"ހެޔޮނުވާނެ ތިހެން ނުބުނޭ...! ކީއްކުރަން އަހަރެން އަންޖަލް ދޫކޮށްލަންވީ...؟ އަހަރެން މިހާރު ކިހިނެތް އަންޖަލްއާ ވަކިން ދިރިއުޅޭނީ...! މިއީ މިހާރު އަހަރެންގެ ދިރިހުރުމުގެ ހުރިހާވެސް އުއްމީދަކީ..!" އަންޖަލްގެ ބަނޑުގައި އަތް ޖައްސާލަމުން އަސަރާއެކު މިފްޒާލް ބުންޏެވެ.
"މިއެއްނޫން މިފްޒާލްގެ ދިރިހުރުމުގެ އުއްމީދަކީ...! ކޮބާ އަބަދު ފަހަތުން ތި ދުވާ ކުއްޖާ...! އެޔެއް ނޫންތަ މިފްޒާލްގެ އުއްމީދުތަކަކީ...! އަނެއްކާވެސް ދޮގުތަކެއް ހަދައިގެން އަހަރެންގެ ލޮލުގަ އަނދުނެއް އަޅުވަން ނޫޅެބަލަ...!
"ޕްލީޒް އަންޖަލް...! ޤަބޫލުކޮށްބަލަ...! ތިއީ ކުރީގެ ވާހަކަތަކެކޭ...! ދެން މިހާރު ތިވާހަކަތައް ދައްކައިގެން އިތުރަށް އަހަރެން ލަދުގަންނަވަން މަސައްކަތް ނުކޮށްބަލަ...! އަހަންނާ އޭނައަކާ އެއްވެސް ގުޅުމެއް މިހާރަކު ނެތޭ...! ހުވާކޮށްފަ މިބުނަނީ...! ޤަބޫލުކޮށްބަލަ...! އިންޑިއާ އަށް ދިޔަފަހުން އަހަރެން އޭނަ ނުވެސް ދެކެން...! ވާހަކައެއްވެސް ނުދައްކަން...!" ޕްލީޒް އަހަރެންގެ ވާހަކަ ޤަބޫލުކޮށްބަލަ...!" އާދޭސްކުރާ ރާގަކަށް މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ކިހިނެތް އަހަރެން ތިވާހަކަތައް ޤަބޫލު ކުރާނީ...؟ ތިހެން ކިތައް ފަހަރު އާދޭސްކުރާނީ..! އެކަމަކު ކަންތައްތައް ވެގެންދިޔައީ ކިހިނެތް...؟" އަންޖަލް އިނީ އެއްގޮތަކަށްވެސް ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
"އަހަރެން އަންޖަލްގެ ދެފައިގައި ހިފާފަ އާދޭސްކޮށްފަ މިބުނަނީ އަހަންނަށް މާފުކޮށްފަ އަންޖަލްގެ ތި ނިންމުން ބަދަލުކޮށްދީ...! އަހަރުމެންނަށް ލިބެންއުޅޭ ދަރިފުޅު ބައްޕައެއްގެ ލޯބިން މަޙްރޫމު ނުކުރޭ...! އެދަރިފުޅަށް އުފާވެރި މުސްތަޤްބަލެއް ލިބޭނީ އަހަރުމެން ދެމީހުންގެ ލޯބިވެސް ލިބިގެން...! އަހަރެންގެ މީހަކީ ހަމައެކަނި އަންޖަލްއޭ..! މާޒީގެ މަތިން ހަނދާން ނައްތާލާފަ އަލުން އަހަރުމެން ދެމީހުން އުފާވެރި ދިރިއުޅުމެއް އުޅެން ހިނގާ...! މިކުޑަކުޑަ ޢާއިލާއަށް ލިބެން މިއުޅޭ އުފާވެރިކަމަކީ އަބަދުގެ އަބަދަށް ލިބޭނެ އުފާވެރިކަމަކަށް ހަދާދީ...! އެކަން ކޮށްދެވޭނެ ހަމައެކަނީ މީހަކީ ހަމަ އަންޖަލް...! ޕްލީޒް އަންޖަލް...!" މިފްޒާލް ވާހަކަ ދައްކަމުންގޮސް އެނދުން ތެދުވެގެން ބިންމަތީގައި އުޑަފައިން އިށީނދެ އަންޖަލްގެ ދެފައިގައި ހިފާ އާދޭސްކުރަން ފެށިއެވެ.
"މިފްޒާލްގެ ތި ވާހަކަތައް ގަބޫލުކުރާކަށް އަހަންނަކަށް އެހާ ފަސޭހައެއް ނޫނޭ...! ތިހެން ކިތައް ފަހަރު މިފްޒާލް ތިގޮތަށް ވާހަކަ ދެއްކިންތަ..؟ އެކަމަކު އެއްވެސް ބަދަލެއް އައިތަ...؟ ނާދެއެއްނު...! އެހެންވީމަ ދެންވެސް މިފްޒާލްއަށް ބަދަލެއް އަންނާނެ ކަމަކަށް އަހަންނެއް ޤަބޫލެއް ނުކުރަން...!" މިފްޒާލް ހިފަހައްޓައިގެން އިން އަންޖަލްގެ ފައި އެއްފަރާތް ކޮށްލަމުން އަންޖަލް ވާހަކަ ދެއްކިއެވެ.
މިފްޒާލް މަޑުމަޑުން ބިންމަތިން ތެދުވެ އަނެއްކާވެސް އަންޖަލްގާތުގައި އެނދުގައި އިށީނެވެ. އެވަގުތު އެނދުމަތީގައި އޮތް މިފްޒާލްގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނަށް ބަލާލެވުނީ އަންޖަލް އާއި މިފްޒާލް އަށް އެކުއެކީގައެވެ. ފޯނަށް އަރާފައިވަނީ އައިލީންގެ ނަމެވެ. އަންޖަލް ރުޅިވެރިކަމާއެކު ބަލާލީ މިފްޒާލްގެ މޫނަށެވެ. މިފްޒާލްއަށްވެސް ބަލާލެވުނީ އަންޖަލްގެ މޫނަށެވެ.
"އެއީ ތިބުނާ އެއްވެސް ގުޅުމެއް ނެތް މީހާ...؟" ރުޅިވެރި ރާގަކަށް އަންޖަލް ބުންޏެވެ.
މިފްޒާލް އިނީ ބުނާނެ އެއްޗެއް ނޭނގި ޙައިރާން ވެފައެވެ. އައިލީންއަކީ މިފްޒާލްއަށް ގުޅާ މީހެއް ނޫނެވެ. އަބަދުވެސް އައިލީންއަށް ގުޅަނީ މިފްޒާލް އެވެ. އެހެންވީއިރު މިފަދަ ދަނޑިވަޅެއްގައި އައިލީން ގުޅަންވީ ކީއްކުރަން ހެއްޔެވެ.
"ހަމަ ހުވާ މިބުނީ...! އަހަންނަކަށް ނޭނގެ އޭނަ އެގުޅަނީ ކީއްވެ ކަމެއް....!" ފޯނާ ދިމާއަށް ބަލަންއިނދެ މިފްޒާލް ބުންޏެވެ.
އަންޖަލް އެވަގުތު އިތުރު އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އަންޖަލް އިނީ ރުޅި އައިސްފައެވެ. ހަމަ ވަގުތުން އެނދުން ތެދުވެގެން ނިކުތީ ކޮޓަރިން ބޭރަށެވެ. މިފްޒާލް ބުނާނެ އެއްޗެއް ނޭނގިފައި އަންޖަލް އާ ދިމާއަށް ބަލަހައްޓައިގެންނެވެ.
އައިލީން ގޮތެއް ނިންމުމަށްފަހު މިފްޒާލް އާ ބައްދަލުކުރަން ދީފައިވާ މުއްދަތު ހަމަވާން ދެތިން ދުވަހަށް ވެފައިވާތީ، އެކަމާ ބެހޭ ގޮތުން އައިލީންވަނީ ރާއިފު އާ މަޝްވަރާ ކޮށްފައެވެ. އަދި އައިލީން ކަންތައް ކުރަންވީގޮތް ރާއިފުވަނީ އައިލީން އަށް ކިޔާދީފައެވެ. ރާއިފުގެ މަޝްވަރާގެ މަތިން އައިލީން އެދުވަހު ހެނދުނު އޮފީހަށް ދިޔައީ އެކަމާބެހޭ ގޮތުން މިފްޒާލް އާ ވާހަކަ ދެއްކުމަށް ނިންމައިގެންނެވެ. އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި އުޅުމަށްފަހު އައިލީން، މިފްޒާލަށް ފޯނު ކުރިއެވެ. އެހެން ނަމަވެސް މިފްޒާލް ފޯނެއް ނުނަގަނައެވެ. ތިން ފަހަރު މިފްޒާލްގެ ފޯނަށް ގުޅިއިރުވެސް އެއިން އެއްފަހަރުވެސް ފޯނަށް ޖަވާބެއް ނުދެއެވެ.
އަންޖަލް ކޮޓަރިން ނުކުމެގެން ބޭރަށް ދިއުމުންވެސް މިފްޒާލް އެކޯލް ނަގާކަށް ބޭނުމެއް ނުވިއެވެ. ފޯނަށް ބަލަހައްޓައިގެން އިނީއެވެ. ތިން ފަހަރު ފޯނު ރިންގވީ އިރުވެސް މިފްޒާލް ފޯނުގައި އަތްވެސް ނުލައެވެ. އެންމެފަހުން މިފްޒާލް އެނދުގައި އޮށޯތުމަށްފަހު މަޑުމަޑުން ދެލޯމަރާލިއެވެ. ހަށިގަނޑުން ހުރިހާ ބާރަކާ ހަކަތައެއް ހުސްވި ކަހަލައެވެ.
އަންޖަލް ބޭރަށް ނުކުތްއިރު ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައިހުރިކަން މިފްޒާލްގެ މަންމައަށް ފާހަގަ ކުރެވުނެވެ.
"ދަރިފުޅު ކިހިނެތްވެފަ ތިހުރީ...! ހާދަ ހާސްވެފަ ހުރިހެން ހީވެއޭ...! އަނެއްކާވެސް މިފްޒާލް އާ ދެމީހުން ދެބަސްވުމެއް ހިނގީތަ...؟" އަންޖަލް ފެނުމާއެކު މިފްޒާލްގެ މަންމަ ސުވާލު ކުރިއެވެ.
"މިފްޒާލް، އަހަރެން ދޫކޮށްނުލިޔަސް ދެން އަހަރެން މިފްޒާލް އާއެކު އުޅޭކަށް ބޭނުމެއް ނޫން...! އޭނަ ނުވާނެ ދުވަހަކުވެސް ރަނގަޅެއް...!" ސިޓިންގ ރޫމު ސޯފާގައި އިށީންނަމުން އަންޖަލް ވާހަކަ ދެއްކިއެވެ.
"މިހާ ހެނދުނާ އަނެއްކާ ކިހިނެތްވީ...؟" އަންޖަލް އާ ދިމާއަށް އަންނަމުން މިފްޒާލްގެ މަންމަ ސުވާލުކޮށްލިއެވެ.
"އަހަންކަށް ނޭނގެ...! އޭނަ އެ ހިތްޕުޅާ ހަމަވެގެން އުޅޭ ކަމަނާ ފޯނު ކުރަނީ...! ގައިމު އެ ދެމީހުންގެ މެދުގަ ގުޅުމެއް ނެތޭ ބުންޏަސް ފޯނުކުރާނީ ކަމެއްވީމަތާ...! މިފްޒާލް ދައްކާ ވާހަކަ ކިހިނެތް ދެން އަހަރެން ޤަބޫލު ކުރާނީ...!" މިފްޒާލްގެ މަންމައާ ދިމާއަށް ބަލަހައްޓައިގެން އިނދެ އަންޖަލް ބުންޏެވެ.
"އެކަމަކު މަންމައަކަށް ހިޔެއް ނުވެ އެކުއްޖަކާ އާ މިފްޒާލް އަކާ މިހާރު އެއްވެސް ގުޅުމެއް އޮންނަހެނެއް..! މިފްޒާލް މަންމަ ގާތުގައި ދޮގެއް ނުހަދާނެ...! ކޮންމެ ދުވަހަކު މަންމަ ގާތުގައި މިފްޒާލް އައިސް ދައްކާ ވާހަކަތަކުންނާއި، މިފްޒާލްގެ ލޮލުން އޮހެރޭ ކަރުނަތަކުން މަންމައަށް އެކަން ޔަޤީންވޭ...!" އަންޖަލް ގާތުގައި އިށީންނަމުން މިފްޒާލްގެ މަންމަ ބުންޏެވެ.
"ތިއީ މަންމައަށް ހިވާ ހީވުން...! ނޫނީ ޔަޤީންވާ ޔަޤީންވުން...! އަހަރެން މިބުނީ އަހަންނަށް ޔަޤީންވާ ޔަޤީންވުން..!" އަންޖަލް ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ.
"އަންޖަލްއަށް ތިހާބޮޑަށް ތިކަން ޔަޤީންވަނީ ކިހިނެތް...؟" މިފްޒާލްގެ މަންމަ ސުވާލުކޮށްލިއެވެ.
"ފެނިފަހުރި ތަންތަނުން...! ދެންމެވެސް އެކުއްޖާއޭ މިފްޒާލްއަށް ފޯނުކުރީ...! ގައިމު ގުޅުމެއް ނެތް މީހަކު ކީއްކުރަން ފޯނުކުރަންވީ...! ކޮންމެސް ގުޅުމެއް ނެތިއްޔަކާ ނުގުޅާނެ...! އަހަންނަށް ހަމަ ޔަޤީން..!" ހިތްހަމަ ނުޖެހިފައި އިނދެ އަންޖަލް ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ކޮބާތަ މިހާރު މިފްޒާލް...؟ އަހަރެން މިފްޒާލް އާ ތިވާހަކަ ދައްކާނަން...! ތި ކުއްޖަކު މިފްޒާލް އަށް ފޯނުކުރީ ކީއްކުރަންތޯ އަހަރެން އަހާނަން...!" ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން މިފްޒާލްގެ މަންމަ ބުންޏެވެ.
އައިލީން މަސައްކަތުގައި އުޅުމަށްފަހު ރިޕޯޓަކަށް އަޑުއަޅަން ވެގެން ވަނީ ސްޓޫޑިއޯ އަށެވެ. ސްޓޫޑިއޯގައި އިންދާ ރާއިފު ދެފަހަރު ގުޅިއެވެ. އައިލީން ރެކޯޑިން ނިންމާލުމަށްފަހު އައިސް ރާއިފު އާ ގުޅާލިއެވެ.
"ކޮބާ ކިހިނެއް ކަންތައް ދިޔައީ...؟ އޭނަ އެގޮތަށް އެއްބަސްވީތަ...؟" އައިލީން ގުޅާލުމުން ރާއިފު ފޯނު ނެގިގޮތަށް ނަގާ ސުވާލު ކުރިއެވެ.
"އޭނަގެ ޚަބަރެއްނުވި...! ތިން ފަހަރު ގުޅީމަވެސް ފޯނެއް ނުނަގަ...! ނޭނގެ ވީގޮތެއް އަދި އޭގެ ފަހުން ކޯލް ބެކެއްވެސް ނުކުރޭ...! ނިދާފަ ކަންނޭނގެ..! އެހެން ނޫނީ އޭނަ ފޯނު ނަގާނެ..! މޮޔަވެފަ ހުންނަ މީހެއް ވިއްޔަ...! ކޯލް ބެކްކުރީމަ އެހެން ބުނާނަން އިނގޭ...! އެނގިދާނެތާ އޭނަ ކަންތައް ކުރަން ބޭނުންވާ ގޮތެއް...!" ރާއިފު ރާވާފައިވާ ގޮތަށް އައިލީން ބުންޏެވެ.
"އާނ...! އޭނަ އެގޮތަށް އެއްބަސް ވަންޏާ ދެން ހުރިހާ ކަމެއް އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ...! އޭރުން ދެން އަހަންނަށް އެނގޭނީ ކަންތައްކުރާނެ ގޮތް...!" ހީނލާފައި ރާއިފު ވާހަކަ ދެއްކިއެވެ.
"މާބޮޑު ކަމެއް އަނެއްކާ ނުކުރާތި...! އަހަރެން ބޭނުން ރާއިފު އަބަދުވެސް އަހަރެން ގާތުގައި ހުންނަން...! ރާއިފު އަހަންނާ ދުރަށް ދާންޖެހޭ ކަހަލަ އެއްވެސް ކަމެއް ކޮށްފިއްޔާ އަހަރެން ވަރަށް ދެރަވާނެ...!" ރާއިފު މަޖާވެފައި ހުއްޓަސް އައިލީން ސީރިއަސް ރާގަކަށް ވާހާކަ ދެއްކިއެވެ.
"އައްދެ... އައްދެ...! ހާދަ ވަރަކަށް ސީރިއަސް ތިވީ..! އަހަރެން ނޫޅެމޭ މާބޮޑު ކަމެއް ކުރާކަށް...! ހަމައެކަނި
އަހަރެން ބޭނުންވަނީ އޭނަގެ ކިބައިން އަހަރެންގެ ލޯބިވާ އަނބިމީހާ ސަލާމަތް ކުރަން...! އެއީ ކޮންމެ ގޮތެއް ހަދާފަވެސް އަހަރެން ކުރަންޖެހޭނެ ކަމެއްނު...!" އަނެއްކާވެސް ހީނލާފައި ރާއިފު ވާހަކަ ދެއްކިއެވެ.
"ދެން އެންމެ ރަނގަޅޭ...! މިއަދު ނިމޭނެ ދޭއް ޖަހާއިރު...! ބަލާ އާދެވޭނެތަ...؟ ގެއަށްދާ މަގުމަތީ ޒާރާއަށް ކޯސްޓް ދަޅެއްވެސް ގަންނަން ޖެހޭނެ... " މިފްޒާލް ކުރެން އަންޖަލް އަހާލިއެވެ.
"އާނ...! ނިމިގެން ގުޅާ...! ހާދަ ގިނަ ދުވަސް ވެއްޖެއޭދޯ ކޯސްޓްދަޅެއް ނުގަންނަތާ...! އެމަންޖެއަށް ބުއްފުޅި ދެވެނީ މަދުންތައް އަނެއްކާ...؟" މިފްޒާލް ސުވާލުކޮށްލިއެވެ.
"ހިޔެއްނުވެ ދަނޅުން ކޯސްޓްކޮޅެއް މަދުވާހެނެއް...! އަބަދުވެސް އަހަރެން ބުއްފުޅި ހަދާފަ ހުންނަ ވަރަކަށް ދަޅުގަ މިލްކް ހުންނަނީ..! ދެ ދުވަހަކު ނާޒިމާ ކައިރީ އަހާވެސް ލައިފިން އެމަންޖެއަށް ބުއްފުޅި ނުދެނީތޯ...! އެކަމަކު ގަވާއިދުން ދެމޭ ބުނަނީ...!" މިފްޒާލްގެ ސުވާލަށް އައިލީން ޖަވާބު ދިނެވެ.
"ނާޒިމާ އެހެން ބުންޏަސް އައިލީން ބޭރުގައި އުޅޭ ވަގުތު އެމަންޖެގެ ކަންތައް ނާޒިމާ ކުރާގޮތް އައިލީން ކޮންމެސް ގޮތަކުން ބަލައްޗޭ..! އެހެން މީހުންގެ އަތްމައްޗަށް ދޫކޮށްލާފައި ތިބޭ ކުދިންނަށް އެކުދިން ގެންގުޅޭ މީހުން ބައެއް ފަހަރު ވަރަށް ގޯސްކޮންވެސް ކަންތައްތައް ކުރެއޭ..!" ކަންބޮޑު ވެފައިވާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.
"ގެއަށް ފޯނުކޮށްގެން މިހާރުވެސް ބަލަމޭ...! ނާޒިމާ، އެމަންޖެ ދެކެ ވަރަށް ލޯބިވެއޭ...! އެމަންޖެއަށް ދެރަވާ ގޮތަކަށް ނާޒިމާ ކަންތަކެއް ނުކުރާނެ...! ކުރީ ދުވަހު ބުނެފި އެމަންޖެ ލައްވާ ނާޒިމާއަށްވެސް މަންމަ ކިޔުއްވަންހޭ ވެސް...!" ހީނލާފައި އައިލީން ބުންޏެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 26 ނޮވެމްބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް