ވާހަކަ: ޑައިރީ – ސާޅީސް ހަވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "މަ މިހިރީ ބޭރުން ލޯވަރ ކައިރީގައި...! ތިކޯލު ނަގާ...!" އައިލީން އަށް އިވުނީ ލޫވަރ ދޮރުގެ ބޭރުން މިފްޒާލްގެ އަޑެވެ. އައިލީން ދިޔައީ ސިއްސައިގެންނެވެ. މައްސަލަ އެންމެ ހޫނުވެފައި...

05 Sep 2024 | 06:47

ކުރީގެ އަދަދާއި ގުޅޭ...

"މަ މިހިރީ ބޭރުން ލޯވަރ ކައިރީގައި...! ތިކޯލު ނަގާ...!" އައިލީން އަށް އިވުނީ ލޫވަރ ދޮރުގެ ބޭރުން މިފްޒާލްގެ އަޑެވެ.

އައިލީން ދިޔައީ ސިއްސައިގެންނެވެ. މައްސަލަ އެންމެ ހޫނުވެފައިވާ ދަނޑިވަޅު، މިފްޒާލް އެގެޔަށް އަންނާނެ ކަމަކަށް އައިލީން ކުޑަކޮށް ވެސް ހިއެއްނުކުރެއެވެ. ފޯނު ނަގާކަށް އައިލީން ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް މިފްޒާލް އެ ތަނުގައި ހުއްޓައި ރާއިފުއަށް ފެނިއްޖެއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އެގުޅުން ކުރިޔަށް ނުދާކަމަށް އައިލީން ބުނި ބުނުން އެއީ ދޮގެއްކަން ރާއިފުއަށް ސާބިތުވާނެއެވެ.

"މިތަނުން ދާންއުޅޭ..! އަހަރެން ކިތައްފަހަރު ބުނާނީ އަހަރެން ބޭނުމެއް ނޫން ކަލެޔާ ވާހަކަ ދައްކާކަށް...! ބޮޑު ކަމެކޭ...! އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވެއްޖެ...! ކަލޭ މޮޔަވެގެންތަ ތިއުޅެނީ..؟ ކަލެއަކަށް ނޭނގޭތަ ކަލެއާ ހެދި ކަންތައްތައް ވަމުންދާ ގޮތެއް...! ކަލޭ ކޮންމެސް އެހެން އަންހެނެއްގެ ފަހަތުން ދުވެބަލަ..!" ލޫވަރ ދޮރާ ކައިރިވުމަށްފަހު އައިލީން ވާހަކަ ދެއްކިއެވެ.

"ކޮން ވާހަކައެއް އިތުރަށް ދައްކާކަށް...! ކަލޭ އަހަރެންގެ ފޯނު ނަގާނީތަ، ނޫނީ އަހަރެން ތިގޭ އެތެރެއަށް ވަންނަންވީތަ...؟ އަހަރެން މިރޭ ކަލެއާ ވާހަކަ ނުދައްކާ މިތަނަކުން ނުއެއްދާނަން...! ކަލޭ ފޯނު ނަގަންޏާ ނަގަންވީ...!" ރުޅިވެރިކަމާއެކު މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.

މިފްޒާލް އަކީ ބިރުކުޑަ، ކޮންމެކަމެއްވެސް ކުރަންކެރޭ މީހެކެވެ. އަދި ބުނާ ބަހުގައި އަބަދުވެސް ހިފަހައްޓާ މީހެއް ކަން އައިލިން އަށް އެނގެއެވެ. މިފްޒާލް ކަންތައް ކުރާނެ ގޮތަކާމެދު އައިލީންހުރީ ވަރަށް ބިރުންނެވެ. އަދި އެވަގުތު ރާއިފު އައިސްފިއްޔާ ކަންތައް އިތުރަށް ގޯސްވެގެންދާނެކަންވެސް އައިލީން އަށް އެނގެއެވެ.

"ކިހާބޮޑު ކަމެއްތަ...؟ ރާއިފު އަތުވެދާނެއޭ...! އަދިވެސް ކަލެއަށް ކުރެވުނު ވަރު ކުޑައީތަ...؟ ކަލޭ ކުރަން ބޭނުން ވެގެން އަހަންނަށް ބިރު ދެއްކި ކަންތައްތައް މިހާރު ވެއްޖެއެއްނު...! ދެން ކޮންމެހެން އަހަންނާ އިތުރު ވާހަކަތަކެއް ދައްކަން އުޅޭނެ ކަމެއްނެތް...! މިގެއަށް ވަންނަންވެސް އުޅޭނެކަމެއް ނެތް...! ކަލެއާ އަހަރެން ދައްކާނެ ވާހަކައެއް ދެން ނޯންނާނެ...! މިތަނުން ދުރަށްދޭ..! މަ މިދައްކާ ވާހަކައެއް ކަލެއަކަށް އަޑެއްނީވެތަ...؟ އަހަރެން ވަރަށް ސާފުކޮށް މިބުނަނީ އަހަރެން ކަލެއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ...! ކަލޭ މިތަނުން ދުރަށްދާށޭ...!" އައިލީން ވަރަށް ބާރަށް ވާހަކަ ދެއްކިއެވެ.

"އަހަރެންވެސް ބޭނުމެއް ނޫން ކަލެއާ މާގިނަ ވާހަކަތަކެއް ދައްކާކަށް...! މިތާނގަ މިހެން ހުންނާކަށް ވެސް ބޭނުމެއް ނޫން...! އެހެންވީމަ މިބުނަނީ ކަލޭ އަވަހަށް ތި ފޯނު ނަގާބަލަ...! އޭރުން ވަގުތުން މިވާހަކަ ބުނެފަ އަހަރެން މިތަނުން މި ނުކުންނަނީ...! މިއީ އައިލީން އަށް ވަރަށް މުހިންމު ވާހަކައެއް...! މިވާހަކަ އަޑުއެހިއްޔާ ރަނގަޅުވާނީވެސް އައިލީން އަށް...! އަހަރެން މިތަނަށް މިއައީވެސް ގުޅާގުޅާ ފޯނު ނުނެގީމަ...! އަހަރެން ފޮނުވި މެސެޖުތަކަށްވެސް އެއްވެސް ޖަވާބެއް ނުދިނީމަ..." އާދައިގެން ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.

އެންމެފަހުން އިތުރު ގޮތެއް ނެތިގެން މަޖުބޫރުވެގެން އައިލީން ފޯނު ނެގި ނަމަވެސް އޭނާ ހުރީ ވަރަށްބޮޑަށް ރުޅިއައިސްފައެވެ. އައިލީން ހަމައެކަނި ފޯނު ނެގީއެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. އައިލީން ފޯނު ނެގުމާއެކު ވާހަކަ ދައްކަމުން މިފްޒާލް އެފްލެޓުން ނިކުތުމަށް ހިނގައިގަތެވެ.

"އަހަރެން ދެކެ ރުޅިއައިއްސަތަ ތިހިރީ...؟" މިފްޒާލް ފުރަތަމަވެސް ބޭނުންވީ އައިލީން ހުރީ މިފްޒާލް ދެކެ ރުޅިއައިސްފައިތޯ ބެލުމަށެވެ.

މިފްޒާލްގެ އެ ސުވާލަށް އައިލީން އެއްވެސް ޖަވާބެއް ނުދެއެވެ. ބޭކާރު ހާސަރުތަކެއް އަޑުއަހަން ޖެހުމުން އައިލީންގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

"މައްސަލައެއް ނެތް...! އައިލީން އެއްޗެއް ބުނަން ބޭނުން ނެތިއުޔާ އަހަރެން ދައްކާ ވާހަކަ ހަމައެކަނި އަޑުއަހަންހުރޭ....! އަހަރެން ދައްކަން މިއުޅޭ ވާހަކަ އެއްކޮށް ނުނިމެނީސް އައިލީން ފޯނު ބާއްވައިފިއްޔާ، ލޫވަރތައް ތަޅާލާފައި ވަންނާނީ ސީދާ އައިލީންގެ ކޮޓަރިޔަށް...! މިފްޒާލް އަމުރުވެރި ރާގަކަށް ވާހަކަ ދެއްކިއެވެ.

"އައިލީން ކީއްވެގެންތަ މިހާރު އަހަރެންދެކެ ތިހާ ރުޅިއެއް ތިއަންނަނީ...؟ ކުރިން ކިހާލޯބިން އަހަރުމެން ދެމީހުން އުޅުނީ...! އެ ފޮޓޯތަކުގެ ސަބަބުން އައިލީންއާ ކުރިމަތިލާންޖެހުނު ހުރިހާ މައްސަލަތަކަށްޓަކާ އަހަރެން އައިލީންގެ ކިބައިން ވަރަށްބޮޑަށް މާފަށް އެދެން...!" މިފްޒާލްއަށް ބުނެވުނީ އެހިސާބަށެވެ.

"ކިހާރީތި ދައްކާވާހަކަ...! އަހަރެންގެ މުޅި ދިރިއުޅުން އެކޮޅުކޮޅުން ޖަހާފަ ދައްކާވާހަކަ ރީއްޗެއްނު...! ކަލޭ މީހަކު މަރާލާފަވެސް އެމީހެއްގެ ފުރާނަނެތް މަސްގަނޑު ކައިރީގައި ހުރެގެންވެސް މާފަށް އެދިދާނެ...! އެފާޑުގެ މީހެއް ތިއީ...!" އައިލީން ހަޅޭއްލަވައިގަތެވެ.

"އަހަންނަކީ މީހަކު މަރާލާފައ މާފަށްއެދޭ މިޒާޖުގެ މީހެއް ނޫން...! އައިލީން ތިހާ ރުޅިއައިސްގެން ތިއުޅެނީ އެފޮޓޯތަކުގެ މައްސަލާގައި ކަމަށްވާނަމަ އަހަރެން ބުނަންއޮތީ އެފޮޓޯތައް ފޮނުވީ އަހަންނެއް ނޫނޭ...! އެފޮޓޯތައް އައިލީންގެ ފިރިމީހާއަށް ފޮނުވީ އަންޖަލް...! މަގޭ އެކްސް ވައިފް...! އަހަރެން ރަށުގައި ނެތް ދެތިންދުވަހު މަންމަ އުޅުނީ ގެއަށް އަންޖަލް ގެނެސްގެން...! އޭރު އެފޮޓޯތައް ހުންނާނީ ކޮޓަރީ ޑްރެސިންގ ޓޭބަލްގެ ޑްރޯވަރ ގައި...! އޭނައަށް ފޮޓޯތައް ފެނިގެން އޭނަ ފޮނުވީ...! އަހަރެން އެކަމަށް ވަރަށް ބޮޑަށް މާފަށް އެދެން...!" ކަންދިމާވި ގޮތް ސާފުކޮށްދިނުމުގެ ގޮތުން މިފްޒާލް ބުންޏެވެ.

"ހުސް ދޮގު...! ތިހަދަނީ ހުސްދޮގު...! ތިކަހަލަ ކިތައް ދޮގު ކަލޭ މަށަށްހެދީ...! ތިއީ މަ ވަރަށް ރަނގަޅަށް ދަންނަ މީހަކޭ...!" މިފްޒާލްގެ ވާހަކަ ޤަބޫލު ކުރާކަށް އައިލީން ބޭނުމެއް ނުވިއެވެ.

މަ މި ބުނީނު...! އައިލީން ނިކަން ވިސްނާބަލަބަލަ...! މިހާރުތަ އަހަރެން އެ ފޮޓޯތައް ރާއިފު އަށް ފޮނުވަންވީ...؟ މަގޭ އަތުގައި އެފޮޓޯތައް ހުންނަތާ މިހާރު ކިހާ ދުވަހެއްވެއްޖެ..؟ އަންޖަލް އެކަން ކުރިކަން އެނގުނު ވަގުތުން ފެށިގެން އައިލީންއަށް ގުޅާފަ އެވާހަކަ ކިޔައިދޭން އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ...! ފޯނު ނުނަގާތީ ކިތައް މެސެޖު އަހަރެން ފޮނުވިން..! އަހަންނަށް އެނގޭ އަހަރެން ފޮނުވި މެސެޖްތައް ކިޔާވެސްނުލާ ފުހެލީކަންވެސް...! އަހަރެން މީ ދެން މާނުލަފާ ނުބައި މީހެއްވިއްޔަ...! ރާއިފު އަކީ މިހާރު އަބަދުވެސް ރަނގަޅު މީހާ...! ލޯބިވާ މީހާ...! ރާއިފުގެ އެއްވެސް ކުށެއް އައިލީންއަކަށް މިހާރަކު ނުފެންނާނެ...! ވަރިހަމަ ކިތަންމެ ވަރަކަށް އަނިޔާ ކުރިޔަސް...! އަހަންނަށް ޔަގީން މިރޭވެސް އޭނަ މިގެއިން ނުކުމެގެން އެދިޔައީ އައިލީންއަށް އެތައް އަނިޔާއެއް ކޮށްފަކަން...! ތިމޫނުން އެކަން ވަރަށް ރަނގަޅަށް އެބަ ހެކިދޭ...!" އޯގާތެރި ރާގަކަށް މިފްޒާލް ވާހަކަ ދައްކިއެވެ.

ތިއޭ ކަލޭގެ މައްސަލައަކީ...! އަބަދު މިގޭދޮށުގައި ނޫނީ މަގުމަތީ އަހަންނަށް ފާރަލާން ހުރުން...! އަހަންނާ އަހަރެން ފިރިމީހާއާ ދޭތެރެ ޖައްސަން މަސައްކަތް ކުރުން...!" އައިލީންގެ ވާހަކަ ހުއްޓުވާލީ މިފްޒާލް އެވެ.

"ފިރިމީހާއޭ...! އަދިވެސް އޭނަ ކަލޭ ވަރިއެއް ނުކުރޭތަ...؟ އަހަރެން ހީކުރީ ދެންމެ މިގެއިން އޭނަ ނުކުމެގެން ދިޔަގޮތުން އޭނަ އެދިޔައީ ކަލޭ ވަރިކޮށްފަ ކަމަށް...!" މަލާމާތުގެ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.

"އެހެންތަ...؟ އެހެންވެ އެކަމާ ވަރަށް އުފާވެފަދޯ ތިހުރީ...! އެ ފޮޓޯތައް ފޮނުވީ އަންޖަލްއޭ ކިޔައިގެން އޭނަގެ ބޮލުގައި ހުރިހާ ކަމެއް އަޅުވަން އުޅޭއިރު އެފޮޓޯތައް ނެގީ ކާކުތަ...؟ ހަމަކެލެއެއްނު...! އެފޮޓޯތައް ފެނިގެން ރާއިފު މަށަށް ކޮށްލިވަރު އަދި ކުޑަ...! މަށަށް ރާއިފުގެ އެ ކަހަލަ ފޮޓޯތަކެއް ފެނިއްޖެއްޔާ ނޮޅާލާނަން...! ކޮންމެގޮތެއް ވިޔަސް ކަންވެ ނިމިއްޖެ...! އެކަމަކު ކަލޭ ބޭނުންވި ގޮތަކަށް ނޫން ކަންތައް ނިމުނީކީ...! ރާއިފު އަހަރެން ވަރިއެއް ނުކުރޭ..! ކަލޭގެ ޙަޤީޤަތް އޭނަޔަށް ކިޔައިދޭކަށް ދެނެއް އަހަރެން ޖެހިލުމެއް ނުވާނެ..! ކަލޭ ބަލަން ހުންނައްޗޭ ދެން ކަލެއަށް ވާގޮތް..! ކަލޭ މިހާރު ތިހެން ހުއްޓަސް އަދި ރޯންޖެހޭ ދުވަސް ވަރަށް އަވަހަށް އަންނާނެ...!" އައިލީން ވަގުތުން ފޯނު ކަނޑާލިއެވެ.

ރާއިފް ގެއިން ނުކުމެގެން ސައިކަލަށް އަރައިގެން ދުއްވަމުން ދިޔައީ ސެންޓްރަލް ޕާކާ ދިމާއަށެވެ. އެތަނަށް ގޮސް އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނދެ ވިސްނަމުން ދިޔައެވެ. ރާއިފް އިނީ ހަދާނެ ގޮތް ހުސްވެފައެވެ. ހިތް ބުނަމުން ގެންދަނީ އައިލީން ވަރިކުރުމަށެވެ. އެވަރުގެ ބޮޑު ކުށަކަށް މާފު ނުކުރުމަށެވެ. އެހެން ނަމަވެސް އައިލީން ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދިނީތީ އައިލީން ދޫކޮށްލާކަށްވެސް ރާއިފު ބޭނުމެއް ނުވެއެވެ. އަދި މިފްޒާލްއަށް އައިލީން ލިބޭކަށްވެސް ރާއިފު ބޭނުމެއް ނޫނެވެ. އަދި މިހާރު އައިލީން ރާއިފު ދެކެ ވަރަށް ބޮޑަށް ލޯބިވާކަންވެސް ރާއިފުއަށް އެނގެއެވެ. އެކަމަކު ސުވާލަކީ އައިލީންދެކެ ރާއިފުއަށް މިހާރު ލޯބިވެވިދާނެބާއެވެ...؟ ލޯތްބަކީ އެއްގޮތަކަށްވެސް ގަދަކަމުން ވެވޭ އެއްޗެއް ނޫނެވެ. އައިލީން ފެންނައިރަށް މިހާރު ރާއިފުގެ ލޯމައްޗަށް ސިފަވަމުންދަނީ އެމުޑުދާރު ހުތުރު ތަސްވީރުތަކެވެ.

އެއް ހަފުތާ ވަންދެން ސާލާމުގައި ހުރުމަށްފަހު އައިލީން ގަވާއިދުން ޑިއުޓީއަށް ނުކުތެވެ. އޭރުވެސް މޫނުމަތިން އަނިޔާގެ އަސަރުތައް ހިސާބަކަށް ފެންނަން ހުއްޓެވެ. އޮފީހުގެ ކުދީން އެކަމާބެހޭ ސުވާލުތައް ކޮށްހެދިއެވެ. އައިލީން އެކަމަކަށް ވަކި ޖަވާބެއް ނުދެއެވެ. އެދުވަހު އައިލީން ސްޓޫޑިއޯގައި އުޅެނިކޮށް އޮފީހުގެ ސްޓާފެއް އައިސް ދިއްކޮށްލީ މާބޮނޑިއެކެވެ. ޝައްކުގެ ނަޒަރަކުން މާބޮނޑިއަށް ބަލަންހުރެ އައިލީން މާބޮނޑީގައި ހިފުމަށްފަހު އެތެރޭގައި އޮތް މެސެޖު ނެގުމަށްފަހު ކިޔާލިއެވެ. އެއީ ވަރަށް ކުރުކުރު މެސެޖެއެވެ. މެސެޖުގައިވަނީ "ފިރިމީހާއާއެކު އަނެއްކާވެސް ދިރިއުޅެން ލިބުނު އާ ހަޔާތަށް މަރްޙަބާ" އެވެ. އައިލީން ގަބޫލުކުރި ގޮތުގައި އެ މާބޮނޑިއަކީ މިފްޒާލް ފޮނުވި އެއްޗެކެވެ. އައިލީން އެނޯޓުކޮޅު ވީދާލުމަށްފަހު މާތައް އެކިކުދިންނަށް ބަހާލީއެވެ. މިފްޒާލް ފޮނުވާ އެއްވެސް އެއްޗެއް ޤަބޫލުކުރާކަށް އައިލީން ބޭނުމެއް ނުވެއެވެ. އައިލީން ބޭނުންވަނީ މިފްޒާލް ވީހާވެސް ދުރުގައި ހުންނާށެވެ.

އެ ދުވަސްވަރު ރާއިފު ހުޅުމާލެއިން ކުއްޔަށް ހިފާފައިވާ ފްލެޓްގެ މުއްދަތު ހަމަވުމާ ގުޅިގެން އެފްލެޓުން ނުކުންނަށް ޖެހުމުން ރާއިފު މާލެއިން އެޕާޓްމަންޓެއް ކުއްޔަށް ހިފިއެވެ. ބޭނުންވާ ކަހަލަ އެޕާޓްމަންޓެއް ހޯދަން ކުރި މަސައްކަތުން ލިބުނީ ވަންރޫމް އެޕާޓްމަންޓެވެ. ދެންހުރީ މެއިޑް ރޫމެކެވެ. މެއިޑް ރޫމުގައި އައިލީންގެ މަންމަ ބަހައްޓަން ބޭނުންނުވާތީ އައިލީންގެ މަންމަ ބަދަލުވީ އައިލީންގެ ދައްތަ ދިރިއުޅޭ ގެއަށެވެ. އަލަށް ކުއްޔަށް ހިފި އެޕާޓްމަންޓަށް ދިޔައީ އައިލީން އާއި ރާއިފު އެކަންޏެވެ. އައިލީން ވިސްނިގޮތުގައި، އެ ދަނޑިވަޅަކީ އެ ކަހަލަ ބަދަލަކަށް ބޭނުންވެފައިވާ ދަނޑިވަޅެކެވެ. ދެމަފިރިން އެކަނި އެހެން ތަނަކަށް ބަދަލުވުމަކީ އެވަގުތަކަށް ބަލާއިރު މުހިންމު ކަމަކަށްވިޔަސް އާ ތަނަކަށް ދެވުމުން އާ ކަންތައްތަކެއް ކުރިމަތިވިއެވެ. ކޮންމެވެސް ވަރަކަށް ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. އެހެންނަމަވެސް ރާއިފުގެ ކުރީގެ މިޒާޖެއް އަނބުރައެއް ނައެވެ. އެދުވަހަށްފަހު ދެމަފިރިންގެ ދެމެދަށް ވެރިވެފައިވަނީ ބީރައްޓެހިކަން ހަމައެގޮތުގައި އޮތެވެ. އެކަމާ ޝަކުވާ ކުރުމަށްވުރެ މިންވަރަށް ޝުކުރު ކުރުން އައިލީންއަށް މާކަމުދިޔައެވެ. ކުށް ކުރެވުނީ އޭނައަށް ކަމަށާއި ލިބިފައި އެވަނީ ދެވަނަ ފުރުޞަތެއްކަންވެސް އައިލީން އަށް އެނގެއެވެ. އަންބެއްގެ މާބޮޑު ޙައްޤުތަކެއް އައިލީން އަކަށް ނުލިބެއެވެ. އެއީ އައިލީން އަމިއްލައަށް ލިބިގަތް ދެރައެއް ކަމުގައިވާތީ އައިލީން އެކަމަކާ ޝަކުވާއެއް ނުކުރެއެވެ.

އަބަދު އައިލީންއަށް ފާރަލަމުން ގެންދިޔަ މިފްޒާލްއަށް އައިލީން މާލެއަށް ބަދަލުވީކަން އެނގުނީ އައިލީންގެ އޮފީހުން އައިލީންގެ ޚަބަރުތައް މިފްޒާލްއަށް ގެނެސްދޭ އޭނާގެ އެކުވެރިޔާގެ ފަރާތުންނެވެ. މިފްޒާލް ވަރަށް މަސައްކަތުން އައިލީން ދިރިއުޅޭ އެޕާޓްމަންޓް ހޯދިއެވެ. ނަސީބަކުން އައިލީން ދިރިއުޅޭ އެޕާޓްމަންޓްގެ ކުރިމަތިން މަގުގެ އަނެއް ފަރާތުގައި ހުންނަ އެޕާޓްމަންޓްއަކީ މިފްޒާލްގެ ވަރަށް ގާތް އެކުވެރިއަކު ދިރިއުޅޭ އެޕާޓްމަންޓެކެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 08 ސެޕްޓެމްބަރު، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް