަނީ އިނގޭ...!" ފޯނު ބާއްވަމުން ރާއިފު ބުންޏެވެ.

ފޯނު ބޭއްވުމަށްފަހު އައިލީން އޮފީހުގެ ނުނިމިހުރި މަސައްކަތްތައް ފެށިއެވެ. އެދުވަހު އޮފީހުގެ މަސައްކަތްތައް ނިންމާލިއިރުވެސް މިފްޒާލް، އައިލީން އަކަށް ނުގުޅައެވެ. މަސައްކަތްތައް ނިންމާލުމަށްފަހު ތިންގަޑިބައިވަނިކޮށް ގެއަށް ދާންވެގެން އައިލީން ރާއިފު އާ ގުޅާލިއެވެ.

"ނިމިއްޖެ...! މިގަޑީގަ ބަލާ އާދެވޭނެތަ...؟" މޭޒުމަތީގައި އޮތް އައިލީންގެ ޕާސް ނަގާ ހޭންޑް ބޭގަށްލަމުން އައިލީން ފޯނުން ވާހަކަ ދެއްކިއެވެ.

"އާނ..! ފަސްވަރަކަށް މިނިޓްފަހުން ނިކުމޭ...! ކޮބާ..! އެ ފިނޑި ސޮރުގެ ޚަބަރެއްވީތަ...؟ ފޯނުކުރިތަ...؟" ފާޑަކަށް ހީނލާފައި މަލާމާތުގެ ރާގަކަށް ރާއިފު ސުވާލު ކުރިއެވެ.

"ނުގުޅާ...! ނޭނގެ ވީގޮތެއް...!" އައިލީން ހީނލާފައި ވާހަކަ ދެއްކިއެވެ.

"ބޮޑު ފިނޑިއެއް...! ހީވަނީ ގުޅަން ނުކެރުނީހެން..!" ހަމަ އެރާގުގައި ރާއިފު ބުންޏެވެ.

"އެހެންތަ..؟ ތިބުނާހާ ބިރުގަންނަ ފިނޑި މީހެއްނޫނޭ އެއީ...! އެއީ ވަރަށް ނުބައި ގޮތްކުޑަ މީހެއް...! އޭނަގެ ގޮތް އަދި ރާއިފުއަށް ތި ނޭނގެނީ...! ޓައިމް ހޯދައިގެން އެނަ ގުޅާނެ އަދި...! މަށަށް ޔަޤީން...!" މިފްޒާލް ގުޅާނެކަން އައިލީންއަށް ޔަޤީންވާތީ ބުނެލިއެވެ.

"އަހަންނަށްވެސް މިފަހަރު ރަނގަޅަކީ އޭނަ ގުޅިއްޔާއޭ...! ދެން ބަލަން ތިބެމާ ވާގޮތެއް...! މިފަހަރު ދޭތިން އެކަތި.." މަ ވިއްޔާ މަ..! އޭނަ ވިއްޔާ އޭނަ...! ރާއިފު އެހެން ބުނީ ހީނލާފައެވެ.

"ދެން އަތުން ފައިން ގޯސްހަދަން އުޅޭނެ ކަމެއްނެތް...! ތި ފޯނު ބާއްވާފަ އަވަހަށް އަހަރެން ބަލާ އަންނަން އުޅޭ...! މި ނުކުންނަނީ ބޭރަށް..." އައިލީން ބޭނުންވީ އަވަހަށް ގެއަށްދާށެވެ.

ރާއިފު، އައިލީންގެ އޮފީސް ދޮށަށް އައިއިރު އައިލީން ހުރީ ގެއަށްދާން ތައްޔާރު ވެގެން ބޭރަށް ނުކުމެއެވެ. ސައިކަލް މަޑުކޮށްލުމާއެކު އައިލީން ސައިކަލަށް އެރުމުން ރާއިފު ސައިކަލް ދުއްވާލިއެވެ. ކުޑައިރުކޮޅެއް ކުރިން ދެމުންދިޔަ ރަތްދަކަ އަވި ނިވާލުމަށްފަހު ކުއްލިއަކަށް އުޑުމަތީގައި ވިލާގިނަވެ ވިއްސާރަ ވައްތަރު ވެއްޖެއެވެ. ވައިވެސް ކުރިއަށްވުރެ ގަދަ ވެއްޖެއެވެ. އޮފީސްތައް ނިމިގެން ގޭގެއަށް ދިޔުމަށްޓަކައި މަގުމަތީގައި ކޮޅުކޮޅަށް ހިނގާ މީހުންގެ ހިނގުން ބާރުވެ ކޮޅުކޮޅަށް ދުއްވާ ވެހިކަލްތަކުގެ ދުއްވުންވެސް ބާރުވެއްޖެއެވެ. ގާ އަތުރާފައިހުރި މަގުތަކެއް ކަމުގައިވިޔަސް ޖެހޭ ގަދަ ވައިގެ ސަބަބުން މުޅި މާހައުލުވަނީ ހިރަފުސްވެފައެވެ.

"ކުއްލިއަކަށް ވިއްސާރަ އަންނަން އެ އުޅެނީ...! ބާރަށް ދުއްވާ..! އެހެން ނޫނީ މިއަދު ދެމީހުން ތެމިފޯވާނެ..." އުޑުމައްޗަށް ބަލާލަމުން އައިލީން ބުންޏެވެ.

"މާރަނގަޅު ދެމީހުން އެކީ ތެމިފޯވިއްޔާ...! އޭރުން ގެއަށް ގޮއްސަ ކިހާ މަޖާވާނެ..!" ރާއިފު ހީނލާފައި ސަމާސާ ރާގަކަށް ބުންޏެވެ.

"ހޫނ...! ދެން މަޖާކުރާނީ ފަހުން...! މިހާރު އަވަހަށް ގެއަށްދެވޭތޯ ބަލަންވީ...! އަދި ޒާރާއަށް ބުއްދަޅެއް ގަނެގެން ދެވޭނީ... ހިނގާ އަވަހަށް ފިހާރައަކަށްދާން..." އައިލީންވެސް ހީނލާފައި ވާހަކަ ދެއްކިއެވެ.

"މިހާރުވެސް ވާރޭ ކަނިޖަހާ އެބަ..! ދެން ބުއްދަޅު ގަންނާނީ ވާރޭ ހުއްޓީމަ..! މިހާރު ދާނީ ގެއަށް...!" އުޑުމައްޗަށް ބަލާލަމުން ރާއިފު ބުންޏެވެ.

"އުހުނ...! މިއަދު ގަންނަންޖެހޭނެއޭ...! އޯކޭވާނެ ތެމިލައިގެން ދާނީ ދެން..! ދެންމެ ތިބުނީއެއްނު ތެމުނީމަ ވަރަށް މަޖާވާނެއޭ...!" އައިލީން ބޭނުންވީ ގެއަށް ދާ މަގުމަތީގައި ކޯސްޓުދަޅެއް ގަނެގެން ދާށެވެ.

"ކޮންމެހެން ތެމޭނެ ކަމެއްނެތް...! އަހަރެން މަޖަލަކަށް ބުނިއެއްޗެއް އެއީ...! ތެމިގެން އައިލީން ހުންއައިސްފިއްޔާ ޒާރާ ބޭބީވެސް ހުން އައިސްދާނެ...! އައިލީން ގެއަށްލާފަ އަހަރެން ގޮސް ކޯސްޓް ދަޅެއް ގަނެގެން ގެއަށް ދާނަން...!" ސައިކަލް ބާރުކޮށްލަމުން ރާއިފު ބުންޏެވެ.

"އައްދޭ...! ހުމަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނޭ...!" އައިލީން، ރާއިފުގެ އުގަނޑުގައި ބާރަށް ހިފަހައްޓާލަމުން ބުންޏެވެ.

"ހޫން...! ބާރަށް ހިފަހައްޓައިގެން އިންނާތި...! މިޖެހޭ ވައިގައި މަގޭ ލޯބި އަނބިމީހާ ވިއްސައިގެން ހިނގައިދާނެ..!" ސަމާސާ ރާގަކަށް ރާއިފު ބުންޏެވެ.

ވާރޭ ކަނިޖަހަމުންގޮސް އެންމެ ފަހުން ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ރާއިފު ސައިކަލުގެ ދުވެލި ކުރިއަށްވުރެ ބާރުކޮށްލިއެވެ.

"ހިނގާ އިހަށް މަޑުކުރަމާ...! އެހާ އަވަސްއަރުވާލާފަ ތެމިގެން ކީއްކުރަންދާންވީ...! ގެއަށް ދާންވެގެން ބޭބީ ކޮބައިތޯ ބަލާލަން ގުޅާލީމަ ނާޒިމާ ބުނި ބޭބީ ނިންދަވަނީޔޭ...! އެހެންވީމާ ބޭބީވެސް މިހާރު އޮންނާނީ ނިދާފަ..." އައިލީން އަނެއްކާވެސް ރާއިފު ގައިގައި ބާރަށް ހިފަހައްޓާލަމުން ބުންޏެވެ.

"ތިހެން ބާރަށް ބައްދާލީމަ މިގަޑީގައި ހާދަހާ އަރާމޭ...! އަދި ބުނަން، މަޑުކުރިޔަސް މިހިސާބުގަ ހިޔާވާން ވަންނާނެ ތަނެއްވެސް ނެތެއްނު...! އެހެރަ ފިހާރައިގެ އަސްކަނިދަށް އޮތީ...! އެއޮތީ އެތާ އޮތްހާ މީހުން... އެހެން ނޫނަސް އެތަނަކީވެސް މާބޮޑު ހިޔަލެއް އޮތްތަނެއް ނޫނެއްނު...!" އެއްފަރާތުން ފެންނަންހުރި ފިހާރައެއްގެ އަސްކަނިދަށް ދައްކާލަމުން ރާއިފު ބުންޏެވެ.

އައިލީން އެފިހާރައާ ދިމާއަށް ބަލާލިއެވެ. އޭރު މަގުމަތީ ކޮޅުކޮޅަށް ހިނގަމުންދިޔަ މީހުން ވާރޭން ހިޔާވުމަށްޓަކައި އެތަނުގައި މަޑުކޮށްލައިގެން ތިއްބެވެ.

"އެފިހާރަވެސް ހުޅުވާފަހުރިނަމަ ރަނގަޅު ފިހާރައަށް ވަދެ ޝޮޕިންގ ކޮށްލައިގެން ދާން...! އެކަމަކު ފިހާރަ ބަންދުކޮށްފަ އެހެރީ..." ފިހާރައާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.

"ދެން ދާނީ ސީދާ ގެއަށް...! އައިލީން ގެއަށްލާފަ އަހަރެންގޮސް ކޯސްޓް ދަޅެއް ގަނެގެން ގެއަށްދާނަން...! މިހާރު ދެން އެކީ ތެމިފޯވީނު މި..." ކުރިއަށް ދުއްވަމުން ރާއިފު ބުންޏެވެ.

ރާއިފު ގޮސް ގޭ ދޮރުމައްޗަށް އައިލީން ބޭލުމަށްފަހު ދިޔައީ ފިހާރައަށެވެ. އައިލީން ތެމިފޯވެގެން ވަނީ ގޭތެރެއަށޭވެ. ގޭތެރެއަށް ގޮސް ކޮޓަރިއަށްވަދެ ޗޭންޖު ކުރުމަށްޓަކައި ފާހާނާއަށް ވަނެވެ.

މިފްޒާލްގެ މަންމަ އަޞުރު ނަމާދު ކޮށްލައިގެން ކޮޓަރިން ނުކުތްއިރު މިފްޒާލް ސިޓިންގ ރޫމް ސޯފާގައި ވަރަށް ކަންބޮޑުވެފައި އިނެވެ. މިފްޒާލްގެ މޫނުމަތިން ނުތަވަސްކަމުގެ އަސަރާއި، ހިތާމަވެރިކަން ފާޅުވަމުން ދިޔައެވެ.

"ޓީވީ ވެސް ހުޅުވާނުލާ މިތާ އެކަނިމާއެކަނި މާ ދެރަވެފަ، ކިހިނެތްވެފަ ދަރިފުޅު ތި އިންނަނީ..." މިފްޒާލް އެކަނިމާއެކަނި ސިޓީންގ ރޫމުގައި އިންތަން ފެނުމުން މިފްޒާލްގެ މަންމަ ސުވާލުކޮށްލިއެވެ.

"ކަންކަން ވަމުންދާގޮތާމެދު ކުޑަކޮށް ވިސްނާލަން މިއިނީ...! މަންމަ ކިބައިން އަހަރެން ވަރަށް ބޮޑަށް މާފަން އެދެން...!" މަންމައާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުންޏެވެ.

"ކޮންކަމަކާ މަންމަގެ ކިބައިން ދަރިފުޅު މާފަށް އެދެން ޖެހެނީ...! ދަރިފުޅު ނުޖެހޭނެ މަންމަގެ ކިބައިން މާފަށް އެދޭކަށް.." މިފްޒާލް ގާތުގައި އިށީންނަމުން މިފްޒާލްގެ މަންމަ ބުންޏެވެ.

"މަންމަގެ އަބަދުގެވެސް އުއްމީދަކީ މަންމައަށް މާމަ ކިޔާނެ ތުއްތު ތުއްތު ބޭބީއެއް މިގެއަށް އައުމެއްނު...! އެކަމަކު އެ ފުރުޞަތު ލިބުނީމަވެސް އެފުރުޞަތު އަހަންނަށް މަންމައަކަށް ހޯދައެއް ނުދެވުނު...! އަންޖަލް މިގޭގަ ހުންނާކަށް އަދިވެސް އެއްބަހެއްނުވޭ...! ބޭނުންވަނީ އަހަރެން ކައިރިން މިނިވަންވެގެން ދާން..! ކިހިނެތް އަހަރެން ހަދަންވީ...؟ އަންޖަލް ބޭނުންވާ ގޮތަށް އަންޖަލް ދޫކޮށްލަންވީތަ...؟ މިފަހަރު އަހަރެން ކަންތައްކުރާނީ މަންމަ ބުނާ ގޮތަކަށް...! އަހަރެން މިކަމާ ވިސްނާ ވިސްނާ މުޅިން ހަލާކު ވެއްޖެ... މިހާޜު އަހަންނަކަށް އެއްވެސް އެއްޗެއް ނުވިސްނެ...! މިކަމުގައި މަންމަގެ އެހީތެރިކަން އަހަރެން ވަރަށް ބޮޑަށް ބޭނުން...!" ލޮލުން ހިތާމަވެރިކަމުގެ ކަރުނަ އައިސްފައިވާ މިފްޒާލްގެ އޭނާގެ މަންމަގެ ކޮނޑުގައި ބޯ އަޅާލަމުން ބުންޏެވެ.

އައިލީން ފާހާނާއިން ނުކުމެގެން ކުޑަކޮށް ތައްޔާރު ވެލައިގެން ކޮޓަރިން ނުކުމެ ބޭރު ބަލާލިއިރު ސިޓިންގ ރޫމުގައިވެސް ނާޒިމާ ފެންނާކަށް ނެތެވެ. ބޭބީވެސް ފެންނަން ނެތުމާއެކު ބޭބީ ވާނީ ނާޒިމާ ކޮޓަރީގައިކަން އެނގުނެވެ. އައިލީން ގޮސް ބޭބީ ނިދާފަތޯ ބަލާލުމަށްޓަކައި ނާޒިމާ ކޮޓަރިއަށް ވަނެވެ. އައިލީން ކޮޓަރިއަށް ވަނުމާއެކު ނާޒިމާ ދިޔައީ ސިހިގެންނެވެ. އެނދުމަތީގައި ޒާރާ ބޭބީ އުނގުގައި ބާއްވައިގެން އިން ނާޒިމާވެސް ސިހިފައި ބޭބީ ގަޔާ ދުރުކޮށްލިއެވެ.

"ނާޒިމާ....! ކަލޭގެ ހުރި ގޮތްކުޑަކަން...! ކީއްތިކުރަނީ....؟" އައިލީން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

ނާޒިމާ ސިހިފައި އޭނާގެ ހެދުން ރަނގަޅު ކޮށްލުމަށްފަހު ބޭބީ ގޮވައިގެން އެދުން ތެދުވިއެވެ. އައިލީން ދިޔަގޮތަށްގޮސް ނާޒިމާ އަތުން ބޭބީ އަތުލިއެވެ. އެވަގުތު ބޭބީ ވަރަށް ބާރަށް ރޯންފެށިއެވެ.

"ކަލޭ.... ކަލޭ... ކިހިނެތް... ކިހިނެތް...؟ ކިހިނެތް ވެގެން ކަލޭ ތިއުޅެނީ...! މިއީދޯ އިރުއިރުކޮޅާ ބޭބީ ކޮޓަރިއަށް ގެނެސްގެން ތިކުރާ ކަމަކީ...! ކިހިނެތް ކަލޭ....؟ އޭނ...! މީގެ ފަހުން.... މީގެ ފަހުން ކަލޭ ބޭބީ ގައިގައި އަތްނުލާތި...! ހުރި ނުބައިކަން...! ކަލޭ ލަދެއް ނުގަނޭނެތަ...؟ އެހެން ނޫނަސް ކަލޭ ކިހިނެތް ތިކަން ތިކުރަނީ...؟" އައިލީން ހަޅޭޢްލަވަމުން ޒާރާ ބޭބީ ގޮވައިގެން އެކޮޓަރިން ބޭރަށް ނުކުމެގެން ދިޔައެވެ. ނާޒިމާ އެވަގުތުހުރީ ހަދާނެގޮތް ހުސްވެ ބުނާނެ އެއްޗެއްވެސް ނޭނިގައެވެ. ނާޒިމާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، ތިން ޑިސެމްބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް