ވާހަކަ: ޑައިރީ – ފަންސާސް ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "މީހަކު... ކޮންމެސް މީހަކު... ދޮރުގައި އެބަތަޅާ...! ކޮންމެސް މީހަކު ބޭރުގައި އެބައުޅޭ... ދޭބަލަ...! ދޭބަލަ..!" ބިރުން ގޮސް އައިލީން އަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. "އޭނ...

03 Oct 2024 | 15:18

ކުރީގެ އަދަދާއި ގުޅޭ...

"މީހަކު... ކޮންމެސް މީހަކު... ދޮރުގައި އެބަތަޅާ...! ކޮންމެސް މީހަކު ބޭރުގައި އެބައުޅޭ... ދޭބަލަ...! ދޭބަލަ..!" ބިރުން ގޮސް އައިލީން އަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

"އޭނ...! ކާކު ދެން މިގަޑީގައި ދޮރުގައި ތަޅާނީ...؟ އަދި މިއުޅެނީ ރަނގަޅަށް އިރު ނާރައިގެން...!" ލޯ އުނގުޅާލަމުން ރާއިފު ބުންޏެވެ.

"ނޭނގެ އަވަހަށް ދޭބަލަ ކާކުތޯ ދޮރުގަ ތަޅަނީ ބަލާލަން..! މަށަކަށް ނުކެރޭނެ ދާކަށް...! ވަރަށް ބިރުވެރި ހުވަފަނެއް ފެނިގެން މި ހޭލެވުނީ...! އަނެއްކާ އެހާބޯކޮށް ވާރޭވެސް ވެހޭ އެބަ...! އިރުއިރުކޮޅާ އެބަ ވިދާ..!" ކުޑަދޮރާ ދިމާއަށް ބަލާލުމަށް އައިލީން ބުންޏެވެ.

ރާއިފު ދޮރުކައިރިއަށް ދިޔުމަށްޓަކައި ތެދުވެގެން ހިނގައިގަތެވެ. ކައްނެތް ގޮތަކަށް ހިނގާފައިގޮސް ދޮރު ހުޅުވާލިއިރު ދޮރު ކައިރިއަކު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ކޮރިޑޯ ތެރޭގައި ބަހައްޓާފައިހުރި ގަސްމުށިގަނޑެއް ވެއްޓި ތަޅައިގެން ގޮސްފައި އޮތެވެ. އެވަގުތުން ކުއްލިއަކަށް ތިރިން ބާރު ހަޅޭކެއްގެ އަޑު އިވުނެވެ.

"ކިހިނެތްވީ..؟ ކޮން އަޑެއް...؟ ކާކު ހަޅޭއްލަވަނީ...؟" އައިލީން ގަތް ބިރުން އެނދުން ފުންމައިގެން ތެދުވަމުން ބުންޏެވެ.

"ނޭނގެ...! މިތާކު އެއްވެސް މީހަކު ނެތް...! އެކަމަކު މިތާގައި ގަސްހައްދާފައިހުރި ބޮޑުގަސްމުށިގަނޑު ވެއްޓ ތަޅަގެން ގޮއްސަ މިއޮތީ...! ތިރިން ކޮންމެސް ބަޔަކު އެ ހަޅޭއްލަވަނީ...! އަންނަންތަ ވީގޮތެއް ބަލާލާފައި...؟" އައިލީން އާ ދިމާއަށް ބަލާލަމުން ރާއިފު ބުންޏެވެ.

"އުހުނ...! ދާނެ ކަމެއް ނެތް...! އަނެއްކާ ރާއިފުއަށް ކަމެއް ވެދާނެ...! އަޅާނުލާ...!" އައިލީން އެނދުން ތެދުވަމުން ބުންޏެވެ.

"އަންނާނަން ވެގެންއުޅޭ ގޮތެއް ބަލާލާފައި..! ވަރަށް އަވަހަށް އަންނާނަން...!" ރާއިފު ކޮޓަރި ތެރެއިން ނުކުންނަމުން ބުނެލިއެވެ.

ރާއިފު ނުކުތުމުން އައިލީން ތެދުވެގެން ދިޔައީ ފާހާނާއަށެވެ. ފާހާނާ އިން ނުކުތްއިރު ރާއިފު އައިސް ކޮޓަރިތެރެއަށް ވަންނަނީ އެވެ.

"މިތާނގައި ދެ ސެކިޔުރިޓީ އޮފިސަރުން އަބަދުވެސް ޑިއުޓީއަށް ތިބޭއިރު ނުބެލޭވަރު އެހުންނަނީ...! ކޮންމެވެސް މީހަކު ހޮޓާތެރެއަށް ވަނީޔޯ...! ކާކުކަމެއް ނޭނގެޔޯ...! އެމީހާ ކަންނޭނގެ އައިސް މި ރޫމުގެ ދޮރުގައި އެތެޅީ...! މިތާ ތިރީގައި ތިބި ބަޔަކު އެމީހާ ހިފަހައްޓަން މަސައްކަތްކުރީމަ ހަޅޭއްލަވަމުން ފިލައިފިޔޯ...! އެހިސާބުންވެސް ސެކިޔުރިޓީ އޮފިސަރުންނަކަށް ނާދެވުނު...!" ކޮޓަރިއަށްވަދެ އެނދުގައި އިށީންނަމުން ރާއިފު ވާހަކަ ދެއްކިއެވެ.

"ތި މީހަކު ދޮރުގައި ތެޅިއިރު ނަސީބެއްނު އަހަންނަށްގޮސް ދޮރު ހުޅުވާނުލެވުނުކަން...! މިތާ ތިބޭ ސެކިޔުރިޓީންނަށް އެވަރުވެސް ބަލާނުލެވޭނެތަ...؟ އަނެއްކާ މިވެހޭ ބޯ ވާރޭގައި އެމީހަކު އައިސް މިތަނަށް އެވަނީ ކީއްކުރަންބާ...؟" ކަންބޮނޑުވެފައި އިން އައިލީން ބުންޏެވެ.

"އާނ...! ބޮޑު ކޯޓެއް ލައިގެންނޯ އެ މީހަކު ހުރީ...! ވާރޭ ތެރޭގައި ދުވެގޮސް އެތާއޮތް ކާރަކަށޯ އެރީ...!" ރާއިފު އިތުރަށް ބުންޏެވެ.

"ހިނގާ އަލުން ނިދޭތޯ އުޅެން..! ނުވައެއް ޖަހާކަށްހާއިރު ތެދުވާނީ...! ތެދުވެގެން ބޭރަށް ދާނީ..." އައިލީން އެނދުގައި އޮށޯންނަމުން ބުންޏެވެ.

"ނުވައެއް ޖަހާއިރު ތެދުވެގެން ރެޑީވެގެން ނުކުންނައިރު އޮންނާނީ ބްރެކްފަސްޓް ގަޑި ކަޓާފަ...! ދެން ނިދާނެ ކަމެއްނެތް...! މިއީ ކިހާ ފިނި ފަތިހެއް ...! އާދެބަލަ ކައިރިއަށް..." ރާއިފު އެނދުގައި އޮށޯވެ އައިލީންގެ ގައިގައި ހިފަހައްޓާލަމުން ބުންޏެވެ.

ދެވަނަ ޑޮކްޓަރަކަށް އައިލީން ދެއްކިއެވެ. އެހެން ނަމަވެސް އެޑޮކްޓަރުވެސް ބުނީ ހަމަ ކުރިން ދެއްކި ޑޮކްޓަރ ބުނި ގޮތަށް އައިލީންގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އައިލީން އަށް ކުއްޖަކު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި، އެކަމަކު އެކަށީގެންވާ ވަރަށް ބޭސްފަރުވާ ކުރެވިއްޖެނަމަ ކޮންމެވެސް އަލިމަގެއް ފެނިދާނެ ކަމަށެވެ.

"ކޮންމެގޮތެއް ވިޔަސް އަހަރުމެން މިފަހަރު މާލެދާނީ ބޭބީއެއް އެޑޮޕްޓް ކޮށްގެންދޯ...؟" ހޮސްޕިޓަލުން ނުކުމެގެން ކާރުގައި ހޮޓަލަށް އަންނަމުން އައިލީން ބުންޏެވެ.

"ޑޮކްޓަރ އެބުނީނު ބޭސްފަރުވާ ކޮށްގެން ބޭބީ އެއް ހަމަ ލިބިދާނެއޭ...! އެހެންވީމަ ދެން ކީއްކުރަން އަހަރުމެން މީހެއްގެ ކުއްޖެއް އެޑޮޕްޓް ކޮށްގެން ގެންދަންވީކީ...! ބެންކޮކަށް ގޮސްގެން ގޮތެއްވޭތޯ ބަލަން އަހަންނަށް ފެންނަނީ..." ރާއިފު ޚިޔާލެއް ދިނެވެ.

"އެކަމަކު، މިހާރު އަހަރުމެން މިހެން އުޅޭތާ ކިހާ ދުވަހެއް މިވަނީ...! މިކަމަށް ބޭސްކުރިޔަސް އަހަރުމެންނަށް ކުއްޖަކު ގެންގުޅެވިދާނެތާ..! މާތް ﷲ އަހަރުމެންނަށް ކުއްޖަކު ދެއްވަންވީމަ ދެއްވާނެ...!" އައިލީން، ރާއިފުގެ އަތުގައި ހިފާލުމަށްފަހު ބުންޏެވެ.

"މިހާރު އަހަރުމެން ކުއްޖަކު އެޑޮޕްޓް ކޮށްގެން އައިލީން އޮފީހަށް ދަމުން ގެންގުޅެވިދާނެތަ...؟" ރާއިފު، އައިލީން އާ ކޮށްލީ ސުވާލެކެވެ.

"އޮފީހަށްދާ ގަޑީގައި ނާޒިމާ ހުންނާނެއެއްނު...! ރާއިފުވެސް ބައެއް ގަޑިގަޑީގައި ހުންނާނެ އެއްނު...! މަންމައަށްވެސް ކުދިކުދި ކަންކަން ކޮށްލަދެވޭނެތާ...!" ރާއިފު އާ ދިމާއަށް ބަލާލަމުން އައިލީން ބުނެލިއެވެ.

"ނާޒިމާ އަދި ގެއަށް އައިތާ ދެތިންމަސްވެސް ނުވޭ...! އެހެންވީމާ އޭނަ ރަނގަޅަށް ދަސްނުވަނީސް އެހާބޮޑު އިތުބާރެއް އޭނައަށް ކުރާކަށް ނުވާނެ...! ކުޑަކުއްޖަކު ނުވެސް ދަންނަ މީހެއްގެ އަތްމައްޗަށް ދޫކޮށްލާއިރު އެމީހަކީ ވަރަށް އިތުބާރު ކުރެވޭ މީހަކަށްވާން ވާނީ...!" ކާރު ދުއްވަމުން ރާއިފު ބުންޏެވެ.

"ހީވަނީ ނާޒިމާއަކީ ކުޑަކުދިންގެ ދެކެ ވަރަށް ލޯބިވާ ކުއްޖެއްހެން..." ރާއިފު އާ ދިމާއަށް ބަލާލަމުން އައިލީން ބުންޏެވެ.

ކީއްވެ އެހެން ތި ހީވަނީ...! މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އައިލީން އަށް ނާޒިމާ ހާދަބޮޑަކަށޭ ދަސްވެފަ ތިހިރީ..." ހީނލާފައި ރާއިފު ބުންޏެވެ.

"އާނ...! ކުރިން ދުވަހަކު އެ ކޮޓަރިއަށް ވަންއިރު ނާޒިމާ، ފޮޓޯގަނޑެއް ހިފައިގެން އެނދުމަތީގައި އޮތީމަ ކޮން ފޮޓޯއެއްހޭ އަހާލީމަ ބުނި ބޭބީއެއްގެ ފޮޓޯއެކޭ..! ކުޑަކުދީންދެކެ ލޯބިވާތި ގެންގުޅޭ ފޮޓޯއެކޭ...! އެހެންވެ އެނގުނީ...!" އައިލީން، ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ.

"އައިލީން ހޮޓަލަށްލާފައި އަހަރެން އެބައަންނަން މިރޭ ކާލާނެ ފުރުޓްސް ކޮޅެއް ގަނެލައިގެން...! އެންމެ ރަނގަޅުތަ...؟" ހޮޓާ ކައިރިއަށް ކާރު މަޑުކޮށްލަމުން ރާއިފު ބުންޏެވެ.

"އާނ...! އެންމެ ރަނގަޅު ރަންބުސްތާނު ކޮޅަކާ އަންނާރުކޮޅެއް ލިބޭތޯ ބަލާދެއްޗޭ...!" އައިލީން ކާރުން ފައިބަމުން ބުންޏެވެ.

އައިލީން ކާރުން ފައިބައިގެން ހޮޓަލަށް ވަނުމާއެކު ރާއިފު ކާރު ދުއްވާލިއެވެ. އައިލީން ރޫމުގެ ތަޅުދަނޑި ނަގަން ކައުންޓަރަށް ދިޔުމުން ކައުންޓަރުގައި އިން ރިސެޕްޝަނިސްޓް ތަޅުގަނޑި އާއެކު ރަތްކުލައިގެ ފިނިފެންމަލުން ހަދާފައިއޮތް ބޮޑު ބޮކޭއެއް ދިއްކޮށްލިއެވެ. ރިސެޕްޝަނިސްޓް ދިއްކޮއްލި ތަޅުދަނޑީގައި ހިފަމުން އައިލީން ޙައިރާން ކަމުގައި އެއީ ކޮން ބޮކޭއެއްތޯ އަހާލިއެވެ. ރިސެޕްސަނިސްޓް ބުނީ އެއީ ކުޑައިރުކޮޅެއް ކުރިން ރޫމް ނަންބަރު 734 އާއި ޙަވާލު ކުރުމަށްޓަކައި މީހަކު ގެނެސް ރިސެޕްޝަން އާއި ޙަވާލުކުރި އެއްޗެއް ކަމުގައެވެ.

އައިލީން ޙައިރާން ވެފައިހުރެ ބޮކޭ ހިފައިގެން ރޫމަށް ދިޔުމަށްފަހު ސޯފާގައި އިށީނދެ ބޮކޭއަށް ރަނގަޅަށް ބަލާލިއެވެ. ރަތްކުލައިގެ ބޮޑެތި ފިނިފެންމަލުން ހަދާފައިވާ އެ ރީތި ބޮކޭގައި ކުޑަކުޑަ ކާޑެއްވެސް އޮތެވެ. އައިލީން ހީކުރީ އެއީ ރާއިފު، އައިލީން އަށް ސަޕްރައިޒެއް ދޭން ވެގެން ތައްޔާރު ކުރުމަށްފަހު ކައުންޓަރާ ޙަވާލުކޮށްފައިވާ ބޮކޭއެއް ކަމަށެވެ. ހިނިތުންވުމާއެކު އައިލީން އެ ކާޑު ނެގުމަށްފަހު ހުޅުވާލިއެވެ. އެކާޑުގައި ލިޔެފައި އޮތީ އިނގިރޭސިބަހުން "އައި ލަވް ޔޫ" މިހެންނެވެ. އެލިޔުން ފެނިފައި އައިލީން ކުއްލިއަކަށް ޙައިރާން ވިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އައިލީން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އިރު ލިބުނު ރަތްކުލައިގެ ފިނިފެންމާ ބޮކޭގައި އޮތް ކާޑުގައި ލިޔުމާއި، މި ބޮކޭގައި އޮތް ކާޑުގެ ލިޔުމާއި އެއްވައްތަރު ކަމުންނެވެ. އެދުވަހު ފޮނުވި ބޮކޭ އަކީ މިފްޒާލްގެ ފަރާތުން އައިލީން އަށް ފޮނުވި ބޮކޭ އެކެވެ. އެކަމަކު މި ބޮކޭ އަކީ އަނެއްކާ ކާކު ފޮނުވި އެއްޗެއް ބާއެވެ. ހަމަ ގައިމުވެސް އެ ލިޔުމަކީ ރާއިފުގެ ލިޔުމެއް ނޫނެވެ. އައިލީން އިންޑިއާގައި ހުރި ކަމެއް މިފްޒާލް އަކަށް ނޭނގޭނެއެވެ. އެނގުނަސް އެހާ ތާޒާ މާލުން ބޮކޭއެއް ތައްޔާރު ކުރުމަށްފަހު އިންޑިއަށް ފޮނުވާނީ ކިހިނެތް ހެއްޔެވެ. އައިލީން ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ބޮކޭ ސޯފާ މަތީގައި ބޭއްވުމަށްފަހު އައިލިން ދިޔައީ ފާހާނާއަށެވެ. ފާހާނާގައި އުޅެނިކޮށް ރޫމްގެ ބެލް އަޅާއަޑު އައިލީން އަށް އިވުނެވެ. އައިލީން އަވަސްއަވަސް ކޮށްލައިގެން ނުކުތްއިރު ދެތިން ފަހަރު ބެލް އަޅައިފިއެވެ.

"ކާކު... ކާކު...؟" އެވަރަށް ކޮޓަރީގެ ބެލް އަޅާތީ އައިލީން ކާކުތޯ ސުވާލު ކުރަމުން އައިސް ދޮރު ހުޅުވާލިއެވެ.

ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލާލިއިރު ބޭރަކު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އައިލީން ރޫމުން ބޭރަށް ނުކުމެ މީހަކު ފެންނަށް ހުރިތޯ ކޮރިޑޯތެރޭގައިވެސް ހިނގާލިއެވެ. އެހެން ނަމަވެސް އެ ހިސާބުގައިވެސް އެއްވެސް މީހަކު ފެންނަން ނެތުމާއެކު ކޮޓަރިއަށްވަދެ ދޮރުލެއްޕުމަށްފަހު އަނެއްކާވެސް ގޮސްވަނީ ފާހާނާއަށެވެ. ފާހާނާ ކޮށް ނިމިގެން އައިލީން ނުކުތްއިރު ސޯފާގައި މީހަކު އިންތަން ފެނިފެން އައިލީން ދިޔައީ ސިހިގެންނެވެ. ފަހަތުން ފެންނަނީ ހަމައެކަނި އެމީހެއްގެ ބޮލެވެ. އެމީހެއްގެ އިސްތަށިގަނޑު ހުރިގޮތުން އެއީ ރާއިފު ނޫންކަން އައިލީން އަށް އެނގެއެވެ.

"ކާކު..؟ ކާކު...؟ އައިލީން ސުވާލުކުރަމުން ސޯފާ އާ ދިމާއަށް އައެވެ.

އައިލީންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އެމީހަކު ސޯފާއިން ތެދުވެ ފަހަތަށް އެނބުރި އައިލީން އާ ދިމާއަށް ބަލާލިއެވެ. އައިލީން ސިއްސައިގެންގޮސް ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ބިރުން ތުރުތުރު އަޅަން ފެށިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 06 އޮކްޓޯބަރު، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް