ނަސީބަކުން އައިލީން ދިރިއުޅޭ އެޕާޓްމަންޓްގެ ކުރިމަތިން މަގުގެ އަނެއް ފަރާތުގައި ހުންނަ އެޕާޓްމަންޓްއަކީ މިފްޒާލްގެ ވަރަށް ގާތް އެކުވެރިއަކު ދިރިއުޅޭ އެޕާޓްމަންޓެކެވެ. މިފްޒާލްގެ އެކުވެރިޔާ އަކީ ހަންނާނެވެ.
"ހަންނާނު މެން ދިރިއުޅޭ އެޕާޓްމަންޓުގައި ނެތްތަ ކުއްޔަށްދޭ ކޮޓަރިއެއް...؟ މިފްޒާލް ސުވާލުކުރީ ހަންނާނު އާއެވެ.
"އެބަހުރި ރޫމެއް...! އެކަމަކު ކޮންމެ ކޮންމެ މީހަކަށް ރޫމް ދޭކަށް އަހަރެން ބޭނުމެއް ނޫން...!" މިފްޒާލްގެ ސުވާލަށް ހަންނާނު ޖަބާބު ދިނެވެ.
"ކޮންމެ ކޮންމެ މީހަކަށް ނޫނޭ ރޫމް ހޯދަން މިއުޅެނީ... މަށަށް...!" މިފްޒާލް ހީނލާފައި ޖަވާބު ދިނެވެ.
"މިފްޒާލް އަށޭ...! މިފްޒާލް ކީއްކުރާ ރޫމެއް...؟ މިހާރު ތިއުޅޭ ގެ ކިހިނެތްވީ...؟" ހަންނާނު ސުވާލު ކުރިއެވެ.
"މިއުޅެނީ ރޫމް ކުޑަކޮށް މަރާމާތު ކޮށްލަން ޖެހިގެން... ފާރުން ކުލަފޮޅެނީ...! އެތާ ދިރިއުޅެމުން ކިހިނެތް އެކަން ރަނގަޅު ކުރާނީ...؟ އެހެންވެ ނިދާލާނެ ތަނެއް މިހޯދަނީ...!" މިފްޒާލް ބޭނުންވީ އެފްލެޓުން ކޮޓަރިއެކެވެ.
"އެންމެ ރަނގަޅު މިފްޒާލް ވެއްޖިއްޔާ...! އެއްކޮޓަރި ހުންނާނެ...! ހަމަ މިއަދުވެސް އަންނަންވީ...!" ހަންނާނު ޖަވާބު ދިނެވެ.
ދުވާލުދާ ހަތަރުދަމު އައިލީންއަށް ފާރަލަމުންދިޔަ މިފްޒާލް އަށް ތަނަވަސްވީ ރަނގަޅު ފުރުޞަތެކެވެ. މިފްޒާލް އަށް ލިބުނު ކޮޓަރި ހުންނަނީ އައިލީން ދިރިއުޅޭ ކޮޓަރިއާ ދިމާ ކުރިމަތީގައެވެ. ނިދާކޮޓަރީގެ ކުޑަދޮރު ވެސް ހުރީ ސީދާ އެދިމާއަށެވެ. އެކޮޓަރިއަށް ބަދަލުވުމަށްފަހު އެންމެ ފުރަތަމަވެސް މިފްޒާލް ކުރިކަމަކީ އޭނަ ގެންގުޅޭ ކެމެރާ އައިލީންގެ ކޮޓަރިއަށްވާ ގޮތަށް ސެޓްކޮށްފައި ބެހެއްޓުމެވެ. އައިލީން ކޮޓަރިތެރޭގައި އުޅޭގޮތް ޖާސޫސް ކުރުމުގެ ބޭނުމުގައެވެ. މިފްޒާލް އެހާގާތުން އައިލީންއަށް ފާރަލާކަމެއް އައިލީންއަށް ޝައްކު ކުރެވިފައެއްވެސް ނެތެވެ.
މަންމައާ ވަކިން އުޅެން ޖެހުމުން ގޭގައި މަސައްކަތް ކުރުމަށްޓަކައި މީހަކު ގެޔަށް ގެންނަން އައިލީންއަށް މަޖުބޫރު ވިއެވެ. އައިލީން އަކީ އޮފީހުގައި ގިނަވަގުތު ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހަކަށްވާތީ، ގޭތެރޭގެ ގިނަ މަސައްކަތް ވެސް ކުރަނީ، ގެޔަށް ގެނައި އަންހެންކުއްޖާއެވެ. އެއީ ނާޒިމާ ނަމަކަށް ކިޔާ، އުތުރުގެ ރަށެއްގެ އަންހެން ކުއްޖެކެވެ. އެކުއްޖާއަކީ ޒަމާނީ ފެޝަނަށް ލޯބިކުރާ ކުއްޖެއް ކަމުގައިވިޔަސް މަސައްކަތްތައް ދަންނަ ހީވާގި މުރާލި ކުއްޖެކެވެ. ހަމައެހެންމެ ވަރަށް ރީތިވެސް ކުއްޖެކެވެ.
ނާޒިމާ ގެއަށް ގެނައި ފުރަތަމަ ދުވަހު ވެސް ރާއިފުގެ ލޮލުގައި އޭނަ އަޅައިގަތެވެ. އޭނަގެ މަޢުޞޫމް ކަމާއި ޙަރަކާތްތައް ރާއިފު އަށް ވަރަށް ކަމުދިޔައެވެ. އައިލީންގެ ބަދަލުގައ، ނާޒިމާއަށް ކޮޓަރި ދައްކަން ވެސް ދިޔައީ ރާޢިފު އެވެ. އެ ހިސާބުން އައިލީންގެ ބޮލުގައި ރިއްސާލިއެވެ. އެހެންނަމަވެސް އެކަމާ އަޅާނުލީ އައިލީންއަށް އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތީމައެވެ. ތިމާގެ އަގު ވެއްޓިފައިވާތީ އެކަންޏެއް ނޫނެވެ. ގޭގެ މަސައްކަތްތައް ކުރުމަށް މީހަކު ގެނައުމަކީ އައިލީންގެ އެދުމަކަށް ރާއިފު ކުރި ކަމެއް ކަމުގައި ވާތީއެވެ.
"ޤިބުލަ ހުންނަނީ ކޮން ދިމާއަކަށް..." ނާޒިމާ އަށް ހަމަޖެހިފައިވާ ކޮޓަރިއަށް ވަނުމަށްފަހު ނާޒިމާ ސުވާލުކުރީ ރާއިފު އާއެވެ.
"މިދިމާއަށް..." ރާއިފު ވިސްނާލުމަށްފަހު ޖަވާބު ދިނެވެ.
ކޮޓަރި ތަރުތީބުކޮށްފައި ހުރި ގޮތުންނާއި ކޮޓަރީގެ ކުޑަކަމުން މީހަކު ނަމާދަށް ހުންނާނެ ވަރުގެ ހުސް ޖާގައެއް އެކޮޓަރީގައި ނެތުމާއެކު ނާޒިމާ ގޮވައިގެން ރާއިފު ދިޔައީ ރާއިފުގެ ކޮޓަރިއަށެވެ. އޭރު އައިލީންވެސް ކޮޓަރި ތެރޭގައި އުޅެއެވެ.
"ނަމާދު ކުރަންވީމަ މި ކޮޓަރިއަށް އާދޭ...! މިތަނުގައި ދިގަށް މުސައްލަ އަޅާފައި އެކޮޅަށް ކުރިމަތިލީމަ ރަނގަޅުވާނެ...! ނަމާދު ކުރާ ދޮޅިއެއް އެބައޮތްތަ...؟" ރާޢިފު ސުވާލު ކުރިއެވެ.
"ގެނައިން...!" ރާއިފުގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ނާޒިމާ ކޮޓަރިން ނިކުންނަށް ހިނގައި ގަތެވެ.
ނާޒިމާގެ ފަހަތުން ރާއިފުވެސް ކޮޓަރިން ނުކުންނަށް ހިނގައިގަތުމާއެކު ހިތްހަމަނުޖެހިފައިހުރެ އައިލީންވެސް ކޮޓަރިން ނުކުތެވެ. ރާއިފު ގޮސް އިށީނީ ސިޓިންރޫމްގައެވެ. ނާޒިމާ ދިޔައީ ކޮޓަރިއަށެވެ.
"އޭނަ ނަމާދުކުރަން އަހަރުމެންގެ ކޮޓަރިއަށް ވައްދަނީ ކީއްކުރަން...؟" މިތާ ސިޓީންގ ރޫމުގައިވެސް އޭނައަށް ނަމާދު ކުރެވިދާނެއެއް...!" އައިލީން ގޮސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.
“އޭނައަކީ މިގޭގެ ހުރިހާ ކަމެއް ބަލަހައްޓަން މުސާރަދީފައި އަހަރެން ގެނައި މީހެއް...! ގޭގެ ހުރިހާ ތަނަކަށްވެސް އޭނައަށް ވަދެވޭނެ...! ދެން ބުނަން ވާހަކައެއް...! ތިމާޔާ އެއް ފެންވަރަކަށް ހުރިހާ އެންމެނެއް ނުވެއްޓޭނެ...! އަދިވެސް ބުނެފާނަން އިތުރު އެހެން ވާހަކައެއްވެސް...! މިއީ އަހަރެން ކުލިދައްކާ ތަނެއް...! ކޮންމެ މީހަކު ކޮންމެ ތަނަކަށް ވެއްދިޔަސް ކަލެޔަކާ ނުބެހެވޭނެ...! މީހާގެ ހައިސިއްޔަތަށް ބަލާފަ އެ ކޮޓަރިއަށް ނުވައްދަން އެންމެ އެކަށީގެންވާ މީހަކީކަލޭ...! ރާއިފު ދިން ޖަވާބުން އައިލީންގެ ދޫ ތަޅުލެވުނު ކަހަލައެވެ.
ގޭގައި ގެންގުޅޭ ކުއްޖަކު އައިލީންގެ އެޕާޓުމަންޓަށް ގެނައިކަން މިފްޒާލް އަށް އެނގުނެވެ. އެ ކުއްޖާއާ ގުޅުން ބަދަހިކުރަން މިފްޒާލް ބޭނުންވިއެވެ. މިފްޒާލްގެ ބޭނުމަކީ އެ ގޭގެ ޚަބަރުތައް ހޯދުމެވެ. ހަވީރުގެ ވަގުތު މިފްޒާލް ފާރަލަމުން ގެންދިޔައީ އައިލީން އާއި ރާއިފު ގޭގައި ނޫޅޭ ވަގުތެއް ބަލާފައި އެގެއަށް ވަނުމަށެވެ. މިގޮތުން ލިބުނު ފުރުޞަތުގައި މިފްޒާލް އެގެއަށް ދިޔައެވެ. އެގެއަށް ގޮސްވަނުމާއެކު މިފްޒާލްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ނާޒިމާގެ ރީތިކަމެވެ.
"އައްސަލާމް ޢަލައިކުމް...! ނާޒިމާއާ ދިމާއަށް ބަލަން ހުރެ މިފްޒާލް ސަލާން ގޮވާލިއެވެ.
"ވަޢަލައިކުމް ސަލާމް...!" ނާޒިމާ ބޭރު ދޮރާ ދިމާއަށް އެނބުރިލަމުން ސަލާން ބަލައިގަތެވެ.
"ރާއިފު އެބަ އުޅޭތަ...؟" މިފްޒާލް ސުވާލުކުރީ ރާއިފު އުޅޭތޯ އެވެ.
"ނޫނޭ..! މިވަގުތު ގެއަކު ނޫޅުއްވާ...! ދެންމެ ބޭރަށް ދުރުވީ....! ތިއީ ކޮންބޭފުޅެއްތޯ...؟" ނާޒިމާ ދޮރާ ދިމާއަށް ބަލަންހުރެ ސުވާލުކޮށްލިއެވެ.
"މިއީ ރާއިފުގެ ތިމާގެ ކުއްޖެއް...! ތިއީ ކޮންކުއްޖެއް...؟ ކުރިން ނުދެކޭ ކުއްޖެއްވީމަ އަހާލީ...!" ވާހަކަ ދައްކަމުން މިފްޒާލް ވަދެ ސޯފާގައި އިށީނނެވެ.
"ނާޒިމާ ކިޔަނީ...! ވަރަށް ފަހުން މިގެއަށް މިއައީ...! ޖޫސްތަށްޓެއް އެއްޗެއް ބޭނުންތަ...؟" ރާއިފުގެ ތިމާގެ މީހެކޭ ބުނީމަ ނާޒިމާ އޯގާތެރި ކަމާއެކު ސުވާލު ކޮށްލިއެވެ.
"ނޫނޭ...! މިގަޑީގައި ފެންތައްޓެއް އޯކޭވާނެ...! ހޫނު ދުވަހެއްނު...! އެހެންވީމާ ފިނިފެންތައްޓެއް އޯކޭވާނެ...!" ނާޒިމާއާ ދިމާއަށް ބަލަންހުރެ މިފްޒާލް ވާހަކަ ދެއްކިއެވެ.
ނާޒިމާ ފެންތަށި ބަލާ ދިޔުމުން މިފްޒާލް ގޮސް ސިޓިން ރޫމުގައިހުރި ކަބަޑު ހާވަން ފެށިއެވެ. އެއްވެސް ބިރެއް ޖެހިލުމެއް ނެތިއެވެ. ވަކި ޚާއްޞަ އެއްޗެއް ހޯދާކަށް ވެސް ނޫނެވެ. ކަބަޑު ހާވަމުންދަނިކޮށް އަލަމާރީގައި ހުރި ފޮތްތަކުގެ ތެރެއިން ޑައެރީއެއް ފެނުނެވެ. މިފްޒާލް އަވަސްއަވަހަށް އެޑައިރީ ނެގުމަށްފަހު ބަލާލިއިރު އެއީ އައިލީންގެ ޑައިރީއެކެވެ. މެދުތެރޭން ހުޅުވާލި ފުރަތަމަ ގަނޑުންވެސް އަޅައިގަތީ މިފްޒާލްގެ ނަމެވެ. މިފްޒާލްގެ ނަން ފެނުމާއެކު އެ ހިސާބުން އެ ޑައެރީ ގެންދަން މިފްޒާލް ބޭނުންވިއެވެ. އައިލީންގެ ހިތުގައި މިފްޒާލް އާ ދޭތެރޭ ފޮރުވިފައިވާ އެއްޗެއް ދަނެގަންނަން އެއަށްވުރެ ރަނގަޅު އެއްޗެއް ނޯންނާނެތީއެވެ. ނާޒިމާ ފެންތަށި ހިފައިގެން އައުމުން މިފްޒާލް ވަރަށް ވާހަކަ ދެއްކިއެވެ. ބޭނުންވީ ނާޒިމާ އާ އިތުރަށް ގުޅުން ބަދަހި ކުރުމެވެ.
"ނާޒިމާ ކީއްވެ މޮޑެލް ނުކުރަނީ...؟ ތި ކަހަލަ ރީތި ކުއްޖަކު ގެއެއްގައި ތިގޮތަށް ނޯކިރީ ކުރުމަށްވުރެ މާ ރަނގަޅުވާނެ އެކަހަލަ ދާއިރާއެއްގައި އުޅެން...! ފިލްމު ކުޅެންވެސް ތިކަހަލަ ރީތިކުދިން ޕްރޮޑިޔުސަރުން ވަރަށް ބޭނުންވާނެ...! އެކަހަލަ ޚިޔާލެއް ނުކުރަންތަ..؟" ނާޒިމާގެ ސަމާލުކަން ހޯދުމަށްޓަކައި ފެންތަށީގެ ކޯވަރެއް ބޯލުމަށްފަހު މިފްޒާލް ވާހަކަ ދެއްކިއެވެ.
"ތިކަހަލަ ކަމެއް ކުރަން އަހަރެން މީކާކު...؟ ރީތިކުދިން ކުރާކަހަލަ ކަންތައްތައް އެއީ...! އަހަރެން މިއީ އެހާ ރީތިކުއްޖެއް ނޫނޭ..." ރަކިވެފައި ނާޒިމާ ވާހަކަ ދެއްކިއެވެ.
"ނޫނޭ...! ނާޒިމާއަކީ ފިލްމުތަކާއި ލަވަތަކަށް ވަރަށް އެކަށީގެންވާ ކުއްޖެއް...! ނާޒިމާ ބޭނުމިއްޔާ އެކަހަލަ ފުރުޞަތުތައް ލިބޭނެގޮތް އަހަރެން ހަދާދީފާނަން...! އަހަރެން ދަންނަ ވަރަށް ގިނަ ޑައިރެކްޓަރުން އުޅޭނެ...! އެމީހުން އަބަދުވެސް އުޅޭނީ ފިލްމާއި، ލަވަތައް ކުޅޭނެ ރަނގަޅު ކުދިން ނުލިބިގެން...!" ނާޒިމާގެ ސަމާލުކަން ހޯދުމަށްޓަކައި މިފްޒާލް އަށް ނުވެސް ކުރެވޭނެ ކަންތައްތަކުގެ ވާހަކަ ދެއްކިއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ...! އެކަމަކު އަހަރެން މިހާރު މިހިރީ މިވަޒީފާގައި...! އެހެންވީމާ މި ވަޒީފާގަ އުޅެމުން ތިކަހަލަ ކަމެއް ކިހިނެތްކުރާނީ...؟ ތިއީ ވަރަށް ގިނަ ވަގުތު ބޭނުންވާ ކަންތައްތަކެއްނު...!" ވިސްނާލުމަށްފަހު ނާޒިމާ ބުންޏެވެ.
ތި ވަޒީފާ ދޫކޮށްލާނީ...! ހަމަގައިމުވެސް އެކަމުން މާގިނަ ލާރި ލިބޭނެހެން އަހްނަނަށް ހީވާނީ...!" އަނެއްކާވެސް މިފްޒާލް ބުންޏެވެ.
"ހުރިހާ އެއްޗަކީ ފައިސާއެއްވެސް ނޫނެއްނު...! އަނެއްކާ މި ވަޒީފާ ދޫކޮށްލާ ވަރަށްވުރެ ރާއިފު މާރަނގަޅު...! މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއިފު ކަންތައްތައް ކުރާގޮތުން އަހަންނަށް އިނގޭ ރާއިފު އަކީ ވަރަށް ރަނގަޅު މީހެއްކަން...!" އަނެއްކާވެސް ނާޒިމާ ބުންޏެވެ.
"އާނ...! ރާއިފުއަކީ ވަރަށް ރަނގަޅު މީހެއް...! އެކަމަކު މަސައްކަތްތައް ހުންނަގޮތަށް ގިނަ ފަހަރަށް އަހަންނަށް ރާއިފުގެ ހާލު ބަލާލަންވެސް ނާދެވިފައި އޮންނަނީ...! އެކަމާ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި މިހާރު އެހުންނަނީ...! އެކަމަކު އަބަދުވެސް އަހަރެން ބޭނުން ރާއިފުގެ ހުރިހާކަމެއްވެސް ވަރަށް ގާތުން ބަލަން...! މާގިނަ ތިމާގެ ބަޔަކުވެސް ތިބީކީ ނޫން...! އަހަންނަށް ގިނަގިނައިން މިގެއަށް ނާދެވުނަސް ނާޒިމާގެ ފަރާތުން މިގޭގެ ކަންކަން އެނގޭނެ ކަމަށް އަހަރެން އުއްމީދު ކުރަން...!" މިފްޒާލް މޫނުމަތިން ހިތާމަވެރިގޮތް ދައްކާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ތިކަމުގައި ދެން އަހަންނަށް ކޮށްދެވޭނެ ކަމަކީ ކޮބާ...؟" މިފްޒާލްގެ މޫނުމަތިން ހިތާމައިގެ އަސަރު ފެންނަން ހުރުމާއެކު ނާޒިމާގެ ހިތުގައި ޙަމްދަރުދީ އުފެދުނެވެ.
"އަހަރެން މި ގެއަށް ދޭތެރެ ދޭތެރޭން ވަދެލާނަން...! އޭރުން ގޭތެރޭގައި ހިނގާނުހިނގާ ކަންތައްތައް ނާޒިމާއަށް ވީ ވަރަކުން މަށަށް ކިޔާލަދިނީމަ ހުންނާނީ ރަނގަޅަށް...! އޭރުން ރާއިފުއަށްވެސް އެ ކޮށްދެވުނީ ވަރަށް ބޮޑުހެޔޮކަމެއް...!" މިފްޒާލްގެ ލޮލުން ދެއްކުންތެރިކަމުގެ ކަރުނަ ފައިބަމުން ދިޔައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 10 ސެޕްޓެމްބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް