"މަންމަ، އަންޖަލް އާ ވާހަކަ ދައްކާލައިފިންތަ...؟" އަންޖަލް ގޮސް ކޮޓަރިއަށް ވަނުމާއެކު އިސްދަށަށް ޖަހައިގެން އިން މިފްޒާލް، އޭނާގެ މަންމައާ ސުވާލުކޮށްލިއެވެ.
"މަންމަ އެކަމާ ވާހަކަ ދެއްކިން...! އެކަމަކު މަންމައަށް ހީވަނީ މިފްޒާލް އެބަޖެހޭކަންނޭނގެ އަންޖަލް އާ ވާހަކަ ދައްކައިގެން އޭނައަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަން...! ކަންތައްތައް ވެގެންދިޔަ ގޮތުން މަންމަ ކިތަންމެ ވާހަކައެއް ދެއްކިޔަސް އަންޖަލް އަކަށް މިހާރު ގަބޫލެއް ނުކުރެވޭނެ...!" މިފްޒާލް އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލްގެ މަންމަ ބުންޏެވެ.
"އަހަންނަށް ހީވަނީ މިހާރު ބޭކާރު ކަމެއްހެން މި ކުރެވެނީ...." އިސްދަށަށް ޖަހާލައިގެން އެއިން ގޮތަށް އިނދެ މިފްޒާލް ބުންޏެވެ.
"އެއީ ކީއްވެ...؟ އިރާދަކުރެއްވިއްޔާ ބޭކާރު ކަމަކަށްނުވާނެ...! އަންޖަލް އަކީ ތި ހީކުރާ ކަހަލަ ހިތްހަރު ކުއްޖެއް ނޫނޭ...! ދަރިފުޅު ގޮސް އޭނައާ ވާހަކަ ދައްކާ..." އޭނަ ގަބޫލު ކުރާނެ...! މިފްޒާލްގެ ބުރަކަށީގައި ފިރުމާލުމަށްފަހު މިފްޒާލްގެ މަންމަ ވާހަކަ ދެއްކިއެވެ.
މަންމަގެ ވާހަކަތަކަށްފަހު، މިފްޒާލް ތެދުވެގެން ގޮސް ކޮޓަރިއަށް ވަންއިރު އަންޖަލް ވީ ފާހާނާގައެވެ. މިފްޒާލް އިންތިޒާރު ކުރަމުން ގެންދިޔައީ އަންޖަލް ފާހާނާއިން ނުކުންނާނެ ވަގުތަކަށެވެ. އަންޖަލް ފާހާނާއިން ނުކުމެގެން އައި އިރު މިފްޒާލް އަންޖަލްއާ ދިމާއަށް ބަލަހައްޓައިގެން އެނދުގައި އިނެވެ.
"ކިހިނެތްވެފަ މާ ފާޑަކަށް ތި އިންނަނީ...؟ އަނެއްކާ ބަލީތަ...؟" މިފްޒާލް އިން ގޮތް ފެނިފައި އަންޖަލް، މިފްޒާލް އާ ސުވާލު ކޮށްލިއެވެ.
މިފްޒާލް އިނީ އެވާހަކަ ފަށާނެ ގޮތަކާމެދު ވިސްނާށެވެ. އެވިސްނުމުގައި އިންއިރު އަންޖަލް ފާހާނާއިން ނުކުމެގެން އައިސް މިފްޒާލް އާ ވާހަކަ ދައްކަންފެށިކަމެއްވެސް މިފްޒާލް އަކަށް ނޭނގުނެވެ.
"ކިހިނެތްވެތަ މާ ފާޑަކަށް ތި އިންނަނީ...؟" އަނެއްކާވެސް އެނދާ ތަންކޮޅެއް ކައިރިއަށް އައުމަށްފަހު އަންޖަލްގެ ސުވާލު ތަކުރާރުކޮށްލިއެވެ.
ދެވަނަ ފަހަރަށް އަންޖަލްގެ ސުވާލާއެކު މިފްޒާލް ދިޔައީ ސިހިގެންގޮސްފައި އަންޖަލްގެ މޫނަށް ބަލާލިއެވެ. މިފްޒާލްގެ މޫނުމަތިން އެވަގުތު ފެންނަންހުރީ ކަންބޮޑުވުމާއި، ހިތާމައިގެ ފުން އަސަރުތަކެވެ.
"އޭނ...! ކީކޭ...؟" ކުއްލިއަކަށް މިފްޒާލް އެނދުން ތެދުވަމުން ސުވާލުކުރިއެވެ.
"މާ ފާޑަކަށް ތި އިންނަނީ އަނެއްކާ ކިހިނެތްވީހޭ އަހަރެން މިއަހަނީ..! ކުރިން އިންނަ ގޮތެއް ނޫނެއްނު ތީކީ...!" އަންޖަލް އައިސް އެނދުގައި އިށީންނަމުން ބުންޏެވެ.
"އާނ...! އަހަރެން އަންޖަލް އާ ވާހަކައެއް ދައްކާލަން ބޭނުން...! މިވާހަކަ ފަށާނެ ގޮތަކާމެދު މިވިސްނަނީ..! އަހަންނަކަށް ނޭނގެ މި ވާހަކަ ދައްކާނެ ގޮތެއްވެސް...!" އަންޖަލް އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުންޏެވެ.
"ކުރިންވެސް މިފްޒާލް އަހަންނާ ވާހަކަ ދައްކަމެއްނު...! އެތައް ބައިވަރު ވާހަކައެއް ދައްކަމެއްނު..! އަހަރެން މިހާރު އަޑުއަހަން ބޭނުންނުވާ އެތައް ވާހަކައެއްވެސް ދައްކަމެއްނު...! އެއިން އެންމެ ފަހަރަކުވެސް ތިހެން ބުނެފައެއްނޫން ވާހަކަ ދައްކަނީކީ...! މިއަދު އަނެއްކާ ކޮންކަހަލަ ވާހަކައެއް ދައްކަން ތިއުޅެނީ...! ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ...!" އަންޖަލްވެސް މިފްޒާލް އާ ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
"އަހަރެން ބޭނުމީ ކޮންވެސް ކަހަލަ ހިތްހަމަޖެހޭ މާހައުލަކަށްގޮސް ވާހަކަ ދައްކާލަން...! ވަރަށް ދުވަސް ވެއްޖެއެއްނު ދެމީހުން އެކީ ބޭރަށް ގޮސްނުލާތާ..! ހިނގާ މިރޭ ބޭރަށް ގޮސްލަން...!" މިފްޒާލް ބޭނުންވީ ދެ މީހުން އެކީ ބޭރަށްގޮސް އެވާހަކަ ދައްކާށެވެ.
"އަހަރެން ހިތްހަމަޖެހޭ މާ ޚާއްޞަ މާހައުލެއް ނެތް...! އެހެން ނޫނަސް ވާހަކައެއް ދައްކަން ކޮންމެހެން ބޭރަށް ނުދިޔަކަސް ތި ދައްކަން އުޅޭ ވާހަކައެއް ދެއްކިދާނެތާ...! އަހަރެން މިހާރު އެއްގޮތަކަށްވެސް ބޭނުމެއްނުވެ މިފްޒާލް އާއެކު ބޭރު ތެރޭގައި މާގިނައިން އުޅޭކަށް...! އެކަމަކު މިހެން ބުނާއިރުވެސް އަހަންނަށް އެނގޭ ފިރިމީހާއަށް ކިޔަމަން ވުމަކީ އަނބިމީހާގެ ވާޖިބެއްކަން...! ފިރިމީހާ ބުނާ ކަމެއްވިއްޔާ އަނބިމީހާ ކުރަންޖެހޭނެ ކަންވެސް....! އެހެންވީމަ ކޮންމެހެން ބޭރަށް ނުދިޔަކަސް ތިވާހަކައެއް ދެއްކިދާނެތާ...! އަހަރެން މިއިނީ ތިވާހަކައެއް އަޑުއަހާށޭ...! ހެނދުނު އެރި އިރާއެކު މާ މުހިންމު ކޮންވާހަކައެއްތަ ދައްކަން ތިއުޅެނީ...؟ އަނެއްކާ ރޭގައި ހުވަފެނެއް ފެނުނީތަ...؟" މަލާމާތުގެ ރާގަކަށް އަންޖަލް ވާހަކަ ދެއްކިއެވެ.
"އަހަރެން ދައްކަން މިއުޅެނީ މިހާރަކަށް އައިސް އަހަރެން އަބަދުވެސް ދައްކާ ވާހަކަ...! އެހެންވެ ކޮންމެސް ހިތްހަމަ ޖެހޭ މާހައުލަކަށްގޮސް ތަންކޮޅެއް ބޮޑަށް ވިސްނާލައިގެން ތިބެ ވާހަކަ ދައްކާލަންވެގެން...! ޕްލީސް... ހިނގާބަލަ މިރޭ ނަމަވެސް ބޭރަށް ގޮސްލަން...!" އާދޭސްކުރާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.
"ކޮންމެހެން ބޭރަށް ނުދިޔަސް މިފްޒާލް ދައްކަން ތިއުޅޭ ވާހަކައަށް އަހަރެން ޖަވާބުދޭނީ ވިސްނައިގެންނޭ...! މިހާތަނަށް ޖަވާބު ދިނީވެސް ވިސްނާފަ...! ތި ދައްކާ ވާހަކައެއް ދައްކަބަލަ...!" އެނދުގައި ހަމަޖެހިލަމުން އަންޖަލް ވާހަކަ ދެއްކިއެވެ.
"އަންޖަލް އަށް ފެނޭތަ މަންމަގެ މޫނުމަތިން މިހާރު ފެންނަމުންދާ އުފާވެރިކަން...! މަންމަގެ ލޮލުން މިހާރު ފެންނަމުންދާ އުއްމީދުގެ ހުޅުކޮޅު...!" އަންޖަލް އާ ދިމާއަށް ބަލަން އިނދެ މިފްޒާލް ވާހަކަ ދެއްކިއެވެ.
"ތިއީތަ ތި ދައްކަންއުޅޭ ވާހަކައަކީ...؟ މަންމަގެ އުފާވެރިކަން އަހަންނަށްވެސް ފެނެއޭ...! މަންމަ އުފަލުގައި ހުރީމަ މިފްޒާލްވެސް އެކަމާ އުފަލެއްނު ވާންވީ...! ކީއްވެ އެކަމާ މާ ހާސްވެގެން ތިއުޅެނީ...؟" މިފްޒާލް ދައްކަން އުޅޭވާހަކަ ނޭނގޭ ކަމަށް ހެދުމަށްފަހު އަންޖަލް ވާހަކަ ދެއްކިއެވެ.
"އެކަމާ އަހަރެން ވަރަށް ބޮޑަށް އުފާވެއޭ..! އެކަމަކު މި ވާހަކަ އަންޖަލް ގާތުގައި ދައްކަންޖެހުނު އެއް ސަބަބަކީވެސް އެއީ...! އަހަރެން ބޭނުން މަންމަގެ އެ އުފާވެރިކަމަކީ ދާއިމީ އުފާވެރިކަމަކަށް ހެދޭތޯ މަސައްކަތް ކުރަން...! ދުވަސްތަކަކަށްފަހު މަންމަގެ މޫނުމަތިން އެފެންނަ އުފާވެރިކަމާއި، މަންމަ ލޮލުން އެފެންނަ އުއްމީދުގެ ހުޅުކޮޅު ނިވުނަ ނުދީ ތާ އަބަދަށް ބެހެއްޓޭނީ އެކަމުގައި އަންޖަލްގެ އެހީތެރިކަމެއް ލިބިގެން...! އަހަރެން ދައްކަން މިއުޅެނީ ކޮން ވާހަކައެއްކަން އަންޖަލްއަށް އެނގޭނެ ކަމަށް އަހަރެން މި އުއްމީދު ކުރަނީ..!" އަންޖަލްގެ އަތުގައި ހިފާލުމަށްފަހު އަންޖަލްގެ މޫނަށް ބަލަހައްޓައިގެން އިނދެ މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.
"މާ ޝާޢިރީ ގޮތަކަށް ވާހަކަ ދެއްކިޔަޔަކަސް އަހަންނަކަށް ނޭނގޭނެ...! މިހާ ދުވަސްވީއިރު މިފްޒާލްގެ މަންމައަށް، މިފްޒާލް އަށް ނުދެވުނު އުފާވެރިކަމެއް އަހަންނަށް ދެވޭނެހެނެއް އަހަންނަކަށް ހީއެއްނުވޭ...! އަހަރެން މީ ކާކު މީހުން ހިތްހަމަޖައްސައިދީ އުފާކޮށްދޭން...! ޚުދު އަމިއްލަ މީހާ އަށް އުފާވެރިކަމުގައި ނުހުރެވިގެން މިއުޅެނީ...! ދެން އަހަރެން ކިހިނެތް އެހެން މީހަކު އުފާކޮށްދޭނީ...! މީހުންނަށް ކަންތައްތައް ކޮށްދީ މީހުން އުފާކޮށްދޭހާ ހިތްވަރެއް މިހާރަކު އަހަރެންގެ ހަށިގަނޑުކު ނެތޭ...! އަހަރެން މިއިނީ ބަލިވެ، އެކަމަކު މިފްޒާލް އަކަށް ނުފެނޭތަ އަހަރެންގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކެއް...! މީގެ ކުރިން އަހަރެން އަޑުއަހަނީ އަންހެނުން ބަލިވެ އިނީމަ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލަކީ އެމީހަކު ކޮންމެވެސް ވަރަކަށް ފަލަވުންކަން...! އެކަމަކު އަހަންނަށް މިވަނީ އެހެންތަ..؟ އަހަރެން ބަލިވެ އިނީންސުރެ އަހަންނަށް އަންނަމުންދާ ބަދަލުތަކެއް މިފްޒާލަށް ނުފެނޭތަ...؟ އެއްދުވަހަށްވުރެ އަނެއް ދުވަހު ހިކެމުން މިދަނީ...! ހަށިގަނޑުގައި ވަރު ނެތެމުން މިދަނީ...! މިކަހަލަ ކަންކަމާ ވިސްނާލަން ވަގުތު ނެތް މީހަކަށް މިކަހަލަ ކަންކަމެއް ނޭނގޭނެ...! އެހެންވީމާ މިހާލުގައި ހުރި މީހަކު ކިހިނެތް އެހެން މީހުން އުފާކޮށްދޭނީ...! އެހެން މީހުން އުފާކޮށްދޭން އަހަންނަށް ކޮން މަސައްކަތެއް ކުރެވޭނީ...!" އަންޖަލް ވާހަކަ ދައްކަމުން ގެންދިޔައީ އަސަރާއެކުގައެވެ.
"ތި ހުރިހާ ކަމެއްވެސް އަހަންނަށް އެނގެޔޭ..! އަންޖަލް ގަބޫލު ކުރަން ކިތަންމެ ބޭނުން ނުވިޔަސް އަހަރެން މިހާރު އަބަދުވެސް ވިސްނަމުން ގެންދަނީ އަންޖަލްއާ ދޭތެރޭގައޭ...! އަހަރުމެންގެ މި ކުޑަކުޑަ އާއިލާ އާ ދޭތެރޭގައޭ...! އެކަން އަންޖަލް އަށްވެސް ހަމަ ރަނގަޅަށް އެނގޭނެ...!" މިފްޒާލް އަށް އަންޖަލްގެ މޫނަށް ބަލަން ނުކެރިގެން އިސްދަށަށް ޖަހާލަމުން ބުންޏެވެ.
"ދެން އެންމެ ރަނގަޅޭ...! ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ...! މަންމަގެ ތިބުނާ އުފާވެރިކަން މަންމަގެ މޫނުމަތިން އަބަދުވެސް ފެންނަން ހުންނާނީ އަހަރެންގެ ފަރާތުން ކޮންކަމެއް ވީމައޭ...!" މިފްޒާލް އިސްދަށަށް ޖަހައިގެން އިންނަމަވެސް އަންޖަލް ވާހަކަ ދެއްކީ މިފްޒާލް އާ ދިމާއަށް ބަލަހައްޓައިގެން އިނދެއެވެ.
"މިވާހަކަ ދައްކަން ހިނގާ މިރޭ ބޭރަށް ގޮސްލަން..! އޭރުން އަހަންނަށް ހީވަނީ މާ ރަނގަޅުވާނެހެން..." އިސް އުފުލާލުމަށްފަހު އަންޖަލް އާ ދިމާއަށް ބަލާލަމުން މިފްޒާލް ބުންޏެވެ.
"އަހަރެން ދެންމެވެސް ބުނެފީމެއްނު މިހާރު އަހަރެން މިފްޒާލް އާއެކު ބޭރު ތެރެއިން ފެންނާކަށް ބޭނުމެއް ނޫނޭ...! މިފްޒާލް އަށްވެސް ރަނގަޅުވާނީ އެގޮތް...! އަހަންނަކީ މިހާރު މިގެއަށް ދުވަސްކޮޅެއްގެ މެހެމާނެއް...! އަހަރުމެންނަކީ ދެމަފިރިން ކަމުގައި ވީނަމަވެސް މިގުޅުން ދެން މާގިނަދުވަސްތަކެއް ވަންދެން އޮންނާކަށް އަހަރެން ބޭނުމެއް ނޫން...! އެހެންވީމާ ދެމީހުން އެކުގައި އުޅެފައި ދުރުވުމަށްވުރެ ދެ މީހުން ވަކިން އުޅެފަ ދުރުވުމުން މިފްޒާލްއަށްވެސް އަދި އަހަންނަށްވެސް ރަނގަޅުވާނީ...! އަހަރެން މިފްޒާލް ކައިރިން ކުރިން އެދުނު ކަންތައް މިފްޒާލަށް އޭރު ނުކޮށްދެވުނަސް އެންމެ ފަހު ކަމަކަށް އަހަންނަށް މިކަންތައް ކޮށްދޭނެ ކަމަށް އުއްމީދު ކުރަން...! އަހަރެންގެ ބަނޑުގައި މިވާ މިފްޒާލްގެ ދަރިފުޅަށްޓަކައިވެސް މިކަން އަހަންނަށް ކޮށްދޭނެ ކަމަށް އަހަރެން އުއްމީދު ކުރަން...!" އަންޖަލް ބަނޑުގައި އަތްޖައްސާލުމަށްފަހު އަސަރާއެކު ވާހަކަ ދެއްކިއެވެ.
"އަހަންނަކަށް އެއްގޮތަކަށްވެސް އަންޖަލް ތި ދައްކާ ވާހަކައެއް ނޭނގެ...! ތި ބުނާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެދީބަލަ..!" މިފްޒާލްގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ.
"އަހަރެން މި ބުނަނީ މިފްޒާލް... މިފްޒާލް... އަހަރެން... އަހަރެން ދޫކޮށްލާށޭ...! މި ހިތާމަތަކުގައި އަހަންނަކަށް ކެތެއް ނުކުރެވޭނެޔޭ...!" އަންޖަލް އިސްޖަހާލަމުން ބުންޏެވެ.
"ހެޔޮނުވާނެ ތިހެން ނުބުނޭ...! ކީއްކުރަން އަހަރެން އަންޖަލް ދޫކޮށްލަންވީ...؟ އަހަރެން މިހާރު ކިހިނެތް އަންޖަލްއާ ވަކިން ދިރިއުޅޭނީ...! މިއީ މިހާރު އަހަރެންގެ ދިރިހުރުމުގެ ހުރިހާވެސް އުއްމީދަކީ..!" އަންޖަލްގެ ބަނޑުގައި އަތް ޖައްސާލަމުން އަސަރާއެކު މިފްޒާލް ބުންޏެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 24 ނޮވެމްބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް